ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އެޅުމަށް އޮސްޓްރޭލިޔާގެ ކުންފުންޏަކަށް، 2007ގައި ދީފައިވާ 550،000 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އެ ކުންފުނީގެ ހިއްސާދާރުންނަށް އަންގައިފި އެވެ.
އޭސީސީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، އެއީ ހުޅުމާލޭގައި 690 ހައުންސިން ޔުނިޓް އެޅުމުގެ މަސައްކަތާ ގުޅިގެން 2007 ވަނަ އަހަރު، މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެމްއާރުއީއައިސީ) އިން އޮސްޓްރޭލިއާގެ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އޮސްޓްރޭލިޔާ (އައިއެފްސީއޭ) އަށް، އަނބުރާ ދައްކާ ގޮތަށް ދޫކޮށްފައިވާ ފައިސާ އެވެ. އެކަމަކު އެ ފައިސާ އަދިވެސް އަނބުރާ ނުލިބެ އެވެ.
އެ ކޮމިޝަނުން ބުނީ އެ ފައިސާ އަނބުރާ ހޯދަން ކުންފުނީގެ އެއް ހިއްސާދާރު އެމްޓީސީސީ އަށާއި އެ ކުންފުނީގެ 99 ޕަސެންޓް ހިއްސާ އޮންނަ އެމްއާރުއީއައިސީ އަށް އެންގީ އެ މައްސަލައާ ގުޅިގެން ހިންގި ތަހުގީގަށް ފަހުގައި ކަމަށެވެ.
ހައުސިން ޔުނިޓް ހަދަން އޮސްޓްރޭލިއާގެ ކުންފުންޏަށް ދީފައިވާ އެ ފައިސާ އަކީ މަސައްކަތަށް ބޭނުންވާ ކެޕިޓަލް ފައިސާ އެ ކުންފުނިން ހޯދުމަށް ފަހު އަނބުރާ އެމްއާރުއީއައިސީ އާ ހަވާލުކުރަން ޖެހޭ ފައިސާ ކަމަށް އޭސީސީން ބުންޏެވެ. އަދި އެ ފައިސާ އަކީ ސީދާ އެ ޕްރޮޖެކްޓަށް އެމްޓީސީސީން، އެމްއާރުއީއައިސީ އަށް ދޫކުރި ފައިސާކަން ވެސް ތަހުގީގަށް އެނގޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
"އައިއެފްސީއޭ އިން މިއަދާ ހަމައަށް ވެސް އެ ފައިސާ އަނބުރާ އެމްއާރުއީއައިސީ އަށް ދީފައި ނުވާތީ، މި މައްސަލާގައި ހިމެނޭ 550،000 އެމެރިކާ ޑޮލަރަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ވާތީ، އެ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް އެމްޓީސީސީ އަށާއި އެމްއާރުއީއައިސީ އަށް ވަނީ އަންގައިފަ އެވެ،" އޭސީސީގެ މެސެޖުގައި ބުންޏެވެ.