މާލޭގައި ހަދާފައިވާ ގުދަންތަކާއި ރެސްޓޯރެންޓުތައް ހުރީ ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް، އެތަންތައް ފާސްކުރަން ސިފައިން މިއަދު ފަށައިފި އެވެ.
އެމްއެންޑީއެފްގެ ވެބްސައިޓުގައި ބުނިގޮތުގައި، އެއް މަސް ދުވަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، އިމާރާތް ހަދާފައިވާ ގޮތާއި މުދާ ރައްކާކޮށްފައި ހުންނަ ގޮތާއި ކަރަންޓް ވަޔަރު ކޮށްފައި ހުރި ގޮތްތައް ސިފައިން ބަލާނެ އެވެ.
މީގެ އިތުރުން ވޯކްޝޮޕް ފަދަ ތަންތަނުގައި ވެލްޑިން މަސައްކަތް ކުރާނަމަ، އެ މަސައްކަތްތައް ކުރާއިރު ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ އަދި ރައްކާތެރިވުމަށް ބޭނުންކުރާ އާލާތްތައް ބޭނުންކުރޭތޯ ވެސް ބަލާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ގުދަން ފަދަ ތަންތަނުގެ ރައްކާތެރިކަން ހުރި މިންވަރު ސިފައިން ބަލަން މި ފެށީ، މިދިޔަ ހަފުތާގެ ހޯމަދުވަހު މއ. ކަފިދޫގޭގައި ހުރި ބްރަދަހުޑްގެ ގުދަނުގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނިކޮށެވެ. އަދި އިއްޔެ ވެސް ސްކޫޕުގެ ބަދިގޭގައި އަލިފާން ރޯވެފައި ވެ އެވެ. މާ ބޮޑު ގެއްލުންތަކެއް ނުލިބެނީސް ސިފައިން ވަނީ އެ އަލިފާންގަނޑު ނިއްވާލައިފަ އެވެ.