އިންޑިއާގެ ޓްރިވެންޑްރަމްގައި ހުރި ޔަތީމުޚާނާއެއްގައި ތިބި ދިވެހި ދެ ކުދިން އެނބުރި، އެކުދިންގެ ބައްޕަ ކައިރިއަށް، ރާއްޖެ އަތުވެއްޖެ އެވެ.
އިންޑިއާގެ އަންހެނަކާ ކައިވެނިކޮށްގެން އުޅުނު އއ. އުކުޅަހު މީހަކަށް ލިބުނު ތިން އަންހެން ކުދިން، ޔަތީމުޚާނާއެއްގައި ގާތްގަނޑަކަށް ހަތަރު އަހަރެއްހާ ދުވަހު ހޭދަކުރި އެވެ. އޭގެ ތެރެއިން އެންމެ ދޮށީ ކުއްޖާ ރާއްޖެ ގެނައީ މިދިއަ އަހަރުގެ މާޗް މަހު އެވެ.
އެ ކުދިންގެ ބައްޕަގެ އާއިލާ މީހަކު މިއަދު ބުނީ ޔަތީމުޚާނާގައި އެންމެ ފަހުން ތިބި ދެ ކުދިން ރާއްޖެ އައީ އެ ކުދިންގެ މަންމައާ އެކު މިދިޔަ ހަފުތާގައި ކަމަށެވެ.
އުމުރުން 12، 10 އަދި ހަތް އަހަރުގެ ތިން ކުދިން ޔަތީމުހާނާއަށް ލީ، އެ ކުދިން ގޮވައިގެން މަންމަ އިންޑިއާ އަށް ގޮސް އެނބުރި ނާންނަން ނިންމުމަށް ފަހު އެވެ. އޭނާ ބުނެފައިވާ ގޮތުގައި އެ ކުދިން ޔަތީމުހާނާއަށް ލީ ބެލޭނެ ގޮތެއް ނެތިގެންނެވެ.
"އެ ކުދިންގެ މަންމަ އެ ކުދިން ގޮވައިގެން ފިލައިގެން ދިޔަ ފަހުން ހަބަރެއް ނުވެ އެތައް ދުވަހެއްވި ފަހުން އެނގުނީ ކުދިން ތިބި ތަނެއް. އޭގެ ފަހުން ކޮންމެ ދެ މަހަކުން އެއް މަހު ކަހަލަ ގޮތަކަށް ކުދިންނާ ބައްދަލުކުރަން އަޅުގަނޑުމެން އިންޑިއާއަށް ގޮސް ކުދިން ގެނެވޭތޯ މަސައްކަތްކުރިން،" އެކުދިންގެ އާއިލާގެ މީހާ ކިޔައިދިނެވެ.
"އެ ކުދިން ރާއްޖެ ގެނެވޭތޯ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގައި ވެސް އެދުނު. ނަމަވެސް އެއްވެސް ތަނަކުން އެއްބާރުލެއް ނުލިބުނު."
ބައްޕައާ ކުދިން ހަވާލުކުރަން މަންމަ ދެކޮޅުހެދުމުން އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ވެސް އެ ކުދިން ޔަތީމުހާނާ އިން ނެރެދީފައެއް ނުވެ އެވެ. އެންމެ ދޮށި ކުއްޖާ ރާއްޖެ އައީ އޭނާ އަމިއްލައަށް އެދިގެންނެވެ.
އާއިލާގެ ފަަރާތުން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި ދެ ކުދިން ގޮވައިގެން މަންމަ އައީ އޭނާ ވަރިވެވޭނީ އެ ކުދިން ހަވާލުކުރުމުން ކަމަށް އެންގުމުންނެވެ. އެކަމަކު އަދިވެސް ދެ ކުދިން އެ މީހުންގެ ބައްޕައާ ހަވާލުނުކުރާ ކަމަށް ބުންޏެވެ.
"އަދިވެސް އެ ކުދިން އަޅުގަނޑުމެންގެ އާއިލާއާ ހަވާލެއް ނުކުރެވޭ. ނަމަވެސް އަޅުގަނޑުމެން ބޭނުމެއް ނުވޭ ދެން އެ ކުދިން އެނބުރި ގެންދާކަށް. އެ ކުދިންގެ މަންމަ ކައިރީގައި ބުނެފިން ދެން އެ ކުދިން ނުގެންދެވޭނެ ކަމަށް،" އެ މީހާ ބުންޏެވެ.
އޭނާ ބުނީ އެ ކުދިން ބެލޭނެ ފެންވަރު ކުދިންގެ ބައްޕަގެ އާއިލާގައި އެބަހުރި ކަމަށެވެ. އަދި އެ ކުދިން ހަތަރު އަހަރެއްހާ ދުވަހު ޔަތީމުޚާނާއެއްގައި ހޭދަކުރުމުން އުޅުމަށާއި އެނޫން ކަންކަމަށް ވެސް ވަރަށް ބޮޑަށް ބަދަލު އައިސްފައި ކަމަށް ބުންޏެވެ.
"ކުދިން ގޮވައިގެން އަންނަން ބުނީމަ ކުދިންގެ މަންމަ އައީ. ކޮންމެ އަގެއް ދީގެން ވެސް މިތަނުގައި ބައިތިއްބަން ބޭނުން. އަޅުގަނޑުމެން ބޭނުން އެ ކުދިން އަނބުރާ ނުގެންދެވޭނެ ގޮތެއް ދައުލަތުން ހަދައިދޭން،" އެ މީހާ ބުންޏެވެ.