މަރުގެ އަދަބު - ފުރިހަމަނުވާ ޖިނާއީ ނިޒާމެއްގެ ތެރެއިން

ދުނިޔޭގެ ނިސްބަތުން ގިނައިން މަރުގެ އަދަބު ދޭ ގައުމުތަކުގެ ލިސްޓަށް ބަލައިލަމާތޯ އެވެ. އެލިސްޓުގެ ކުރީގައި އޮތީ ޗައިނާ އެވެ. ދެވަނައިގައި އީރާނެވެ. އީރާނުގައި މަރުގެ ޙުކުމް ތަންފީޒު ކުރާ ނިސްބަތަށް ވުރެ ޗައިނާގައި މަރުގެ ޙުކުމް ތަންފީޒު ކުރާ ނިސްބަތް ހަތަރު ގުނަ އިތުރެވެ. އެ ގައުމުތަކުގެ މަރުގެ މައްސަލަތަކުގެ ތަފާސްހިސާބު މުހިއްމު ނުވާނެތީވެ، އެތަފްސީލަށް ދާކަށް ނެތީމެވެ. މިދެންނެވި ލިސްޓުގެ ތިން ވަނާގައި އޮތީ ސަޢުދިއަރަބިޔާ އެވެ. އެ ޤައުމުން 2007 އިން 2015 ގެ ނިޔަލަށް 750 އަށް ވުރެ ގިނަ މަރުގެ އަދަބު ތަންފީޒުކޮށްފައިވެ އެވެ. ލިސްޓުގެ ހަތަރު ވަނައިގައި އޮތީ އެމެރިކާ އެވެ. މިއީ ނިސްބަތުން މަރުގެ އަދަބު އެންމެ ގިނައިން ދެމުން އަންނަ ގައުމުތަކެވެ. މިދެންނެވި ގައުމުތަކުގައި މަރުގެ އަދަބު ގިނައިން ދީފައި ހުރީ މަސްތުވާ ތަކެއްޗާއި، ޓެރަރިޒަމާއި، ސިޔާސީ ގޮތުންނާއި މަޒުހަބީ ގޮތުން ފިކުރު ތަފާތުވުމުގެ ސަބަބުން ދިމާވާ ކަންކަމުގައި ކުރެވޭ ދަޢުވާތަކުގަ އެވެ. ސަޢުދިއަރަބިޔާ އާއި އީރާނުގައި މަދުން ނަމަވެސް މަރަށް މަރު ހިފުމުގެ ގޮތުން މަރުގެ އަދަބު ދެ އެވެ.


އަވަށްޓެރި އިސްލާމީ ގައުމަކީ އިރުހާބީންގެ ހާއްޔަކަށް ވެފައިވާ ގައުމެކެވެ. އެ ގައުމުގެ ސުޕްރީމް ކޯޓުގެ ވެސް ރުހުމާ އެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން، ވަގުތީ މިލިޓަރީ ކޯޓު އުފައްދައިގެން ޓެރަރިޒަމްގެ ޝަރީޢަތްތައް، ޖުޑީޝަލް ވެލްޔޫޒްތަކާ ޚިލާފަށް، އަވަސް ނިޔާ މައްސަލަތަކެއް ގޮތުގައި މަރުގެ މައްސަލަތައް ބަލައި، ދަންޖައްސަމުން ދަނީ ނަޡަރިއްޔަތުއް ޟަރޫރާ (ތިއަރީ އޮފް ނެސަސިޓީ) ގެ ދަށުން ކަމަށް ބުނެވެ އެވެ.

ބައެއް ފަހަރު އިސްލާމީ ގައުމުތަކުގައި ތަންފީޒުކުރާ މަރުގެ ޙުކުމްތަކަކީ އެ ގައުމުތަކުގެ ޙާލަތަށް ރިޢާޔަތްކޮށް ކުރާ ކަމަކަށް ވުމުން، އިސްލާމްދީނުގައި ބާވައިލެއްވި ޤިޞާޞުގެ ޙުކުމް ތަންފީޒު ކުރުން ކަމަށް ބެލުމުގެ ފަރުޞަތު ކުޑަ އެވެ. ޤިޞާޞް ހިފުމަކީ ﷲ ޝަރުޢުކުރައްވާފައިވާ ޙުކުމަކަށް ވާއިރު، އެކަން ކުރަން ޖެހޭނީ އިސްލާމް ދީނުގައި ވާ ގޮތުގެ މަތިންނެވެ.

ރާއްޖޭގައި ދިން މަރުގެ އަދަބުތައް

ދިވެހިރާއްޖޭގެ ފަހުގެ ތާރީޚުގައި ހިނގި ބައެއް ހާދިސާތަކާ ގުޅިގެން ކުރި ޝަރީޢަތްތަކުގައި ކުށްވެރިޔާ މެރުމަށް ޙުކުމް ކޮށްފައިވެ އެވެ. ނަމަވެސް ނާދިރު ހާލަތެއްގައި މެނުވީ ކުށްވެރިޔާގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒު ކޮށްފައެއް ނުވެ އެވެ. މަރުގެ ބޮޑެތި މައްސަލަތަކުގެ ތެރެއިން ޘިޤާ ގޮތުގައި އެނގެން ހުރި ބައެއް މައްސަލަތަކަށް ބަލައިލަމާތޯ އެވެ.

ހަކީމްދީދީގެ މައްސަލަ

އެއީ މީގެ 63 އަހަރު ކުރި އެވެ. ނިލަންދޫ ޙަކީމްދީދީ ގަޔަށް ބަޑިޖަހައި މަރާލީ މަރަށް މަރުހިފުމަށް ކަމަށް ވެއެވެ. ތިރީގައި އެވަނީ އެ މައްސަލައިގެ ޝަރީޢަތް ހިނގި ގޮތުގެ ކުރު ޚުލާޞާއެކެވެ. މަޤްޞަދަކީ އެކަން ހިނގާ ދިޔަ ގޮތް ދެނެގަތުމަށްޓަކައި ކިއުންތެރިންގެ ކުރިފުޅުމައްޗަށް މައްސަލަ ގެނެސްދިނުމެވެ. ޝަރީޢަތް ކުރި ގޮތް ރަނގަޅުތޯ ނުވަތަ ނޫންތޯ ބެލުމެއް ނޫނެވެ.

ޤަޟިއްޔާއަކީ ދައުލަތް ހިނގުމުގައި އިސްކޮށް ހުންނެވި އެންމެ އިސް ވެރިޔާ އަށް ސިހުރު ހަދައި އަވަހާރަކޮށްލަން އުޅުމެވެ. ދިވެހި ދައުލަތް ހިންގުމުގައި އެއިރު އިސްކޮށް ހުންނެވީ ސުމުވުލްއަމީރު މުޙައްމަދު އަމީނު ދޮށިމޭނާކިލެގެފާނެވެ. މިދެންނެވި މައްސަލައާ އެކުއެކުގައި ތަޙުޤީޤު ކުރި އަނެއް މައްސަލައަކީ ހުވަދު އަތޮޅުގެ އަތޮޅުވެރިކަމުގައި ހުންނެވި ވީރު ޢަލިދީދީ އަށް ސިހުރު ހަދައި މަރާލި ކަމަށް ބުނާ މައްސަލަ އެވެ.

މި ދެ މައްސަލަ ތަޙުޤީޤުކުރަން، ތިނަދުއަށް ތަޙުޤީޤު ކޮމެޓީއެއް ދިޔަ އެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގެންނެވީ ދައުލަތުގެ އިސް ވެރިޔާ މުޙައްމަދު އަމީނު ދީދީ އާއި އުއްތަމަފަނޑިޔާރު ޢަބުދުﷲ ފަހުމީ އާއި ބުޗާ ޙަސަން ކަލޭފާނެވެ.

ދެ މައްސަލައިގައި ވެސް ތުހުމަތުކުރި ފަސް މީހުން މާލެ ގެނައީ އެޕްރީލް 6، 1953 ގެ ހަވީރުގެ ވަގުތެއްގަ އެވެ. އެރޭ 8:30 ގައި ބަނޑޭރިގޭގައި ވެސް، ސިހުރުވެރިންނާއި، އެމީހުންގެ ބައިވެރިންގެ ތަޙުޤީޤެއް ހިންގި އެވެ. ޖެހިގެން އައި ދުވަހު ހެނދުނު 9 ޖެހިއިރު އެމީހުންގެ ޝަރީޢަތް ނާދީގައި ފެށި އެވެ. ޝަރީޢަތް އަޑުއަހަން ބޭނުން މީހަކަށް ފުރުޞަތު ހުޅުވާލުމުން ވަރަށް ގިނަ ބަޔަކު ދިޔަ ކަމަށްވެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނީ ވަކީލުކަމުގެ ސަނަދު ނެންގެވި ބޭފުޅުންކޮޅެއް އެއިރު ތިއްބެވި އެވެ. އެބޭފުޅުންގެ ތެރޭގައި މުހައްމަދު އަމީނާއި ބުޗާ ޙަސން ކަލޭފާނު ހިމެނިވަޑައިގަނެ އެވެ.

ސިހުރު ހެދި މީހުންގެ މައްޗަށް ދައުލަތުގެ ފަރާތުން ދަޢުވާކުރީ މުޙައްމަދު އަމީނު ކަމަށްވެ އެވެ. ފަނޑިޔާރުންނަށް ތިއްބެވީ އުއްތަމަފަނޑިޔާރު ޢަބުދުﷲ ފަހުމީ އާއި މަޙުކަމަތުއްޝަރުޢިއްޔާގެ ބޮޑު ނައިބު ޢަބުދުލް ޤައްޔޫމް އާއި ފަތްލިޔާ ނައިބު މުޙައްމަދު ނަޞީރު މަނިކު ކަމަށްވެ އެވެ.

ޙަކީމު ދީދީގެ މައްޗަށް ކުރި އެއް ދަޢުވާއަކީ ވިހަ ގަދަ ހިކައެއް ލައިގެން ސައިކުރައެއް ކައްކައި އޭގައި ސައި ހަދާފައި އަތޮޅުވެރިޔާ ވީރު ޢަލި ދީދީ އަށް ބޯންދީ މަރާލިކަމުގެ ދަޢުވާ އެވެ. ޙަކީމު ދީދީ އަކީ ވިހަ ހިކަ ލައިގެން ސައިކުރާ ކައްކައިދޭނެ ގޮތް ބުނެދިން މީހާ އެވެ. ތަޙުޤީޤުގަ އާއި ޝަރީޢަތުގައި ޙަކީމު ދީދީ އިޢުތިރާފުވި ކަމަށްވެ އެވެ.

ޙަކީމު ދީދީގެ މައްޗަށް ހުކުމް ކުރެއްވީ ދަޢުވާ އުފުލި ދުވަހުގެ މެންދުރުފަހު 2 ޖެހި އިރު އެވެ. ފަނޑިޔާރުމަނިކުފާނު ނިޔާ އިއްވަވަމުން ވިދާޅުވީ ޙަކީމު ދީދީގެ ޙުކުމަކީ އިސްލާމް ދީނުގައި އޮތް ޙުކުމް ކަމަށެވެ. އެހެނީ މަރުގެ އަދަބެވެ.

ޙުކުމް ތަންފީޒުކުރީ ޙުކުމް ކުރެއްވި ދުވަހުގެ ހަވީރު 3:30 ގަ އެވެ. ދައުލަތުގެ އެންމެ އިސް ވެރިޔާ މުޙައްމަދު އަމީނާއި އުއްތަމަ ފަނޑިޔާރު ޢަބުދުﷲ ފަހުމީ އާއި އަދިވެސް އިތުރު އެހެން ބޭފުޅުންގެ ޙާޟިރުގަ އެވެ.

ހުޅުލޭ ވަލުތެރޭ ރުކެއްގައި ޙަކީމު ދީދީ ބަނދެފައި އުއްތަމަ ފަނޑިޔާރުގެ އަމުރުފުޅަށް ބަޑިޖެހީ ބަންދު މޫސާ ކަލޭފާނާއި ޓިނު އަލިފުޅު ކަމަށްވެ އެވެ.

ނޮވެމްބަރު 3 ގެ ހަމަލާ

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާގައި ޝަހީދުވި ދިވެހިންގެ ޢާއިލާތަކުގެ ތެރެއިން އެކަކު ފިޔަވައި އެންމެން ވެސް ބޭނުންވީ މަރަށް މަރު ހިފުމަށެވެ. އޭނާ ވެސް ފަހުން ބޭނުންވީ މަރަށް މަރު ހިފާށެވެ. ކުށްވެރިވި މީހުންގެ ތެރެއިން ހަތަރު ދިވެއްސަކާއި ބިދޭސީންގެ 12 މީހަކު މަރަން ނިޔާ ކަނޑައެޅި އެވެ. ނަމަވެސް އެ މީހުންގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކޮށްފައެއް ނުވެ އެވެ.

ނޮމެމްބަރު 3ގެ އުދުވާނީ ހަމަލާގެ އެންމެ އިސް އެއް މޭސްތިރި ކަމުގައިވާ ސަގަރު ނާސިރު، ހައްޔަރު ކުރުމަށް ފަހު ތަހުގީގަށް މާލެ ގެންނަނީ: ފަހުގެ ތާރީހުގައި ފެނުނު އެންމެ ބޮޑު އެއް ޓެރަރިސްޓް

ދާދި ފަހުން، ރާއްޖޭގެ ޓީވީ ޗެނެލަކަށް ދެއްވި ބަސްދީގަތުމެއްގައި، އެ މަރުގެ ހުކުމްތައް ތަންފީޒު ނުކުރެއްވި ސަބަބު، އޭރުގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެފައިވެ އެވެ. އެމަނިކުފާނު ވިދާޅުވި ސަބަބާ މެދު ޚިޔާލުތަފާތުވުމުގެ ޖާގަ އޮވެދާނެ އެވެ. އެހެނީ އެއީ ޤިޞާޞްގެ މައްސަލައަކަށް ވާތީ އެވެ. އެއިރު ހުރި ޤާނޫނުތަކާއި އެއިރު އޮތް ޝަރުޢީ ނިޒާމުގެ ޙާލަތު ދިރާސާކުރީމެވެ. އަދި އެޝަރީޢަތްތަކުގެ ރިޕޯޓްތައް ކިޔާލުމުގެ ފުރުޞަތު ވެސް ލިބުނެވެ. މި ދެންނެވި ކަންކަން އަޅާކިޔާއިރު، އޭރު ވެސް ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު ބަލިކަށި މިންވަރު ތަޞައްވަރުކުރެވެ އެވެ. އެހެންކަމާ އެކު އެމަނިކުފާނުގެ ނިންމެވުން ރަނގަޅު ކަމަށް ބެލިދާނެ އެވެ.

އީވާން ނަސީމްގެ މައްސަލަ

އީވާން ނަސީމު ބަހައްޓާފައި ހުރި މާފުށީ ޖަލުގެ ސީ ބުލޮކް އަކީ ޙުކުމް ތަންފީޒުކުރާ މީހުންނާއި، ތަޙުޤީޤުގެ ބޭނުމަށް ހައްޔަރުކުރާ މީހުން ބައިތިއްބި ތަނެކެވެ. ސެޕްޓެމްބަރު 19، 2003 ގެ މެންދުރު ކުރީގެ ވަގުތެއްގައި، ސީ ބުލޮކްގެ ތިން ނަންބަރު ގޮޅީގައި ތިބި ބައެއް ގައިދީން އެ ގޮޅި ހުރަސްކޮށް ފަސް ނަންބަރު ގޮޅީގައި ހުރި މީހެއްގެ ގައިގައި ތަޅައިގަނެ މާރާމާރި ހިންގި އެވެ. ބައެއް ގައިދީން ދެ ފަހަރަށް ގޮޅި ހުރަސްކުރި އެވެ. އެދުވަހު ހަވީރު ސައި ގަޑީގައި ސީ ތިނަކުންނާއި ސީ ހަތަރަކުން އެއް ބަޔަކު އަނެއް ބައެއްގެ ގަޔަށް ސައި އުކި އެވެ. މިއީ ގައިދީން ކުރުން މަނާ ކަންކަމެވެ.

ގޮޅި ހުރަސްކުރި މީހުން އަނބުރާ ތިން ނަންބަރު ގޮޅިއަށް ގެނައި އިރު، ގޮޅީގެ އެތެރެ ފަރާތުގެ ދޮރު ކުރިމަތީގައި، ވަންނަ މީހުންނަށް ހުރަސް އަޅަން ފިލާގަނޑެއް ބާއްވައިގެން، ވަނަމަކަށް "މަންދު" ކިޔާ ގައިދީއަކު އޮށޯވެ އޮތެވެ. އޭގެ ކުރިން އީވާން ވެސް އެތަނުގައި އޮށޯވެ އޮތެވެ. މަންދު ގާތުގައި ތެދުވުމަށް ސިފައިން އެންގުމުން ވެސް ނުތެދުވުމުން، އޭނާ ގޮޅިން ނެރެން މަސައްކަތް ކުރަމުން ދިޔައިރު، އީވާން ފާހާނައަށް ވަދެފައި ނުންނަނީ އެވެ. މަންދު ނެރެން ސިފައިން މަސައްކަތް ކުރަމުން ދާތީ، އޭނާ ނެރެގެން ނުވާނެކަމަށް އީވާން ބުނަމުން ދިޔަ އެވެ. ފުރަތަމަ ބުރުގައި އެއްވެސް މީހަކު ގޮޅިން ނުނެރެ ސިފައިން ދިޔައީ އެވެ.

ނަމަވެސް އެރޭ 9 ޖަހާކަންހާއިރު، ކަރެކްޝަންސްގެ މީހަކާ އެކު 10 ވަރަކަށް ސިފައިންގެ ފޯސްއެއް ދިޔަ އެވެ. މިފަހަރު ސިފައިން އައީ ލިސްޓެއް ހިފައިގެންނެވެ. އެލިސްޓުގެ އެންމެ ފަހު ނަމެއް ގޮތުގައި އޮތީ އީވާންގެ ނަމެވެ. ލިސްޓުގައިވާ ނަންތައް ގޮވަމުން ދިޔަ ވަރަކުން ސީ-3 އިން އީވާން ފިޔަވައި އެންމެން ދިޔައީ ނުކުންނަމުންނެވެ. ގޮޅިން ނުކުންނަ އެންމެންގެ އަތުގައި ބިޑި އަޅުވަމުން ދިޔައީ އެކަކުގެ އަތާއި އަނެކަކުގެ އަތް ގުޅޭ ގޮތަށް ބިޑިފައްޗަކަށެވެ. އީވާންގެ ނަން ގޮވުމުން ނުކުންނަށް އިންކާރުކުރި އެވެ. ނުކުންނާނީ އީވާންގެ ކުށަކީ ކޮބައިކަން ބުނެދިނުމުން ކަމަށް އޭނާ ބުނަމުން ދިޔަ އެވެ. އީވާން ނެރެން ސިފައިން ގޮޅި ތެރެއަށް ވަންއިރު އޭނާ ހުރީ ހަތަރު ފޫޓު ދިގު ލަކުޑި ބުރިއެއް ހިފައިގެންނެވެ. ސިފައިން ގޮޅި ތެރެއަށް ވަދެ އީވާން ވަށާލުމަށް ފަހު، އީވާން ގައިގައި ބައްދަން އުޅުމުން، އޭނާ އަތުގައި އޮތް ލަކުޑި ބުރިން ސިފައިންގެ މީހެއް ގައިގައި ޖެހި އެވެ. އެ މީހާގެ ބޮލަށާއި ކޮނޑަށާއި އަތަށް ހާނިކަވި އެވެ. އެންމެ ފަހުން، ވާހަކަ ދައްކައިގެން ނުކުންނަން އީވާން އެއްބަސްވި އެވެ. އީވާން ނުކުތުމުން ގޮވައިގެން ގެންގޮސް ބެހެއްޓީ ވޯކްޝޮޕްގެ ދެކުނުކޮޅު ބިތުގެ ތޭރިތަކާ އެކު އަތުގައި ބިޑި އަޅުވާފަ އެވެ. އެހެން ގައިދީން ބައިތިއްބާފައި ތިބީ ވޯކްޝޮޕް ގޯތިތެރޭގައި ހުޅަނގު ކޮޅުގަ އެވެ.

ދެން އޭގެ ފަހުން ހިންގި އަނިޔާވެރިކަމުގައި އީވާން ނަސީމް މަރުވުމާއި ސެޕްޓެމްބަރު 20 ވަނަދުވަހު ޖަލުގެ ގޮޅިތަކުން ނުކުތް މީހުން ގަޔަށް ބަޑިޖެހުމުން، އެތައް ބައެއްގެ ފުރާނަ ދިއުމަކީ ރާއްޖޭގެ ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބިރުވެރި އަދި ހިތާމަވެރި ދެ ހާދިސާ އެވެ. އެ ދެ ހާދިސާ ހިނގަން މެދުވެރިވި ސަބަބުތަކާ މެދު ފުންކޮށް ވިސްނާ ފިކުރުކުރުމުން އެނގެނީ ޖިނާއީ ޢަދުލުގެ ނިޒާމަށް ބޭނުންވާ ޤާނޫނުތައް ނެތި، ތަންފީޒީ އިދާރާތަކުގެ ބާރުވެރިކަމުގެ ދަށުން ޖިނާއީ ނިޒާމު ހިންގަން ޖެހުމުގެ ސަބަބުން މުޅި ނިޒާމު ބަލިކަށިވެފައި އޮތް މިންވަރެވެ. (ދެ ވަނަ ބައި މާދަމާ)

އެޑިޓަރުގެ ނޯޓު

އަހުމަދު ފާއިޒަކީ ރާއްޖޭގެ ކުރީގެ އުއްތަމަފަނޑިޔާރެވެ. ސުޕްރީމް ކޯޓުގެ ބެންޗަށް ކުއްލިއަކަށް ގެނައި ބަދަލަކާ ގުޅިގެން އެމަނިކުފާނު ވަނީ މަގާމުން ވަކިކޮށްފަ އެވެ. މިހާރު ލިބިވަޑައިގަންނަވާ ހުސް ވަގުތުތަކުގައި ގާނޫނީ އަދި ޝަރުއީ ދާއިރާގެ މައްސަލަތައް ގެންދަވަނީ ދިރާސާކުރައްވަމުންނެވެ. މިއީ އެގޮތުން އެމަނިކުފާނު ލިއުއްވި އިލްމީ ދިރާސާއެކެވެ.