ޚިޔާލު / ދީން

އާއިލާ ހިމާޔަތް ކުރުމަށް މުޖުތަމައުން ލިބޭ ބާރުތައް

ދެމަފިރިއަކު، ކުޑަ ދަރިފުޅާއެކު ރަސްފަންނުގައި މަޑުކޮށްލައިގެން.

15 ނޮވެމްބަރ 2024 - 13:36

އާއިލާތަކަކީ މުޖުތަމައުގެ ބިންގާ ކަމުގައިވާ ހިނދު އާއިލާތަކަށް ހިމާޔަތް ލިބިފައިވުމަކީ ނުހަނު މުހިންމު ކަމެކެވެ. ކީރިތި ޤުރްއާނާއި ސުންނަތުގެ ނައްޞުތައް ދިރާސާ ކުރުމުން އެނގި ހާމަ ވަނީ އިސްލާމް ދީނުގައި އާއިލާތަކަށް މި ހިމާޔަތް ލިއްބައިދޭނެ މުހިންމު ބާރުތަކެއް އޮންނަ ކަމެވެ. ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ގާނޫނީ ގޮތުން ލިބޭ ބާރުތަކުގެ ތެރެއިން އާއިލާތަކަށް ހިމާޔަތް ލިބެއެވެ. މީގެ ތެރެއިން ދީނީ ގޮތުން ލިބޭ ބާރުތަކަށް ކުރީގެ ދެ ލިޔުމެއްގައި ވާނީ އަލިއަޅުވާލައިފަ އެވެ. މި ލިޔުމުގައި މި ބަލައިލަނީ އިޖުތިމާއީ ގޮތުން ލިބޭ ބާރުތަކަށެވެ. އިޖުތިމާއީ ގޮތުން ލިބޭ ބާރުތަކޭ ބުނާ ބަހުގެ މުރާދަކީ މުޖުތަމައު ގަބޫލުކުރާ ހަމަތަކާއި ގިޔަމުތައް ދެމެހެއްޓުމަށް މުޖުތަމައު އަދާކުރާ ބެލެހެއްޓުންތެރި ކަމުގެ ދައުރު އަދާކުރުމުން އެއިން ނުކުންނަ ހެޔޮ އަސަރު އާއިލާތަކަށް ވެސް ފޯރުމެވެ. އޭގެ ޚުލާސާ އަކަށް ޖެހިލާނަމެވެ.

އާއިލާތަކަށް މުޖުތަމައުން އަސަރު ފޯރުން

އާއިލާ އަކީ މުޖުތަމައުތައް އެ އިން އުފެދިފައިވާ މުޖުތަމައުތަކުގެ ސެލް ތަކެވެ. އެހެންކަމުން މުޖުތަމައުގައި ހުންނަ ކަންކަމުގެ އަސަރު އާއިލާތަކަށް ފޯރާނެ އެވެ. އާއިލާތަކުން މުޖުތަމައަށް ކުރާ އަސަރަށް ވުރެ މި އަސަރު މާ ވަރުގަދަ ވާނެ އެވެ. އެއީ އާންމު އުސޫލުން ބަލާއިރު ބޮޑެތި މީހުންގެ އަސަރު ކުޑަކުދިންނަށް، ވަރުގަދަ މީހުންގެ އަސަރު ނިކަމެތިންނަށް، ގިނަ މީހުންގެ އަސަރު މަދުބަޔަކަށް ކުރާ ބީދައިންނެވެ. އެހެންވެ ދައުލަތްތަކާއި މުޖުތަމައުގެ އެކިއެކި މުއައްސަސާތަކުގެ ވެރިންނާއި މުދައްރިސުންނާއި މުރުޝިދުން ކޮންމެ ކަމެއްގައި ވެސް ނަމޫނާ ބަޔަކަށް ވާން އިސްލާމް ދީނުގައި ބާރު އަޅައެވެ.

ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވާފައި ވެއެވެ. "ތިޔަބައިމީހުން ތިޔަ ކުރިމަތިލަނީ ތިޔަބައިމީހުންގެ އަޚުންނާ އެވެ. ފަހެ ތިޔަބައިމީހުންގެ ހާލުތައް އިސްލާޙު ކުރާށެވެ. އަދި ތިޔަބައިމީހުންގެ ފޭރާން އިސްލާހު ކުރާށެވެ! އެއީ ތިޔަބައިމީހުންނަކީ މީސްތަކުންނަށް ވާ ނަމޫނާ އަކަށް ވުމަށެވެ. ފަހެ ހަމަކަށަވަރުން ފާހިޝް ކަމަށް އަދި ފާހިޝްވެ ގަތުމަށް ﷲ ލޯބިވެ ވޮޑި ނުގަންނަވަ އެވެ." (އަބޫ ދާއޫދު). ވީމާ މިފަދައިން ނަމޫނާތައް މުޖުތަމައުގައި ވާ ނަމަ އޭގެ ހެޔޮ އަސަރު އާއިލާތަކަށް ފޯރައި އާއިލާތަކަށް ހިމާޔަތް ލިބޭނެ އެވެ.

މުޖުތަމައުގެ އާދަކާދަތަކާއި ސަގާފަތުގެ ހެޔޮ އަސަރު

ކައިވެނީގެ ކުރިން ކުރާ ކަންކަމާއި ކައިވެނީގެ އަގުދާ ގުޅޭ ކަންކަމާއި ދެމަފިރިން އެކަކު އަނެކަކު އިޚުތިޔާރު ކުރުމުގައި ގެންގުޅޭ މިންގަނޑުތަކާއި ޒަވާޖީ ހަޔާތް ކާމިޔާބު ކުރުމަށް ކުރެވޭ އެންމެހާ ކަންކަން ކުރުމުގައި މުޖުތަމައުގެ އާދަކާދަ އާއި ސަގާފަތަށް އަބަދުވެސް ލެނބޭގޮތް ވެއެވެ. އެހެންކަމުން މުޖުތަމައުގެ އާދަކާދަތަކާއި ސަގާފަތަކީ މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކާ ޚިލާފު ނުވާނޭ ކަންކަން ކަމުގައި ހަދަން ޖެހެ އެވެ. ހިދާޔަތާއި އިރުޝާދު ދެއްވުމުގައި ﷲ އަށް ވުރެ މޮޅު އެހެން ފަރާތެއް ނުވާކަމާއި އެހެންކަމުން އެ އިރުޝާދާއި ހިދާޔަތަށް ތަބާވާން އަދި ﷲ އަށް އަޅުވެތިވާން ﷲ އަންގަވަ އެވެ. (އަލްބަޤަރާ 138).

އަދި ދެބަސްވުމެއް އުފެދިގެންދާ ހިނދުގައި ވިއަސް ކީރިތި ރަސޫލާ ﷺ ކަމެއްގައި ގޮތެއް ނިންމަވައިފި ނަމަ އެ ކަމަކަށް ހިތުގައި އެއްވެސް ދަތިކަމެއް ނެތި ފުރިހަމަ ކިޔަމަންވުމަކުން ކިޔަމަން ވެގެން މެނުވީ އީމާންކަން ފުރިހަމަވީ ކަމުގައި ނުބެލެވެ އެވެ. (އައްނިސާއު 65).

ވީމާ މުޖުތަމައުގެ އާދަކާދަ އާއި ސަގާފަތު އިސްލާމީ ސަގާފަތާ އެއްގޮތަށް ބައްޓަން ކުރެވެން ޖެހެ އެވެ. އޭރުން އޭގެ ހެޔޮ އަސަރު އާއިލާތަކަށް ވެސް ކުރާނެ އެވެ. މިއީ އާއިލާތަކަށް ލިބޭނެ ވަރުގަދަ ހިމާޔަތެކެވެ.

ދެފަރާތުގެ އާއިލާގެ ތަދައްޚުލުވުން

އާއިލާތަކުގައި ހަމަހިމޭންކަމާއި ލޯތްބާއި އޯގާތެރިކަން ދެމެހެއްޓުމަށާއި އާއިލާތަކަށް ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކުގައި އާއިލާތައް ރޫޅިގެން ދިޔަނުދިއުމަށްޓަކައި ދެމަފިރިންގެ އާއިލާގެ މީހުން މަސައްކަތް ކުރަން ޖެހެ އެވެ. ދީނާއި އިޖުތިމާއީ އާދަކާދަ އާއި ސަގާފަތު ތަންދޭ މިނަކުން އާއިލީ ކަންކަމުގެ ތެރެއަށް ތަދައްޚުލުވާން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރަން ޖެހެ އެވެ.

އައްނިސާއު ސޫރަތުގެ 35 ވަނަ އާޔަތުގައި ﷲ ވަނީ މިކަމަށް އިރުޝާދު ދެއްވައިފަ އެވެ. އެއީ ދެމަފިރިންގެ ދެމެދުގައި ދެކޮޅުވެރިވުމެއް ހިނގައި އާއިލާ ރޫޅެން އުޅޭ ކަމުގެ ބިރު ހީވެއްޖިއްޔާ ފިރިމީހާގެ އާއިލާއިން ނިޔާވެރިޔަކާއި އަނބިމީހާގެ އާއިލާއިން ނިޔާވެރިޔަކު ފޮނުވައި އިސްލާހު ކުރަން މަސައްކަތް ކުރުމަށެވެ. ދެމަފިރިން އިސްލާހުވާން ތިބިއްޔާ ﷲ އެ ދެމީހުންނަށް ހެޔޮ ތައުފީގު ދެއްވާނެ އެވެ. މިގޮތުގައި ދެ ފަރާތުގެ އާއިލާ ތިބޭ ނަމަ އެއީ އާއިލާ އަށް ލިބޭ ހިމާޔަތަކަށް ވާނެ އެވެ.

އަވަށްޓެރިންގެ ދައުރު ހެޔޮގޮތުގައި އަދާކުރުން

މުޖުތަމައުގެ އާދަކާދަތަކާއި ސަގާފަތުގެ އަސަރު އާއިލާތަކަށް ފޯރާ އިރު އަވަށްޓެރިން ވެގެން ދަނީ މި އަސަރު ފޯރުވާ އެންމެ ފުރަތަމަ ބައެއްގެ ގޮތުގަ އެވެ. ބައެއް ފަހަރު އަވަށްޓެރިންގެ ފަރާތުން ނޭދެވޭ އަސަރު ފޯރިޔަސް އިސްލާމީ ހަމަތަކާއި އުސޫލުތަކުގެ މަތިން އަވަށްޓެރިކަމުގެ ދައުރު އަދާކޮށްފި ނަމަ އަވަށްޓެރިންނަކީ އާއިލާތަކަށް ލިބޭ ވަރުގަދަ ބާރެއް ކަމުގައި ވެދެ އެވެ.

އައްނިސާއު ސޫރަތުގެ 36 ވަނަ އާޔަތުގައި ހެޔޮކޮށް ކަންތައް ކޮށްދޭން ޖެހޭ ފަރާތްތަކުގެ ތެރޭގައި އަވަށްޓެރިން ހިމަނާފައި ވެ އެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވާ ގޮތުގައި މީހެއްގެ ނުބައިކަމުން އޭނާގެ އަވައްޓެރިޔާ ސަލާމަތް ނުވާ ނަމަ އެފަދަ މީހެއްގެ އީމާންކަން ފުރިހަމަ ނުވެއެވެ. (ބުޚާރީ އާއި މުސްލިމް). ނުވަތަ މީގެ އެހެން ރިވާޔަތެއްގައިވާ ގޮތުން ސުވަރުގެ ނުވަދެ އެވެ. (މުސްލިމް). އަދި ހަމަ އެފަދައިން އެހެން ހަދީސެއްގައިވާ ގޮތުން އަވަށްޓެރިންގެ ތެރެއިން އެންމެ ހެޔޮ އަވަށްޓެރިޔަކީ އޭނާގެ އަވަށްޓެރިޔާއާ މެދު ހެޔޮކޮށް ކަންތައް ކުރާ މީހެކެވެ.

ވީމާ އަވަށްޓެރިންނަކީ އޭނާގެ އަވައްޓެރި އާއިލާތަކުގައި ދެމަފިރިންގެ ގުޅުމަށް ނުވަތަ ދަރިންގެ ތަރުބިޔަތަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމެއް ކުރާ ބަޔަކަށް ވެގެން ނުވާނެ އެވެ. އޭގެ ބަދަލުގައި ރިވެތި ނަމޫނާ އާއި ހެޔޮލަފާ ނަސޭހަތާއި ވައުޒާއި އިބުރަތްތައް ހާސިލުކޮށްދޭ ބަޔަކަށް އަވަށްޓެރިން ވުން މުހިންމެވެ. އޭރުން އަވަށްޓެރިންގެ ފަރާތުން އާއިލާތަކަށް ލިބިގެން އެދަނީ ވަރުގަދަ ހިމާޔަތެކެވެ.

އާއިލާ އިން އިޖުތިމާއީ ތަކާފުލުގެ ދައުރު އަދާކުރުން

އިޖުތިމާއީ ތަކާފުލަކީ ކޮންމެ އިންސާނަކަށް ވެސް ބޭނުންވާނޭ އަސާސީ ބޭނުންތައް ފުއްދުމުގައި މީހެއްގެ އަޅުވެތިކަމުގެ ތެރެއަށް ނުގޮސް އަބުރުވެރިކަމާ އެކު އުޅެވޭނެ މިންވަރަށް މާއްދީ އަދި މައުނަވީ އަސާސީ ބޭނުންތައް ފުއްދައިދޭން މުޖުތަމައުން މަސައްކަތް ކޮށްދިނުމެވެ. މިއީ ދެ އަސާސެއްގެ މައްޗަށް ބިނާވެގެންވާ ކަމެކެވެ.

އެއް އަސާސަކީ މުޖުތަމައުގެ މަސްލަހަތާއި ބަދަހިކަމާއި އެއްބައިވަންތަ ކަން ހާސިލު ކުރުމެވެ. ދެވަނަ އަސާސަކީ އިންސާނީ ޝާމިލު އުޚުއްވަތްތެރިކަން ދެމެހެއްޓުމެވެ. އިސްލާމްދީނުގައި މިކަމަށް މަގުފަހިކޮށްދޭނެ ވަރަށް ގިނަ ހުކުމްތައް ބަޔާންވެގެން ވެ އެވެ. އޭގެ ތެރޭގައި އާއިލާ އިން ކުރަންޖެހޭ ކަންކަން ވެސް ހިމެނެ އެވެ.

އާއިލާގެ ޚަރަދުބަރަދު ބެލެހެއްޓުމާއި ދަރިން ހެޔޮގޮތުގައި ތަރުބިޔަތު ކުރުމާއި ރިވެތި އަޚުލާގުގެ މަތީ ދެމިހުރުމަށް ބޭނުންވާ ހޭލުންތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނެ އެވެ. އާއިލާ އިން މި އިޖުތިމާއީ ތަކާފުލު ގެ ދައުރު އަދާކުރާ ނަމަ އެއީ އާއިލާ އަށް ލިބޭނެ އެންމެ ވަރުގަދަ ހިމާޔަތަށް ވެގެންދާނެ އެވެ. އެހެނީ އާއިލާތައް ރޫޅުމުގައި ފަގީރުކަމާއި އިހުމާލުވުމާއި ޒިންމާ ނުނެގުން ފަދަ ކަންކަން އެންމެ މުހިންމު ސަބަބުތަކުގެ ތެރޭގައި ހިމެނޭތީ އެވެ.

މަދަނީ މުއައްސަސާތަކުގެ ދައުރު

އާއިލާތަކަށް ހިމާޔަތް ލިބުމުގައި މަދަނީ މުއައްސަސާތަކަށް ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެ އެވެ. އޭގެ ތެރޭގައި ކައިވެންޏަށް ހިތްވަރު ދިނުމާއި އެކަމަށް މަގުފަހިކޮށްދިނުމާއި އާއިލާއާ ގުޅޭ ކަންކަމުގައި ދީނީ އިޖުތިމާއީ ނަފުސާނީ އިރުޝާދު ދިނުން ފަދަ ކަންކަން ހިމެނެ އެވެ. އަދި އިސްރަށްވެހިންނާއި ކުޑަކުދިން ބެލެހެއްޓުމުގެ ނިޒާމުތައް ގާއިމުކުރުން ހިމެނެ އެވެ. މީގެ އިތުރުން އާއިލީ ޚިލާފުތައް ހަމައަކަށް އެޅުވުމަށް ވެސް މިފަދަ މުއައްސަސާތަކުން މަސައްކަތް ކުރެވިދާނެ އެވެ. މިގޮތުން މިސްކިތްތަކާއި މަދަނީ ޖަމްއިއްޔާތަކާއި މީޑިޔާ މުއައްސަސާ ތަކުން މިފަދަ ކަންކަން ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވިދާނެ އެވެ. މިކަންކަން އިސްލާމީ ހަމަތަކާއި ގިޔަމުތަކަށް ރިއާޔަތް ކޮށްގެން ކޮށްފި ނަމަ ހަމަ ޔަގީނުން ވެސް އެއީ އާއިލާތަކަށް ލިބޭނެ ވަރަށް ވަރުގަދަ ހިމާޔަތަކާއި ރައްކާތެރިކަމެކެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454