ޚިޔާލު / ދީން

އިސްލާމީ އުގޫބާތްތައް ބިނާވެފައިވަނީ މުހިންމު އުސޫލުތަކެއްގެ މަތީގައި

ޑރ. ސަޢުދުﷲ ޢަލީ

30 ނޮވެމްބަރ 2018 - 11:05

4 comments

އިސްލާމް ދީނުގައި ކަނޑައެޅިފައިވާ ހައްދުތަކާއި ޤިޞާޞްތައް ބިނާވެފައިވަނީ މުހިންމު އުސޫލުތަކެއްގެ މައްޗަށެވެ. މި އުސޫލުތައް ރަނގަޅަށް ދޭހަނުވާ މީހުން އިސްލާމްދީނުގެ ހައްދުތަކާއި މަރުގެ އުގޫބާތާ މެދު ވަރަށްގިނަ ބާތިލު ތުހުމަތުތައް ކުރަމުން ގެންދެއެވެ. ބައެއް މުސްލިމުން ވެސް މިފަދަ ތުހުމަތުތައް ކުރުމުގައި އެމީހުންނާ ބައިވެރި ވެއެވެ.

މިކަމުން ސަލާމަތް ވުމަށްޓަކައި މި އުސޫލުތައް ދެނެގަތުން މުހިންމެވެ. ހަމައެއާ އެކު ބައެއް މުހިންމު މަފްހޫމަތައް، މިސާލަކަށް ހަރުކަށިކަމާއި، ހައްދުފަހަނައެޅުމާއި، ހައްގުތަކާ ޚިލާފުވުން ފަދަ މަފްހޫމްތައް ދެނެގަންނަން ޖެހެއެވެ. އަދި މި މަފްހޫމުތަކާ އިސްލާމީ އުގޫބާތްތަކާ އޮންނަ ގުޅުންތައް ވެސް ދެނެގަތުން މުހިންމެވެ.

މި ދެންނެވި އުސޫލުތަކުގެ ތެރެއިން އެއް އުސޫލަކީ، ހައްދުތަކާއި ޤިޞާޞްއަކީ ކުށް ކުރާ މީހުން ދެވަނަ ފަހަރަކު އެކުށަށް އެނބުރި ދިޔަ ނުދިނުމަށާއި، ދެން ތިބި މީހުން ކުށެއް ކުރުމާ މެދު ހިޔާލު ކުރަންވެސް ބިރުގަންނުވާ ކަމެއް ކަމުގައި ވުމެވެ. ވީމާ އެއީ ފަރުދީ ފެންވަރުގައާއި ޖަމާއަތުގެ ފެންވަރުގައި ޖަރީމާތަކަށް އޮތް ހުރަހެކެވެ.

ދެވަނަ އުސޫލަކީ، އިސްލާމްދީނުގައި މިފަދަ ވަރުގަދަ ހައްދުތަކެއް ކަނޑައެޅިފައި ވާއިރު، އޮޅުމަކުން މީހަކަށް އުގޫބާތެއް ދެވިދާނެތީވެ މައްސަލަ ސާބިތު ކުރުމުގައި ކިތަންމެ ކުޑަ ނަމަވެސް ޝުބުހާއެއް އޮވެއްޖެ ނަމަ އުގޫބާތް ނުދީ ދޫކޮށްލަން ޖެހުމެވެ. ޝުބުހާގެ ތެރޭގައި ޖަރީމާގެ ޝަރުތުތަކުން ޝަރުތެއް ނުވަތަ ހެކިވެރިންގެ ޝަރުތު ތަކުން ޝަރުތެއް ފުރިހަމަ ކަމާ މެދު ޝައްކު ވުން، ނުވަތަ އުގޫބާތުގެ ހުކުމާ މެދު އިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވުން،، ނުވަތަ އިއުތިރާފުވާ ހާލަތުގައި ތެދު ބުނާ ކަމާ މެދު ޝައްކެއް އުފެދުން ފަދަ ކަންކަން ހިމެނެ އެވެ.

ތިން ވަނަ އުސޫލަކީ، ޝަރުއީ އުގޫބާތްތަކުގެ މަގުސަދަކީ، ކޮންމެހެން މީހުންގެ ގުނަވަންތައް ކެނޑުމާއި، މެރުމާއި، ރަޖަމްކުރުމާއި، ދަތި ހާލަތްތަކެއްގައި ބޭތިއްބުން ފަދަ ކަންކަން އޭގެ ޒާތުގައި ކުރުމެއް ނޫން ކަމެވެ. އެކަމަކު އެއީ މާތްސިފަތަކާއި ރިވެތި އަހުލާގު، މުޖުތަމަޢުގައި ފަތުރައި އެންމެންނަށް އަމަންއަމާންކަން ލިބިގެންވާ މާހައުލެއް އުފެއްދުން ކަމަށް ވުމެވެ.

އެހެންކަމުން ހައްދުތައް ކަނޑައެޅިފައިވީ ނަމަވެސް މުޖުތަމައުގެ ހާލަތު ނިޔާކުރާ ގޮތުން އެ ތަންފީޒު ކުރުން ފަސްކުރެވިދާނެ އެވެ. ބަނޑުހައިހޫނުކަމާއި، ތަދުމަޑުކަން ފަދަ ކަންކަން މެދުވެރިވާ ހާލަތްތަކުގައި އެފަދަ ކަންކަމަކީ ހައްދު ސާބިތު ކުރުމަށް އޮތް ޝުބުހާއެއް ކަމުގައި ބަލައި، ހައްދުތައް (ވަގުތީ ގޮތުން) ތަންފީޒު ނުކޮށް ދޫކޮށްލެވިދާނެ ކަމުގެ މިސާލެއް ޢުމަރުގެފާނު ވަނީ އަމަލީ ގޮތުން ދައްކަވައިދެއްވާފަ އެވެ.

ހަމަ އެފަދައިން ހައްދުތައް ތަންފީޒު ނުކުރާ މުޖުތަމައެއްގައި އަލަށް އެކަން ފެށުމުގެ ގޮތުން ފިޔަވަޅަކުން ފިޔަވަޅަކުން ކުރިއަށް ގެންދިއުމުގެ ބޭނުމުގައިވެސް ހައްދުތައް ތަންފީޒު ކުރުން ފަސްކުރެވިދާނެ އެވެ. ހަތަރު ވަނަ އުސޫލަކީ، އުގޫބާތް ކަނޑައެޅިފައިވާ ކޮންމެ ޖަރީމާއެއްވެސް އުގޫބާތް ދެވޭ ފަދަ ޖަރީމާއެއް ކަމުގައި ވުމަށާއި، އެކަން ސާބިތު ކުރުމަށް ވަރަށް ދަތި އުދަގޫ ޝަރުތު ތަކެއް އިސްލާމީ ޝަރީއަތުގައި އޮތުމެވެ.

މިސާލަކަށް ޒިނޭގެ ހައްދު ސާބިތު ކުރުމުގައި އިއުތިރާފުވުން އޮންނަ ގޮތާއި ހެކި ދެއްކުން އޮންނަ ގޮތުގެ ތަފްސީލުތަކަށް އެކަނި ބަލައިލުމުން ވެސް މިކަން ވަރަށް ސާފުކޮށް އެނގެއެވެ. މިއިން އެއްވެސް ކަމެއްގައި އެއްވެސް ވަރެއްގެ ޝުބުހާ އެއް އޮވެއްޖެ ނަމަ ކުށް ސާބިތެއް ނުވާނެ އެވެ.

މިސާލަކަށް ކައިވެނީގެ ބޭރުން ބަލިވެއިނުމަކީ ވެސް ގިނަ އިލްމުވެރިން ވިދާޅުވާ ގޮތުގައި ޒިނޭކުރި ކަމުގެ ހެއްކެއް ނޫނެވެ. އެއީ އޭގައި ޝުބުހާއެއް އޮންނާތީ އެވެ. އެހެން އުގޫބާތްތަކުގައި ވެސް ސާބިތުވުން އޮތީ މިފަދަ ދަތި އުނދަގޫ ގޮތަކަށެވެ. ވީމާ އާޚިރުގައި އުގޫބާތް ތަންފީޒު ކުރެވިގެންދާނީ ވަރަށް ނާދިރު ހާލަތްތަކެއްގަ އެވެ. މިގޮތަށް މިކަން އޮތުމުގެ ބޭނުމަކީ މިފަދަ ވަރުގަދަ އުގޫބާތްތަކެއް އެ ހައްގު ނުވާ ފަރާތަކަށް އަދި ކިއެއްތަ، ހައްގުވާ ކަމާ މެދު ކިރިޔާ ޝައްކުވާ ފަރާތަކަށްވެސް ނުދިނުމެވެ.

ފަސްވަނަ އުސޫލަކީ، އިސްލާމީ ޝަރީއަތަކީ ހުރިހާ ޒަމާނަކާއި ހުރިހާ ތަނަކަށް ޢާންމު ޝަރީއަތެއް ކަމަށްވާއިރު، އަދި އިންސާނުން އެމީހުންގެ ނަފްސުތައް ކޮންޓްރޯލު ކުރުމުގައި އެކި މީހުން ތަފާތުވާ ހިނދު، ބަލިމަޑުކަމެއް ކުރިމަތިވެފައިވާ ނަފްސުތައް ބިރުގަންނުވާލާ ފަދަ ވަރުގަދަ އުގޫބާތްތައް ކަނޑައެޅިފައި އޮތުން މުހިންމު ވުމެވެ. އަދި އުގޫބާތް ހައްގުވާކަން (އެއްވެސް ޝުބުހާއެއް ނެތި) ކަށަވަރުވާ ފަރާތްތަކަށް އެ ވަރުގަދަ އުގޫބާތް ދިނުން މުހިންމު ވުމެވެ. އެއީ ކުށް ކުރާ މީހުންނާއި އެނޫން މީހުންގެ ހިތްތަކުގައި ކުށަށް އަރައިގަތުމަށް ބިރުވެރިކަން އުފެއްދުމެވެ.

އިންސާނުންގެ ސުލޫކު ބަދަލު ކުރުމުގައި، ނަފްސާނީ ޢިލްމުގެ ނަޒަރިއްޔާ ތަކަށް ބަލައިލުމުން މިކަމުގެ މުހިންމުކަން ވަރަށް ރަނގަޅަށް ތަސައްވަރު ކުރެވޭނެ އެވެ. އެހެނީ ރަނގަޅު ސުލޫކު ވަރުގަދަ ކުރުމަށް ހިތްވަރު ދިނުން މުހިންމުވާ ފަދައިން ނުރަނގަޅު ސުލޫކު ބަލިކަށި ކުރަން އުގޫބާތް ދިނުން މުހިންމުވާތީ އެވެ. އިސްލާމީ އުގޫބާތްތަކަކީ މިގޮތުންބަލާއިރު އިންސާނީ ނަފްސުތަކާ އެންމެ މުނާސިބު، އަދި އެނަފްސުތައް އެންމެ ބޮޑަށް ހޭލައްވާލައި ކިޔަމަންތެރި ކޮށްލާ ފަދަ އުގޫބާތް ތަކެކެވެ.

ހަވަނަ އުސޫލަކީ، އުގޫބާތްތަކަކީ މުޅި އިސްލާމީ ނިޒާމުގެ ވަރަށް ކުޑަ ބައެއް ކަމުގައި ވުމެވެ. އިސްލާމް ދީނަކީ، އަގީދާއަކާއި އިބާދާތު ތަކަކާއި، ވަކި ހަމަތަކެއްގެ މަތިން ކުރާ މުއާމަލާތު ތަކަކާއި، ފުރިހަމަ އަހުލާގީ ސިފަތަކެއް އެކުލެވޭ އާންމު ނިޒާމެކެވެ. އުގޫބާތްތަކަކީ މިނިޒާމަށް މީހުން ތަބާ ކުރުވުމަށް ބާރުއެޅުމުގެ ގޮތުން އޭގައި ހިމެނޭ ބައެކެވެ.

އެހެންކަމުން ޝަރީއަތުގައިވާ އުގޫބާތްތަކުގެ ވާހަކަ ދައްކާއިރު މުޅި ނިޒާމު އެކީ ފަހުމް ވާން ޖެހެއެވެ. އަދި ހައްދުތައް ގާއިމު ކުރުމުގައި މުޅި ނިޒާމު އެކީ ފުރިހަމަ ނުކުރެވޭ ނަމަ އެކިއެކި ހައްދުތައް ކަނޑައެޅުމުގެ މަގުސަދު ފުރިހަމައެއް ނުވާނެ އެވެ. ނަމަވެސް މިކަން ބަހަނާއަކަށް ހަދައި މުސްލިމުންގެ ކަންކަން އިންތިޒާމު ކުރަން ހަދާ ގާނޫނު ތަކުގައި އުގޫބާތްތައް ކަނޑައެޅިފައި ނުބޭއްވުމަށް އުޒުރު ދައްކައިގެން ނުވާނެ އެވެ. މިއީ ހަމައެކަނި އުގޫބާތްތައް ތަންފީޒު ކުރުމުގައި، އެކަމާ މެދު އިތުރަށް ވިސްނައި ޝަރުއީ ހަމަތަކުގެ މަތިން ދެވެން ހުރި ލުއިފަސޭހަތައް ދެވޭނެ ގޮތްތަކާ މެދު ގޮތް ނިންމަން ލިބޭ ފުރުސަތެކެވެ.

ހަތްވަނަ އުސޫލަކީ، ޝަރުއީ އުގޫބާތްތަކަކީ ރިވެތި އަޚްލާގަށް މަގުފަހި ކުރުމާއި، ކުރެވޭ ކުށްތަކުން ތައުބާވުމަށް އޮތް މަގެއް ކަމުގައި ވުމެވެ. އެހެނީ ހައްދުތައް ގާއިމު ކުރުމަކީ އާޚިރަތުގައި ލިބޭ އަޒާބުގެ ކައްފާރާ އެކެވެ. އަނެއްކޮޅުން ބަލާއިރު ހައްދުތައް ކަނޑައެޅުއްވި ފަރާތަކީ އެންމެހާ އިންސާނުން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ކަމުގައި ވުމުން އެފަރާތަށް ރުޖޫއަވާން ޖެހިއްޖެ ކަމުގެ އިހުސާސް މިފަދަ ވަރުގަދަ އުގޫބާތެއްގެ ސަބަބުން ލިބިގެންދާނެ އެވެ.

އަށް ވަނަ އުސޫލަކީ، ވަރުގަދަ އަދި ހަރުކަށި އުގޫބާތްތަކަކީ ހަމައެކަނި އިސްލާމްދީނުގައި އޮންނަ ކަމެއް ކަމުގައި ނުވުމެވެ. ބާވާލެއްވި ހުރިހާ ދީންތަކެއްގައިވެސް އަދި ކިއެއްތަ ވަޟުޢީ ނިޒާމުތަކުގައިވެސް މެރުން ފަދަ ވަރުގަދަ އުގޫބާތްތައް ހިމެނެއެވެ.

މި އިޝާރާތް ކުރެވުނު ކަންކަމަކަށް ބަލާއިރު އެނގި ހާމަވެގެންދާ ހަގީގަތަކީ އިސްލާމީ އުގޫބާތްތަކަކީ އޭގައި ކުށްވެރިންނަށް ހަރުކަށިކަން ދައްކައި ބިރުގެންނެވުން އޮންނަ ކަމެއް ކަމަށް ވިއަސް އެއީ އިންސާނީ ދިރިއުޅުމަށް ނުހަނު ބޭނުން ކަމެއް ކަމެވެ. މުޖުތަމައުގައި އަމަން އަމާންކަން ދަމަހައްޓައި، އެންމެންނަށް ބާއްޖަވެރި ދިރިއުޅުމެއް ގެނެސްދިނުމަށް ވަރަށް މުހިންމު ވަސީލަތެއް ކަމެވެ.

މިސާލަކަށް ވައްކަމަކީ، އެހެން މީހުން ބުރަ މަސައްކަތުން ހޯދާފައިވާ މުދާކޮޅު ނުހައްގުން ނަގައި، މުޖުތަމަޢުގެ އަމާންކަން ގެއްލުވާލައި، ހިތްތަކަށް ބިރުވެރިކަމާއި ހާސްކަން ގެނުވާ ކަމެކެވެ. ވައްކަންކުރުން އާންމު ވެއްޖެ ނަމަ މި ބިރުވެރިކަމާއި ހާސްކަން އަބަދަށް ދެމިއޮންނާނެ އެވެ. މިކަމަށް އޮތް އެންމެ ފުރިހަމަ ހައްލަކީ އިސްލާމް ދީން މިކަމުގައި ކަނޑައަޅުއްވާފައިވާ "ހަރުކަށި" ހައްދު ގާއިމު ކުރުމެވެ. އެ ހައްދު ގާއިމު ކުރުމުން ކެނޑިގެން އެދާ އަތަކީ މުޖުތަމައަށް އަނިޔާވެރިވި އަތެކެވެ. އެއީ މުޖުތަމައުން އަނިޔާވެރި ގޮތެއްގައި ބުރިކޮށްލާ އަތެއް ނޫނެވެ. މަރަށް މަރު ހިފުމަކީ ވެސް ހަމަ މިފަދަ ކަމެކެވެ.

ވީމާ އިސްލާމީ އުގޫބާތްތައް ތަންފީޒު ކުރުމަކީ ހައްދުފަހަނަ އެޅުމެއް ނޫނެވެ. އެއާ ޚިލާފަށް އެއީ ﷲ ކަނޑައެޅުއްވި ހައްދުގެ ތެރޭގައި ދެމިތިބުމެވެ. ހައްދުފަހަނަ އެޅުމަކީ މިހައްދުތައް ގާއިމުނުކޮށް ތިބުމެވެ. ހަމައެފަދައިން، އިސްލާމީ އުގޫބާތްތަކަކީ ތަރައްގީ ވެފައިވާ ޒަމާނަކަށް ކަމުދާ އެއްޗެއް ނޫން ކަމަށް ނުވަތަ މިއީ އިންސާނީ ހައްގުތަކާ ހިލާފު ކަމެއް ކަމަށް ބުނާ ލާދީނީ ޚިޔާލަކީ އިސްލާމީ ނަޒަރުން ބަލާއިރު އެއަށް އެއްވެސް ބުރަދަނެއް ލިބިގެންވާ ޚިޔާލެއް ނޫނެވެ.

ސަބަބަކީ މިއުގޫބާތްތައް ދެވެނީ އެހެން ބައެއްގެ ހައްގުތަކަށް ނުވަތަ ﷲގެ ހައްގުތަކަކަށް އަރައިގަންނަ ބަޔަކަށް އެކަނި ކަމަށްވާތީ އެވެ. އަދި މި މީހުންނަށް މި އުގޫބާތްތައް ނުދެވޭ ނަމަ އެހެން މީހުންގެ ހައްގުތައް ގެއްލިގެންދާތީ އެވެ. އިންސާނީ ހައްގުތަކަކީ ހަމައެކަނި ކުށްވެރިންނަށް އޮންނަ އެއްޗެއް ނޫނެވެ. ޝަރުއީ ހައްދުތައް ގާއިމު ކުރުމަކީ އިންސާނީ ހައްގުތަކެއް ނިގުޅައިގަތުމެއް ނޫނެވެ. އަދި އެއީ ހައްދުފަހަނަ އެޅުމެއްވެސް ނޫނެވެ. ބައިނަލްއަޤުވާމީ މުއާހަދާތަކުގައި މުސްލިމުން ސޮއި ކުރަން ޖެހޭނީ ވެސް މުސްލިމުންނަށް ދޫ ނުދެވޭނެ ބައިތަކަށް އަމަލު ކުރަން ނުޖެހޭ ގޮތަށެވެ.

4 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢެޑްމުންޑޯ

01 December 2018

ވަރަށް މުހިއްމު ރަގަޅު މައުލޫމާތަކެއް ހުރި ލިއުމެއް

The name is already taken The name is available. Register?

ކަނޑުކޮސް

30 November 2018

ރަނގަޅު ވާހަކައެއް، ހައްދުތައް ޤާއިމްކުރުމުގެ ގޮތުން ހައްދުތައް ތަންފީޒު ކުރަންވާނީ އެއްވެސް ޝައްކެތް ޝުބުހާއެއް ނެތް މިންވަރަށް ސާބިތުކުރުމަށްފަހު. އެކަމަކު މަރުގެ ހުކުމް ތަންފީޒު ނުކުރެވިގެން މިއުޅެނީ އެ މިންވަރަށް ސާބިތު ނުކުރެވިގެނެއްނޫން. ޣައިރު މުސްލިމުން ދެކެ ގަންނަ ބިރެއްގެ ބޮޑުކަމުން.

The name is already taken The name is available. Register?

ޝާއިރާ

30 November 2018

ދަންނަބޭކަލުން 2 ފަހަރު އެކައްޗެއް ނުކިޔާތީ މިކަހަލަ ލިޔުންތައް ކިޔަން ވެސް ފޫހިވޭ. 2008 ގައި ދެއްކި ވާހަކަ އެއް ނޫން 2013 ގައި ދެއްކީ، 2013 ގައި ދެއްކި ވާހަކަ އެއް ނޫން 2018 ގައި ދެއްކީ. ވަކި މީހަކަށް ނިސްބަތް ކުރަނީކީ ނޫން. ގިނަ ދަންނަ ބޭކަލުން ވާހަކަ ހުންނަނީ އެމީހާއަށް މަސްލަހަތު އޮންނަ ގޮތަކަށްކަން ވަރަށް ފާހަގަވޭ. އެހެންވެ ރަސޫލާގެ ހަދީސާއި ގުރުއާނުން އެނގޭ އެއްޗެއް މަ ގަބޫލު ކުރަނީ. މީސްމީހުންގެ ވާހަކައެއް އަޑު އަހަން ވެސް ފޫހިވޭ.

The name is already taken The name is available. Register?

ތަމީމް

30 November 2018

މިފަދަ އިލްމީ ލިޔުންތައް ގިނަ ގިނައި ލިޔުއްވުން އެދެން. އަދި ވަކިން ހާއްސަ ގޮތެއްގައި ދަލީލުތަކާއި އެކު ގެނެސް ދެއްވުން އެދެން. ﷲ ޑރ. ސައުދުﷲ އަށާއި އަޅަމެން އެންމެ މުސްލިމުންގެ ފާފަތައް ފުއްސަވައި، ހެޔޮ ރަހުމައްލެއްވުން އެދި ދުއާކުރަން...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454