ކަނޑުފަޅާއި ފަރުތަކަކީ ޖަޒީރާވަންތަކަމުގެ ވިންދު: ހިމާޔަތްކުރަން ޖެހޭ

"މުޅި އިންޑިޔާ ކަނޑުގެ މަސްވެރިކަމުގެ ނާސަރީ އަކީ ދިވެހިރާއްޖެ. މިހާރު ރާއްޖޭގެ އިރުމަތީ ބިތުގެ 80 ޕަސެންޓް ފަރުތައް ވަނީ މަރުވެފައި. މުޑަހަންޖަކަށް ވެގެން ތިލަތަކަށް ދާނެ ކޮރަކައްޔެއް މިހާރަކު ނެތް. މިޔަރު ފަދަ ބޮޑެތި މަސްތަކަށް އެކަމުގެ އަސަރު ކުރާނެ. މަސްވެރިކަން ނެތިދާނެ،" ރާއްޖޭގެ ކަނޑުފަޅުތަކުގެ ޙާލަތު، މަޝްހޫރު ޑައިވަރެއް ކަމަށްވާ، ހުސެން ރަޝީދު (ސެންޑި) ކިޔަައިދިނެވެ.


ދިވެހި ކަނޑުފަޅުތަކުގަައި އަތްފުނާ އެޅުމުގައި އުމުރު ދުވަސް ހޭދަކޮށްފައިވާ ސެންޑިއަކީ ދިވެހިރާއްޖޭގައި އެންމެ ތަޖުރިބާކާރު އެއް ޑައިވަރެވެ. ސެންޑި ދެކޭ ގޮތުގައި ރާއްޖޭގެ ކަނޑުފަޅުތަކަށާއި ފަރުތަކަށް އަންނަ އިއާދަނުކުރެވޭވަރުގެ ބޮޑެތި ބަދަލުތަކާ އެކު ކަނޑުތަކުގެ ދިރުން ގެއްލިދާނެ ކަމުގެ ބިރު މިހާރު އެބަ އޮތެވެ.

މާލޭގައި ޑައިވް ސެންޓަރެއް ހިންގާ ޒުވާން ޑައިވަރު، އާދަމް އަޝްރަފްގެ ބަހަކީ ވެސް މިއެވެ. "ޤުދުރަތީ ކަންކަމުގެ އިތުރުން އަހަރެމެން ކުރާ ކަންކަމުގެ ސަބަބުން ފަރުތައް އަލުން ދިރުމަށް މިހާރު ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައި" ކަމަށް އަޝްރަފް ބުންޏެވެ.

ދިވެހިރާއްޖޭ ފަރުތަކަކީ މުޅި ދުނިޔޭގެ ފަރުތަކުގެ ތިން ޕަސެންޓް ކަމަށް ވާއިރު މި ރާއްޖޭގެ ފަރުތަކަށް ވަމުން އަންނަ ގޮތުގެ ވާހަކަ ނުދައްކައި ހިމޭނުން ތިބެވޭކަށް ނެތެވެ. ރާއްޖޭގެ ދިރުމަކީ ރަށްތަކާއި، ކަނޑުފަޅާއި، ވަށައިގެންވާ 21،000 އަކަކިލޯމީޓަރުގެ މާސިންގާ ފަރުތަކެވެ. ޖަޒީރާވަންތަކަަމަކީ ރާއްޖެ ރަމްޒުކޮށްދޭ އެންމެ މުހިއްމު ސިފަ އެވެ. ދިވެހިރާއްޖޭގެ ފަރުތަކަަކީ ރަށްތަކުގެ ދިފާއީ ނިޒާމުގެ މައި ތަނބެވެ. އިޤްތިޞާދީ ގޮތުން އަގުނުކުރެވޭ ވަރުގެ މުހިއްމު ވަޞީލަތެކެވެ.

ކަނޑުފަޅާއި ފަރުތަކުގެ ދިރުމުގެ އަގު

ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވަކަށް ހެދުމުގެ ކުރިން ރާއްޖޭގެ ތިމާވެށީގެ އިޤްތިޞާދީ ފައިދާތައް ހޯދުމަށް އައިޔޫސީއެން، އދ. ގެ އިދާރާތައް އަދި ދިވެހި ސަރުކާރު ގުޅިގެން 2011 ގައި ތައްޔާރުކޮށްފައިވާ ރިޕޯޓުން އެނގެނީ ކަނޑުފަޅާއި ފަރުތަކުގެ ދިރުމުން ލިބޭ ސީދާ އަދި ނުސީދާ ފައިދާއަށް ބަލައިފި ނަމަ އެއީ އިޤްތިޞާދީ ފައިދާގެ 90 ޕަސެންޓް ކަމެވެ.

އިޤްތިޞާދަށް ލިބޭ ސީދާ ފައިދާއަށް ބަލައިފި ނަމަ އާބާދީގެ 71 ޕަސެންޓް މީހުންގެ ވަޒީފާ ގުޅިފައި ވަނީ ކަނޑުފަޅާއި ފަރުތަކުގެ ދިރުމާ އެވެ. ދައުލަތުގެ އާމްދަނީގެ 49 ޕަސެންޓާއި ރާއްޖެއަށް ވަން ބޭރު ފައިސާގެ 62 ޕަސެންޓް، 98 ޕަސެންޓްގެ އެކްސްޕޯޓާއި، ޤައުމީ އުފެއްދުންތެރިކަމުގެ 89 ޕަސެންޓް ވެސް ގުޅިފައިވަނީ ކަނޑުފަޅާއި ފަރުތަކުގެ ދިރުމާ އެވެ. އެހެންކަމުން މި ވަޞީލަތްތައް ހިމާޔަތްކޮށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ޒިންމާއެކެވެ.

ދިވެހިރާއްޖޭ ފަރުތައް ވަނީ ކަންބޮޑުވާ މިންވަރަށް ހަލާކުވެފައި

މިދިޔަ އަހަރު އާދަޔާ ޚިލާފަށް ހޫނު ގަދަވުމާ އެކު ރާއްޖޭގެ ފަރުތަކުގެ 60 ޕަސެންޓަށް ގާހުދުވުމުގެ މައްސަލަ ދިމާވި އެވެ. ފަރުތައް ދިރާސާކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއިން ބުނިގޮތުގައި ބައެއް ސަރަޙައްދުތަކުގައި 90 ޕަސެންޓަށް ވުރެ ބޮޑަށް ފަރުތައް ހުދުވި އެވެ.

ދިވެހިރާއްޖޭގެ ފަރުތައް މިހާ ބޮޑު މިންވަރަށް މަރުވެގެން ދިއުމުގައި ފާއިތުވީ ދެ އަހަރުގެ ތެރޭގައި އާދަޔާ ޚިލާފަށް ހޫނުވުން ހިމެނެ އެވެ. ސެންޑި ބުނި ގޮތުގައި ފަރުތައް ހުދުވުމަށް ހޫނުވުން ހިމެނޭއިރު ޑްރެޖިން އާއި ބިން ހިއްކުން ވެސް އޭގެ 50 ޕަސެންޓް ހިއްސާކުރެ އެވެ.

މީގެ ކުރިން މި މިންވަރަށް ފަރުތައް ހުދުވީ 1998 ވަނަ އަހަރު އެވެ. އެއަށް ފަހު މިވީ 18 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ފަރުތައް ވަރަށް ބޮޑަށް އަލުން ދިރުނެވެ. މިގޮތަށް ދިމާވުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނަނީ ރާއްޖޭގެ ކަނޑުތަކުގެ ސާފުކަމެވެ. އެހެންނަމަވެސް މިހާރުގެ ހާލަތު ތަފާތެވެ. ރާއްޖޭގައި މިހާރު ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ ސަބަބުން ކަނޑުފަޅުތައް ކިލަނބުވެ، ފަރުތައް އަލުން ދިރުމަށް ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފަ އެވެ.

އަޑުއަޑީގެ ދިރުންތައް ނެތިއްޖެ ނަމަ އޭގެ ގެއްލުން ރާއްޖެ އަށް ވަރަށް ބޮޑު

މާލޭގެ އެކި ސަރަޙައްދުތައް ހިއްކުމަށް ވެލި ނަގަނީ މަޝްހޫރު ޑައިވް ސައިޓުތަކާ ކައިރި ގިރާވަރު ސަރަޙައްދުންނެވެ. ތަރައްޤީގެ ނަމުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ސަބަބުން (އެނބޫދޫފަޅު، ހުޅުމާލެ، ޔޫތު ސިޓީ، ތިލަފުށި، އުތުރު ތިލަފަޅު، ކޮށްދިއްޕަރު ހިއްކުން) މަޝްހޫރު ޑައިވް ސައިޓުތައް ކަަމަށްވާ އެނބޫދޫ އެކްސްޕްރެސް، ވާދޫ ކޭވްސް، އެނބޫދޫ ކެންޔަން، ކުޑަހާ، މިހެންގޮސް ގާތްގަނޑަކަށް 40 އަށް ވުރެ ގިނަ ޑައިވް ސައިޓްތައް ވަނީ ވަރަށް ނާޒުކު ފައްތަރެއްގަ އެވެ. އަޝްރަފް ދެކޭ ގޮތުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާންވާނީ ތިމާވެއްޓަށް ކުރާނެ އަސަރުތައް ބެލުމަށް ފަހު ފަޅުތަކަށާއި ފަރުތަކަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުން ނުލިބޭނެ ގޮތަށެވެ. މިހާރު ކުރިމަތިވެފައިވާ ފަރު ހުދުވުމުގެ މައްސަލައާ އެކު މި މިންވަރަށް ފަޅުތައް ކިލަނބުވެ، ފަރުތައް ދިރުމަށް އަހަރެމެން ޖާގަ ނުދޭ ނަމަ ފަރުތަކުގެ ދިރުން އެއްކޮށް ނެތިދާނެ ކަމުގެ ބިރު އޮތް ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރި އެވެ.

ތަރައްޤީއަކީ މިއީތޯ؟

މާޗް 3 ގައި އިނގިރޭސިވިލާތުގެ ގާޑިޔަންއަށް ސަރުކާރުގެ ވަޒީރުން ދީފައިވާ އިންޓަވިއުއިން މިހާރުގެ ސަރުކާރުން ދިވެހިރާއްޖެ ތަރައްޤީ ކުރުމަށް ވަކާލާތުކުރަނީ ރާއްޖޭގެ ޖަޒީރާވަންތަކަމަށް އުނިކަން ލިބޭ ގޮތައްކަން ހާމަވެ އެވެ. ކަނޑުފަޅާއި ފަރުތައް ފުނޑާލައިގެން، އެއްރޭ އެއްދުވާލުން ރަށްތައް އުފަންކުރުވައި އޮއިވަރަށް، ވަޔަށް، ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ބެލުމެއް ނެތި "ބޭނުމީ ތަރައްޤީ"ގެ ވިސްނުމެވެ.

ތިމާވެށީގެ ގޮތުން މުހިއްމު ފަޅުތައް މިގޮތަށް ހިއްކަމުން ދިޔުމުން އަޅުގަނޑުމެން ހީވެސް ނުކުރާ ފަދަ ދެރަ ކަމަކާ ކުރިމަތިލާން ޖެހިދާނެ އެވެ. މިހާރުވެސް ދިވެހި މަސްވެރިންގެ އެންމެ ބޮޑީ މަސްވެރިކަމާ އެންވެރިކަން ނެތިގޮސްފައިވާކަމުގެ ޝަކުވާ އެވެ. އަދި މަސް ހޯދުމަށް ކުރާ ދަތުރުތައް ދިގުވުމާއި، އޮއިވަރަށާއި ވިއްސާރައަށް ބަދަލުއައިސް އެކަމުގެ އަސަރު މަސްވެރިކަމަށް ކުރާ ކަމުގެ ޝަކުވާ އެވެ.

"މާސް ޓުއަރިޒަމް" ފަދަ ޗާލު ނަންތައް ދީގެން ކަންކަން ކުރުމަކީ އަދި ތަރައްޤީއެއް ނޫނެވެ. ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާނެ ދިވެހިރާއްޖެ ވީހިނދު، ތިމާވެއްޓާ ބީރަށްޓެހި މީގެ އެތައް ސަތޭކަ އަހަރުގެ ކުރީގެ ބޯދާ ވިސްނުމެވެ. މިކަން އަޅުގަނޑުމެން ހުއްޓުވަން ޖެހޭނެ އެވެ.