ކޮލަމް ނުދައްކާ ވާހަކަ : ގައުމު އިސްލާހުކުރަން އެންމެ ފަސޭހަ ގޮތް

ގައުމުގައި ބޮޑެތި ސީރިއަސް މައްސަލަތަކެއް ހުރި ވާހަކަ އެއްބަޔަކު އެބަ ދައްކަ އެވެ. އަނެއް ބަޔަކު ބުނަނީ އެއީ ވެރިކަމުގެ ބޭނުމުގައި ކުރާ ހަގީގަތެއް ނެތް ތުހުމަތު ކަމަށާއި ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށެވެ. ގައުމު ހިންގުމާ ހަވާލުވެ ތިއްބެވި ބޭފުޅުން އެ ޔަގީންކަން އެބަ ދެއްވަ އެވެ. އެ ބޭފުޅުން އެ ވިދާޅުވަނީ ހުރިހާ ވިސްނުމެއް ހުރީ ތަރައްގީ ހާސިލުކުރަން ކަމަށާއި އެކަމާ ކަންބޮޑުވާ ބަޔަކު އުޅެގެން ނުވާނެ ކަމަށެވެ.


ރައްޔިތުން ބޭނުންވަނީ ތަރައްގީ އެވެ. އެކަމާ ދެބަސްވާނެ މީހަކު ނެތެވެ. ޚިލާފު އުފެދެނީ ތަރައްގީ ގެންނަން އުޅޭ ގޮތާ މެދުގަ އެވެ. ގާނޫނުތަކާއި ގަވާއިދުތައް އެއްފަރާތްކޮށް ވަކި ބަޔަކަށް ބޮޑެތި ފައިދާތަކެއް ލިބޭ ގޮތަށް އަދި ދިގު މުއްދަތުގައި ގައުމަށް ގެއްލުންވާ ގޮތަށް ކުރާ މަސައްކަތަށް ތަރައްގީގެ ނަމުގައި ކިޔަން ޖެހޭނީ އެހެން ނަމެކެވެ. މިފަދަ ކަމެއް ގައުމުގައި ހިނގާ ކަމަކަށް ނުވެ އެވެ. ހުރިހާ ކަމެއް ވެސް ކުރިއަށް ދަނީ ހަލުވި ދުވެލީގައި ބާރަށެވެ.

ދެން އޮތީ މި ހުރިހާ ކަމަކާ ގުޅުވައިގެން ދައްކާ ތުހުމަތުގެ ވާހަކަތަކެވެ. ނުވަތަ ހަމަ ހަގީގަތުގައި ވެސް ހުރި މައްސަލަތަކުގެ ވާހަކަ އެވެ. ވެރިކަމުގެ ފަރާތުން ވެސް ކަމާ ގުޅުން ހުރި "މިނިވަން" މުއައްސަސާތަކުން ވެސް ވަނީ ރާއްޖޭގެ ތާރީޚު ދެކެފައި ނުވާ ފަދަ ކޮރަޕްޝަނުގެ އަމަލުތަކެއް ހިނގައިފި ކަމަށް ބުނެފަ އެވެ. ކޮރަޕްޝަންގެ އަމަލުތައް ސާބިތުވެ އެކަމާ ގުޅުން ހުރި ދެތިން މީހަކަށް އަދަބު ވެސް ކަނޑައަޅައިފި އެވެ. "ނަސީބަކުން" ދައުލަތުން ކުރި މި ބޮޑު ވައްކަން ފެށެނީ ވެސް ނިމެނީ ވެސް ހަމަ ދެތިން މީހަކާ ހިސާބުން ކަމަށް ބުނެވެ އެވެ. އެ ހިސާބުން އެކަން އެ އޮތީ ނިމިފަ އެވެ. ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ވަން ތަންތަން އެނގުނު ކަމަކަށް ނުވެ އެވެ. އެ ބޭނުންކުރި ކަމަށް ވެސް މި ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އޭނާގެ އަރިސް ދެތިން މީހެކެވެ. ސަރުކާރަށް ކޮރަޕްޝަންގެ ތުހުމަތު ކުރަމުން ދަނިކޮށް ފަޅާއެރި ނުވަތަ ފަޅާ އަރުވާލި މި ކޮރަޕްޝަންގެ ވާހަކަ މިއަށް ވުރެ ބޮޑަށް ނުދެއްކީމާ އެއޮތީ ކޮރަޕްޝަންގެ މައްސަލަ ހައްލުވެފަ އެވެ.

ދައުލަތުގެ އެއްވެސް ބާރަކާ މެދު ސުވާލެއް އެބަ އޮތްހެއްޔެވެ؟ ސަރުކާރުން، ރައްޔިތުންގެ މަޖިލީހުން އަދި ޖުޑީޝަރީން ގޯސްކޮށް ކަމެއް ކުރާތަނެއް ނުފެންނާނެ އެވެ. ފެންނަ ނަމަ ތިއީ ގައުމު ދެކެ އެއްވެސް ލޯތްބެއް ހަމްދަރުދީއެއް ހުރި މީހަކަށް ނުވަނީ އެވެ. މިނިވަން މުއައްސަސާތަކަށް ވެސް ރައްޔިތުންގެ އިތުބާރު ބޮޑުކަމުން އެ ތަންތަނުގެ ވާހަކަ ދައްކާނެ މީހަކު ވެސް ނެތެއް ނޫން ހެއްޔެވެ؟

ކެނޑިނޭޅި އިވެމުން މި ދަނީ ތަރައްގީގެ ވާހަކަ އެވެ. ބިޔަ ޕްރޮޖެކްޓްތައް ކުރިއަށްދާ މަންޒަރު ވަށައިގެން އެބަ ފެނެ އެވެ. އެއިން އެއްވެސް ކަމަކީ ކޮރަޕްޝަނާ ނުވަތަ މަނީލޯންޑެރިންއާ ގުޅުން ހުރި ޕްރޮޖެކްޓްތައް ކަމަށް ތުހުމަތު ކުރާނެ ކަމެއް ނެތެވެ. މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އަމަލުކުރަން ޖެހޭ ގޮތް ގާނޫނުތަކާއި ގަވައިދުތަކުގައި ލިޔެފައި އޮތިއްޔާ ކުރިއަށް ދާނީ ހަމަ އެގޮތަށް ކަމަށް ބަލާށެވެ. ޝައްކު ކުރާ ނަމަ އެ މީހަކީ ތަރައްގީއަށް ހުރަސް އަޅާ މީހަކަށް ނޫނީ ނުވާނެ އެވެ. ތަރައްގީގެ މަގަށް ހުރަހަކަށްވާ ކޮންމެ މީހެއްގެ މޭގައި އަޅައި ކޮއްޕާލާނެކަން ހަނދާން ކުރާށެވެ. އެއީ ގައުމު ދެކެ ލޯބި ނުވާ، ވެރިކަމާ މެދު ހަސަދަވެރިވާ މީހުން ދައްކާ ވާހަކައެއް ނޫން ހެއްޔެވެ؟ އެކަހަލަ ވާހަކަ ދައްކައިގެން، ޝަކުވާ ކޮށްގެން އަނިޔާއެއް ލިބުނީމާ ދެން ކުރެވޭނެ ޝަކުވާއެއް ނޯންނާނެތާ އެވެ. ތަރައްގީގެ މިހާ ބޮޑެތި މަޝްރޫއުތަކެއް ހިންގި ދުވަސްވަރެއް ދައްކަބަލާށޭ ބުނީމާ ފާޑުކިޔާ މީހުންގެ އަނގަ ބެދޭނެ އެވެ.

ދައުލަތުގެ އެއްވެސް ބާރަކާ މެދު ސުވާލެއް އެބަ އޮތް ހެއްޔެވެ؟ ސަރުކާރުން، ރައްޔިތުންގެ މަޖިލީހުން އަދި ޖުޑީޝަރީން ގޯސްކޮށް ކަމެއް ކުރާތަނެއް ނުފެންނާނެ އެވެ. ފެންނަ ނަމަ ތިއީ ގައުމު ދެކެ އެއްވެސް ލޯތްބެއް ހަމްދަރުދީއެއް ހުރި މީހަކަށް ނުވަނީ އެވެ. މިނިވަން މުއައްސަސާތަކަށް ވެސް ރައްޔިތުންގެ އިތުބާރު ބޮޑުކަމުން އެ ތަންތަނުގެ ވާހަކަ ދައްކާނެ މީހަކު ވެސް ނެތެއް ނޫން ހެއްޔެވެ؟

އާންމުކޮށް ނުފެންނަ މަންޒަރުތަކާއި ހިނގާ ކަންކަމުގެ ވާހަކަ އާންމުންނާ ހިސާބަށް ތިލަވެގެން އަންނަނީ މީޑިއާގަ އެވެ. މީޑިއާއާ ހިސާބަށް އެ ވާހަކަތައް ގެނެސްދެނީ އެކި ދިމަދިމާލުގައި ތިބި ހިފި ނުހުންނަ ކޮންމެވެސް ބަޔަކު އެވެ. ބޭރަށް ފެންނަ މަންޒަރާއި ނުފެންނަ ހިސާބުގައި ހިނގާ ކަންކަމާ ދިމާ ނުވާ ފަހަރު ވެސް އަތުވެދާނެ އެވެ. އެކަމަކު އެ ވާހަކަތައް ކޮންމެހެން ދައްކަން ޖެހޭ ހެއްޔެވެ؟ ކަމެއް ގޯސްވީމާ އެކަމެއް ރަނގަޅު ކުރީމާ ނިމުނީ އެވެ. ރަނގަޅުކުރާނީ ކިހިނެއް ހެއްޔެވެ؟

ހައްލު ވަރަށް ފަސޭހަ އެވެ. މިގޮތަށް ގަބޫލުކުރާށެވެ. ސަރުކާރުން ގޯސްކޮށް ކަމެއް ކުރާ ކަމަށް ބުނާ މީހުން އެ ވާހަކަ ދައްކަނީ ވެރިކަމަށް ފެންބޮވައިގެންފައި ތިބޭތީ އެވެ. ކޮރަޕްޝަންގެ ވާހަކަ ދައްކާ މީހުން ވެސް ހިންގީ ކޮރަޕްޝަނެވެ. މީގެ ކުރިން މި ގައުމުގައި ނުހިނގާ ގޯސް ކަމެއް މުޅިން އަލަށް މި ގައުމަކު ނުވެސް ހިނގަ އެވެ. ސިޔާސީ އިދިކޮޅު ފިކުރުގެ މީހުން އަބަދުވެސް އުޅޭނީ ފިތުނަ އުފައްދާށެވެ. އެ މީހުން ގައުމަށް ހެވެއް ނޭދޭނެ އެވެ. އެ މީހުންނަށް ކުޑަ ނަމަވެސް ފުރުސަތެއް ދޭކަށް ނުޖެހޭނެ އެވެ. މީޑިއާގައި ސަރުކާރަށް ތުހުމަތެއް ކުރާ ނަމަ އެއީ ސަރުކާރާ ދެކޮޅު ނޫސްވެރިންގެ ވާހަކަ އެވެ. ރައްޔިތުންގެ ވިސްނުމެއް ނޫނެވެ. ރައްޔިތުންގެ ވިސްނުން ނަމަ ސަނާ ކިޔާ އަޑު ނޫނީ ނީވޭނެ ކަމަށް ގަބޫލުކުރާށެވެ. މިހާ ހިސާބުން އޮންނާނީ ހުރިހާ މައްސަލައެއް ހައްލުވެފަ އެވެ.

އެކަމަކު މައްސަލަތަކުގެ ވާހަކަ ނުދެއްކީމާ މައްސަލައެއް ނެތީ ކަމަށް ރައްޔިތުން ބަލައި ގަބޫލުކޮށްގެން ތިބޭނެ ކަމަށް ގަބޫލުކުރަންވީ ހެއްޔެވެ؟