ވާންވީ ނުވިކޭނެ ކަމުގެ ވައުދު!

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންތަކުން އިވެނީ ވަރަށް ހައިރާންވާ ކަހަލަ ވާހަކަތަކެވެ.


ރަށުގެ ނަރުދަމާ އަޅައިދޭނަމޭ، މަގު ހަދައިދޭނަމޭ، ބިން ހިއްކައިދޭނަމޭ، ސްކޫލުގައި ކްލާސްރޫމް އަޅައިދޭނަމޭ ނުބުނާ ކެންޑިޑޭޓަކު މަދެވެ. ނުވަތަ ރައްޔިތުން "ދިވެހި ދިދަ އާއި މުންނާރާ ދަންނަ ގޮތަށް އަޅުގަނޑު ދަންނާނެ"އޭ ކިޔައި ފޮނިކަނޑައިފާނެ އެވެ. ތިމަންނާއަކީ ވަރަށް ގަދަރުވެރި އާއިލާއަކަށް ނިސްބަތްވާ މީހެކޭ ބުނެ ބޮޑާވެގެން ވެސް ފާނެ އެވެ. ނުވިތާކަށް، ތިމަންނާއާ ވާދަކުރާ ކެންޑިޑޭޓަކީ "ތަންދޮރު ނުފިލާ ރޫމް ބޯއި"އަކަށް އުޅެފައި އައި މީހެކޭ ކިޔައި، އެތަކެއް ޒުވާނުން ކުރަމުން އަންނަ މަސައްކަތެއް ދަށްކޮށްލަފާނެ އެވެ.

ރައްޔިތުންގެ މަންދޫބުންނަށް ވާން އުޅޭ ބައެއްގެ ވިސްނުމާއި އަމާޒާއި ބަސްމަގު ހުންނަން ޖެހެނީ މި ގޮތަށް ހެއްޔެވެ؟ މި ކަހަލަ ފީކަޅާ ވާހަކަތައް ދެއްކުން ހުއްޓާލައި ފަސްބައި ސާފު، ނަޒާހާތްތެރި އަދި ރައްޔިތުންގެ މަސްލަހަތު ކުރިއަށް ނެރޭ މެމްބަރަކަށް ވާނެ ކަމަށް އަމިއްލަ އަށް ވައުދުވިއްޔާ މާ ރަނގަޅެވެ.

ކީއްވެގެން ހެއްޔެވެ؟ ރައްޔިތުންގެ ކުރިމަތީގައި މަޖިލީހުގެ މެމްބަރުންނަކީ އެއްވެސް އަގެއް ނެތް، އޭރަކު ވައި ޖެހުނު ކޮޅަކަށް ވިކޭ، ކޮރަޕްޓް ބައެކެވެ.

ވޭތުވެގެން މި ދިޔައީ ގާނޫނުތައް ހެދުމާއި ސަރުކާރު ޖަވާބުދާރީކުރުމުގެ ބިޔަ ދެ މަސްއޫލިއްޔަތު އުފުލަން ޖެހޭ ދައުލަތުގެ ބާރުން ދިވެހިންގެ ކަރުބުޑުގައި ހިތި ރަހަ ލައްވަމުން ގެންދިޔަ 10 އަހަރެވެ. އެތަކެއް މެމްބަރުން އެކައްޗެއް ކިޔާފައި ރައްޔިތުންގެ މަސްލަހަތު ފުނޑާލަނީ ޒާތީ މަސްލަހަތާއި ނިސްބަތްވާ ޕާޓީ އާއި ޕާޓީގެ މަސްލަހަތު ހިމާޔަތްކޮށްފަ އެވެ. ބާރުގަދަ މީހުންގެ ސިޔާސީ މަގްސަދުތައް މެމްބަރުން ހާސިލްކޮށްދިނެވެ. ނުފޫޒު ގަދަ މީހުންނަށް ކަންކަން ފަހިކޮށްދިނެވެ. އެ ކަންކަން ރާވައި ހިންގަނީ ސިޔާސީ ޕާޓީތަކުން ކަމަށް ވިޔަސް ޒިންމާ އުފުލަން ޖެހޭނީ ވަކިވަކި މެމްބަރުންނަށެވެ. ޕާޓީތަކަށް ކަންކަން ކުރެވެނީ މެމްބަރުން ކޮށްދިނީމަ އެވެ.

ކެމްޕެއިންގައި ވާހަކަދައްކާ އިރު ކެންޑިޑޭޓުން އެންމެ އިސްކުރަންވީ، މީގެ ފަހުން މަޖިލިސް މި ގޮތަށް ހިނގިޔަ ނުދޭނެ ކަމުގެ އަޒުމެވެ. ރައްޔިތުންނަށް ޔަގީންކަންދޭންވީ އެ މީހުންގެ އުއްމީދުތަކާ އެއްގޮތަށް މެނުވީ ތިމާ ނިސްބަތްވާ ސިޔާސީ ޕާޓީ އަށް ވެސް ކަމެއް ނުކޮށްދޭނެ ކަމެވެ. ރައްޔިތުންނާ މަޝްވަރާކޮށް ރައްޔިތުންނަށް އިޖާބަދީ ޖަވާބުދާރީވާނެ ކަމެވެ. ޕާޓީގެ ވައުދުތަކުގެ ބޭރުން އަމިއްލަ އަށް ވާ ވައުދަކުން އެ ޔަގީންކަން ދޭށެވެ!

ރާއްޖޭގެ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އެންމެ ކޮރަޕްޓް ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށް އާއްމުން ދެކެނީ ކީއްވެގެންކަން ސިޔާސީ މީހުން ދަންނާނެ އެވެ. ކޮރަޕްޝަން އެންމެ ބޮޑު ކަމަށް ގަބޫލުކުރެވެނީ މަޖިލީހުގައި ކަމަށް، އެއް ދިރާސާއެއްގައި 56 ޕަސެންޓް އަދި އަނެއް ދިރާސާއެއްގައި 78 ޕަސެންޓް މީހުން ބުނެފައި އޮތުމުން، ކެންޑިޑޭޓުން ކަންބޮޑުވާންވީ މަޖިލީހުގައި ހިދުމަތްކޮށްދޭން ޖެހެނީ އެ ރައްޔިތުންނަށް ކަމަށް ވާތީ އެވެ.

އެކަން ހަނދާން ނައްތާލި މެމްބަރުންގެ ފަރާތުން މިހާތަނަށް ފެނިފައި ވަނީ ހައިރާންވާ ފަދަ މަންޒަރުތަކެވެ. ހުސް އަތާ ގޮސް މަޖިލީހުގެ ގޮނޑީގައި އިށީންނަ އިރަށް ކުއްލިއަކަށް ބައެއް މީހުންނަށް އަގުބޮޑު ފްލެޓުތަކާއި ގޯއްޗާއި ކާރު ލިބި އަނެއް ބައި މީހުން ވިޔަފާރިވެރިންނަށް ވެގެންދާ ތަން ބަލަން ތިބޭ ރައްޔިތުންނަށް ވާނުވާ އެނގެ އެވެ. މަޖިލީހުން ލިބޭ މުސާރަ އިން ދާއިރާގެ ރައްޔިތުންނަށް ހަރަދުކުރަން ޖެހޭތީ އަތުގައި އެއްޗެއް ނޯވެއޭ ކިޔައި ޝަކުވާކުރާ ބަޔަކު މުއްސަނދިވަނީ މާ ބޮޑަށެވެ. ފައިސާ އަށް ޕާޓީ ބަދަލުކުރުމާއި ވޯޓު ވިއްކުމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ޒާތީ މަންފާތައް ހޯދުމާއި އަމިއްލަ ވިޔަފާރި ކުރިއަރުވާކަން ފަޅާއަރަނީ މެމްބަރުން އަމިއްލަ އަށް އެކަކު އަނެކަކު ބޭޒާރުކޮށްލުމުގެ ގޮތުން ދައްކާ ވާހަކަތަކުންނެވެ.

ރިޝްވަތެއް ނުވަތަ ނާޖާއިޒު މަންފާއެއް ޔަގީނުން ވެސް ނުނަގައޭ ބުނެވޭނެ ކިތައް މެމްބަރުން މިހާރުގެ މަޖިލީހުގައި އެބަ ތިބިތޯ އާއްމު ރައްޔިތަކާ ސުވާލުކޮށްލައިފި ނަމަ ކިތައް މީހުން ހަމަވާނެ ހެއްޔެވެ؟ ހަމަ އެ ގޮތަށް، މި ފަހަރުގެ ކެންޑިޑޭޓުންގެ ތެރޭގައި، އާއްމުންނަށް އެ ވަރުގެ އިތުބާރެއް އޮތް ކިތައް މީހުން ހިމެނޭ ހެއްޔެވެ؟ އިތުރު ދައުރަކަށް ކުރިމަތިލައިގެން އުޅޭ އެހާރާއި މިހާރުގެ މެމްބަރުންނަށް، ރައްޔިތުންގެ އިހުސާސްތައް ހުންނާނީ އަޑުއިވިފަ އެވެ. މި ކިލަނބު ނިޒާމުގެ ތެރެއަށް އަދި ނުވަދެ ތިބި އާ ކެންޑިޑޭޓުންނަށް އެ އިހުސާސްތަކުގެ ފުންމިން ވަކިން ބޮޑަށް އެނގެންވާނެ އެވެ.

މަހުޖަނުންނާއި ކެމްޕެއިންކުރަން ފައިސާ ހުރި މީހުން ވައްޓާލާ ނޫޓުގައި ހިފާނެ ރައްޔިތުން މަދު ނުވާނެތީ ވޯޓު ގަނެގެން އިންތިހާބު ކާމިޔާބު ކުރެވިދާނެ އެވެ. އެކަމަކު އޭރުން ވެސް އެ ވީ ކޯއްޗަކަށް ހެއްޔެވެ؟ އެ ފައިސާކޮޅު އަތުލި މީހުންގެ ކުރިމަތީގައި ވެސް މެމްބަރުގެ އަގެއް ނޯންނާނެ އެވެ. ނުބައި ފެށުމަކުން މަޖިލީހަށް ވަދެ ދެން އުޅޭނީ ކިހިނެއްކަން ވެސް އެނގޭނެ އެވެ.

ރައްޔިތުންގެ މަޖިލިސް ކޮރަޕްޝަނުން ސަލާމަތްކޮށް ސީދާ ރައްޔިތުންނަށް ހިދުމަތްކުރާ އަދި ރައްޔިތުންގެ ބާރު ހިނގާ ތަނަކަށް ހެދުމަށް ވުރެ އިސް މަގްސަދެއް މި އިންތިހާބުގައި އޮވެގެން ނުވާނެ އެވެ. މަޖިލީހަށް ކުރިމަތިލައިގެން އުޅޭ މީހުން ދޭންވީ އެ ޔަގީންކަމެވެ. ވާންވީ ތެދުވެރިވުމާއި ނަޒާހާތްތެރިވުމުގެ ވައުދެވެ. އަދި އެކަން ކުރަންވީ އަމިއްލަ ގޮތުންނެވެ.

ކޮންމެ ކެންޑިޑޭޓަކު ވެސް އަމިއްލަ އަށް ވިސްނާލާށެވެ. ވާނީ ވިކޭ މެމްބަރަކަށް ހެއްޔެވެ؟ ނުވިކޭ މެމްބަރަކަށް ހެއްޔެވެ؟ މަޖިލީހަށް ވަދެ ބޮޑު މުސާރަ ނަގައިގެން (މަހުޖަނެއް ވިއްޔާ މުސާރަ މުހިއްމު ނުވެދާނެ) އުޅެން ތި ގަސްދުކުރަނީ މި ދެ ގޮތުން ކުރެ ކޮން ގޮތަކަށް ހެއްޔެވެ؟ މަޖިލީހުގެ ގޮނޑިއެއް ބޭނުންވެގެން ތި އުޅެނީ ލިބެން އޮތް ބޮޑު މުސާރަ އާއި ނެގެން ހުރި ރިޝްވަތާއި ޒާތީ މަންފާތަކުގެ ދަހިވެތިކަމުގައި ހެއްޔެވެ؟ ނުވަތަ ހަގީގަތުގައި ވެސް ރައްޔިތުންނަށް ހިދުމަތްކޮށްދޭން ހެއްޔެވެ؟ ސާފުކޮށް ބުނެދޭށެވެ.

ފްލެޓު ދީ، ގޯތި ދޫކޮށް، ފުޓްސަލް ދަނޑު އަޅައި ބަނދަރު ބޮޑުކޮށްދޭނަމޭ ކިޔަސް، އެއީ ރައްޔިތުންގެ މަޖިލިސް ނުވަތަ މަޖިލީހުގެ މެމްބަރުންގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫނެވެ. އެހެންވީމާ ދެން އަންނަ މެމްބަރުންނަކީ ރައްޔިތުންނަށް އިތުބާރުކުރެވޭ އަދި މަޖިލީހަށް ރައްޔިތުންގެ އިތުބާރު ހޯދައިދޭ ބަޔަކަށް ވާށެވެ.

މަޖިލީހުގެ މެމްބަރުން ރައްޔިތުންނަށް ހަރަކާންކޯރުވެ އަމިއްލަ ޕާޓީގެ މަސްލަހަތު ކުރިއެރުވުމާއި ރިޝްވަތު ނެގުން ނިމުމަކަށް ގެންނާނެ ކަމުގެ އާއްމު ހުވައެއް ކޮންމެ ކެންޑިޑޭޓަކު ވަކިން ކުރާށެވެ.