މުޖުތަމައުތަކަށް ބަދަލުތައް އަންނަމުންދަނީ ވަރަށް ހަލުވިކޮށެވެ. ސަގާފީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގޮންޖެހުންތައް ދަނީ ގިނަވަމުންނެވެ. މިފަދަ ޒަމާނެއްގައި ޒުވާނުންނަކީ ހަމައެކަނި އިރުޝާދުތަކަށް ބޯލަނބަން ތިބޭ ބަޔަކަށް ވެގެން ފުދޭކަށް ނެތެވެ. 

އޭގެ ބަދަލުގައި، ޒުވާނުންނަކީ ދިވެހި އިސްލާމީ ގިޔަމު (އަގުކުރާ ކަންކަން) ދިރުވައި، މުޖުތަމައުގެ މުސްތަގުބަލު ބިނާކުރުމުގެ މައިގަނޑު ބާރެވެ. އިސްލާމީ ނަޒަރުން ބަލާއިރު ޒުވާންކަމުގެ މަރުހަލާއަކީ ހިތްވަރާއި އަޒުމާއި ގާބިލުކަމުގެ މަރުހަލާއެކެވެ. އަދި އިސްލާހުކުރުމާއި އިސްނެގުމުގައި އެންމެ ބޮޑަށް ހަރަކާތްތެރިވެވޭނެ މަރުހަލާ އެވެ. ޒުވާނުން އަދާކުރަންޖެހޭ މުހިންމު ދައުރުތަކެއް އެބަހުއްޓެވެ. 

ޒުވާނުން އިސްނަގަންޖެހޭ ބައެއް މައިދާންތައް 

އިސްލާމީ ގިޔަމުތައް ފަތުރައި މުޖުތަމައުގައި އަދާލަތު ދެމެހެއްޓުމަށް ޒުވާނުން އިސްނަގަންޖެހޭ އެއް ކަމަކީ ދީނީގޮތުން މީސްތަކުން ހޭލުންތެރި ކުރުވައި މުޖުތަމައުގެ އަގު ހުރި ގިޔަމުތައް އޭގެ ހަގީގީ ސޫރައިގައި ފޯރުކޮށްދޭން ޒަމާނީ ވަސީލަތްތައް ބޭނުން ކުރުމެވެ. މިގޮތުން ސުމޭކު (ޑިޖިޓަލް) މަންސަތަކާއި ޕްރޮގްރާމްތައް އުފައްދަން ޖެހެ އެވެ. އިސްލާމީ ރިވެތި އަހުލާގު އިސްލާމީ އިންތަކާއި މިންތަކުން ބޭރު ނުވެ، އެބަހީ އެއްވެސް އަތަކަށް ހައްދުފަހަނަޅައި ނުގޮސް، ހުށަހަޅައިދޭން ޖެހެ އެވެ. 

ދެވަނަ ކަމަކީ އިޖުތިމާއީ އަދާލަތު ދަމަހައްޓަން ޝިއާރުތަކުގެ މަރުހަލާއިން ފެށިގެން އަމަލީ ގޮތުން ދައްކައިދިނުމާ ހަމައަށް މަސައްކަތް ކުރުމެވެ. އިސްލާމީ ނަޒަރުން ބަލާއިރު، ހެޔޮ އަމަލު ކުރުމާއި ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމާ ނުލައި މީހާގެ އީމާންކަން ވެސް ފުރިހަމައެއް ނުވާނެ އެވެ. އެހެންކަމުން ޒުވާނުންނަކީ ހެޔޮ އަމަލުތަކުގައި އިސްނަގަން ޖެހޭ ބަޔަކަށް ވުން މުހިންމެވެ. މިގޮތުން ހިލޭސާބަހަށް މަސައްކަތް ކުރުމާއި މުޖުތަމައަށް އެހީތެރިވުމުގެ ހަރަކާތްތައް އިސްވެ ހިންގަންޖެހެ އެވެ. އޭގެ ތެރޭގައި ޚައިރާތު މަޝްރޫއުތައް ހިންގުމާއި އިގުތިސާދީ އަދި ފަންނީ ހުނަރުވެރިކަން އިތުރު ކޮށްދީގެން ވަޒީފާ ނެތް މީހުންނަށް އެހީވުމާއި އަނިޔާ ލިބިފައިވާ މީހުންގެ ހައްގުގައި މަސައްކަތް ކުރުމާއި އިންސާނިއްޔަތުކަން ކުރިއެރުވުމަށް މަސައްކަތް ކުރުން ފަދަ ކަންކަން ހިމެނެ އެވެ.

ތިންވަނަ ކަމަކީ، މުޖުތަމައުގެ އަހުލާގު ރަނގަޅުކުރަން އިސްނެގުމެވެ. ބޭރުން އަންނަ ސަގާފަތްތަކާއި އަހުލާގީ ގޮންޖެހުންތަކާ ކުރިމަތިލައި، މުޖުތަމައުގެ ހަމަޖެހުން އަލުން އިއާދަކުރުމަށް ޒުވާނުން އަހުލާގީ ހަރަކާތެއް އިސްވެ ހިންގަން ޖެހެ އެވެ. މިކަން ހާސިލުކުރުމަށްޓަކައި އެންމެ ފުރަތަމަ ވެސް ޒުވާނުންނަކީ މީގެ ނަމޫނާ ބަޔަކަށް ވާން ޖެހެ އެވެ. ޒުވާނުންގެ ޖަމިއްޔާތަކާއި ކުލަބުތައް އުފައްދައި ހިކުމަތާއި ރިވެތި ނަސޭހަތާއެކު ދުވަހުން ދުވަހަށް ކުރެވޭ މުއާމަލާތްތަކުގައި އިސްލާމީ އުސޫލުތައް ދައްކުވައިދޭން ޖެހެ އެވެ. 

ޒުވާނުންނަށް ހުރި ގޮންޖެހުންތަކާއި އޭގެ ހައްލުތައް 

ޒުވާނުން އިސްނަގައިގެން އަދާކުރަންޖެހޭ މުހިންމު ދައުރުތަކެއް އޮތަސް މިއަދު މުޖުތަމައަށް ދިމާވެފައިވާ ހާލަތަށް ބަލާއިރު ޒުވާނުންގެ ކުރިމަތީ ބޮޑެތި ގޮންޖެހުންތަކެއް ވެސް އެބަހުއްޓެވެ. މިގޮތުން ފާހަގަ ކުރެވޭ އެއްކަމަކީ އިސްލާމްވަންތަކަށް ނެތް ސަގާފަތްތަކާއި ފިކުރުތައް ޒުވާނުންގެ ތެރޭގައި ފެތުރެން ފެށުމެވެ. ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި ފަތުރުވެރިކަން ފުޅާވުމުގެ ސަބަބުން ގައުމު މިއަދު މިވަނީ ބޭރު ދުނިޔެއަށް ވަރަށް ބޮޑަށް ހުޅުވިފަ އެވެ. މީގެ ނަތީޖާ އަކީ ތައުހީދުގެ އަގީދާ ބީވެގެން ދިއުމެވެ. ބީރައްޓެހި ސަގާފަތްތަކަށް އަހުލުވެރި ވުމެވެ. ދީނުގެ ނަމުގައި އިސްލާމީ ސަގާފަތާ ދުރު ހަރުކަށި ފިކުރުތައް ފަތުރައި ހަރުކަށި އަމަލުތައް ހިންގުމެވެ. މިކަމަށް އޮތް އެންމެ ފުރަތަމަ ހައްލަކީ ކަންކަން ވަރަށް ފުންކޮށް އަލިގަދަ ދަލީލުތަކާ އެކުގައި ދެނެގަނެގަތުމެވެ. އަދި އެއިން ކޮންމެ ކަމެއް އިސްލާމީ ހަމަތަކާއި އުސޫލުތަކުގެ މަތީ އަޅައިކިޔައި ވަޒަން ކުރުމެވެ. އެހެނީ ﷲގެ މަގަށް ގޮވާލަން ޖެހެނީ އަލިގަދަ ދަލީލުތަކެއްގެ މަތީ ތިބެ އެވެ. (ޔޫސުފު 108) މިގޮތަށް ކަންކުރުމަކީ އެއްވެސް ހާލެއްގައި ބޭރު ދުނިޔެއާ ގުޅުން ކަނޑާލުމެއް ނޫނެވެ. އެކަމަކު އޭގެ ބޭނުމަކީ އެހެން މީހުންގެ ފަރާތުން ވެސް ކަންކަން ދަސްކޮށް ކޮޕީ ކުރިޔަސް އިސްލާމީ މިންގަނޑުތަކުގައި ސާބިތުވެ ތިބެ ސުމޭކު ވަސީލަތްތަކުގެ ފައިދާ ނަގައިގެން ސަގާފަތް ފެތުރުމެވެ. 

ދެވަނަ ގޮންޖެހުމަކީ، އިގުތިސާދީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހުމެވެ. ބައެއް ރަށްތަކުގައި ބިމުގެ ދަތިކަން އޮތުމާ އެކު، ބޯހިޔާވަހިކަމެއް ހޯދޭނެ ފަދަ ތަނަވަސް ކަން ބައެއް ޒުވާނުންނަށް ކުރިމަތިވެފައި ވުމެވެ. ހަމަ މިއާ އެކު، ވަޒީފާތަކާއި މަސައްކަތްތަކުގެ ފުރުސަތުތައް ހަނިވުމުން ދިރިއުޅުމުގެ ހަރަދުބަރަދު ބަލަހައްޓަން ދަތިވެއެވެ. މިހެންވެ ބައެއް ޒުވާނުންނަށް ކައިވެނީގެ ފުރުސަތުތައް ހޯދަންވެސް އުނދަގުލެވެ. ނަމަވެސް ނަބަވީ އިރުޝާދަށް ބަލާއިރު އެނގިގެން ދަނީ ކޮންމެ މުސްލިމަކު ވެސް ގަދައަޅައި މަސައްކަތް ކުރަން ޖެހޭ ކަމެވެ.

ނަމާދުކޮށް އަވަދިވެގެން ބިމުގެ އެތަންމިތަނަށް ދަތުރުކޮށް ﷲ ގެ ރިޒުގު ހޯދަން ގަދައަޅަން ޖެހޭ ކަމެވެ (އަލްޖުމްޢާ 10). ކޮންމެހެން ވަކި ތަނަކުން ވަޒީފާއެއް ނުވަތަ މަސައްކަތެއް ހޯދަން ހުންނަން ނުޖެހޭނެ ކަމެވެ. އެހެނީ ﷲ އަންގަވަނީ "ބިމުގައި" ފެތުރި ދިއުމަށެވެ. އެހެންކަމުން އަމިއްލައަށް އިސްނަގައިގެން އަމިއްލަ މަސައްކަތެއް ވިޔަސް ކުރަންޖެހޭނެ އެވެ. އަދި މަސައްކަތްތައް ދަސްކުރަންޖެހޭނެ އެވެ. ގަދައަޅައި މަސައްކަތް ކުރާއިރު ﷲ އަށް ވަކީލު ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. އެހެނީ ކޮންމެ މަސައްކަތެއްގެ ނަތީޖާ ގެނެސްދެއްވާ ފަރާތަކީ ﷲ ކަމުގައި ވާތީ އެވެ. ވީމާ ސަބަބުތަކުގައި ހިފައި މަސައްކަތް ކުރުމަށް ފަހު ނަތީޖާ ﷲ އަށް ދޫކޮށްލަން ޖެހެ އެވެ. ﷲ އަންގަވަނީ ބިމުގައިވާ އެއްވެސް ދިރޭ އެއްޗަކަށް އޭގެ ރިޒުގު ނުލިބޭ ގޮތަށް އެކަލާނގެ ލައްވަވާފައި ނުވާ ކަމަށެވެ. އެހެންކަމުން ﷲ އަށް އިތުބާރު ކުރަން ޖެހެ އެވެ. އަދި ހަމައެއާ އެކު، ގަދައަޅައި ކުރާ މަސައްކަތަކީ ބަރާބަރަށް ފުރިހަމައަށް ކުރާ މަސައްކަތަކަށް ވެސް ވާން ޖެހެ އެވެ. ނަބިއްޔާ ﷺ ބަޔާން ކުރައްވަނީ ކަންކަން ފުރިހަމަކޮށް ކުރުމަކީﷲގެ ލޯބިވެވޮޑިގަތުން ލިބޭނެ ކަމެއް ކަމުގަ އެވެ. 

ތިންވަނަ ގޮންޖެހުމަކީ، ސުމޭކީ ވަސީލަތްތައް ދުޅަހެޔޮކޮށް ބޭނުން ނުކުރެވުމެވެ. މިކަމުގައި ބޮޑެތި މީހުންނާއި ކުޑަކުދިން ބައިވެރިވިޔަސް މީގެ ނުރައްކާތެރި މިންވަރު އެންމެ ބޮޑަށް އޮތީ ހަމަ ޒުވާނުންގެ މެދުގަ އެވެ. އެތައް ވަގުތެއް ބޭކާރު ކުރެވެއެވެ. ލޮލަށާއި ހުޅުތަކަށާއި އެ ނޫން ގުނަވަންތަކަށް ގެއްލުން ދެވެ އެވެ. ފުރިހަމަ ނިދިން މަހުރޫމުވެ އެވެ. އިޖުތިމާއީ ގުޅުންތައް ވަރަށް ބޮޑަށް ހީނަރުވެ އެވެ.

ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި އުނގެނުމަށް ނޭދެވޭ އަސަރު ކުރެ އެވެ. ހަނގާކުރުމާއި އޮޅުވާލުމުގެ މަޚިތަކުގައި ޖެހެވެ އެވެ. އިސްލާމް ދީން ހުއްދަ ނުކުރާ އެތައް މަންޒަރުތަކެއް ބަލައި އެތައް އަޑުތަކެއް އަހައި މީހާ ފާސިގުވެ ފާހިޝް ކަންކަމަށް މަގުފަހިވެ އެވެ. މިފަދަ ހުރިހާ ކަންކަމެއްގެ ނަތީޖާއެއްގެ ގޮތުން ނަފުސާނީ ދުޅަހެޔޮކަން ވެސް އެންމެފަހުން ގެއްލިދެ އެވެ. މާތްވެގެންވާ އިސްލާމް ދީނުގައި މިކަމަށް އޮތް އެންމެ މޮޅު ފަރުވާއަކީ އިސްލާމީ ޝަރީއަތުގެ މައިގަނޑު މަގުސަދުތައް ދަމަހައްޓަން މަސައްކަތް ކުރުމެވެ.

މިގޮތުން ފުރާނަ އާއި ބުއްދި ސަލާމަތް ކުރަން ޖެހެ އެވެ. އަމިއްލަ އަތުން އަމިއްލަ ނަފުސު ހަލާކުގެ ތެރެއަށް އެއްލާލުމަކީ ބޮޑު ފާފައެކެވެ. ވީމާ ނަފުސު އަލުން ތަރުބިޔަތު ކުރަން ޖެހެ އެވެ. މިކަމަށްޓަކައި މިސްކިތްތަކާއި ތައުލީމީ މުއައްސަސާތަކާއި ޒުވާނުންގެ މަރުކަޒުތަކުގެ ދައުރު ފުޅާކޮށް، ރަނގަޅު މާހައުލެއް ގާއިމުކޮށްދޭން ޖެހެ އެވެ. އަދި ކުޅިވަރާއި މުޖުތަމައަށް ފައިދާހުރި ކަންކަމުގައި ޒުވާނުންގެ ހަކަތަ ބޭނުންކުރަން ޖެހެ އެވެ.