ވިސްނާ! ނޫސްވެރިން ބަސްއަހާނެ ކަމެއް ނެތް!

ވައިޓް ހައުސް އިން އާއްމުކޮށް ދުވާލަކު އެއްފަހަރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ވަގުތުން ދެއްކުން މަނާކުރި ދުވަހެއްގައި އެމެރިކާގެ ޓީވީ ޗެނަލްތަކުން އެކަމާ ނުރުހުން ފާޅުކުރި އެވެ؛


"މިފަދަ މުހިއްމު ދުވަހެއްގައި، އެމެރިކާގެ ރައްޔިތުންނަށް މި ކަންތައް ވަގުތުން ފެންނަން އެ މީހުން ބޭނުން ނުވަނީ ކީއްވެގެންކަން އެއީ، ޚާއްސަކޮށް ވައިޓް ހައުސްގެ ކުރީގެ ކޮރެސްޕޮންޑެންޓެއްގެ ހައިސިއްޔަތުން، އަހަންނަށް ވަރަށް އާދަޔާޚިލާފު ކަމެއް،" ޕްރެސް ބްރީފިން ފެށިތަނާ ސީއެންއެން އިން ލައިވް ފީޑް ކަނޑާލުމުން ވާހަކަދައްކަން ފެށި އެންކަ ވުލްފް ބްލިޓްޒް ބުނެލި އެވެ.

"ނިއުސް ކޮންފަރެންސްތައް ކުރިއަށް ގެންދަން ޖެހޭނީ ލައިވްކޮށް،" ފޮކްސް ނިއުސްގެ ހޯސްޓް މާތާ މެކްކެލަމް ފާހަގަކުރި އެވެ.

އެހެން ދުވަހެއްގައި، ޕްރެސް ސެކްރެޓަރީގެ ޕްރެސް ބްރީފިންގެ ވީޑިއޯ ނުވަތަ އޯޑިއޯ ވެސް ނުނެގޭނެކަން އެންގި މައްސަލަ ހޫނުވެ، ތަޖުރިބާކާރު ބައެއް ނޫސްވެރިން ވަނީ މީޑިއާ އިން އެ ބައްދަލުވުންތައް ބޮއިކޮޓްކުރަން ގޮވާލައިފަ އެވެ. އޭގެ ތެރޭގައި އެމްއެސްއެންބީސީގެ ހޯސްޓް ޖޯއީ ރީޑް އާއި ސީއެންއެންގެ ސީނިއާ ވައިޓް ހައުސް ކޮރެސްޕޮންޑެންޓް ޖިމް އެކޯސްޓާ ހިމެނެ އެވެ. މީޑިއާއަކީ "ދުޝްމަނެއް" ކަމަށް ކަނޑައަޅުއްވައި، ކޮންމެ ފާޑުކިޔުމަކީ "ފޭކް ނިއުސް" ކަމަށް ވިދާޅުވުމުގެ އިތުރުން ވަކިވަކި ނޫސްވެރިންނަށް ތާއަބަދު ބަހުގެ ހަމަލާތައް ދެއްވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕްގެ ހަތުރުވެރިކަމުން އެމެރިކާގެ މީޑިއާ އަށް ކުރިމަތިވެފައިވާ ވަރުގަދަ އިމްތިހާނުގައި، އެކޯސްޓާގެ ސުވާލަކަށްވީ، މީޑިއާ އަށް ކުރިމަތިކުރާ ހުރަސްތައް ތަހައްމަލްކޮށްލައިގެން ނޫސްވެރިން ތިބެނީ ކީއްވެގެންތޯ އެވެ. މިއީ، ރާއްޖޭގައި ކަން ހިނގަމުންދާ ގޮތާ މެދު، ދިވެހި ނޫސްވެރިން ވެސް ފަހަރުގައި ކުރަން ޖެހިއްޖެ ސުވާލެކެވެ.

"މީޑިއާއާ ކުރިމަތިލާނެ ގޮތް ނޭނގެންޏާ ނުވަތަ އުނދަގޫ ސުވާލުތަކަށް ޖަވާބު ދެވޭ ފެންވަރު ނެތިއްޔާ އެ ގާބިލްކަން ހޯދަންވީ އެވެ. މީޑިއާގެ ދައުރާއި ނޫސްވެރިންގެ ޒިންމާ އަށް ހުރަސް އަޅަންވީއެއް ނޫނެވެ."

ސަރުކާރުން ގެންގުޅޭ، ހާމަކަމާއި ޖަވާބުދާރީވުން ކުޑަ ސަގާފަތުގައި "ޕްރެސް ކޮންފަރެންސް"ގެ މާނަ ވެސް އޮޅުވާލައިފި އެވެ. ނޫސްވެރިންނަކީ ބުދުތަކެއް ހެން ގޮނޑިތަކެއްގައި ބައިތިއްބައިގެން ސަރުކާރުން ދައްކަން ބޭނުންވާ ވާހަކައެއް ދައްކާފައި ފޮނުވާލަން ތިބޭ ބަޔަކަށް ހަދައިފި އެވެ. ނިއުސް ކޮންފަރެންސަކަށް ނޫސްވެރިން ދާނީ ސުވާލުކުރާށެވެ. މުހިއްމު ކަންކަމުގައި ނުވަތަ އެ ނިއުސް ކޮންފަރެންސެއްގައި ދައްކާ ވާހަކައަކާ ގުޅިގެން އާއްމުން ބޭނުންވާނެ ޖަވާބުތައް ހޯދާށެވެ. އެ ފުރުސަތު ބަންދުކޮށް، ސުވާލުކުރުން މަނާކުރުމަކީ ނިއުސް ކޮންފަރެންސެއްގެ އެންމެ އަސާސީ ސިފަ ގެއްލުވައިލުމެވެ. ބޮޑެތި އަދި ސީރިއަސް ކަންކަމުގައި ސަރުކާރުގެ ވެރިންނާއި މުއައްސަސާތަކުން މިހާރު މިކަން އާދައަކަށް ހަދައިގެން އުޅުމަކީ މީޑިއާގެ ދައުރަށް އަޅާ ވަރަށް ބޮޑު ހުރަހެކެވެ.

ފެބްރުއަރީ 1ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ވިއްދައިގެން ގެނައި 45 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ސަރުކާރުގެ ނިއުސް ކޮންފަރެންސްތަކުގައި ނޫސްވެރިންނަށް ޖެހުނީ ދެއްކި ވާހަކަތައް އަޑުއަހާލާފައި ނުކުންނާށެވެ. ފުލުހުންގެ ޕްރެސް ކޮންފަރެންސްތައް މި ތައްގަނޑަށް އަޅައި ވިރުވާލިތާ ކިތަންމެ ދުވަހެކެވެ. ލިޔެފައި އޮންނަ ބަޔާނެއް އަޑުއިއްވާލާފައި ދަނީ އެވެ. ފްލެޓް ދިނުމާ ބެހޭގޮތުން ހައުސިން މިނިސްޓަރު ނިއުސް ކޮންފަރެންސެއް ބޭއްވިޔަސް ހަމަ އެފަދަ އެވެ. މި ތަންތަނަށް ދާ ނޫސްވެރިން ހިތްހަމަނުޖެހުންތައް ފިއްތާލައިގެން އެނބުރި ދަނީ އެވެ.

"ސުވާލު ނުކުރެވޭނެއޭ ބުންޏަސް، ބަސް ނޭހުމުގެ ހައްގު ނޫސްވެރިންނަށް އެބަ އޮތެވެ. ހުރިހާ ނޫސްވެރިން އެކައްޗެއް ކިޔައި ސުވާލުކުރުމުގެ ޒިންމާ، ޕްރޮފެޝަނަލްކަމާއި އަދަބުވެރިކަމާ އެކު، އަދާކުރެވިދާނެ އެވެ."

ޑިމޮކްރެސީއެއްގައި މީޑިއާ އަށް ޖަވާބުދާރީވުމަކީ ވެރިން އަދާކުރަން ޖެހޭ ޒިންމާއެކެވެ. ރައްޔިތުންނަށް އެނގެން ޖެހޭ ކަންކަމާއި އެނގެން ނުޖެހޭ ކަންކަން ކަނޑައެޅުމަކީ ސަރުކާރުގެ އޮފިޝަލުންގެ އަތްމަތީގައި އޮންނަން ޖެހޭ ކަމެއް ނޫނެވެ. އެ މީހުންގެ ޒިންމާއަކީ ނޫސްވެރިން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމެވެ. ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއަކުން، މައުލޫމާތަށް އެދި ކުރާ ކޮންމެ ސުވާލަކަށް ކޮންމެވެސް ޖަވާބެއް ދިނުމަކީ، އެ މީހުން ކުރަން ޖެހޭނެ ކަމެކެވެ. ދޭ ޖަވާބަކަށް ވުރެ ވެސް މުހިއްމު ވަނީ ސުވާލު ކުރުމުގެ ދޮރު ހުޅުވާފައި ބެހެއްޓުމެވެ. ނިއުސް ކޮންފަރެންސްތަކުން ވެސް ފެންނަން ޖެހެނީ އެ މަންޒަރެވެ. މީޑިއާއާ ކުރިމަތިލާނެ ގޮތް ނޭނގެންޏާ ނުވަތަ އުނދަގޫ ސުވާލުތަކަށް ޖަވާބު ދެވޭ ފެންވަރު ނެތިއްޔާ އެ ގާބިލްކަން ހޯދަންވީ އެވެ. މީޑިއާގެ ދައުރާއި ނޫސްވެރިންގެ ޒިންމާ އަށް ހުރަސް އަޅަންވީއެއް ނޫނެވެ.

ޕްރެސް ކޮންފަރެންސްތަކުގައި ސުވާލުކުރުން މަނާކުރުމާއި ވަކި މައުލޫއުއަކާ ގުޅޭ ގޮތަށް އެކަނި ސުވާލުކުރަން ޝަރުތުކުރުމަކީ ދިވެހިން ބަލައިގެންފައިވާ ޑިމޮކްރެސީގެ ރޫހެއް ނޫނެވެ. އެފަދަ އެންގުންތަކަށް ބޯނުލަނބައި ނޫސްވެރިން އެ މީހުންނަށް ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހިފުމަކީ ޑިމޮކްރެޓިކް ގައުމުތަކުގައި އާއްމު އަދި އާދައިގެ ކަމެކެވެ. ސަރުކާރުގެ އޮފިޝަލުން ގަބޫލުކުރަންވީ އެއީ މީޑިއާގެ މިނިވަންކަމުގެ ބައެއް ކަމެވެ. އަދި ތިމަންނާމެން އެ ގޮތް ކިތަންމެ ބޭނުން ނުވިޔަސް، އެކަމަށް ހުރަސް އަޅައިގެން ނުވާނެ ކަމެވެ. ނޫސްވެރިންނަށް ސަރުކާރުގެ ވެރިންނާ ސީދާ ވާހަކަދައްކާކަށް އަބަދަކު ނުލިބެ އެވެ. ފުލުހުން ބަލަމުންދާ ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން ސުވާލުކުރާކަށް ވެސް އަބަދު ނުލިބެ އެވެ. އެފަދަ ފުރުސަތެއް ލިބޭ ފަހަރަކު، އޭގެ ބޭނުން ހިފަން ނޫސްވެރިން ބޭނުންވާނެ އެވެ.

ދިވެހި ނޫސްވެރިންނަކީ މީހުންނަށް "އުނދަގޫ"ކުރާ ބައެއް ނޫނެވެ. ކުރިއަރާފައިވާ ގައުމުތަކުގައި ނޫސްވެރިން އުޅޭ ގޮތަށް ކެމެރާ ހިފައިގެން ސުވާލުތައް ކުރަމުން ވެރިން ފަހަތުން ދުވެއެއް ނަހަދަ އެވެ. މީޑިއާ އަށް ފިލައިގެން އުޅޭ މީހުންނަށް ގޭގެ އާއި އޮފީސްތަކުގެ ދޮރުމަތިން ފާރަލައި ދިމާކޮށެއް ނޫޅެ އެވެ. ނިއުސް ކޮންފަރެންސްތަކުގައި ސުވާލު ނުކުރަން އަމުރުކުރީމާ ބަސް އަހައިގެން ތިބެނީ ވެސް މި "އަޚުލާގު"ގެ ސަބަބުން ކަމަށް ވެދާނެ އެވެ. ނުވަތަ ރާއްޖޭގައި ނޫސްވެރިކަން އަދި އެ ހިސާބަށް ނުދަނީ އެވެ. އެހެން ނޫނީ، ސުވާލު ނުކުރަން ކުރި އަމުރަކަށް ނުކިޔަމެންތެރިވި ނޫސްވެރިއަކަށް ސަރުކާރުގެ އޮފިޝަލަކު އިންޒާރުދިނުން ފަދަ ކަންކަން ހިނގާތީ ފަސްޖެހެނީ އެވެ. އެކަމަކު، ސުވާލު ނުކުރެވޭނެއޭ ބުންޏަސް، ބަސް ނޭހުމުގެ ހައްގު ނޫސްވެރިންނަށް އެބަ އޮތެވެ. ހުރިހާ ނޫސްވެރިން އެކައްޗެއް ކިޔައި ސުވާލުކުރުމުގެ ޒިންމާ، ޕްރޮފެޝަނަލްކަމާއި އަދަބުވެރިކަމާ އެކު، އަދާކުރެވިދާނެ އެވެ.

ނިއުސް ކޮންފަރެންސްތަކުގައި ސުވާލުކުރުން މަނާކުރުމަކީ ރާއްޖޭގެ ނޫސްވެރިން ސީރިއަސްކޮށް ނަގަން ޖެހޭ މައްސަލަ އެވެ. އެހެން ނޫނީ، މިއީ ކިހާ ވަރެއްގެ ކަމެއް ކަން އާއްމުންނަކަށް އޮންނާނީ ނޭނގިފަ އެވެ. އަދި އިސާހިތަކު މި ސަގާފަތް ހަރުލައި މޫލައި އާދައިގެ ކަމަކަށް ވެދާނެ އެވެ.

ވައިޓް ހައުސްގެ ޕްރެސް ބްރީފިންތަކާއި މީޑިއާއާ މެދު ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތާ މެދު އެމެރިކާގެ ނޫސްވެރިން ނުރުހުން ފާޅު ނުކުރާ ނަމަ އެކަންކަން ވެސް އެންމެ ފަހުން ވެގެންދާނީ އެންމެން ބަލައިގަންނަ، އާދައިގެ ކަމަކަށެވެ. ސީއެންއެންގެ ޖިމް އެކޯސްޓާ ބުނި ގޮތަށް، އެ ހިސާބަށް ދަންދެން ބަލަހައްޓައިގެން ނޫސްވެރިން ތިބެގެން ނުވާނެ އެވެ.