ޚިޔާލު / ދީން

ފިތުނަތަކުގެ މި ޒަމާނުގައި ޒުވާނުންގެ އީމާންކަން އަނބުރާ ގެނައުން

މިދިޔަ ރޯދަމަހުގެ ދުވަހެއްގައި ޒުވާނަކު އޭނާގެ ދަރިފުޅު ގޮވައިގެން އިސްލާމީ މަރުކަޒުގައި ގުރުއާން ކިޔަވަނީ: ﷲ އަށް އަޅުވެތިވުން މަތީ ބޮޑުވަމުން އަންނަ ޒުވާނުންނަކީ އާޚިރަތުގައި ވަރަށް މަތިވެރި ދަރަޖައެއް ލިބިގެންވާ ބައެއްކަން ރަސޫލާ ހަދީސް ކުރައްވާފައިވޭ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އީމާންކަމާއި ދީންވެރިވުމާއި އަހުލާގުގައި މުސްލިމް މުޖުތަމައުތަކުން މިއަދު ފެންނަނީ ހިތާމަވެރި މަންޒަރެކެވެ. ތަފާތު ވަސްވާސްތަކާއި ޝަހުވަތްތަކާއި ޝުބުހަތްތަކުން މުޖުތަމައުތައް ވަނީ ފުރިފަ އެވެ. ވަކިން ހާއްސަކޮށް މުޖުތަމައުގެ ޙަޟާރަތު ބިނާކުރަން ތިބި ޒުވާނުންނަށް މި ކަންކަމުގެ އަސަރު ފޯރާލެއް ވަކިން ބޮޑެވެ. މި ހަގީގަތްތަކުގެ އަލީގައި އުފެދޭ ސުވާލަކީ، މި ޒުވާނުންގެ އަދި އާންމުކޮށް އެންމެންގެ ހިތްތަކަށް އީމާންތެރިކަން އަނބުރާ ގެނެސްދޭނީ ކިހިނަކުންތޯ އެވެ؟ މީސްތަކުން ސީދާ މަގަށް ގެނެސް ﷲ އަށް ބިރުވެތިވާ ބަޔަކަށް ހދާނީ ކިހިނެއް ހެއްޔެވެ؟

އިސްލާމްދީނުގައި ޒުވާނުންނަށް ދޭ އަހަންމިއްޔަތު

އިސްލާމް ދީނުގައި ޒުވާނުންނަށް ވަރަށް ބޮޑު އަހަންމިޔަތުކަމެއް ދެ އެވެ. އެ މީހުންނަކީ މުޖުތަމައު އިސްލާހު ކުރުމަށްޓަކައި މުޖުތަމައު ބަދަލުކޮށްލާ ހަރަކާތްތެރިން ކަމުގައި ހަދަން ބޭނުންވެ އެވެ. ކީރިތި ރަސޫލާ ﷺ އާއި ސަހާބީންގެ ސީރަތަށް ބަލައިލުމުން ފާހަގަވާ އެއް ކަމަކީ އެބޭކަލުންގެ ތެރޭގައި ޒުވާނުންގެ ގިނަ ކަމެވެ. ޒުވާނުންގެ އީމާންތެރިކަން ވަރުގަދަ ވުމަކީ ﷲ ގެ ތައުރީފު ލިބޭ ކަމެކެވެ. ކަހަފު ބައިގައިގެ މީހުންގެ ވާހަކަ ބަޔާން ކުރައްވާފައި ވަނީ އެބައިމީހުންނަކީ ﷲ އަށް އީމާންވެ ﷲ ގެ ހިދާޔަތު އެބަޔަކަށް އިތުރު ކުރެވިގެން ދިޔަ ޒުވާން ފިރިހެނުންތަކެއް ކަމުގަ އެވެ (އަލްކަހްފު 13).

އެ ޒުވާނުން ސާބިތުވެ ތިބީ ވަރަށް ބޮޑު ފިތުނައެއްގެ ކުރިމަތީގަ އެވެ. ﷲ އަށް އަޅުވެތިވުން މަތީ ބޮޑުވަމުން އަންނަ ޒުވާނުންނަކީ އާޚިރަތުގައި ވަރަށް މަތިވެރި ދަރަޖައެއް ލިބިގެންވާ ބައެއްކަން ނަބިއްޔާ ﷺ ބަޔާން ކުރައްވާފައި ވެ އެވެ (ބުޚާރީ އާއި މުސްލިމް). އެއީ ﷲ ގެ ޢަރުޝީގެ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުލިބޭ ދުވަހު ﷲ ގެ އެ ހިޔާވަހިކަން ލިބޭ ހަތް ބާވަތުގެ މީހުންގެ ތެރެއިން އެއް ބާވަތެއް ކަމުގައި ވުމެވެ. މީހެއްގެ އީމާންތެރިކަން ވަރުގަދަކޮށް ސީދާ މަގުގައި ދެމިހުރުމަށް ގޮންޖެހުން އިތުރުވާ ހިނދު އެ މީހަކު ސާބިތު ވެއްޖެ ނަމަ ޖަޒާ ލިބުމުގައި އެތައް ދަރަޖައެއް މަތިވެރިވެގެން ދެއެވެ. އެހެންކަމުން މީގެ ފައިދާ ޒުވާނުން މިއަދު ހިފަން ޖެހެ އެވެ.

ޒުވާނުންނަށް މިއަދު ކުރިމަތިވާ ފިތުނަތައް

ފިތުނައޭ ބުނާ ބަހުގެ މުރާދަކީ ދިރިއުޅުމުގެ އިމްތިހާނުތަކެވެ. މި އިމްތިހާނުތަކުގައި އިންސާނާގެ އެދުންތައް ކޮންޓްރޯލުކޮށް، ޝައިތާނާގެ ވަސްވާސްތަކުން ސަލާމަތްވާން ވަރަށް އުނދަގޫވާނެ އެވެ. ފިތުނަތައް ގިނަވުމުގެ ސަބަބުން ޒުވާނުންގެ ހިތްތައް މިއަދު ވަނީ ﷲ އާ ދުރަށް ޖެހިފަ އެވެ. ދިރިއުޅުމުގެ ހަގީގީ މަގުސަދު ވަނީ އޮޅިފަ އެވެ. ވިސްނުންތައް ހުރީ އެކި އަތްއަތަށް ހޫރިހޫރި އެވެ.

މި ދެންނެވި ފިތުނަތަކުގެ އެއް ބާވަތަކީ، ޝަހުވަތްތަކާ ގުޅޭ ފިތުނަ ތަކެވެ. ޓެކްނޮލޮޖީގެ ވަސީލަތްތަކުން ވަދެވޭ ސަފުހާތަކާއި އިޖުތިމާއީ މަންސަތަކުން ފާހިޝް މަންޒަރުތައް ވަނީ އާންމުވެފަ އެވެ. ނުބައި މަގަށް މަގުފަހި ކުރުވާ ފަދަ ލަވަތަކާއި މިޔުޒިކު ވަނީ އާންމުވެފަ އެވެ. އެއްވެސް ހަމައެއްލަމައެއް ނެތި ދެ ޖިންސު މަސްހުނި ވެގެން އުޅުމަކީ އާދައިގެ ކަމެއް ކަމަށް ވަނީ ތަސައްވުރު ކޮށްދެވިފަ އެވެ.

ދެވަނަ ބާވަތަކީ، ޝުބުހަތްތަކާ ގުޅޭ ފިތުނަތަކެވެ. މީގެ ތެރޭގައި އިލްހާދީ ފިކުރުތަކާއި ކައުނުގެ އެންމެ މުހިންމު ހަގީގަތްތައް އިންކާރު ކުރުމާއި އިސްލާމީ އައިޑެންޑިޓީ އޮޅުވާލެވިފައި ވުން ފަދަ ކަންކަން ހިމެނެ އެވެ.

ފިތުނައިގެ ތިންވަނަ ބާވަތަކީ، ޣަފުލަތާ ގުޅޭ ފިތުނަތަކެވެ. މިގޮތުން ދުނިޔަވީ ހަޔާތުގައި ހަވާސާގައި ހިމެނޭ ކަންކަމަށް އިސްކަން ދީ، މުހިންމު ކަންކަމާ މެދު ވަނީ ޣާފިލުވެފަ އެވެ. އާޚިރަތަށް ވުރެ އިސްކަން ދެނީ ދުނިޔަވީ ހަޔާތަށެވެ. މި ހުރިހާ ފިތުނަތަކެއްގެ ކުރިމަތީ ޒުވާނުންގެ ހިތްތަކަށް އީމާންތެރިކަން އަނބުރާ ގެންނާނެ ގޮތްތަކެއް މިވަނީ ހޯދަން ޖެހިފަ އެވެ.

އީމާންތެރިކަން އަލުން އަނބުރާ ގެންނާނީ ކިހިނެއް؟

ފިތުނަތަކުގެ މި ޒަމާނުގައި ގޮންޖެހުންތައް ކިތަންމެ ގިނަވިޔަސް ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. އެއް ކަމަކީ، ﷲ ގެ އެއްކައުވަންތަކަމާއި އާޚިރަތް ދުވަހުގެ ހަގީގަތާ މެދު ހިތްތަކުގައި ކަށަވަރުކަން ވަރުގަދަ ކުރުމެވެ. މިކަމަށް އޮތް މަގަކީ އިންސާނާ ﷲ އަށް ރުޖޫއަ ވުމެވެ. މުސީބާތެއް ނުވަތަ ފިތުނައެއް މެދުވެރިވާ ހިނދު ކެތްކުރަން ދަސްވެއްޖެ ނަމަ އެ މީހަކަށް ﷲ އަށް ރުޖޫއަވާން ފަސޭހަވާނެ އެވެ. ﷲ ބަޔާން ކުރައްވާފައި ވަނީ ކެތްތެރިންނަކީ އެ މީހުންނަށް މުސީބާތެއް މެދުވެރި ވުމުން إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ އޭ ކިޔާ މީހުން ކަމަށެވެ (އަލްބަޤަރާ 156). މިއީ ﷲ އަށް ތިމާ ރުޖޫއަވާ ކަމުގެ އިއުތިރާފެކެވެ. މި އިއުތިރާފާ އެކު ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ދުނިޔެއަކީ އިމްތިހާނުގެ ދާރެއް ކަމެވެ. ހަގީގީ ކާމިޔާބު އޮތީ އުޚުރަވީ ހަޔާތުގައި ކަމެވެ. އެހެންކަމުން މިއީ ފިތުނައިން ސަލާމަތްވާން ލިބޭ ފުރުސަތެކެވެ.

މިދިޔަ ރޯދަމަހުގެ ދުވަހެއްގައި ދެ ޒުވާނަކު އިސްލާމީ މަރުކަޒުގައި އަޅުކަމަށް މަސްއޫލުވެގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު

ދެވަނަ ކަމަކީ، ހެޔޮލަފާ މީހުން އެކުވެރިން ކަމުގައި ބެލުމާއި އެންމެ ހެޔޮ ނަމޫނާތައް ކޮޕީ ކުރުމެވެ. ރަސޫލާ ﷺ ހަދީސް ކުރައްވަނީ މީހެއްގެ ދީންވެރިކަން ބަލަން ބޭނުން ނަމަ އޭނާ އެކުވެރިކަން އުފައްދަނީ ކޮން ބަޔަކާތޯ ބެލުމަށެވެ. (އައްތިރުމިޛީ). އިސްލާމް ދީން ވަނީ ރިވެތި ނަމޫނާތައް ދައްކައިދީފަ އެވެ. އެންމެ ހެޔޮ ނަމޫނާ އަކީ ނަބީންނެވެ.

ތިންވަނަ ކަމަކީ، ޒުވާނުން ކީރިތި ޤުރްއާނާއި އަޅުކަމަށް ދޯޅު ކުރުވުމެވެ. ޤުރްއާނަކީ ހިތްތައް ސާބިތު ކުރުމަށް އޮތް އެންމެ މުހިންމު ވަސީލަތެވެ (އަލްފުރުޤާން 32). ހަމައެފަދައިން އަޅުކަމަކީ ތަގުވާވެރި ކުރުވައި ނަފްސު ތަހުޒީބު ކުރުވާ ކަމެކެވެ. އެހެންކަމުން ފަރުޟު ނަމާދުތައް އޭގެ ވަގުތުގައި ކުރުމަށާއި ސުންނަތް ނަމާދުތައް ގިނަ ކުރުމަށާއި ކޮންމެ ދުވަހަކު ވެސް ޤުރްއާނުން މިންވަރެއް ކިޔެވުމަށާއި ޒިކުރުތައް ކުރުމަށާއި ފަރުޟު ރޯދައިގެ އިތުރުން ސުންނަތް ރޯދަތައް ހިފުމަށް އާދަ ކުރުވަން ޖެހެ އެވެ.

ހަތަރުވަނަ ކަމަކީ، ދީނީގޮތުން ޒުވާނުން ހޭލުންތެރި ކުރުވައި ޝުބުހަތްތަކުގެ ހަގީގަތް ހާމަކޮށްދިނުމެވެ. ދީނީ އިލްމު އެނގުމަކީ ﷲ އެ މީހަކަށް ހެޔޮގޮތް އިރާދަކުރައްވާ ކަމުގެ ހެއްކެކެވެ. (މުއްތަފަގު). ވީމާ ދީނީ ދަރުސްތައް ގިނަކޮށް މީޑިއާގެ ވަސީލަތްތަކުން ޒުވާނުންނަށް އަމާޒުކޮށް ފަސޭހައިން ދޭހަވާ ގޮތަށް ދީން ހުށަހަޅައިދޭން ޖެހެ އެވެ.

މުސީބާތެއް ނުވަތަ ފިތުނައެއް މެދުވެރިވާ ހިނދު ކެތްކުރަން ދަސްވެއްޖެ ނަމަ އެ މީހަކަށް ﷲ އަށް ރުޖޫއަވާން ފަސޭހަވާނެ އެވެ.

ފަސްވަނަ ކަމަކީ، މުނިފޫހިފިލުވަން ގިނަ ވަގުތު ގެއްލުވާ ނުލައި އަޅުކަމާއި ދިރިއުޅުމުގެ މަސައްކަތްތަކާއި އުނގެނުމަށް ވަގުތު ހޭދަކުރަން އާދަ ކުރުވުމެވެ. މުނިފޫހިފިލުވަން ވަގުތުކޮޅެއް ނެގިޔަސް ހުއްދަ ނޫން ކަންކަމުގެ ތެރެއަށް ދިޔަ ނުދިނުމެވެ.

ހަވަނަ ކަމަކީ، ނަބީންނާއި ރަސޫލުންނާއި ހެޔޮލަފާ މީހުންގެ ވާހަކަތަކުން އިބުރަތާއި ފިލާވަޅުތައް ދަސްކޮށްދިނުމެވެ. ކީރިތި ޤުރްއާނުގައި މީގެ ވާހަކަތައް ގިނަ އެވެ. މި ވާހަކަތަކުން އިބުރަތް ލިބޭނެކަން ﷲ ބަޔާން ކުރައްވާފައި ވެ އެވެ (ޔޫސުފް 111). ވީމާ ޒުވާނުންނަށް ޝައުގުވެރިވާ ގޮތަށް މި ވާހަކަތައް ހުށަހަޅައިދިނުން މުހިންމެވެ.

މުޖުތަމައު އާއި އާއިލާގެ ދައުރު

ޒުވާނުން ފިތުނައިން ސަލާމަތް ކޮށްދިނުމުގައި އާއިލާ އާއި މުޖުތަމައުން ވަރަށް މުހިންމު ދައުރެއް އަދާކުރަން ޖެހެ އެވެ. އާއިލާ އަކީ ޒުވާނުންގެ ބުއްދި އާއި ހިތާއި ނަފްސު ހާނުވަން އެންމެ ފުރަތަމަ ފަށާ އަދި ބޮޑުވަންދެން މި ތަރުބިޔަތު ލިބޭ ތަނެވެ. އެހެންވެ ޒުވާނުން އެންމެ ރަނގަޅަށް ބައްޓަން ކުރުވޭނީ އާއިލާ އަށެވެ.

ވީމާ އާއިލާ އަކީ ޒުވާނުންނަށް ފިތުނައިގެ މާހައުލަކަށް ހަދައިގެން ނުވާނެ އެވެ. އާއިލާ އަށް ފަހު މުޖުތަމައުން މަދަރުސާތަކުގެ މަންހަޖު ބިނާ ކުރަންވާނީ ޒުވާނުން އީމާންކަން މަތީ ބައިތިއްބައި ފިތުނަތަކުން ދުރުހެލި ކުރުވާ ގޮތަށެވެ. މުޖުތަމައުން މީޑިއާގެ ވަސީލަތްތަކާއި މިސްކިތްތަކާއި އިލްމުވެރިންނާއި މަދަނީ ޖަމްއިއްޔާތަކާއި ވިޔަފާރިވެރިންނާއި ދައުލަތުގެ މުއައްސަސާތަކުން ވެސް ޒުވާނުން ފިތުނަ އަށް ހުށަހެޅިދާނެ އެއްވެސް ކަމެއް ނުކުރުން ވަރަށް މުހިންމެވެ.

އެންމެން ވެގެން މަސައްކަތް ކުރަން ޖެހޭނީ ޒުވާނުން ފިތުނަތަކުން ދުރުހެލިކޮށް ހެޔޮ ލަފާ ޖީލެއް ބިނާ ކުރުމުގައި ގުރުބާން ވުމަށެވެ. މިކަމަކީ ފަސޭހަ ކަމަކަށް ނުވިއަސް މިއީ މުސްތަހީލު ކަމެއް ނޫނެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 20%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 60%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަރާހަތު

20 April 2025

އަންހެނުންނަށް ވެސް އަޅުކަން ކޮށްލާނެ ހިތްގައިމު ތަންތަން ހަދާދީބަލަ. އޮފީހުގައި މަސައްކަތް ކުރާއިރު ކައިރީގައި ނަމާދު ކުރަން ދަަނެ ހިތް ފަސޭހަ ތަނެއް ހުންނަ ނަމައޭ ހިތަށް އަރާ. ގޭތެރޭ މީހުން ގިނަ ކަމުން އަޅުކަމަށް ހުސްވާން ވ އުނދަގޫ. ގެ ކައިރި މިސްކިތުގެ އަންހެނުންގެ ބައި ހުންނަނީ ވަރަށް ބެދިފަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454