ދީނީ ފުރައްސާރަތަކުން މުޖުތަމައު ސަލާމަތް ކުރަންޖެހޭ

ދީނުގެ މުޤައްދަސް ފަރާތްތަކާއި ކަންކަމަށް ފުރައްސާރަ ކުރުމަކީ ބައެއް މީހުންގެ ކިބައިގައި ހަރުލާ ވަރަށް ނުބައި އާދައެކެވެ. ފަރުވާކުރަން އުނދަގޫ ބަލިމަޑު ކަމެކެވެ. އެކަމުގެ ސަބަބުން ހިތްތަކުގައި ރުޅިވެރިކަމާއި ނަފުރަތު އުފައްދައި ފިތުނަވެރިކަމުގެ އަލިފާން ރޯ ކުރުވާ ކަމެކެވެ.


ޤާނޫނުތަކާއި ގަވައިދުތައް މުގުރާލައި، މުޖުތަމައުގެ އަމާންކަމާއި ސަލާމަތަށް ނުރާއްކާތެރިކަން ގެނެސްދޭ ކަމެކެވެ. ﷲ އަށް އީމާންނުވާ ޣައިރު މުސްލިމުންގެ ފަރާތުން މިކަން ފެނުމަކީ ގަދީމީ ޒަމާނުއްސުރެ ރަސޫލުން ތަޖުރިބާ ކުރެއްވެވި ކަމެކެވެ. މުސްލިމުންގެ ނަމުގައި ތިބޭ މީހުންގެ ފަރާތުން މި ސުންޕާ ބަލި ފެނިގެން ދިއުމަކީ އަދި ވަކިން ނުރައްކާތެރި ކަމެކެވެ.

ކީރިތި ޤުރްއާނުގައި މިފަދަ މީހުންގެ ވާހަކަތައް ވަރަށް ގިނައިން ބަޔާން ކުރައްވާފައިވެ އެވެ. މިގޮތުން ކުރީގެ ރަސޫލުންނަށް ފުރައްސާރަ ލިބިފައިވާކަން އަލްއަންޢާމް ސޫރަތުގެ 10 ވަނަ އާޔަތާއި އައްޒުޚްރުފް ސޫރަތުގެ ހަތް ވަނަ އާޔަތުގައި ވެއެވެ. ކީރިތި ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަމާނުގައި މި ކަމުގައި އެންމެ އަރާ ތިބީ ސީދާ ކާފިރުންނަށް ވުރެ ބޮޑަށް މުނާފިގުންނެވެ.

އެމީހުން އެކަން ކުރަމުން ގެންދިޔަ އިރު އެމީހުންގެ ހިތްތަކުގައިވާ ގޮތުގެ ޚަބަރު އަންގައިދޭ ސޫރަތެއް ބާވައިލައްވައިފާނެތީ ބިރުން އުޅުނެވެ. މީގެ ޖަވާބު ކީރިތި ރަސޫލާ ދެއްވަންވީ ގޮތް ޤުރްއާނުގައި އައެވެ. އެއީ "ތިޔަބައިމީހުން ފުރައްސާރަކޮށް އުޅޭށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން ބިރުގަންނަ ކަންތައް، ﷲ ނެރުއްވައި ހާމަކުރައްވާ ހުށްޓެވެ." މިފަދައިންނެވެ. (އައްތައުބާ 64)

އެމީހުންގެ މި ފުރައްސާރައާ ބެހޭ ގޮތުން ސުވާލުކޮށްފިއްޔާ އެމީހުންގެ ޖަވާބު އަންނާނެ ގޮތްވެސް ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައި ވެއެވެ. އެއީ "ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަ ދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ." މިހެންނެވެ.

ނަމަވެސް ﷲ ނަބިއްޔާ އަށް އަންގަވަނީ އެއީ އެހާ އާދައިގެ ކަމެއް ނޫން ކަން ބަޔާންކޮށް އެމީހުންނަށް ރައްދު ދެއްވުމަށެވެ. އެހެނީ އެމީހުންގެ އެ ޢަމަލަކީ ﷲ އާއި އެކަލާނގެ ބާވާލެއްވި އާޔަތްތަކާއި އެކަލާނގެ ރަސޫލާއަށް ކުރާ ފުރައްސާރައެއް ކަމުގައި ވާތީ އެވެ.

އައްތައުބާ ސޫރަތުގެ 79 ވަނަ އާޔަތުން އެނގޭ ގޮތުގައި ފުރައްސާރަ ކުރުމަކީ މުނާފިގުންގެ ސިފަތަކުގެ ތެރެއިން ސިފައެކެވެ. މުއުމިނުންގެ ތެރެއިން ސަދަގާތްކޮށް އުޅުނު މީހުންނަށް މުނާފިގުން މަލާމާތް ކުރެއެވެ. އެމީހުންގެ މި ނުބައި ސިފައަށްޓަކައި ﷲ އެމީހުންނަށް މަލާމާތް ރައްދު ކުރައްވަ އެވެ.

ކީރިތި ޤުރްއާނުގައި މި ބައިމީހުން ސިފަ ކުރައްވާފައި ވަނީ މުޖުރިމުންގެ ގޮތުގަ އެވެ. (އަލްމުޠައްފިފީން 29). އަދި އަނިޔާވެރިންގެ ގޮތުގަ އެވެ. (އަލްއަންޢާމް 68). އެހެންވެ މިކަން ކުރާ މީހުންނާ އެކުގައި ނުތިބުމަށް ﷲ އަންގަވައެވެ. (އައްނިސާއު 140)

ކީރިތި ޤުރްއާނުގައި މިކަން މިފަދައިން ބަޔާންކުރައްވާފައި ވުމުން ޢިލްމުވެރިން އިޖުމާޢުވެލައްވަނީ ﷲ އާއި އެކަލާނގެ އާޔަތްތަކާއި އެކަލާނގެ ރަސޫލުންނަށް ހަޖޫ ޖަހައި މަލާމާތްކޮށް ފުރައްސާރަ ކުރުމަކީ ދީނުން ބޭރުވާނެ ކަމެއް ކަމުގަ އެވެ. ނޭނގުމުގެ ނުވަތަ ތައުވީލު ކޮށްގެން ނުބައިކޮށް ދޭހަވުމުގެ އުޒުރު ދެއްކެން ނޯންނާނެ ކަމަށެވެ. އެއީ ބުއްދި ގަބޫލު ކުރެވޭ ކަމަކަށް ނުވާތީ އެވެ.

ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކުން މިކަން ކުރަނީ ކޮން ސަބަބުތަކަކާ ހުރެތޯ ބަލައިލާ އިރު ފާހަގަ ކުރެވޭ އެއް ކަމަކީ، ހެޔޮލަފާ މީހުންނާއި ހެޔޮ ކަންކަމަށް ލިބޭ ތައުރީފަށް ހަސަދަވެރިވެ ހެޔޮކަމަށާއި ހެޔޮލަފާ މީހުންނާ މެދު އުފެދޭ ނަފްރަތެވެ. މިގޮތުން ދީންވެރިވުމާއި ދީނަށް ގޮވާލުމާއި ދީނަށްޓަކައި ކުރެވޭ އެންމެހާ ކަންކަމަށް މިފަދަ މީހުން ނަފުރަތު ކުރާނެ އެވެ. މި ނަފްރަތުގެ ހުން ޖެހި އެކަމުން ސަލާމަތް ނުވެއްޖެ ނަމަ ކުޑަނަމަވެސް ހިތްހަމެޖެހުމެއް މިފަދަ މީހުންނަށް ލިބެނީ ދީނުގެ މުޤައްދަސާތު ތަކަށް ފުރައްސާރަކޮށްގެންނެވެ.

ދެވަނަ ކަމަކީ، މަޝްހޫރުވުމާއި ފާހަގަވުމަށް އޮންނަ ނަފްސާނީ ބޭނުން ފުއްދުމަށް އަވަސް މަގެއް ކަމުގައި މިކަންވުމެވެ. މީޑިއާގެ ވަސީލަތްތަކުގެ ގޮތުގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން މިފަދަ މީހުންނަށް ފަސޭހަކަމާ އެކު މަރުހަބާ ކިޔުމަކީ މިކަމަށް އޮތް އިތުރު ބާރަކަށް ވެގެން ދެ އެވެ.

ތިންވަނަ ކަމަކީ، އިސްލާމް ދީނުގެ އަދުއްވުން ކޮޕީ ކުރުމެވެ. މިގޮތުން ހުޅަނގުގެ ގައުމުތަކަށް އައިސްފައިވާ ތަރައްގީ އާއި މަދަނިއްޔަތު ހާސިލު ކުރެވިފައި ވަނީ މިފަދަ ކަންކަމުގައި ވެސް އެއްވެސް ގައިދެއް ނެތި މިނިވަންކޮށް އުޅެގެން ކަމަށް މިފަދަ މީހުން ގަބޫލު ކުރެއެވެ.

އެހެންވެ އިންސާނީ ހައްގުތަކާއި ޑިމޮކްރެސީއާއި މިނިވަންކަން ފަދަ ކަންކަމުގެ ނަމުގައި ޣައިރު މުސްލިމުން ކޮށްއުޅޭ ހުރިހާ ކަމެއް އަކުރުން އަކުރަށް ކޮޕީ ކުރުމަކީ ބައެއް މީހުން ވަރަށް ލޯބި ކުރާ ކަމެކެވެ. މިގޮތުން ދީނުގެ އަދުއްވުން އިސްލާމްދީނާ ދެކޮޅަށް ބުނާ ބަސްތަކާއި ކުރާ ކަންތައް ވެސް ތަފާތު ކުރުމެއް ނެތި އަކުރުން އަކުރައް ކޮޕީ ކުރެއެވެ.

ހަތަރުވަނަ ކަމަކީ، ހުރިހާކަމެއްގެ ހަގީގަތް ތިމާއަށް އެނގޭ ކަމަށް ހީކޮށް ބޮޑާވުމެވެ. ބޮޑާވުމަކީ ހިތަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މި ބަލި ޖެހުމުން ހައްގު އޮޅިދެ އެވެ. ޚަލްޤުތަކުންގެ އަގު ދަށް ކުރެ އެވެ. މިގޮތުން ކައުނުގައިވާ އެންމެ ބޮޑު ހަގީގަތް ބަޔާންކުރެއްވި ރަސޫލުންނާއި އެބޭކަލުންގެ ވާރުތަވެރިން (ޢިލްމުވެރިން)ގެ ބަހަކީ އެއްވެސް އަގެއް ހުރި އެއްޗެއް ކަމުގައެއް މިފަދަ މީހުން ނުބަލަ އެވެ. އެހެންވެ ތިމާއަށް މޮޅަށް އެނގޭ ކަމަށް ފަޚުރުވެރި ކަމާ އެކު ގަބޫލު ކުރެ އެވެ. އަދި އެހެން މީހުންނަށް ނޭނގޭ ކަމަށް މަލާމާތުގެ ނަޒަރުން ދެކެއެވެ. މިފަދަ ބޮޑާކަމެއް ލިބުނު އެކަކީ ފިރުޢައުނެވެ. އޭނާ ބުނަނީ "އަދި ކީއްހެއްޔެވެ؟ މިހިރަ ދެރަނިކަމެތި މީހާއަށްވުރެ (އެބަހީ: މޫސާގެފާނަށްވުރެ) ތިމަން މާމޮޅެވެ. އޭނާއީ، ދައްކާ ވާހަކަ ބަޔާންކޮށްދިނުމާ ގާތްވެސް ނުކުރެވޭ މީހެކެވެ." (އައްޒުޚްރުފް 52)

ފަސްވަނަ ކަމަކީ މީހުން ހެއްވުމަށާއި ފޫހިފިލުވުމަށް އޮތް ކުޅިވަރެއް ކަމުގައި މިކަން ހެދުމެވެ. އެއީ މުނާފިގުންވެސް ބުނެ އުޅުނު ފަދައިންނެވެ. (އައްތައުބާ 65). މިގޮތުން މި ޒަމާނުގައި ނަމަ ފާޑުފާޑުގެ ކާޓޫނުތައް ކުރެހުމާއި ފޮޓޯތަކަށް ކޮމެންޓު ކުރުމާއި ހަޖޫގެ ޅެންތައް ހެދުމާއި މަލާމާތުގެ އިބާރާތްތައް މީހުންގެ ތެރޭ ފެތުރުން ފަދަ ކަންކަން ކުރެއެވެ. ފޫހިފިލުވާލައި މަޖާކޮށްލުމަށް ކަމަށް ހީކޮށެވެ. ނަމަވެސް މި ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން މިފަދަ މީހުންނަކަށް ތަސައްވުރެއް ނުކުރެވެ އެވެ.

ދީނަށް ފުރައްސާރަކުރާ މީހުން މިދެންނެވި ސަބަބުތަކުގެ ތެރެއިން ކޮންމެ ސަބަބަކާ ހުރެ މިކަން ކުރި ނަމަވެސް ކުރިން އިޝާރާތް ކުރި އާޔަތްތަކުން އެނގި ހާމަވަނީ މިއީ އާދައިގެ ކަމެއް ނޫން ކަމެވެ. އެކަމަކު މިއީ މިކަން ކުރާ މީހާ މުޖުރިމަކަށް ނުވަތަ އަނިޔާވެރިއަކަށް ވެގެންދާ ކަމެއް ކަމެވެ. މުނާފިގުންގެ އަލާމާތެއް ކަމެވެ.

އަދިކިއެއްތަ މީހާ ދީނުން ބޭރުވެގެންދާނެ ކަމެއް ކަމެވެ. ﷲ ގެ މަލާމާތް އެމީހަކަށް ރައްދުވާނެ ކަމެއް ކަމެވެ. އުޚްރަވީ ހަޔާތުގައި ގަދަފަދަ އަޒާބު ލިބޭނެ ކަމެއް ކަމެވެ. މިއީ ދީނީ ނަޒަރަކުން މިކަމަށް ބަލައިފި ނަމަ މިކަމުގެ ހުރި ނުރައްކާތެރި ކަމެވެ. މީގެ އިތުރުން އިޖުތިމާއީ ގޮތުން މިކަމަށް ހުރި ގެއްލުންތައް ވަރަށް ބޮޑެވެ.

މިސާލަކަށް އަޅުގަނޑުމެންގެ މުޖުތަމައަށް ބަލާނަމަ މިކަމަކީ ޤާނޫނީ ގޮތުން މަނާ ކުރެވިފައިވާ ކަމެކެވެ. އެހެންކަމުން މިނިވަންކަމުގެ ނަމުގައި ދީނަށް ހުރުމަތްތެރިކޮށް ނުހިތައި ދޫކޮށްލިއަސް މިނިވަންކަމުގެ ނަމުގައި ޤާނޫނާ ޚިލާފުވުމުގެ ފުރުސަތު ޤާނޫނަކުން ނުދޭނެ އެވެ. ޤާނޫނާ ޚިލާފު ވުމުން ޤާނޫނީ ފިޔަވަޅު އެމީހަކާ މެދު އެޅޭނެ އެވެ.

އެހިސާބުން އެމީހެއްގެ ދިރިއުޅުމަށް އެޅިގެން އެދަނީ ވަރަށް ބޮޑު ހުރަހެކެވެ. މީގެ އިތުރުން މިކަމަކީ މީސްތަކުންގެ ލޭކައްކުވާލާ ފަދަ ނުރައްކާތެރި ކަމެކެވެ. އެންމެންނަކީ ހިކުމަތްތެރިކަމާ އެކު މިފަދަ ކަންކަމަށް ކުރިމަތިލާން ދަސްވެފައި ތިބޭނެ ބައެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން ހީނުކުރާ ފަދަ ނުރައްކަލެއް މިފަދަކަންކަން ކުރާ މީހުންނަށް މެދުވެރި ވެދާނެ އެވެ.

ހަމައެފަދައިން ހުއްޓުމެއް ނެތި މިކަން ހިނގަމުންދާ ކަމުގައި ވަނީ ނަމަ ހެޔޮގޮތުގައި ތިބި ބަޔަކު މަގުފުރެދުމަށް އެހީއަކަށް ވެސް މިކަން ވެގެންދާނެ އެވެ. ދީނާ މެދު މީސްތަކުންގެ ހިތްކުގައި އޮންނަން ޖެހޭ ޣީރަތްތެރިކަން ގެއްލޭގޮތް ވެދާނެ އެވެ. ނަތީޖާ އަކީ މުޖުތަމައު ދެފަޅިއަށް ފަޅިވެގެން ދިއުމެވެ. ބަހުގެ ހަމަލާތަކުން އެކަނި އެހާއިރަކުން ނުފުދޭނެ އެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޖަރީމާތައް ހިނގުމަކީ ދުރުގައި ވާނެ ކަމެއް ނޫނެވެ.

ވީމާ ދީނަށް ޣީރަތްތެރިކަން އޮތް ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ލާޒިމުވަނީ މިފަދަ ކަންކަން ހުއްޓުވަން މަސައްކަތް ކުރުމެވެ. ނަމަވެސް ހިކުމަތްތެރިކަމާއި ރިވެތި ވައުޒުގެ އުސޫލު ބޭނުންކޮށްގެންނެވެ. އިސްލާހު ކުރުމުގެ ނަމުގައި އިތުރު ފަސާދައަކަށް ނުދާނެ ގޮތަށް މަޑުމައިތިރި ކަމާ އެކު އެވެ. ޤާނޫނީ ގޮތުން ބާރު ލިބިފައިވާ ފަރާތްތަކުން ޤާނޫނުގެ ބާރު މިކަން ހުއްޓުވަން ބޭނުން ކުރުމެވެ. މިކަމުގެ ތެރެއަށް ވަދެވިފައިވާ ފަރާތްތައް މިގޮތުން އަލުން އަނބުރައި ސީދާ މަގަށް ގެނުވުމެވެ. އަދި މުޖުތަމައުން މި ވަބާ އެކީއެކަށް ނައްތާލެވޭތޯ ބެލުމެވެ.