ސްވިމް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ފެތުމާއި މޫދުކުޅިވަރު ކުރިއެރުވުމަށްޓަކައި 2019 ވަނަ އަހަރު އުފައްދާފައިވާ، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަަމިއްޔާއެކެވެ. ސްވިމް މޯލްޑިވްސް އިން މިހާތަނަށް ބާއްވަމުން އަންނަ އެންމެ ބޮޑު ހަރަކާތަކީ ފެތުމުގެ މުބާރާތްތައް ބޭއްވުމެވެ.
މިއީ، ރާއްޖޭގައި (ނެޝަނަލް ސްކޮޑާއި ގަވާއިދުން ސްވިމިން ޕޫލުގައި ފަރިތަކުރާ ކުދިންނާއި) އާންމު، އާދައިގެ މީހުންނަށް ހުޅުވާލައިގެން ބާއްވާ ހަމައެކަނި ފެތުމުގެ މުބާރާތެވެ. މުބާރާތް ރާވާ އިންތިޒާމުކުރުމުގައި ލިބުނު ތަޖުރިބާއަކީ، ރާއްޖޭގައި އަދިވެސް ފަތަން ނޭނގޭ، ފަތަން ދަސްކުރާނެ ގޮތެއް ވެސް ނެތް އެތައް ބަޔަކު ތިބި ކަމެވެ. ހާއްސަކޮށަް، އަތޮޅު ތެރޭގައި ފަތަން ދަސްކޮށްދޭނެ ކޯޗުން ލިބުމުގެ ދަތިކަން އޮތް ކަމެވެ.
މި މައްސަލަ ހައްލުކުރަން އަމަލީ ގޮތުން ކަމެއް ކުރުމުގެ ބޭނުމުގައި، ސްވިމް މޯލްޑިވްސް އާއި ޔުނިސެފާ އެކު 8 ޑިސެމްބަރު 2025 ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާނެ އެވެ.
މިއީ ރާއްޖޭގެ ހަތަރު ރަށެއްގައި ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފެތުމާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުން ކުރިއެރުވުމަށް ޕްރޮގްރާމެއް ހިންގުމާބެހޭ އެއްބަސްވުމެވެ. އެ ރަށްތަކަކީ، ހދ. ކުޅުދުއްފުށީ ސިޓީ، ކ. މާފުށި، ހުޅުމާލެ ފޭސް 2 އަދި ފުވައްމުލައް ސިޓީ އެވެ. މި އެއްބަސްވުމުގެ ދަށުން މި ރަށްރަށުގައި ހަތަރު ކަމެއް ކުރުމަށް ހަމަޖެހިފައިވެ އެވެ.
ފަތާނެ ސަރަޙައްދު ކަނޑައެޅުން
ފެތުމާއި މޫދު ކުޅިވަރު ކުރިއެރުވުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ފަތާނެ ހާއްސަ ސަރަޙައްދުތަކެއް ކަނޑައެޅުމެވެ.
ކުޅުދުއްފުށި ސިޓީއަކީ (އެހެން ކަންކަމެކޭ ވެސް އެއްފަދައިން) މިކަމުގައި ވެސް ނަމޫނާ ސިޓީއެކެވެ. ކުޅުދުއްފުށީ ސިޓީގައި ފަތާނެ ދެ ސަރަހައްދެއް ކައުންސިލުން ކަނޑައަޅާފައިވެ އެވެ. އެ ތަންތަނުގައި ސްވިމިން ޕްލެޓްފޯމެއް ވެސް އޮތީ އަޅައިފަ އެވެ. ކ. މާފުށީގައި، އެ ރަށު އިރުމަތީ ފަރާތު (އިސްރަށްވެރިން ފަތަން އެރޭ) 'އާސަންދަ ފެންގަނޑު' އަކީ ފެތުމަށް ހާއްސަ ކޮށްފައިވާ (ވޯޓާ ސްޕޯޓްސްގައި ބޭނުންކުރާ އުޅަނދުތަކަށް ވަނުން މަނާ) ތަނެއް ކަމުގައި ހަމަޖައްސަވަން އެބަ މަސައްކަތް ކުރައްވަ އެވެ. ހުޅުމާލެ ފޭސް 2 އާއި ފުވައްމުލައް ސިޓީގައި ވެސް ފަތާނެ ސަރަހައްދު ކަނޑައެޅުމުގެ މަޝްވަރާތައް ކުރިއަށް އެބަދެ އެވެ.
75 ސްވިމިން ކޯޗުން އުފެއްދުން
ފެތުމަކީ ތަފާތު ހުނަރެކެވެ. އެ ހުނަރު ދަސްކޮށްދެވޭނެ ކޯޗުން ރަށްރަށުގައި ނެތުމަކީ، ރަށުގައި ކުދިންނަށް ފަތަން ދަސްކޮށްދިނުމަށް އޮތް ގޮންޖެހުމެކެވެ. ރަށްރަށުގައި ޢާންމު ގޮތެއްގައި ސްވިމިން ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވަނީ ސިފައިންނާއި ފުލުހުންގެ ވަޒީފާގައި އުޅޭ މީހުންނެވެ. ނަމަވެސް، އެ މީހުންގެ މަސައްކަތް ހުންނަ ގޮތުން، ތަރުތީބު ގޮތެއްގައި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމު ހިންގޭ ގޮތެއް ނުވެ އެވެ.
މި މައްސަލަ ހައްލުކުރުމުގެ ގޮތުން، ޔުނިސެފް ޕްރޮޖެކްޓުގެ ދަށުން 75 ކޯޗުން ތަމްރީނުކުރަން ހަމަޖެހިފައިވެ އެވެ. އެއީ، ކުޅުދުއްފުށި ސިޓީގައި 20 ކޯޗުން، މާފުށީގައި 10، ހުޅުމާލެ ފޭސް 2 ގައި 30 އަދި ފުވައްމުލައް ސިޓީގައި 15 އެވެ.
ކޯޗުން ތަމްރީނުކުރަން ހިންގާނީ އޯޝަންމޭން އެކަޑަމީ އާއި ސްވިމް މޯލްޑިވްސްއާ ގުޅިގެން ހިންގާ 40 ގަޑިއިރުގެ ކޯހެކެވެ. މި ކޯހުން ފާސްވާ މީހުންނަށް، އޯޝަންމޭން އެކަޑަމީގެ ބޭސިކް ސްވިމް ކޯޗު (އިންޓަނޭޝަނަލް) ސެޓްފިކެޓެއް ލިބޭނެ އެވެ. މިއީ ތިން ދުވަހުގެ ލެކްޗާ ސެޝަންތަކަކާއި ތިން ދުވަހުގެ ޕްރެކްޓިކަލް ސެޝަންތަކެއް ހިމެނޭ ކޯހެކެވެ.
ސްވިމް ކޯޗުންގެ ކޯސް، މާފުށްޓާއި ހުޅުމާލެ ފޭސް 2 ގައި އޭޕްރިލް މަހުގެ ފުރަތަމަ ދެ ހަފުތާގައި ހިންގާ ގޮތަށް ހަމަޖެހިފައިވެ އެވެ. ފުވައްމުލަކާއި ކުޅުދުއްފުށީ ސިޓީތަކުގައި ޖޫން މަހުގެ ތެރޭގައި ކޯސް ހިންގާނަމެވެ. މި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު އޮތީ ހުޅުވާލައިފަ އެވެ.
50 ބެލެނިވެރިންނާއި 100 ކުދިންނަށް ފަތަން ދަސްކޮށްދިނުން
މި ކޯހުން އެއްވަނަ، ދެވަނަ އަދި ތިންވަނަ އަށް އަންނަ ކޯޗުންނަށް، ސްވިމް މޯލްޑިވްސް އިން ޕާޓްޓައިމް ވަޒީފާއެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. އެ ވަޒީފާގެ ޒިންމާއަކީ، ކޮންމެ ރަށަކުންވެސް 50 ބެލެނިވެރިންނާއި 100 ކުދިންނަށް ފަތަން ދަސްކޮށްދިނުމެވެ. ބެލެނިވެރިންނަށް ފަތަން ނޭނގޭ ނަމަ ކުދިން ފަތަން ފޮނުވަން ކޮންމެވެސް ވަރަކަށް ޖެހިލުންވާކަން އަޅުގަނޑުމެންނަށް އެނގެ އެވެ. ވީމާ، އެންމެ ފުރަތަމަ ހައްލު ކުރަނީ އެ މައްސަލަ އެވެ. ފުރަތަމަ ފަށާނީ 50 ބެލެނިވެރިންނަށް ފަތަން ދަސްކޮށްދޭށެވެ. ބެލެނިވެރިންނަށް ފަތަން އެނގޭ ނަމަ ކުދިންނާ އެކު، ކޮލިޓީ ރަނގަޅު ވަގުތު ހޭދަކުރަން ވެސް މަގުފަހިކޮށްދެ އެވެ. ބެލެނިވެރިންގެ ޕްރޮގްރާމް ނިމުމަށް ފަހު، 100 ކުދިންނަށް ފަތަން ދަސްކޮށްދޭނީ އެވެ. މި ޕްރޮގްރާމް ނިމޭއިރު 600 މީހުންނަށް އޮންނާނީ ފަތަން ދަސްވެފަ އެވެ.
ދެމެހެއްޓެނިވި ޕްރޮގްރާމެއް
ރަށްރަށުގައި ފަތަން ދަސްކޮށްދޭ ޕްރޮގްރާމް ހިންގާނެ ކޯޗުން ތަމްރީނުކުރުމުން، މި ޕްރޮޖެކްޓު ނިމުމަށް ފަހު ވެސް ވިޔަފާރި އުސޫލުން އެކަޑަމީތަކާއި އެ ނޫން ވެސް ޕްރޮގްރާމްތައް ހިންގާނެ މީހުން ރަށްރަށުގައި އުފެދިފައި ތިބޭނެ އެވެ. ކޯޗުން އިތުރަށް ކިޔަވަން ބޭނުން ނަމަ އޯޝަންމޭން އެކަޑަމީގެ ޕާތުވޭ ތެރެއިން އިތުރު ސެޓްފިކެޓުތަކަށް ކިޔެވުމުގެ ފުރުޞަތު ވެސް އޮންނާނެ އެވެ.
ވިޔަފާރި އުސޫލުން ނޫން ގޮތަކަށް، ދެމެހެއްޓެނިވި ގޮތެއްގައި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގުމަކީ ކުރެވޭނެ ކަމެއް ނޫންކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހެ އެވެ. އެކަމަށް ފުރުސުތު ހުޅުވައިދީ، މަގުފަހިކޮށްދިނުމަކީ ސްވިމް މޯލްޑިވްސްގެ އަމާޒެވެ.
އިތުރު ކުދިންނަށް ފަތަން ދަސްކޮށްދިނުން
ޔުނިސެފްގެ ޕްރޮޖެކްޓުގެ ދަށުން ފަތަން ދަސްކޮށްދެވޭނެ ކަމަށް ލަފާކުރެވެނީ 600 މީހުންނަށެވެ. ނަމަވެސް، އަޅުގަނޑުމެންގެ އަމާޒަކީ، މި ޕްރޮގްރާމް ހިނގާ ދުވަސްވަރު، އިތުރު ސްޕޮންސަރުންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި 1،200 ކުދިންނަށް ފަތަން ދަސްކޮށްދެވޭތޯ ބެލުމެވެ. މި ޕްރޮގްރާމްގައި ބައިވެރިވެ، ކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ސްޕޮންސަ ކުރައްވަން ބޭނުންވާ ބޭފުޅުން ސްވިމް މޯލްޑިވްސްއާ ގުޅުއްވުން އެދެމެވެ.
ފަތަން ދަސްކޮށްދިނުމުގެ ބައި ނިމޭއިރު، މި ޕްރޮޖެކްޓުގެ ދަށުން ފަތަން ދަސްކުރާ ކުދިންނާއި މީހުންނަށް، ފެތުމުގެ ފެސްޓިވަލެއް އޮންނާނެ އެވެ. ފެތުމާއި މޫދުކުޅިވަރުގެ އައު ޖީލެއް ބިނާކުރުމުގެ މަސައްކަތް ކޮންމެވެސް ހިސާބަކުން، ކޮންމެވެސް ބަޔަކު ފަށަންޖެހެ އެވެ. މި މަސައްކަތުގެ ތެރެއިން، މޫދަށް ގެނބިގެން މަރުވާ ނުވަތަ އަނިޔާ ލިބޭ ކުދިންގެ ޢަދަދު މަދުކުރެވޭނެ އެވެ.
މިއީ، އަޅުގަނޑުމެންނަށް ވީ ވަރަކުން، އެ މަގަށް ކުރާ މަސައްކަތުގެ ފެށުމެވެ. މާތްﷲގެ އަމުރާއި އިރާދަފުޅުން، ދިވެހިރާއްޖޭގެ ހުރިހާ ކުދިންނަކީ ފަތަން ދަންނަ، މޫދަށް ފަރިތަ ބައެއް ކަމުގައި އަޅުގަނޑުމެން އެންމެން ވެގެން ހަދާނަމެވެ.
ޕްރޮފެޝަނަލް ކެރިއަރުގައި ގާނޫނީ ދާއިރާއިން ކުރިއަށް ވަޑަައިގެންވި ނަމަވެސް ހުސެއިން ޝަމީމުގެ ހިތާއި ރޫހު އޮތީ ކުޅިވަރާއި ފިޓްނަސްގަ އެވެ. ޒުވާން ދުވަސްވަރު ގައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅުނެވެ. ފަހުން ދުވަން ފަށައި، ރިކްރިއޭޝަނަލް ދުވުންތެރިންގެ ތެރެއިން ރާއްޖޭން ބޭރުގައި އެންމެ ފުރަތަމަ މެރެތަނެއް ފުރިހަމަކުރި އެކަކަށްވި އެވެ. ހާފް އަޔަންމެން އަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ވެސް ހޯދި ޝަމީމް މިހާރު އަންނަނީ ސްވިމް މޯލްޑިވްސްގެ ނަމުގައި ޖަމިއްޔާއެއް ހަދައި، ފެތުން ޕްރޮމޯޓްކޮށް، މުބާރާތްތައް އިންތިޒާމުކުރަމުންނެވެ.