މިއީ އެކަކު އަނެކަކަށް އަޅާލައި ހަމްދަރުދީ ވާންވީ ވަގުތު

ކޮވިޑް-19 އަކީ ގޮތް ނޭނގޭ އަދި ފަރުވާއެއް މިހާތަނަށް ހޯދިފައި ނެތް، އަވަހަށް ފެތުރެމުންދާ ފަނާކުރަނިވި ރޯގާއެކެވެ. މިކަހަލަ ބަލިމަޑުކަމުން ރައްކާތެރިވުމަށް ސިއްހީ ފިޔަވަޅު އެޅުމުގެ އިތުރުން އިލާހީ ހަޒްރަތުގައި ދުޢާ ދަންނަވަން ވެސް ޖެހެ އެވެ. މީސްތަކުންގެ އުޅުމާއި ގުޅުމާއި ކަންކުރާ ގޮތް ބަދަލުކުރަން ޖެހެ އެވެ.


ސިއްހީ ގޮތުން އަޅަންވާ ފިޔަވަޅުތައް ދައުލަތުން އެދަނީ އަންގަމުންނެވެ. ހުރިހާ މީހުން ވެސް މި ދުވަސްވަރު ސިއްހީ އިރުޝާދުތަކަށް ރަނގަޅަށް ބޯލަނބައި ކިޔަމަން ގަތުމަކީ ކޮންމެހެން ލާޒިމް ކަމެކެވެ.

އިގްތިސޯދީ ގޮތުން މިއީ މުސީބާތުގެ ހާލަތެކެވެ. މި ހާލަތުގައި އެންމެނަށް ވެސް ގެއްލުންވާނެ އެވެ. މިސާލަކަށް ރިސޯޓަށް ފަތުރުވެރިން ނައުމުން ރިސޯޓަށް ގެއްލުންވާނެ އެވެ. އެ ގެއްލުމުގެ ސަބަބުން މުސާރަ ދިނުމަށް ދަތިވާތީ މުވައްޒަފުންނަށް ގެއްލުންވާނެ އެވެ. މުވައްޒަފުންނަށް މުސާރަ ނުލިބިއްޖެ ނަމަ އާއިލާތަކަށް ގެއްލުންވާނެ އެވެ. ބާޒާރުގައި ތަކެތިގަތުން ދަށްވާނެ އެވެ. ތަކެތި ނުގަނެވޭ ނަމަ ވިޔަފާރިތަކަށް ގެއްލުންވާނެ އެވެ. ވިޔަފާރިތަކަށް ގެއްލުންވާ ނަމަ ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި ފީތަކާއި ޓެކްސްތަކެއް ނުދެއްކޭނެ އެވެ. އެ ހިސާބުން ދައުލަތަށް ވެސް ގެއްލުންވާނެ އެވެ. އެހެންވީމާ މިފަދަ މުސީބާތުގެ ހާލަތުގައި ގެއްލުންވާނީ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ނޫނެވެ. އެންމެނަށް ވެސް ގެއްލުންވާނެ އެވެ.

މިފަދަ މުސީބާތުގެ ހާލަތުގައި އިގްތިސޯދީ ގޮތުން އަޅުގަނޑަށް ފެންނަ ލަފަޔަކީ ގެއްލުންނުވާނެ ކަމަށް ނުބަލައި، ގެއްލުންވާނެ ކަމަށް ޔަގީންކޮށް (ގެއްލުން ކުޑަކުރަން) މަސައްކަތްކުރުމެވެ. ކޮންމެ މީހަކު ވެސް ތިމާޔަށް ވާ ގެއްލުން ކުޑަކުރަން ހިފުމުގެ ބަދަލުގައި އަނެކާޔަށް ވާނެ، ވެދާނެ ގެއްލުން ކުޑަކުރަން އޯގާތެރިވުމެވެ. އޭރުން (އެންމެންގެ ގެއްލުން) ކުޑަކުރެވޭނެ އެވެ.

މިސާލަކަށް ރިސޯޓު އޯނަރު ވެސް ތިމާޔަށް ވާ ގެއްލުން ކުޑަކުރުމަށް ވިސްނުމުގެ ބަދަލުގައި، މުވައްޒަފުންނަށް ވާނެ ގެއްލުމަށް ވިސްނައިގެން އެމީހުން ވަޒީފާއިން ކަނޑާލުމުގެ ބަދަލުގައި، ބައިކުޅަބައި މުސާރަ ދީގެން ނަމަވެސް މުވައްޒަފުންގެ ގެއްލުމުގައި ހިފޭތޯ ބަލާށެވެ. ސަރުކާރުން ވެސް ރިސޯޓުތަކުގެ ކުލި ނުލިބުމުން ލިބޭ ގެއްލުމަށް ނުވިސްނައި ރިސޯޓުތަކުގެ ކުލި ބައިކުޅަބައި ކުޑަކޮށް ރިސޯޓު އޯނަރުންނަށް ލިބޭނެ ގެއްލުމުގައި ހިފާށެވެ. މިހެން ގޮސް މުޖުތަމައުގެ ކޮންމެ މުއައްސަސާއަކާއި ފަރުދަކު ވެސް ތިމާގެ ގެއްލުމުގެ ބަދަލުގައި އަނެކާގެ ގެއްލުމަށް ވިސްނައިގެން ކަންކުރީމާ އިރާދަކުރެއްވިއްޔާ ނަތީޖާއަކަށް ވާނީ އެންމެންގެ ގެއްލުން ކުޑަވެގެން ދިއުމެވެ. މިއާ ޚިލާފަށް ކޮންމެ މީހަކުމެ އެމީހާޔަށް ލިބޭ ގެއްލުން ކުޑަކުރަން ހިފައިފި ނަމަ އެންމެންނަށް ވެސް ވާނީ ގެއްލުމެވެ. މުޖްތަމައުގެ އެންމެން ހާލުގައި ޖެހި އެކަކު އަނެކަކާ އަޅާލާނެ މީހަކު ނުވެ އެންމެން ބަނޑަށް ޖެހި ގިނަ ބަޔަކު މަރުވެދާނެ އެވެ. މިފަދަ ހިތާމަޔާ މުސީބާތުގެ ދަނޑިވަޅުގައި ދަސްކުރަންވީ ކަންކަމަކީ ކޮބާތޯ އެވެ؟

އިޓަލީގައި ޝޮޕިން ސެންޓަރެއްގައި ވިޔަފާރިކުރަނީ: މި ވަގުތު ގިނައިން އެއްޗެހި ގަތުން ވެސް ހުއްޓާލުން ރަނގަޅު --ފޮޓޯ:އޭއެފްޕީ

1. ކެތްތެރިވުން: މިފަދަ މުސީބާތުގެ ވަގުތުގައި އެންމެ މުހިއްމު ކަމަކީ ކެތްތެރިވުމެވެ. މީހުން ކެތްތެރިނުވެ ބަސްނާހައި ތެޅިގެންފި ނަމަ ދެންވާނެ ގޮތެއް ވިސްނާލާށެވެ. ކެތްތެރި ނުވެވިއްޖެ ނަމަ މިރޯގާއަށް ވުރެ ބޮޑު މުސީބާތެއް އަތުވެދާނެ އެވެ. މުޅި މުޖްތަމައުގައި ހޯބޯލެވުން ގިނަވެ ހަމަޖެހުން ގެއްލިދާނެ އެވެ.

2. ކިޔަމަންގަތުން: ދެވަނަ ކަމަކީ ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން އަންގާ އެންގުންތަކަށް ކިޔަމަންވެ ބޯލެނބުމެވެ. ބައެއް ފަހަރު ބައެއް މީހުން ހިތްހަމަނުޖެހޭ ނުވަތަ ނުގަބޫލު ކަންކަން ވެސް ހިނގާފާނެ އެވެ. އެކަމަކު މުޅި ޖަމާއަތުގެ ހައްގުގައި ފަރުދީ ކަންކަން ދޫކޮށްލުމަކީ މިފަދަ ހާލަތުގައި ވާން ޖެހޭ ގުރުބާނީއެކެވެ.

3. ބަސް މަދުކުރުން: ތިން ވަނަ ކަމަކީ މުސީބާތުގެ ވަގުތުގައި ބަސް މަދުކޮށް ގޮތްކިޔުމާއި ފާޑުކިޔުން މަދުކުރުމެވެ. މުސީބާތުގެ ހާލަތުގައި އެންމެން ގޮތްކިޔަން ފަށައިފި ނަމަ ދެން ވާނީ ބޮޑު ދެބަސްވުމަކަށެވެ. އޭގެން އުފެދޭނީ ބޮޑު ޒުވާބެކެވެ. ޒުވާބުދެން ބަދަލުވަނީ ހަމަނުޖެހުމަކަށެވެ. އެހެންވީމާ އަޅުގަނޑުގެ ނަސޭހަތަކީ ރޯދަހިފައި، ނަމާދުކޮށް، ޒިކުރުކުރުމާ، ﷲށް ދުޢާ ދެންނެވުމުގައި ވަގުތު ގިނަކުރުމެވެ. ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު (ޙަސްބުނަﷲ) ކިޔާލާ އެކަމަކާ ދުރުހެލިވުމެވެ.

4. ގަތުން މަދުކުރުން: ހަތަރު ވަނަ ކަމަކީ ބަނޑަށް ޖެހިދާނެކަމަށް ނުވަތަ ކާބޯތަކެތި ނުލިބިދާނެކަމަށް ތަކެތިގަނެ ޚަޒާނާކުރުން މަދުކުރުމެވެ. އެންމެން ޓެންޝަނަށް ގޮސް ބިރުން ގިނައިން ތަކެތި ގަންނަ ނަމަ ވަރަށް ގިނަ ގެއްލުންތަކެއް ވާނެ އެވެ. މިސާލަކަށް ތަކެތީގެ އަގުތައް އުފުލިގެން ދާނެ އެވެ. ތަކެތި އެތެރެކުރުމަށް ބާރު ބޮޑުވެ ޑޮލަރުގެ ޑިމާންޑް ބޮޑުވެ ޑޮލަރުގެ ކަޅު ބާޒާރު އުފެދި ޑޮލަރު ލިބުން ދަތިވެ ޑޮލަރުގެ އަގު އުފުލި، އޭގެ ސަބަބުން މުދަލުގެ އަގު އުފުލޭނެ އެވެ. މިހާ ދަތިކޮށް އުޅޭއިރު ގިނަ ބާވަތްތައް އެއްފަހަރާ ގަނޑުކޮށް ގެނެފި ނަމަ ޚަޒާނާކުރަން ދަތިވާނެ އެވެ. ގޭތެރޭގައި ވަސްހިފައި، ބައެއް ތަކެތި ކުނިވެ އިތުރު، ބަލިމަޑުކަމަކާއި އުނދަގޫތަކެއް ވެސް ފޯރާފާނެ އެވެ. މީހުން އެއްފަހަރާ ތަކެތި ގަންނަން ފެށީމާ ތަކެތީގެ ޑިމާންޑް ބަލަން ވެސް ދަތިވެ، ވިޔަފާރިވެރިންނަށް މާ ގިނައިން ތަކެތި ސަޕްލައިކުރެވި، އޭގެ ސަބަބުން ތަކެތި ނުވިކި އެފަދަ ގެއްލުންތަކަކާ ވެސް ކުރިމަތިލާން ޖެހިދާނެ އެވެ.

5. ކެއުމާއިބުއިން މަދުކޮށް ރޯދަހިފުން: ފަސް ވަނަ ކަމަކީ މިދުވަސްވަރު ވީހާވެސް ކެއުންބުއިން މަދުކޮށް ރޯދަހިފަން އާދަކުރުމެވެ. ރޯދަހިފުމަކީ އޭގެ ޒާތުގައި ސިއްހީ ފައިދާ އަދި އިލާހީ ދަރުމަޔާއި ސަވާބު ވެސް ލިބޭ ކަމެކެވެ. ރޯދަހިފުމަކީ ﷲގެ ހަޒްރަތަށް މީހާ ގިނަގިނައިން ކުށްތަންވުމަށް އެންމެ ރަނގަޅު އަޅުކަމެވެ. އަދި ރޯދަހިފުމަކީ މީހާގެ ރުޅިމަޑުވުމާއި ބަސް މަދު ވެސް ކޮށްދޭ ކަމެކެވެ. ރޯދައިގެ ސިއްހީ، އިގްތިސޯދީ އަދި އިޖްތިމާއީ ފައިދާތައް ވަރަށް ގިނަކަން އެންމެނަށް ވެސް އެނގޭނެ އެވެ.

އަޅުގަނޑުމެންގެ މި ގައުމަކީ މީސްކޮޅު މަދު ގައުމެކެވެ. އަޅުގަނޑުމެންނަށް ކަންކަން ނިންމަން ފަސޭހަވާނެ އެވެ. އަޅުގަނޑުމެންގެ މި ގައުމަކީ ވަސީލަތްތައް އެހައި ގިނަ ގައުމެއް ނޫނެވެ. މިވެސް ވިސްނަން ޖެހޭ ކަމެކެވެ. އެހެންނޫނަސް މިފަދަ ރޯގާއެއް އަރައިފި ނަމަ ވަސީލަތްތައް ގިނަޔަސް، މަދަސް އެތަނެއް އެދަނީ ފަނާކުރަމުންނެވެ. ވީމާ އަޅުގަނޑުމެން މިކަމާ ވިސްނާ ކެތްތެރިވެ ކުރިއާލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މި ރޯގާ ނުޖެހި ސަލާމަތްވާން އޮތް ހަމައެކަނި ގޮތެވެ.

ނިންމާލަމުން އަޅުގަނޑު ދަންނަވާލާނީ ކޮންމެ މުސީބާތެއްގެ ވެސް އެންމެ މުހިއްމު ފަރުވާއަކީ އަޅުގަނޑުމެންގެ އުޅުމާއި ކަންކުރާ ގޮތް ބަދަލުކުރުމެވެ. ކޮރޯނާވައިރަސްގެ ރޯގާއަކީ ގޮތް ނޭނގޭ، ފަރުވާއެއް ނެތް، ފަނާކުރަނިވި ރޯގާއެކެވެ. މި ރޯގާޔަށް އޮތް އެއް ފަރުވާއަކީ، އަޅުގަނޑުމެންގެ ވިސްނުމާއި އުޅޭ ގޮތާއި ކަންކުރާ ގޮތް ބަދަލުކުރުމެވެ. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން އެންމެނަށް ﷲ ހެޔޮ ވިސްނުން ދެއްވައި، އަޅުގަނޑުމެންގެ އަމަލުތައް ބަދަލުކޮށްގެން މި ރޯގާއިން ވީހާވެސް އަވަހަކަށް ސަލާމަތްވުމެވެ. އަޅުގަނޑުމެންނަކީ ހެޔޮ ބަސް ބުނާ ހެޔޮ ބަސް އަހާ އަދި ހެޔޮ ގޮތަށް ކަންކުރާ ބަޔަކަށް ވުމެވެ.

އިރާދަކުރެއްވިއްޔާ މިރޯގާޔާ ބެހޭ އިގްތިސާދީ އާޓިކަލެއް ވަރަށް އަވަހަށް ކިޔުންތެރިންނާ ހަމަޔަށް ގެނެވޭތޯ ބަލާނަމެވެ. ހުރިހާ ބޭފުޅުންނަށް ވެސް ބާއްޖަވެރިކަމާއި ފުރިހަމަ ސިއްހަތާއި އާފިޔަތަށް އެދި ދުއާކުރަމެވެ.

އެޑިޓަރުގެ ނޯޓު

މަޝްހޫރު ނަމުން ނަމަ ނަފާ ނަސީމަކީ އިގުތިސާދީ ދާއިރާ އިން މަތީ ތައުލީމް ހާސިލްކުރައްވައި، އެކަމާ ގުޅޭ ޓީވީގެ ތަފާތު ޕްރޮގްރާމްތައް ތައްޔާރުކުރެއްވި، އަދި ބައެއް ލިއުންތައް ލިއުއްވަމުން ގެންދަވާ ބޭފުޅެކެވެ.