ސްކޫލު ނާސްތާ ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް އަންނަ އަހަރު ފަށަން ބަޖެޓުގައި ހިމަނައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވައިދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވީ ހުރިހާ ކުދިންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާ ބަޔަކަށް ހެދުމަށް މި ސަރުކާރުން ފެށި ނާސްތާ ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް ކުރިއަށްގެންދާނެ ކަމަށެވެ.
އެކަމަށް، ބަޖެޓުން 135 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
އަންނަ އަހަރަށް، 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅިއިރު، ތައުލީމީ ދާއިރާއަށް 4.1 ބިލިއަން ރުފިޔާ ހަމަޖައްސާފައިވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުގައި ހިމެނޭ ނާސްތާގެ ޕްރޮގްރާމް ފެށީ 2019 ވަނަ އަހަރެވެ. ނަމަވެސް ކޮވިޑުގެ ފަހުން މިދިޔަ އަހަރުގެ ވަކި ހިސާބަކުން އެ ޕްރޮގްރާމް މެދުކަނޑާލީ އެވެ.
މިނިސްޓަރު ވިދާޅުވީ 141 ރަށެއްގައި ތައުލީމީ ދާއިރާގެ 177 މަޝްރޫއެއް އަންނަ އަހަރު ހިންގުމަށް ރާވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 31 ރަށެއްގެ ސްކޫލުތަކުގެ އިމާރާތާއި ވަސީލަތްތައް ތަރައްގީކުރުން ހިމެނެ އެވެ.