ކޮލަމް ހަތެއް: އިއްތިފާގަކުން ނަމަވެސް މަގޭ ނަން ނެގޭނެ ނަމަ...!

އަޅުގަނޑު ކުރިން ހީކުރީ އާންމުންގެ ތެރޭގައި ދައްކަމުން ދިޔައީ ހަމަ ހުސް ހޮޅި ވާހަކަ ކަމަށެވެ! ފްލެޓްތައް ދެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ އޮފީހުން ފޮނުވާ ލިސްޓަކަށޭ އާންމުން ކިޔަސް، އަޅުގަނޑު އެ ވާހަކަ އޭރަކު ގަބޫލެއް ނުކުރަމެވެ. ރައީސް ޔާމީނާއި އަނބިކަނބަލުން ރައްޔިތުންނަށް އެހާ ވަރަށް ބޭއިންސާފު ނުވާނެ ކަމަށް އަޅުގަނޑު ހިތުލައިގެން ހުރީމެވެ. ނަމަވެސް ކަންވެ، ނިމުނީ އެހެނެއް ނޫނެވެ! ނިކަމެތި އަޅުގަނޑުގެ އިތުބާރު ވެސް ދިޔައީ އެވެ.


އަޅުގަނޑުގެ ހިތުގައި މިހާރު އެއްވެސް ސުވާލެއް، ޝައްކެއް، ވަހުމެއް ނެތެވެ. ހިޔާ މަޝްރޫއުގެ ފްލެޓްތައް ހިތުހުރި ގޮތަކަށް ބަހާލީ އެވެ. މިހާރު ތިލަވެގެން އުޅޭ ލިސްޓުގެ ނަންތަކުގެ ތެރެއިން ބަރިބަރި އަށް އާންމުން އެހެރަ ފަޅާއަރުވާލަނީ، ސަރުކާރުގައި އޭރު ނުފޫޒު ހިންގި މީސްމީހުންގެ މުޅި އާއިލާތަކަށް ބަހާލި ފްލެޓްތަކެވެ. ބައެއް އާއިލާތަކަށް ބަލާއިރު އަނބިނާއި ފިރިންނަށް ލިބިފައި އޮތް އިރު، ކިރިޔާ އުމުރު ހަމަވިޔަސް އެ މީހަކަށް ވެސް ހުރީ ފްލެޓް ލިބިފަ އެވެ. މިއީ، ގައިމު ވެސް އިއްތިފާގެއް ނޫނެވެ. އިއްތިފާގަކުން އެއް ނަން ނުވަތަ ދެ ނަމެއް ހިމެނުނަސް، މުޅި އާއިލާ އާއި ވަންހަ އިއްތިފާގަކުން ވިޔަސް ހިމެނުމަކީ ނާދިރު ކަމެކެވެ. ނުވާނެ ކަމެކެވެ. ދެރަ ކަަމަކީ އިއްތިފާގަކުން ވިޔަސް، އޮޅިގެން ވިޔަސް، "މަގޭ ނަން" ނުނެގުނީ ކީއްވެ ހެއްޔޭ އެންމެންގެ ވެސް ހިތަށްއަރާނެތީ އެވެ. އެންމެ ހައްގުވެރިންގެ ނަންތައް ނުނެގުނީތީ އެވެ.

ދައުލަތުގެ މިނިވަން މުއައްސަސާތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި ޕީޕީއެމާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި މެޑަމް އޮފީހުގައި މަސައްކަތް ކުރި ބައެއް މީސްމީހުންނާއި އެ މީހުންގެ އާއިލާތަކަށް ފްލެޓްތައް ބަހާލި ކަން އެއީ ސާބިތު ހެއްކާ އެކު ފެންނަން އޮތް ހަގީގަތެކެވެ. އެއިން ދިފާއުވާން ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކިޔަސް، އަދި ނުވިތާކަށް ކޮންމެ ކަހަލަ ބަޔާނެއް ނެރުނަސް، އެއިން ރެކެވޭނެ ގޮތެއް ނެތެވެ. ކިތަންމެ ހުއްޖަތެއް ދައްކައި، "ތިމަންނަ ވީމަ އާއިލާ އަށް ފްލެޓް ނުލިބެންވީހޭ" ކިޔައި އަޑުގެ ނެތްތަނަށް ހަޅޭއްލެވިޔަކަސް ހަގީގަތް މިއޮތީ އާންމުން ގަބޫލު ކުރާނެ ހިސާބެއްގައެއް ނޫނެވެ. ތިރީހުން ސާޅީހުން ފްލެޓް ލިބިފައި ވަނީ ހައްގުވެރިންނަށް ކަމަށް ކިތަންމެ ވަރަކަށް ކިޔަސް، އެ އަޑުއަހާނެ މީހަކު މިހާރަކު ނުހުންނާނެ އެވެ. އެއީ އަތުލެވެން ޖެހޭނެ ފްލެޓްތައް ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ.

ދިފާއުގައި ވާހަކަ ދައްކަވާ ބޭފުޅުންގެ ތެރެއިން އަޅުގަނޑު ފާހަގަކޮށްލާނެ އެއް ބޭފުޅަކީ މީރާގެ ކޮމިޝަނަރު ޔަޒީދު މުހަންމަދުގެ ނަމެވެ! ސުވާލަކީ މިއެވެ؛ ޔަޒީދުގެ އާއިލާ އިން ފްލެޓަށް ކުރިމަތިލި ހުރިހާ އެންމެންނަށްހެން ފްލެޓް ލިބުނީ ކީއްވެ ހެއްޔެވެ؟ އެތައް ހާސް ބައެއްގެ ތެރެއިން ހަމައެކަނި ޔަޒީދުގެ އާއިލާގެ މީހުންގެ ނަންތައް ނެގެންވީ ކީއްވެގެން ހެއްޔެވެ؟ މިއީ ސީދާ ފްލެޓް ހޯދަން ރާވައިގެން ހިންގި ޖަރީމާއެއް ނޫނިއްޔާ ދެން ކޮން ކަމެއް ހެއްޔެވެ؟

ފްލެޓަށް އެދެން މީހަކު ފޯމު ނަގަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

މީގެ ދިފާއުގައި ޔަޒީދު ވިދާޅުވަނީ އެންމެ ވާހަކައެކެވެ. އެއީ އެ އާއިލާއިން ފްލެޓް ލިބުނު އެންމެންނަކީ ވެސް ފްލެޓަށް ޝަރުތު ހަމަވާ މީހުން ކަމެވެ. އަޅުގަނޑުގެ އަނެއް ސުވާލަކީ މި އެވެ؛ ފްލެޓަށް ޝަރުތު ހަމަނުވާ މީހަކު މި ރާއްޖޭގައި އެބަހުރި ހެއްޔެވެ؟ ނެތެވެ. އެންމެން ވެސް ފްލެޓް ބޭނުމެވެ. ހިތްހަމަޖެހޭ ބޯހިޔާވަހިކަމެއްގައި ދިރިއުޅޭ މީހަކު މި މާލެއަކު ނެތެވެ. ޕޮއިންޓްތަކެއް ދީގެން ދިރިއުޅުމުގެ ހާލަތު ވަޒަން ނުކުރިޔަސް، ކަށަވަރު ކަމަކީ އެންމެން ވެސް ދިރިއުޅެނީ ހާލުގައި ކަމެވެ. ޝަރުތު ހަމަވެގެން މި އުޅެނީ ކުރިން ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމާއި މެމްބަރު އަބްދުﷲ ހަލީލާއި ޔަޒީދުގެ އާއިލާގެ މީހުން އެކަންޏެއް ނޫނެވެ. މި މާލޭގެ އެންމެން ވެސް ޝަރުތު ހަމަވެ އެވެ. އެހެންވެ، ޝަރުތު ހަމަވުމަކީ ފްލެޓް ލިބެން ޖެހޭ ހަމައެކަނި ހުއްޖަތަކަށް ނުވެ އެވެ.

ޔަޒީދު ވިޔަސް، އަބްދުއްރަހީމް ވިޔަސް އެހެން މީހަކު ވިޔަސް، ފްލެޓް ލިބެން ޖެހޭނީ އޮންނަ އުސޫލުތަކުގެ ތެރެއިންނެވެ. ފްްލެޓް ދިނުމުގައި ބަލަން ޖެހޭނީ އެންމެ ދަތި ހާލުގައި އުޅޭ މީހުންނަށެވެ. އެ މީހުންނަށް އިސްކަން ނުދީ އެހެން ބަޔަކަށް އިސްކަން ދީގެން ނުވާނެ އެވެ. އަޅުގަނޑަށް މައްސަލައަކަށް ވީ، މީރާގެ ކޮމިޝަނަރުގެ އާއިލާ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އާއިލާތަކާއި ފަނޑިޔާރުންގެ އާއިލާތަކާއި ސަރުކާރުގެ އެންމެ އިސް ބޭފުޅުންގެ އާއިލާތައް އެންމެ ހާލުގައި އުޅޭތީ އެވެ! އެހެންވިއްޔާ ދެން އެހެން މީހުން އުޅޭނެ ހާލު ނިކަން ވިސްނާލަމާ ހިނގާށެވެ. -- މިހެން މި ދެންނެވީ ތިރީހަކަށް ހާސް ފޯމްގެ ތެރެއިން އެ ބޭފުޅުންގެ އާއިލާތައް ހޮވުނީ، އެންމެ ހާލުގައި ތިބީ އެ ބޭފުޅުން ކަމަށް ވާތީ އެވެ.

ފްލެޓާ ދޭތެރޭ ރައްޔިތުން ފަސް އަހަރު ވަންދެން ކުރި އުންމީދުތައް ވެސް ފެނަށް ދިޔައީ އެވެ. ކުރީގެ ރައީސް ޔާމީނަށް ވެސް ބޯހިޔާވަހި ކަމެއް ފޯރުކޮށެއް ނުދެއްވުނެވެ. އެމަނިކުފާނުގެ ސަރުކާރު ނިމިގެން ދިޔައިރު އަޅުގަނޑުމެން ނިކަމެތިން މިތިބީ ހަމަ އެއްކަލަ ހިސާބުގައި ގުޑާނުލެވިފަ އެވެ. އެހެން އޮއްވާ އަނެއްކާވެސް އަނެއް ސަރުކާރު މިއޮއް އައީ އެވެ. -- އުންމީދެވެ؛ އުންމީދެވެ؛ ހުވަފެނެވެ. އެ ނޫން އެއްޗެއް އަދި ނުފެނެ އެވެ.

ކޮންމެ ސަރުކާރެއްގައި ވެސް ޖެހެނީ މި ހާލެވެ. އަންނަނީ ދަތި ހާލުގައި އުޅޭ އާއިލާތަކަށް ބޯހިޔާވަހިކަން ދޭނެ ކަމުގެ ވައުދާ އެކު އެވެ. ފްލެޓް އަޅަނީ ރައްޔިތުންގެ ފައިސާއިންނެވެ. އެކަމަކު އަޅާ މަދު ފްލެޓްކޮޅު ވެސް މި ލިބެނީ ސަރުކާރުގައި، ނުވަތަ ދައުލަތުގައި ނުވަތަ ރައީސް އަރިހުގައި މަސައްކަތް ކުރާ މީހުންނަށެވެ! ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނަށެވެ. ހަގީގީ ހައްގުވެރިން އެ މީހުން ފޯމް ލައިލައި އުމުރު ހުސްކުރަނީ އެވެ. މި ނޫން ދުވަހެއް ނާދެ އެވެ. ސަރުކާރެއް އައުމާ އެކު ފްލެޓްތައް ދޫކުރަން ސްކީމެއް ފަށާނެ އެވެ. ހުރިހާ ކަމެއް ހުއްޓާލައިފައި އެންމެން ގޮސް ކިޔޫގައި ތިބެގެން ފޯމް ލާނެ އެވެ. އެކަމަކު ހައްގުވެރިޔާ އަށް ފްލެޓް ލިބޭނީ ކުރިން ދެންނެވި، ބައި އަޅަން ތިބި މީހުން ދީ ނިމިފަ އެވެ. އޭރަކު ދޭނެ އިތުރު ފްލެޓެއް ބާކީއެއް ނުވެ އެވެ.

އަޅުގަނޑު މި ދަންނަވަނީ ހަމަ ތެދެކެވެ. މި ކޮލަމް ލިޔެލިޔެ އިންދާ އިއްޔެ ލިބުނު ޚަބަރެކެވެ. ބޯހިޔާވަހިކަން ހައްލުކުރަން "ފަހި ދިރިއުޅުން" ނަމުގައި ރައީސް ކޯޕަރޭޝަނެއް އުފައްދަވައިފި އެވެ. ހުސް އިންތިޒާރެވެ. އުންމީދެވެ!