މި އަހަރުގެ ފިތުރު އީދު ނަމާދަށް ކުޑަކުއްޖަކު ގޮވައިގެން ދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
04 އެޕްރީލް 2025 - 10:36
މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނުގެ ކިބައިން ރިވާ ކުރެވިގެން ވެއެވެ. މާތް ނަބިއްޔާ ﷺ ހަދީސް ކުރެއްވި އެވެ. "ތިޔަބައިމީހުންގެ ދަރިންގެ ކިބައިގައި ތިން ސިފައެއް އަށަގަންނުވާށެވެ! އެއީ ތިޔަބައިމީހުންގެ ނަބިއްޔާ ﷺ ދެކެ ލޯބިވުމާއި އެކަލޭގެފާނުގެ އާލުން ދެކެ ލޯބިވުމާއި ކީރިތި ޤުރްއާން ކިޔެވުމެވެ. ފަހެ، ހަމަކަށަވަރުން ކީރިތި ޤުރްއާން އުފުލާ މީހުންނަކީ އެ ދުވަހެއްގައި ﷲ ގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު ﷲ ގެ ޢަރުޝީގެ ހިޔާވަހިކަމުގައި އެކަލާނގެ ނަބީންނާއި އެކަލާނގެ ހޮއްވަވާފައިވާ ބޭކަލުންނާ އެކުގައި ވާނެ މީހެކެވެ (އައްޠަބަރާނީ އާއި އިބްނުއްނައްޖާރު).
މި ހަދީސްގައި މާތް ނަބިއްޔާ ﷺ ވަސިއްޔަތް ކުރައްވަނީ މުރައްބީންގެ ހައިސިއްޔަތުން އަހަރެމެންގެ ދަރިންގެ ކިބައިގައި ވަރަށް މުހިންމު ތިން ސިފައެއް އަށަގެންނެވުމަށެވެ. މިގޮތުން އެންމެ ފުރަތަމަ ކަމަކީ ކީރިތި ނަބިއްޔާ ﷺ ދެކެ ލޯބިވުމުގެ ސިފަ އެވެ. އެބަހީ އެކަލޭގެފާނު ގެނެސްދެއްވި އެންމެހާ ކަންކަން ގަބޫލުކޮށް، އެކަލޭގެފާނަށް ކިޔަމަންވުމުގެ ލޯބި ހިތުގައި އުފެދުމެވެ.
ދެވަނަ ކަމަކީ އެކަލޭގެފާނުގެ އާލުން، އެބަހީ އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނާއި ދަރިދަރި ކަލުންނާއި އެކަލޭގެފާނުގެ މުޅި އާއިލާ ދެކެ ލޯބިވުމުގެ ސިފަ އެވެ.
ތިންވަނަ ކަމަކީ ކީރިތި ޤުރްއާން ކިޔަވަން، އެބަހީ ޤުރްއާން ތިލާވާ ކުރުމާއި ހިތުދަސްކުރުމާއި ޤުރްއާނާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމުގެ ސިފަ އެވެ. ޤުރްއާން އުފުލުމަކީ މިއީ އެވެ. މިގޮތުން ކީރިތި ޤުރްއާން ކިޔަވައި ހިތުދަސްކޮށް އެއާ އެއްގޮތަށް އަމަލު ކުރާ މީހުންނަށް ސުވަރުގޭގައި ހުރި ނިއުމަތުގެ ވާހަކަ އެކަލޭގެފާނު ބަޔާން ކޮށްދެއްވި އެވެ. އެއީ ﷲ ގެ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުލިބޭ ދުވަހު ﷲ ގެ ޢަރުޝީގެ ހިޔާވަހިކަމުގެ ދަށުގައި ނަބީންނާއި ސިއްދީގުންނާއި ޝަހީދުންނާއި ޞާލިޙުންނާ އެކުގައި ވުމުގެ ނަސީބު ލިބުމެވެ.
ނަބިއްޔާ ﷺ ދެކެ ލޯބިވުމަކީ އީމާންކަމުގެ އަސާސެކެވެ. އެއީ ކޮންމެ މުސްލިމަކަށް ވާޖިބު ކަމެކެވެ. އެކަލޭގެފާނު ހަދީސް ކުރައްވާފައި ވެ އެވެ. "ތިޔަބައިމީހުން ކުރެ މީހަކު އޭނާގެ މައިންބަފައިންނާއި ދަރިންނާއި އެންމެހާ މީސްތަކުންނަށް ވުރެ ވެސް ބޮޑަށް ލޯބިވާ ފަރާތެއް ކަމުގައި ތިމަން ކަލޭގެފާނު ވެއްޖައުމަށް ދާންދެން އެކަކުވެސް (ފުރިހަމަ ގޮތުގައި) އީމާންވި ކަމުގައި ނުވެ އެވެ (މުއްތަފަޤު). އަލްއަޙުޒާބު ސޫރަތުގެ 6 ވަނަ އާޔަތުން އެނގޭ ގޮތުގައި، ލޯބިވުމާއި ކިޔަމަން ގަތުމުގައި މުއުމިނުންނަށް އެބައިމީހުންގެ އަމިއްލަ ނަފުސުތަކަށް ވުރެ ކީރިތި ނަބިއްޔާ ﷺ އައުލާކަން ބޮޑުވެގެންވެ އެވެ. ޢުމަރުގެފާނު ކީރިތި ރަސޫލާ ﷺ ދެކެ ވީ ލޯބި ވެސް ބަލައިގަނެވޭ ކަމުގައި ވެގެން ދިޔައީ އަމިއްލަ ނަފުސަށް ވުރެ ބޮޑަށް ނަބިއްޔާ ދެކެ ލޯބިވާ ކަމަށް އެކަލޭގެފާނު ވިދާޅުވި ހިސާބުންނެވެ (ބުޚާރީ).
ކީރިތި ރަސޫލާ ﷺ ދެކެ ލޯބިވުމަކީ ހަގީގަތުގައި ﷲ ދެކެ ލޯބިވުމުގެ ތެރެއިން އުފެދޭ ލޯތްބެކެވެ. އެކަލޭގެފާނު ހަދީސް ކުރައްވާފައި ވެ އެވެ. "މާތް ﷲ ތިޔަބައިމީހުންނަށް ދެއްވާ ނިއުމަތްތަކަށް ޓަކައި އެކަލާނގެ ދެކެ ލޯބިވާށެވެ! އަދި އެކަލާނގެ ދެކެވާ ލޯތްބަށްޓަކައި ތިމަން ކަލޭގެފާނު ދެކެ ލޯބިވާށެވެ! އަދި ތިމަންކަލޭގެފާނު ދެކެވާ ލޯތްބަށްޓަކައި ތިމަން ކަލޭގެފާނުގެ އާލުން ދެކެ ލޯބިވާށެވެ!" (އައްތިރުމިޛީ).
މިއިން އެނގެނީ ކީރިތި ރަސޫލާ ﷺ ދެކެ ލޯބިވާ ނަމަ އޭގެ ނަތީޖާއެއްގެ ގޮތުގައި އެކަލޭގެފާނުގެ އާލުން ދެކެ ވެސް ލޯބިވާން ޖެހޭނެ ކަމެވެ. މިކަމަށް އިތުރަށް ބާރު ލިބޭ އެހެން ހަދީސްތައް ވެސް ވެ އެވެ. މިގޮތުން އެ މީހެއްގެ ވާގިވެރިއެއްގެ ގޮތުގައި ކީރިތި ރަސޫލާ ﷺ ބަލާ ނަމަ ޢަލީގެފާނަކީ ވެސް އެ މީހެއްގެ ވާގިވެރިއެއް ކަމުގައި ބެލުމަށް އެކަލޭގެފާނު އެންގެވި އެވެ. އަދި ޢަލީގެފާނަށް ވާގިވެރިވާ މީހާ އަށް ﷲ ވާގިވެރި ވުމަށާއި ޢަލީގެފާނަށް އަދާވާތްތެރިވާ މީހާއަށް ﷲ އަދާވާތްތެރި ވުމަށް އެކަލޭގެފާނު ދުއާ ކުރެއްވި އެވެ (އައްތިރުމިޛީ). ނަބިއްޔާގެ އާލުން ދެކެ ލޯބިވާން ޖެހޭކަން އައްޝޫރާ ސޫރަތުގެ 23 ވަނަ އާޔަތުން ވެސް ދޭހަވެ އެވެ.
ޤުރްއާން ކިޔެވުމަކީ މުސްލިމެއްގެ ދިރިއުޅުމުގެ ހަޔާތުގެ މަންހަޖުގައި ހިމެނޭ މުހިންމު ކަމެކެވެ. ސަބަބަކީ ޤުރްއާނަކީ މުސްލިމުންގެ ދިރިއުޅުމުގެ ދުސްތޫރު ކަމުގައި ވުމެވެ. އެހެންވެ ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ ޤުރްއާން ދަސްކޮށް އެހެން މީހުންނަށް އެ ދަސްކޮށްދޭ މީހާ" ކަމަށެވެ (އަލްބުޚާރީ). އެހެން ހަދީސެއްގައިވާ ގޮތުން ޤުރްއާނަކީ އެއިގެ ސަބަބުން ބަޔަކު މަތިވެރި ކުރައްވައި އަނެއްބަޔަކު ދަށްކުރައްވާ ފޮތެކެވެ (މުސްލިމް).
މި ރޯދަމަހު އިސްލާމީ މަރުކަޒުގައި ކުޑަކުއްޖަކު (މ) އަޅުކަމުގައި.---ފޮޓޯ: ނިޝާން އަލީ| މިހާރު
ކީރިތި ޤުރްއާން އުފުލާ މީހުންނޭ ބުނާ ބަހުގެ މުރާދަކީ، އެ ފޮތް ކިޔަވައި ހިތުދަސްކޮށް އެއަށް ޢަމަލުކުރާ މީހުންނެވެ. މި މީހުންނަކީ، ﷲ ގެ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުލިބޭ ދުވަހު ﷲ ގެ ޢަރުޝީގެ ހިޔާވަހިކަމުގެ ދަށުގައި ތިބުމުގެ ނަސީބު ލިބޭނެ ބަޔެކެވެ. އަދި މި ތިބުމުގައި އެމީހުން ވާހުށި ނަބީންނާއި ސިއްދީގުންނާއި ޝަހީދުންނާއި ޞާލިޙުންނާ އެކުގަ އެވެ. ސަބަބަކީ މި މީހުން ވާހުށީ ﷲ އަށާއި ރަސޫލާ ﷺ އަށް ކިޔަމަންވާ މީހުން ކަމުގައެވެ. މިފަދަ މީހުންނަކީ ކުރިން ބަޔާންކުރެވުނު ފަދަ ބޭކަލުންނާ އެކު ނިއުމަތް ލިބޭނެ މީހުންނެވެ (އައްނިސާއު 69).
މި ހަދީސުން މުރައްބީންނަށް ލިބޭ އެއް ފިލާވަޅަކީ، އިސްލާމީ ރިވެތި އަޚުލާގެ މަތީ ދަރިވަރުން އެންމެ ތުއްތު އިރުއްސުރެ ފެށިގެން ތަރުބިޔަތު ކުރަން ޖެހޭނެ ކަމެވެ. ހެޔޮލަފާ މުޖުތަމައެއް ބިނާ ކުރެވޭނީ އޭރުންނެވެ.
ދެވަނަ ފިލާވަޅަކީ، ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތަށް ތަބާވުމަށްޓަކައި ދަރިންގެ ހިތްތަކުގައި ﷲ އާއި ޤުރްއާނާއި ނަބިއްޔާ ﷺ އާއި އެކަލޭގެފާނުގެ އާލުން ދެކެ ލޯބިވާން ތަރުބިޔަތު ކޮށްދޭން ޖެހޭނެ ކަމެވެ. މިގޮތުން މި ލޯބި ވަރުގަދަ ކުރުމަށްޓަކައި ތަފާތު ކަންތައްތަކެއް ކުރަންޖެހޭނެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން މުހިންމު އަލާމާތްތަކެއް ދަރިންގެ ކިބައިން ފެންނަން ޖެހޭނެ އެވެ. އެއްކަމަކީ ނަބިއްޔާ ﷺ ގެނެސްދެއްވި ކަންކަމަށް ދަރިން ތަބާ ވުމެވެ. ދެވަނަ ކަމަކީ އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވައި ސަލާމް ލެއްވުމަށް އެދި ދުއާ ކުރުމެވެ. ތިންވަނަ ކަމަކީ އެކަލޭގެފާނުގެ ދައުވަތު ފެތުރުމަށް އެ ކުއްޖެއްގެ ފެންވަރުން މަސައްކަތް ކުރާ ކުއްޖަކަށް ވުމެވެ. ހަތަރުވަނަ ކަމަކީ އެކަލޭގެފާނު ލޯބިފުޅުވާ ފަރާތްތަކާއި ކަންކަން ދެކެ ކުދިން ލޯބިވުމެވެ. މިގޮތުން އެކަލޭގެފާނުގެ އާލުންނާއި އެކަލޭގެފާނުގެ ރިވެތި އަޚުލާގަށް ލޯބި ކުރަން ޖެހޭނެ އެވެ.
ހަދީސުން ލިބޭ ތިންވަނަ ފިލާވަޅަކީ، އީމާންކަމުގެ ތަރުބިޔަތުގައި ހިމެނޭ އެންމެ މުހިންމު ތަރުބަވީ މަސައްކަތަކީ ޤުރްއާން ދަސްކޮށްދިނުން ކަމެވެ. އެހެންކަމުން ޤުރްއާން ތިލާވާ ކުރުމަށާއި ކުޅަދާނަ ވެގެންވާ މިންވަރެއް ހިތުދަސް ކުރުވުމަށް މަސައްކަތް ކޮށްދޭން ޖެހެ އެވެ. އަދި މި ހުރިހާ ކަމަކަށް ވުރެ ބޮޑަށް ޤުރްއާނަށް އަމަލު ކުރަން ތަމްރީނު ދޭން ޖެހޭނެ އެވެ.
ހަތަރުވަނަ ފިލާވަޅަކީ، ޤުރްއާން އުފުލާ މީހުންގެ ތެރެއިން ވުމުން ލިބޭ މަންފާތަކުން ދަރިވަރުންނަށް ހިތްވަރު ދޭން ޖެހޭނެ ކަމެވެ. އުޚުރަވީ ހަޔާތުގައި އެ ވަރުގެ މަތީ ދަރަޖައަކަށް ދެވޭ ކަމުގެ އުފާވެރި ޚަބަރު ލިބުމަކީ ޤުރްއާން ކިޔަވަން އަދި އެ އަށް އަމަލު ކުރުމަށް ދަރިވަރުންގެ ޝައުގު ވަރަށް ބޮޑަށް އިތުރުވާނެ ކަމެކެވެ.
ވީމާ ކުދިން ތަރުބިޔަތު ކުރުމުގައި މި ހަދީސް ގައި ނަބިއްޔާ ވަސިއްޔަތް ކުރައްވާފައި އެވާ ތިން ސިފަ ދަރިންގެ ކިބައިގައި އަށަގަންނުވަން ސަމާލުވެ ހެޔޮ ގޮތުގައި ރިވެތި އަޚުލާގުގެ މަތީ ކުދިން ތަރުބިޔަތު ކުރަން ހަމަ ކޮންމެ މުސްލިމަކު ވެސް މަސައްކަތް ކުރަން ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތާނިޔާ
06 April 2025
އަހަރުމެންގެ ދިވެހިވަންތަކަމާ ދީނީ ކަންކަން މިދަނީ އެއްކޮށް ނެތެމުން. ތިހުރިހާ ކަމަކީވެސް ސައޫދީގެ އިގްތިސާދާ ގުޅުންހުރިކަންކަން، އަދި ދިވެހިންވެސް ވަރަށްބޭނުން ކަންކަން، ދުނިޔެއަށް މި އަންނަމުންދާ ބަދަލާއެކު، ދިވެހިންގެ ވިސްނުންވެސް ހަގީގަތާ އެއްކޮޅަށް ބަދަލުވާނެ،
އަހައްމަދޫ
05 April 2025
ތިކަންތަކަކަށް ސްކޫލްތަކަކަުންވެސް ބާރެއް ނާޅާ. ކުޅިވަރުކުޅުމާއި ފާޑުފާޑުގެ ދުވަސްތައް ފާހަގަ ކުރުމާއި މިކަހަލަ ކަންތައް އޮންނަނީ
ބޯހަލާކުކު
04 April 2025
މިހާރު ދަރިންގެ ކިބައިގައި ހުންނަންޖެހޭނީ ޖެހިލުން ކުޑަކަމާއި ކޭޕޮޕް ވުމާއި ބޭނުންކަމެއް ކުރުމުގެ މިނިވަންކަން.