ނޫސްވެރިކަން ނުބައި މިސްރާބެއްގައި

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިފަހަރު ފާހަގަކުރީ، މިނިވަންކަމުގެ މިންގަނޑުން ބޮޑު ކުރިއެރުމަކާ އެކުގަ އެވެ. ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އަށް މި އަހަރު 22 ދަރަޖައިގެ ކުރިއެރުމެއް ލިބުނީ ސަރުކާރުން ނޫސްވެރިކަމަށް ކުރިމަތިކުރި ބޮޑެތި ފިއްތުންތައް ނިމުމަކަށް އައުމާ ވެސް އެކުގަ އެވެ. ނަމަވެސް ދިވެހި ނޫސްވެރިކަން ނުރަނގަޅު މިސްރާބަކަށް ގޮސް، ހަގީގީ ނޫސްވެރިކަން ނުކުރެވޭ ހިސާބަށް ދާ މަންޒަރު އެބަ ފެނެ އެވެ.


ނޫސްވެރިކަމަކީ ޑިމޮކްރަސީއެއްގެ ހަތަރު ވަނަ ބާރު ކަމަށް ކިޔައި އުޅުނަސް މިއީ ވެސް އެތައް ބަޔަކާ ގުޅިގެން ކުރަން ޖެހޭ ކަމެކެވެ. ނޫހެއް އުފައްދައި ހިންގުމަކީ ބޮޑެތި ހޭދަތަކެއް ކުރަން ޖެހޭ ކަމަކަށް ވުމުން ދެމެހެއްޓެވި ގޮތެއްގައި މިކަން ކުރެވޭނެ ހަމައެކަނި ގޮތަކީ ވިޔަފާރީގެ އުސޫލުން ހިންގުމެވެ. މި ބުނަނީ މަހުޖަނަކު އޭނާގެ ހޮބީއެއްގެ ގޮތުގައި ނުވަތަ އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމަށް ފައިސާ އޮއްސައިގެން ނޫހެއް ނުވަތަ ޓީވީ ޗެނަލެއް ހިންގާ ވާހަކައެއް ނޫނެވެ. އާންމު އުސޫލަކީ އިސްތިހާރު ވިއްކައިގެން، ސްޕޮންސަރުން ހޯދައިގެން އެއިން ލިބޭ އާމްދަނީން މީޑިއާއެއް ހިންގުމެވެ.

ގައުމުގެ ނިސްބަތުން ނޫސްވެރިކަމުގެ މަސައްކަތްތައް ކުރާ ތަންތަން ރާއްޖޭގައި ގިނަ އެވެ. ފެންވަރުގެ ވާހަކަ މުހިންމެއް ނޫނެވެ. އޮންލައިން ނޫސްތަކާއި ޓީވީތަކާއި ރޭޑިއޯތައް އެބަ ހިންގަ އެވެ. އެ ހުރިހާ ތަނަކުން ވެސް ސްޕޮންސަ ހޯދަން ދާން މި ޖެހެނީ އެއް ބައެއްގެ ގާތަށެވެ. ރާއްޖޭގެ ނަން މަޝްހޫރު އަމިއްލަ ވިޔަފާރިތަކާއި ސަރުކާރު ކުންފުނިތަކަށް އާދޭސްކޮށްގެން ނޫނީ އިސްތިހާރެއް ޖަހަން މިހާރު އެއްބަހެއް ނުވާނެ އެވެ. އަދި އެއްބަސްކުރުވަން މީޑިއާ އޮފީސްތަކުން ހުށަހަޅަން ޖެހޭ ކަންކަން ވެސް ގިނަ އެވެ. ސްޕޮންސަ ލިބޭނެކަން ކަށަވަރުކުރަން ނޫސްވެރިކަމުގެ އުސޫލު މުގުރާލަން ޖެހޭ ހިސާބަށް ދާން ޖެހޭ ފަހަރުތައް ގިނަކަން، ނޫސް ހިންގާ އެންމެންނަށް ވެސް އެނގޭ އެވެ.

ކުންފުންޏަކުން ދޭ ހިދުމަތްތަކެއްގެ ފެންވަރު ރަނގަޅުކުރަން ވަގުތީ ގޮތުން ހިދުމަތްތަކެއް ހުއްޓާލި ޚަބަރެއް ލިޔަނީ ކަމަށް ބަލާށެވެ. އާންމުންނަށް މުހިންމީ ލިބެމުން ދިޔަ ހިދުމަތްތަކެއް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހުއްޓި ނުވަތަ ބުރޫއަރާ ނަމަ އެކަން އެނގުމެވެ. އެކަމަކު ހިދުމަތް ކެނޑޭނެ ވާހަކަ ނުބުނެ، ހިދުމަތުގެ ފެންވަރު ރަނގަޅުކުރަނީ ކަމަށް ރިޕޯޓްކުރަން މަޖުބޫރުވާ ނަމަ އެ ދެވެނީ ނުބައި ދިމާލަކަށެވެ. އަސާސީ ހިދުމަތެއް ދޭ ކުންފުންޏެއްގެ ހިދުމަތުގައި އަބަދު މައްސަލަތައް ޖެހި، އަދި އެ ފީކަޅާ ހިދުމަތުގެ އަގު ބޮޑު ނަމަ އެ ވާހަކަ ވެސް ދައްކަން މިނިވަންކަން އޮންނަންވާނެ އެވެ. އެކަމަކު ރާއްޖޭގައި މި ކުރާ ނޫސްވެރިކަމުގައި މިފަދަ މައްސަލަތަކުގެ ވާހަކަ ދައްކާތީ އެބަ ފެނޭ ހެއްޔެވެ؟

ޚަބަރުތައް އުފެދޭ ތަންތަން އަދި ނިއުސް މޭކަރުންނާ ގުޅުން ހުރި ހުރިހާ ތަނަކުންހެން މީޑިއާތަކަށް ސްޕޮންސަ ދީފައި، ތިމަންނާމެންގެ އެއްވެސް ގޯސް ވާހަކައެއް ރިޕޯޓްކޮށްގެން ނުވާނޭ ބުނާ ނަމަ ނޫސްވެރިކަން މިނިވަނެއް ނުވާނެ އެވެ. ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން ހިންގާ މީޑިއާތައް ނޫނީ، އެހެން ތަންތަން އުޅެނީ ކިރިޔާ ދެކޮޅުޖެހިގެންނެވެ. އެހެންވެ އެ ބަލިފައި ބޭނުންކޮށްގެން ނޫސްތަކާއި ޓީވީތައް ކޮންޓްރޯލްކުރަން ދިމާކޮށްފި ނަމަ މީޑިއާ މަސައްކަތްކުރާނީ ޕީއާރް ފާމްތަކެއްގެ ގޮތުގަ އެވެ. ގައުމުގައި ހުރި މައްސަލަތަކުގެ ވާހަކަ ދައްކާ ތަނެއް ނުފެންނާނެ އެވެ. ކިތަންމެ ގޯސްކޮށް ކަންތައް ކުރާ ބައެއްގެ ވާހަކަ ވެސް މީޑިއާގައި އަންނާނީ ވަރަށް ފަށުވިކޮށެވެ.

މި މަޖުބޫރީ ހާލަތު ކުރިމަތިވަނީ ހަމައެކަނި އަމިއްލަ ކުންފުނިތަކަކުން ނޫނެވެ. ސަރުކާރުގެ ކުންފުނިތަކުން ވެސް އަންނާނެ އެވެ. އެހެންވެ ވަރަށް ސީދާ ގޮތެއްގައި އެ އުފެދެނީ، ނޫސްވެރިކަމަށް ސަރުކާރުން ނުފޫޒު ފޯރުވޭނެ މަގެކެވެ.

މި މަގަށް މީގެ އަހަރުތަކެއް ކުރިން ނޫސްވެރިކަން ވަދެއްޖެ އެވެ. ނޫސްވެރިކަމުގައި ވާދަވެރިކަން ބޮޑުވަމުން ދިޔަ ވަރަކަށް މިކަން ބޮޑުވަނީ މީޑިއާތައް ހިންގަން ފައިނޭންސްކުރާނެ އެހެން ގޮތެއް، ފުރުސަތެއް ނެތީމަ އެވެ. މިނިވަން ނޫސްވެރިކަމެއްގެ މުހިންމުކަމުގެ ވާހަކަ ސަރުކާރުން އަބަދު ދައްކާއިރު މިއީ ސަރުކާރުން ވެސް ހައްލެއް ހޯދައިދޭން އުޅެންވީ ކަމެކެވެ. މީޑިއާތައް ހިންގާ މީހުން ވެސް ތަފާތު މޮޑެލްތައް ތަޖުރިބާކުރަން ފަށަން އެބަ ޖެހެ އެވެ. ނޫން ނަމަ ހަގީގީ ނޫސްވެރިކަމެއް ނޯންނާނެ އެވެ.