އޮޅުންބޮޅުން: ކޮރަޕްޝަންގެ އަމަލްތައް ހުއްޓުވުން

ކަރަޕްޝަން ހުއްޓުވުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތުން ވަރަށް މަސައްކަތްކުރައްވަ އެވެ. ލަފާކުރެވޭ ގޮތުގައި ނަޒާޙަތްތެރިކަމާ ބެހޭ އެއްބަސްވުމުގައި ވެސް ވަރަށް ގިނަ އޮފީސްތަކާއި އެހެން ފަރާތްތަކުން ވެސް ސޮއިކޮށްފައިވާނެ އެވެ. މީޑިއާ ގެންގޮސްގެން ކުލަގަދަ ރަސްމިއްޔާތުތަކުގެ ތެރޭގަ އެވެ. ދާދި ފަހުން ކަރަޕްޝަން ހުއްޓުވުމާ ބެހޭ ގޮތުން މުހިއްމު ސާވޭއެއް ވެސް ކުރެއްވި ކަމަށްވެ އެވެ. އެ ސާވޭ އިން ލިބުނު ނަތީޖާގެ އަލީގައި ކަރަޕްޝަން ހުއްޓުވުމަށް ވަރަށް މުހިއްމު ކަންތައްތަކެއް ކުރެއްވިދާނެ ކަމަށްވެ އެވެ. މިހާރު ކަމާ ބެހޭ ފަރާތުން ބޭނުންވަނީ ކަރަޕްޝަން ހުއްޓުވުމާ ބެހޭ ގޮތުން މަހާސިންތާއެއް ބޭއްވުމަށެވެ. މުޅި ރާއްޖެއަށެވެ.


ކަރަޕްޝަން ހުއްޓުވުމާ ބެހޭ ގޮތުން އެންމެ ފަހުން ކުރި ސާވޭގައި ވަރަށް ގިނަ ކަނބަލުން ބައިވެރިވި ކަމަށްވެ އެވެ. ގޭގައި، ޢާއިލީ މަސައްކަތުގައި އުޅުއްވާ ކަނބަލުންނެވެ. އެކަނބަލުންނަކީ ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ގޭތެރޭގެ މަސައްކަތުގައި އުޅުއްވާ ކަނބަލުންނެވެ. އޮފީހެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ނެތް ނުވަތަ ތަޖުރިބާ ކުޑަ ކަނބަލުންނެވެ. އެކަބަލުން ޤަބޫލުކުރައްވާ ގޮތުގައި ކަރަޕްޝަންގެ ކަންތައް ހިނގަނީ ދީނީ ހޭލުންތެރިކަން ކުޑަކަމުންނެވެ. މިހުރިހާ ކަމަކާއި ވާހަކައެއް ވެސް ރަނގަޅެވެ. ނުރައްކާތެރި، ގެއްލުން ބޮޑު ކަމެއް ހުއްޓުވުމަށް ކުރެވޭ ކަންތަކާއި ދެކެވޭ ވާހަކައަށް ވާތީވެ އެވެ. މި މަސައްކަތުން ރަނގަޅު ނަތީޖާއެއް ނެރެވުނަސް ނުވަތަ ނުނެރެވުނަސް އެވެ.

އޮޑިޓަ ޖެނަރަލްގެ އަޑެއްބަޑެއް ނީވި ހުއްޓާ ކުއްލިއަކަށް ވަރަށް މުހިއްމު ވާހަކައެއް ވިދާޅުވެއްޖެ އެވެ. ކަރަޕްޝަން ހުއްޓުވުމަށް ކުރަން ޖެހޭ އެންމެ މުހިއްމު މަސައްކަތެއްގެ ގޮތުގައި ސަރުކާރުގެ ވެރިން ޒިއްމާދާރުކުރެއްވުމެވެ. ވެރިން ފެށެނީ ކިހާ ހިސާބަކުން ބާވަ އެވެ؟ އެންޓި ކަރަޕްޝަން ކޮމިޝަންގެ ޙަޔާތުގެ ކުރީކޮޅުގައި ވެރިންގެ ވަރަށް ގިނަ މައްސަލަތަކެއް ބެއްލެވި އެވެ. އެކަމަކު އެއީ އެޒަމާނުގައި އަތޮޅުތެރޭގައި މަސައްކަތްކުރެއްވި ވެރިންނެވެ. ސަރުކާރުން ފޮނުވާ ސިމެންތިކޮތަޅުތަކަށް ވީނުވީ ގޮތް ނޭނގުމާއި ސަރުކާރުން ވަކި ބޭނުމަކަށް ފޮނުއްވާ ނިސްބަތުން ކުޑަ ފައިސާއަށް ޚިޔާނަތްތެރިވުމުގެ މައްސަލަ އެވެ. އޭރުވެސް މާލޭގައި ކަރަޕްޝަނުގެ ބޮޑެތި މައްސަލަތައް ހިނގާކަމަށްވެ އެވެ. އެހާ ބޮޑެތި މައްސަލަތައް ހިނގާނީ ކޮންމެވެސް ދަރަޖައެއްގެ ވެރިން ޝާމިލްވެގެންތާ އެވެ! ޢާއްމުންގެ ތެރޭގައި އެކަންތައްތަކުގެ ވާހަކަ ވަރަށް ދެކެވުނެވެ. ބައެއް ކަންތައްތައް ކޮންމެވެސް ވަރަކަށް ބެލެވުނު ވެސްމެއެވެ. އެކަމަކު ނަތީޖާ؟

ސާވޭކުރުމާއި، ނަޒާހަތްތެރިވުމަށް ސޮއިކުރުވުމާއި، މަހާސިންތާ ބޭއްވުމަކީ ވަރަށް ރަނގަޅު ކަންކަމަށް ވެދާނެ އެވެ. އެކަމަކު އޭގެ ކުރިން ކުރަން ޖެހޭ ކަންތައްތަކެއްވެ އެވެ. ސަރުކާރުން ހާމަކަން ބޮޑު ސިޔާސަތެއް ގެންގުޅުމެވެ. ކަންކަން ކުރުމުގައި އެކަމެއް އޮންނަ ގޮތް ކުރިން ޢާއްމުކޮށް އިޢްލާނުކުރުމެވެ. އެނޫން ގޮތަކަށް އެކަމަކަށް އެއްވެސް ބަދަލެއް ގެނެވިއްޖެ ނަމަ އެބަދަލެއް ވެސް އިޢުލާނުކުރެއްވުމެވެ. މިސާލަކަށް ފަތުރުވެރިކަމުގެ ރަށްތައް ބީލަމަކާ ނުލައި ކުއްޔަށް ދިނުން ނަގަމާތޯ އެވެ؟ ޤާނޫނު އެއޮތީ ފާސްކޮށްފަ އެވެ. ރަށްތައް ދޫކުރެވޭނީ ސަރުކާރަށް ފެންނަ އެންމެ ރަނގަޅު ފަރާތަކަށް ކަމަށްވެ އެވެ. އެހެންކަމަށްވާ ނަމަ ރަށްތައް ބީލަމަށް ލައިގެން ވެސް ދޫކުރެވޭނީ ސަރުކާރަށް ފެންނަ އެންމެ ރަނގަޅު ފަރާތަކަށް ވާނެ އެވެ. މިހެން ކަން އޮތްއިރު ބީލަމުން ރަށްތައް ދޫކުރުމުގެ މައްސަލައަކީ ކޮބައި ބާވަ އެވެ؟

ޕީޕީއެމްގެ "ޔަޤީން ސަރުކާރު"ގެ އެންމެ ބޮޑު އެއް މައްސަލައެއް ކަމަށް ފެންނަނީ ހާމަކަން ބޮޑުކޮށް ކަންތައްތައް ނުކުރެއްވުމެވެ. މީގައި އެބޭފުޅުންގެ އެއްވެސް ނާޖާއިޒް ފައިދާއެއް ނުއޮންނާނެކަން ޔަޤީނެވެ. އެބޭފުޅުންނަކީ އަމާނާތްތެރި އިޚްލާޞްތެރި ބޭފުޅުންނެވެ. ނަޒާޙަތްތެރިކަމުގެ ސޮޔަށް ވުރެ މާ ބޮޑު ހުވައެއް ކުރައްވައިގެން ތިއްބެވި ބޭފުޅުންނެވެ. މާތްﷲ ގަންދީ ހުވާކުރައްވައިގެން ތިއްބެވި ބޭފުޅުންނެވެ. ރައްޔިތުންނަށް އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާ އެކު ޚިދުމަތްކުރެއްވުމުގައި ދެމި ތިއްބެވުމަށެވެ.

އޮޅުންފިލުވަން އެންމެ އުނދަގުލީ ބައެއް ކަންތައްތައް ސިއްރުންކުރުމުގެ ބޭނުމެވެ. ޝަރީޢަތުގެ މަޖިލީހެއް ސިއްރުން ކުރެވޭ ޝަރީޢަތަކަށް ހައްދަވާފާނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުވަތަ ކޮމިޓީއެއް ސިއްރު ބައްދަލުވުމަކަށް ބަދަލުކުރައްވަފާނެ އެވެ. މިހުންނަނީ ދުނިޔޭގެ ހުރިހާ ޤައުމެއްގައި ވެސް ވަރަށް ޚާއްޞަ ޙާލަތެއްގައި ނޫނީ ނުކުރެވޭ ކަންތަކެވެ. މަޖިލީހުގެ ޖަލްސާ އާއި ޝަރީޢަތަކީ ހާމަކަން ބޮޑުކޮށް އެންމެންނަށް އެނގެން ޖެހޭނެ ކަންތައްތަކެވެ. ހާމަކަން ބޮޑުކޮށް ކުރަން ޖެހޭ އެއްވެސް ކަމެއްގައި ހާމަކަން ކުޑަކޮށް ކުރެވޭ ކަމަށްވާ ނަމަ، އެކަމުގައި ގޯހެއް ވާނެ ކަމަށް، ނުވަތަ ކޮންމެވެސް ނާޖާއިޒް ފައިދާއެއް ނަގާނެކަމުގެ ތުހުމަތުގެ އިނގިލި ދިއްކުރުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.

މުހިއްމު މަގާމްތަކުގައި ތިއްބަވާ ބޭފުޅުންނަށް ސަރުކާރުން އެޕާޓްމެންޓު ލިބޭނެ ގޮތަށް ހަމަޖައްސަވާ ދެއްވުމަކީ މިހާރު ވަރަށް ޢާއްމު ކަމަކަށް ވެއްޖެ އެވެ. އެބޭފުޅުންނަށް ޤަދަރާއި ޢިއްޒަތް ދެއްވުމާއި، މީހުންގެ އިޙްތިރާމް ލިބޭނެ ގޮތް ހެއްދެވުމަށެވެ. މިއީ ވަރަށް ރަނގަޅު ކަމެކެވެ. އެކަމަކު މީގައި ނުކުންނަ މައްސަލައަކީ އެޕާޓްމެންޓް ދެއްވަނީ އެ މަޤާމްގައި ހުންނަ މީހާއަށް ކަމަށް ވުމެވެ. އެޕާޓްމެންޓު ލިބެންވާނީ މަޤާމަށެވެ. ފަނޑިޔާރަކަށް ދެއްވާ އެޕާޓްމެންޓަކަށް ވާ ނަމަ އެ އެޕާޓްމެންޓެއް ލިބެންވާނީ މިސާލަކަށް ކޯޓު އޭގެ ފަނޑިޔާރަށެވެ. ހިލެ އެވެ. އޭނާގެ މަޤާމް ގެއްލުމާ އެކު އެ އެޕާޓްމެންޓު ވެސް އޭނާއަށް ގެއްލޭނެ އެވެ. އެބޭފުޅެއްގެ ޢާއިލާ ދާއިމީ ގޮތަށް ދިރިއުޅުއްވުމަށް ތަނެއް ހޯއްދަވާ ނަމަ، އެކަމަށް އެދޭ އެހެން މީހުންނެކޭ އެއްގޮތަށް އެކަމަށް އެދިވަޑައިގަންނަވައިގެން އެޕާޓްމެންޓެއް ހޯއްދެވިދާނެ އެވެ. މިހާރު މިފަދަ ތަންތަން ކުއްޔަށް ދޫކުރުމަށް ގެންގުޅޭ މާކްސް ދިނުމުގެ އުޞޫލަށް ބައެއް އިތުރު ވެސް ކުރެއްވިދާނެ އެވެ. މިނިވަން މުއައްސަސާއެއްގެ މެންބަރެއް، ނުވަތަ ފަނޑިޔާރަކަށް ވާ ނަމަ ކަނޑައެޅިފައި އޮންނަ އުޞޫލުގެ ތެރެއިން ކޮންމެވެސް އަދަދަކަށް މާކްސް އިތުރުކުރެވިގެންނެވެ. މިނޫން ގޮތަކަށް ދޭ ނަމަ އެފަރާތަކަށް ނުފޫޒު ފޮރުވޭނެކަމުގެ އިނގިލި ދިއްކުރުމުގެ ފުރުޞަތު އެބަ އޮތެވެ. އެއީ ޖާއިޒް އިނގިލި ދިއްކުރުމެއްް ކަމަށް ބަލައިގަތުމުގެ ފުރުޞަތު ވެސް އެބަ އޮތެވެ.

ސަރުކާރަށް ޓެކްސްގެ ގޮތުގައި މިހާރު ވެސް އަޅުގަނމެން ވަރަށް ބައިވަރު ފައިސާ ދައްކަމެވެ. އަދި ކުރިއަށް އޮތް ތާގައި އިތުރު ގޮތްގޮތަށް ޓެކްސް ނެގުމަށް ކަމާ ބެހޭ ތަފާތު ފަރާތްތަކުން ވިސްނާ ކަމަށްވެ އެވެ. ރަށްރަށުގެ އެކި ޒަރޫރީ ބޭނުންތަކަށް ބޮޑު ހޭދައެއް ކުރައްވާހެން، އަދި ސަރުކާރުގެ ކުރު ރާސްތާގެ ދުރު ނުފެންނަ މާލޭ ތަރައްޤީކުރާ ސިޔާސަތުން މާލެ ތޮއްޖެހުމުން މީހުން ބޭރަށް ނުކުމެލާ، ނޭވާލާން ފަނަރަ ވަރަކަށް ފޫޓުގެ ކުދިކުދި ޕާކް ހެއްދެވުމަށް ޚަރަދުކުރައްވާ ގޮތަށް، ހުޅުމާލެ ފުރުމުގެ ކުރިން ސަރުކާރުގެ މަތީ ފަންތީގެ ވެރިންނަށް "ޓައުނެއް" ނުހެދެންވީ ސަބަބެއް ނެތެވެ. ސަރުކާރުން ޚަރަދުކުރައްވައިގެންނެވެ. އެ ވެސް ނަޒާޙަތްތެރިކަން އަށަގެންނެވުމަށް އެޅޭ މުހިއްމު ފިޔަވަޅަކަށް ވެދާނެ އެވެ.

ކަރަޕްޝަނަކީ ހަމައެކަނި ފައިސާއަށް ޚިޔާނާތްތެރިވުމެއް ނޫނެވެ. ނާޖާއިޒް ގޮތުގައި މަޤާމްގެ ފައިދާ ނެގުން ވެސް ހިމެނެ އެވެ. ތިމާ ނިންމާ ކަންތައްތަކުގައި ކަނޑައެޅިފައި އޮންނަ އުޞޫލު ފިޔަވައި ތިމާ ނުވަތަ އެހެން ފަރާތަކަށް ފައިދާވާ ގޮތަށް ނިންމުން ވެސް ހިމެނޭނީ ކަރަޕްޝަނުގެ ގޮތުގަ އެވެ.

ސާވޭއަކުން، މަހާސިންތާއަކުން، ސޮއިކުުރުވުމަކުން، ދީނީ ވަޢުޒު އަޑުއެހުމަކުން ރާއްޖޭގެ ކަރަޕްޝަނެއް މިހާރަކު ނުހުއްޓުވޭނެ އެވެ. ކަރަޕްޝަން ހުއްޓުވުމަށް އަޅުގަނޑުމެންގެ ޢަޒްމެއް ނެތެވެ. އަޅުގަނޑުމެން ތިބެނީ ކަރަޕްޝަން ހުއްޓުވުމުގެ ވަލުގައި ހިފައިގެންނެވެ. ދަމާލަން ނުކެރިފަ އެވެ. ބާރެއް ނުލަ އެވެ. ގަސްދުގަ އެވެ. ބައިވަރު ސަބަބުތަކާ ހުރެ އެވެ. ކަރަޕްޝަނު ފެނެ އެވެ. ކަރަޕްޝަނުގެ ވާހަކައިގެ އަޑުއިވެ އެވެ. ކަރަޕްޝަނުގެ އަމަލު ހިންގަނިކޮށް ވެސް ބައެއް ފަހަރު ހިފެ އެވެ. ކަރަޕްޝަން ހުއްޓުވުމަށް އަޅުގަނޑުމެންނަށް ކުރެވޭނެ ކަންތައް މިހާރު ވަރަށް ރަނގަޅަށް އެބަ ކުރެވެ އެވެ. އެކަމާ ބެހޭ ގޮތުން ބައިސާ ބުނުމެވެ. ގޭގެ ބޮޑު ކޮޓަރީގައި، ތިމާ ނޫން އެފަދަ ކަންކަމާ ގުޅުން ހުންނަ އެންމެނަށް ފާޑުކިއުމެވެ. އަޅުގަނޑަށް އެނގެ އެވެ. މިވާހަކަ ޤަބޫލުކުރައްވަން އުނދަގޫވާނެ އެވެ. އެކަމަކު ބަލި ރަނގަޅުވާނީ ހިތިބޭސް ވެސް ބޮއިގެންނެވެ.

ބައިބައަށް ނުބެހި އޮތް ރޫސީވިލާތުގެ އެންމެ ފަހުގެ ރައީސް ގަރުބަޗޮފް އެތަކެއް އަހަރު ފަހުން ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވެ އެވެ. "މިނިވަންކަން ފެނުމަކީ ބައެއް މީހުންނަށް ވޭނެކެވެ."