އިޖުތިމާއީ އިގުތިސާދީ ސިޔާސީ ބަދަލުތަކާ އެކު ދިރިއުޅުމަށް ލުއިފަސޭހަތަކެއް ލިބުނަސް އެއާ އެކުގައި ކަންބޮޑުވެ ހާސްވެ ފިކުރު ކުރަންޖެހޭ ކަންތައްތަކާ ވެސް ކުރިމަތިލާން ޖެހެ އެވެ. ވަކިން ހާއްސަކޮށް މީހުން ގިނައިން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުގައި ދިރިއުޅޭނެ ތަނެއް ނުލިބުމާއި ހަރަދުތައް ބޮޑުވުމާއި ވަޒީފާގެ ފުރުސަތުތައް ހަނިވުން ފަދަ ކަންކަމާ މެދު ފިކުރުބޮޑުވާން ޖެހިދެ އެވެ. 

މި ކަންކަމުން ސަލާމަތްވާނެ މަގުތައް ނުފެންނަ ނަމަ ފިކުރު ކުރުން މަތީ ދެމިތިބެވެ އެވެ. މިގޮތުން ނަފުސާނީ ސިއްހަތަށް (މެންޓަލް ހެލްތަށް) ވަރަށް ބޮޑު އަސަރެއް ކުރެ އެވެ. މިއީ ފަރުވާ ބޭނުންވާ ކަމެކެވެ. މާތްވެގެންވާ އިސްލާމްދީނުގައި މިކަމަށް ވެސް މުހިންމު އިރުޝާދުތަކެއް ދީފައިވެ އެވެ. 

އިސްލާމީ އިރުޝާދުތަކުން ޖަޒުބާތުތައް ކޮންޓްރޯލު ކޮށްދޭ 

އިސްލާމީ ނަޒަރުން އިންސާނާއަކީ ހަމައެކަނި ޖިސްމާނީ މަޚުލޫގެއް ނޫނެވެ. އެކަމަކު އެއީ ޖިސްމަކާއި ރޫހަކާއި ނަފުސެއް އެކުލެވޭ ފަރާތެކެވެ. އެހެންކަމުން އިސްލާމްދީނުގައި މި ތިންބަޔަށް ވެސް ވަރަށްބޮޑު އަހަންމިއްޔަތެއް ދީފައި ވެ އެވެ. މި އަހަންމިއްޔަތުގައި ހުރިހާ ބައެއްގެ މެދުގައި ވަޒަން ހަމަކޮށްފައި ވެސް ވެ އެވެ. 

ކީރިތި ޤުރްއާނުގައި އިންސާނާގެ ނަފްސު ތަހުޒީބު ކުރުމުގައި ތަފާތު ތިން ދަރަޖައެއްގައި ސިފަކުރެވިފައި ވެ އެވެ. މިތަނުން އެންމެ ދަށު ދަރަޖަ އަކީ އަމިއްލަ ނަފުސަށް ނުބައިކަންކަމަށް އަމުރު ކުރާ ނަފުސުގެ ދަރަޖަ އެވެ. މި ދަރަޖައިގައި ހުރެއްޖެ ނަމަ ޖިސްމާނީ ބައެއް ބޭނުންތައް ފުދުނަސް ރޫހާނީ ގޮތުންނާއި ނަފުސާނީ ގޮތުން ހުންނާނީ ދަށު ދަރަޖައެއްގަ އެވެ.

ދެވަނަ ދަރަޖައަކީ އަމިއްލަ ނަފްސު ކުށްވެރިކުރާ ނަފުސެވެ. މި ދަރަޖައިގައި ހުންނައިރު އެދުންތައް ފުއްދުމުގައި ކޮންޓްރޯލުކުރަން ދަސްކުރާނެ އެވެ. ނަމަވެސް ނަފުސުގެ އެދުންތަކާއި ޝައިތާނީ ވަސްވާހުގެ ސަބަބުން ބައެއް ފަހަރު ކުށް ކުރެވޭނެ އެވެ. އެކަމަކު، ކުށް ކުރެވުމުން އެކަމާ ދެރަވެ ހިތާމަކޮށް ތައުބާވާނެ އެވެ. މިއީ ނަފުސަށް ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ. ނަމަވެސް ކުށް ކުރެވޭތީ އަބަދު ހަމަޖެހުމެއް ނުލިބޭނެ އެވެ.

ނަފްސުގެ ތިންވަނަ ނުވަތަ އެންމެ މަތީ ދަރަޖައަކީ ހަމަޖެހުން ލިބިގެންވާ ނަފުސެވެ. މިފަދަ ނަފްސުތައް ވަރަށް ޠާހިރުވާނެ އެވެ. ކުށްތަކަށް އަރައިގަތުމެއް ނޯންނާނެ އެވެ. ނަތީޖާއެއްގެ ގޮތުން ހުންނާނީ ވަރަށް ހިތްހަމަ ޖެހުމުގަ އެވެ. ނަފުސާނީ ފުރިހަމަ ސިއްހަތެއްގެ މަތީގަ އެވެ. 

ނަފްސުގެ ދަރަޖަތަކުގައި ތަރައްގީވުމުން ނަފުސާނީ ސިއްހަތު ފުރިހަމަކޮށްދޭ ފަދައިން އިސްލާމްދީނުގައި އިންސާނާގެ ބާއްޖަވެރިކަން ދެ ދުނިޔެއަށް އަމާޒުކޮށްފައި އޮތުމަކީ ވެސް ނަފުސާނީ ސިއްހަތަށް ލިބޭ ކުރިއެރުމެކެވެ. މިގޮތުން އިންސާނާ އުހުރަވީ ހަޔާތް ކާމިޔާބު ކުރުމަށް ކަނޑައެޅިފައިވާ ކަންކަން ފުރިހަމަ ކުރުމަކީ ހަގީގަތުގައި ދުނިޔަވީ ހަމަޖެހުން ވެސް ގެނެސްދޭ ކަންކަމެވެ. މިސާލަކަށް އަގީދާގެ ގޮތުން އުހުރަވީ ހަޔާތެއް ވާކަން ގަބޫލު ކުރުމާއި އެ ހަޔާތް ކާމިޔާބު ކުރަން މަސައްކަތް ކުރެވުމުން ހިތްހަމަޖެހުން ލިބެ އެވެ. ދިރިއުޅުމުގެ ހަޔާތުގެ ބޭނުންތައް ފުއްދުމަށްޓަކައި ސަބަބުތަކުގައި ހިފައިގެން މަސައްކަތް ކުރުމަށް ފަހު، ނަތީޖާ ﷲ އަށް ދޫކޮށްލުމުން (ވަކީލު ކުރުމުން) ނަތީޖާ ކޮންމެ ގޮތަކަށް އަޔަސް އެ ނަތީޖާއަށް ރުހި ގަބޫލުވެވެ އެވެ. މިއީ ނަފުސާނީ ގޮތުން ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. މި ތަނުގައި ހަގީގަތުގައި ރުހެނީ ﷲގެ މިންވަރުފުޅަށެވެ. ނަމަވެސް އެ ނަތީޖާ އައުމަށް މެދުވެރިވި ސަބަބުތަކާ މެދު ވިސްނައި ކުރިއަށް އޮތް ތަނުގައި ކަންކަން ރަނގަޅު ކުރާނެ އެވެ. މީގެ ނަތީޖާއަކީ ކުރިއަށް އޮތްތަނުގައި ނަތީޖާ ރަނގަޅުވުމެވެ. އޭރުން ނަފުސަށް އިތުރު ހަމަޖެހުން ގެނެސްދޭނެ އެވެ. ކިތަންމެ ދަތިހާލެއްގައި އުޅެން ޖެހުނަސް އެ އަށް ރުހިގެން ﷲ އަށް ޝުކުރުކޮށް އަދި ﷲ ގެ ރަހުމަތަށް އުންމީދު ކޮށްގެން ބުރަކޮށް މަސައްކަތް ކުރާނެ އެވެ. 

ނަފުސާނީ ސިއްހަތުގައި އީމާންކަމާއި ޒިކުރުކުރުމާއި ނަދާމުގެ ދައުރު

ބިމުގައި ވިއަސް އަމިއްލަ ނަފުސުގައި ވިއަސް ދިމާވާ ކޮންމެ މުސީބަތަކީ އަޒަލުއްސުރެ ލިޔެވިފައިވާ ކަމެއް ކަމަށް މުސްލިމަކު ނަމަ ގަބޫލުކުރާނެ އެވެ (އަލްޙަދީދު 22). ނަމަވެސް މިގޮތަށް ލިޔެވުމުގައި ﷲގެ މުތުލަގު އިރާދަ އާއި ހިކުމަތްވަންތަ ކަމުގެ އިތުރަށް އިންސާނުންނަށް ﷲ ދެއްވާފައިވާ އިހުތިޔާރުގެ ދަށުން ކުރާ ކަންކަމާއި ކައުނުގައި ﷲ ލައްވަވާފައި އެހެން އިލާހީ ތަބީއީ ގާނޫނުތަކަކީ މި ނަތީޖާގެ ސަބަބުތަކުގެ ގޮތުގައި ވެދާނެ ކަމަށް ވެސް ގަބޫލުކުރާނެ އެވެ. އެހެނީ ﷲ ގެ އިރާދަކުރެއްވުން ރޭވިފައިވަނީ ކައުނުގައިވާ އިލާހީ ތަބީއީ ގާނޫނުތަކާ އެއްގޮތަށް ކަމަށް ވާތީ އެވެ. މި ހުރިހާ ގަބޫލުކުރުމެއްގެ ނަތީޖާއަކީ ﷲގެ މިންވަރުފުޅަށް ރުހި ގަބޫލުވުމެވެ. ނިމިދިޔަ ކަންކަމާ މެދު ދެރަވެ ހިތާމަ ނުކުރުމެވެ. އަދި އަންނަން އޮތް ކަންކަމާ މެދު ބޮޑާނުވުމެވެ (އަލްޙަދީދު 23). 

ﷲ އަށް އީމާންވުމާއެކުގައި ޒިކުރު ކުރުމަކީ ވެސް ހިތަށް ހަމަހިމޭންކަމާއި ނަފުސަށް ހަމަޖެހުން ގެނެސްދޭ އެންމެ މުހިންމު އެއް ކަންތަކެވެ (އައްރަޢުދު 28). ސަބަބަކީ ﷲ އަށް ތަސްބީހަ ކިޔައި ހަމްދުކޮށް އެއްކައުވަންތަކަން ކަށަވަރުކޮށް ތިމާގެ ބާރެއް ނެތްކަން ބަޔާންކޮށް ފާފަ ފުއްސެވުމަށް އެދުން ފަދަ ކަންކަން ކުރާއިރު އަބަދުވެސް އިންސާނާ ހުންނާނީ ﷲ ހަނދުމަކުރުން (ޒިކުރުކުރުން) މަތީގައި ކަމަށް ވާތީ އެވެ. ވަކިން ހާއްސަކޮށް މި ޒިކުރުތަކުގައި ކިޔޭ އެއްޗެއް އެނގިގެން ހިތުގެ ފުންމިނުން އޭގެ މާނަ ކަށަވަރު ކުރަމުން ޒިކުރު ކުރާ ނަމަ ހާސްވެ ކަންބޮޑުވާ ވަގުތުތަކުގައި ނަފުސަށް ފަސޭހަކަން ލިބޭނެ އެވެ. އެއީ ކަންބޮޑުވާ ހިނދު ލޭގެ ތެރެއަށް ފޮނުވާ ހޯމޯންތައް (މިސާލަކަށް ކޯޓިޒޯން ފަދަ ހޯމޯންތައް) އުފައްދާ މިންވަރު ދަށްކުރާނެތީ އެވެ. އަދި ސިކުނޑިއަށް ހަމަޖެހުން (މައިންޑްފުލްނަސް) ގެނެސްދޭނެތީ އެވެ. ނަތީޖާއަކީ ފިކުރު ބޮޑުވެ ހާސްވާ ފަދަ ފިކުރުތަކަށް މުސްތަގުބަލުގައި ފުރުސަތު ކުޑަވުމެވެ. 

ޒިކުރުގެ ތެރެއިން އެންމެ ހާއްސަ ޒިކުރަކީ ކީރިތި ޤުރްއާނެވެ. ޤުރްއާން ކިޔެވުމާއި ޤުރްއާނާއި ދުއާ އާއި ޒިކުރުތައް ކިޔުން ހިމެނޭ ނަމާދަކީ އިންސާނާގެ ނަފުސަށް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެސްދޭ އަޅުކަމެކެވެ. 

މިގޮތުން ވަގުތަށް ކަމޭހިތުމާއި ކަންކަން އިންތިޒާމީ ގޮތެއްގައި ގެންދިއުމަށް ދަސްވެ އެވެ. އަދި ދުވަހުގެ ބުރަ މަސައްކަތްތަކުން ދޭތެރެދޭތެރެއިން ހުސްވަގުތުކޮޅެއް ނަގައި ދުނިޔަވީ ހުރިހާ ފިކުރުތަކުން އެއްކިބާވެ ﷲ އާ އެކުގައި ވަރަށް ބޮޑަށް ފޯކަސްކޮގެން މުވާސަލާތު ކުރަން ފުރުސަތު ލިބެ އެވެ. މި މުވާސަލާތު ކުރުމުގައި ތިމާގެ ހުރިހާ ޖަޒުބާތުތަކެއް ބޭރުކޮށްލެވެ އެވެ. ޝަކުވާކުރުން އެންމެ އެކަށީގެންވާ ފަރާތުގައި ޝަކުވާ ދެންނެވެ އެވެ. ކަންކަން އިރާދަކުރައްވާ ފަރާތުގައި ކަންކަމު (ސީދާކޮށް ނޫނަސް) އެދެވެ އެވެ. 

މި ހުރިހާ ކަމެއްގެ ނަތީޖާ އަކީ ސިކުނޑިއަށާއި ހިތަށް އަރާމުދިނުމުގެ ފަރުވާއެއް (ރިލެކްސޭޝަން ރެސްޕޮންސް އެއް) ލިބުމެވެ. އަދި ކޮންމެ ނަމާދަކުން ވެސް ހަމަޖެހުމެއް ލިބުމުންދާ ނަމަ ނަމާދުކުރުމަށް އޮންނަ ނުތަނަވަސްކަން ކުޑަކޮށްދެ އެވެ. ތަކުރާރުކޮށް މިކަން ހިނގަމުން ދިއުމުން ނަމާދަކީ ހިތްހަމަޖެހޭ ކަމެއް ކަމުގައިވެ އެވެ. ނަފުސާނީ އިލްމުގެ ބަހުރުވައިން ނަމަ މި ރެސިޕްރޮކަލް އިންހިބިޝަން ގެ ސަބަބުން ނަމާދުން ކުރިން ހިތްހަމަޖެހުމެއް ނުލިބުނަސް ފަހުން މިއީ ވަރަށްބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭ ކަމަކަށް ވެ އެވެ.  

ނަފުސާނީ ސިއްހަތަށް ހުރި ގޮންޖެހުންތަކުން އަރައިގަތުން 

އިޖުތިމާއީ ބަދަލުތަކާ އެކުގައި އާއިލާތައް ވަކިވަކިން އަދި އާއިލާތަކުގެ މެންބަރު ވެސް ވަކިވަކިން އުޅެން ޖެހުމުން އެކަނިވެރިކަން އިހުސާސްކުރަން ޖެހޭ މީހުން މަދެއް ނޫނެވެ. އިގުތިސާދީ މައިދާނުގައި މަސައްކަތެއް ނުލިބުމުން ނުވަތަ ލިބޭ މަސައްކަތެއްގައި ވެސް ވަރަށް ބުރަކޮށް އުޅެން ޖެހުމުން ނުވަތަ ކުއްލިކުއްލިއަށް ދިމާވާ ކަންކަމާ ހުރެ ވަރަށްބޮޑަށް ނުތަނަވަސްކަން ކުރިމަތިވެ އެވެ. އަދި ދިރިއުޅުމުގެ ބޭނުންތައް ފުއްދަން ވަރަށް ގިނަބަޔަކު ނުކުޅެދުންތެރި ވެ އެވެ. އިގުތިސާދު ކޮށްގެން ދިރިއުޅެން ދަސްވެފައި ނެތީމާ ވަރަށް ގިނަ ފަހަރު ދަރަންޏަށް ވެސް ފައިސާ ނަގަން ޖެހެ އެވެ. މިފަދަ އެތައް ބައިވަރު ގޮންޖެހުންތަކެއް ނަފުސާނީ ސިއްހަތަށް މިއަދު ވަނީ މެދުވެރިވެފަ އެވެ. 

ނަފުސާނީ ފަރުވާދޭ ކުލިނިކުތަކުން މިކަމަށް ފަރުވާދެމުން ގެންދެ އެވެ. ނަމަވެސް އަހަރެމެން މުސްލިމުންނަށް ނަފުސާނީ ފަރުވާ ދިނުމުގައި އިސްލާމީ ނަފުސާނީ އިރުޝާދުތައް ލާމަހައިގެން ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން ގަބޫލުކުރުންތަކަށް ބަދަލު ގެނައުމުގެ ފަރުވާ (ސީ.ބީ.ޓީ) ކުރިއަށް ގެންދާއިރު ވެސް ވަކީލުކުރުމާއި ދުއާ ކުރުމާއި ކެތްތެރިވުމާއި މިންވަރަށް ރުހުމާއި އިޖާބީ ވިސްނުން ފަދަ އިސްލާމީ މަފްހޫމުތައް އޭގެ އެންމެ ސައްހަ ގޮތުގައި އޭގެ ތެރޭގައި ހިމަނަން ޖެހެ އެވެ. ނަމާދުގެ މުހިންމު ކަމާއި ނަމާދުގެ ހިކުމަތާއި ނަމާދު ކުރަންވީ އެންމެ ފުރިހަމަގޮތް ދަސްކޮށްދޭން ޖެހެ އެވެ. މިސްކިތްތަކުގެ ދައުރަކީ ހަމައެކަނި ނަމާދުކުރުމުގެ ބަދަލުގައި ނަފުސާނީ އިޖުތިމާއީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ތަންތަނަށް ހަދަން ޖެހެ އެވެ. މަތީ ތައުލީމުގެ ކޯސްތަކުގައި އިސްލާމީ ނަފުސާނީ ފަރުވާގެ އިރުޝާދުތައް ލާމަހަން ޖެހެ އެވެ. އާންމުންނަށް މިފަދަ އިރުޝާދުތައް ދެވޭނެ ހޭލުންތެރި ޕްރޮގްރާމްތައް ހިންގަން ޖެހެ އެވެ. އޭރުން ﷲ ގެ ވާގިފުޅާ އެކު ނަފުސާނީ ސިއްހަތަށް ދެވޭ ފަރުވާއަށް ކުރިއެރުމެއް ލިބޭނެ އެވެ.