އިންޑިއާ: އެ ގައުމުގައި ހާލުގައި ޖެހުނު ތިން ކުއްޖަކު ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާ އިން އަންނަނީ ކުރަމުން.
02 އެޕްރީލް 2017 - 14:21
ޗުއްޓީއަކަށް ކަމަށް ބުނެ އިންޑިއާ އަށް ގެންގޮސް ޔަތީމުހާނާ އަކަށްލައި "އަނިޔާ" ދިން އއ. އުކުޅަހު ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް އަދިވެސް ހަމަނުޖެހޭ ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
އުކުޅަސް ފިރިހެނަކާއި އިންޑިއާގެ ޓްރިވެންޑްރަމްގެ އަންހެނަކު ކައިވެނިކޮށްގެން ލިބުނު ތިން އަންހެން ކުދިން އެ ގައުމަށް ގެންދިޔައީ 2013 ގަ އެވެ. އޭގެފަހުން ތިން ކުދިންގެ ހަބަރެއް ނުވެގެން ހޯދަނިކޮށް އެ ކުދިން ފެނުނީ ޓްރިވެންޑްރަމްގެ ޔަތީމުހާނާއެއްގައި ތިއްބާ ކަމަށް އާއިލާ އިން ބުންޏެވެ.
އާއިލާ އިން ބުނީ ރާއްޖޭގެ ކަމާގުޅޭ އެކި އިދާރާތަކަށް ސިޓީ ފޮނުވައިގެންނާއި ބައްދަލުކޮށް "އާދޭސްކޮށްގެން" ތިން ކުދިން ޔަތީމުހާނާ އިން ނެރެވުނީ މިދިޔަ މަހު ފަހުކޮޅު ކަމަށެވެ. ތިން ކުދިންގެ ތެރެއިން ދޮށީ ކުއްޖާގެ އުމުރަކީ 12 އަހަރެވެ. ދެން ތިބި ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކަށް އަށެއް އަދި އަނެއް ކުއްޖާގެ އުމުރަކީ 7 އަހަރެވެ.
އެ ކުދިންގެ ކާފަ، އަބްދުﷲ ނައީމް އިންޑިއާގައި ހުރެ ފޯނުން މިއަދު ކިޔައިދިން ގޮތުގައި ތިން ކުދިން ޔަތީމުހާނާ އިން ނެރުނީ ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓް މެދުވެރިކޮށެވެ. އެ ކުދިން ޔަތީމުހާނާ އަށް ލާން މަންމަ ދައްކާފައި އޮތް ސަބަބަކީ ކުދިންގެ ބައްޕަ މަރުވެފައި ވުން ކަމަށް އާއިލާ އިން ބުންޏެވެ.
އެ ކުދިން ނެރުނީ، ޔަތީމުހާނާ އަށް ބައްޕަ ދިއުމުން ކަމަށް ނައީމް ބުންޏެވެ. އެތަނުގައި ތިން ކުދިން ހޭދަކުރި އަހަރެއްހާ ދުވަހުގެ ތެރޭގައި ޖިސްމާނީ އަދި ނަފްސާނީ އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުން ފެންނަން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.
"ތިން ކުދިންނަށް ވަރަށް އަނިޔާ ދީފައި ހުރި ކަން އެނގޭއިރު ވެސް ކޮންސިއުލޭޓުން އެ ކުދިން ހަވާލުކުރީ މަންމައާ،" ނައީމް ބުންޏެވެ.
"ދެން ކަމާބެހޭ ހުރިހާ އިދާރާތަކުން ވެސް މި ބުނަނީ ބޭރު ގައުމެއްގެ ރައްޔިތަކާ ދިވެއްސަކު ކައިވެނިކޮށްގެން ލިބިފައިވާ ކުދިން އެއް ގައުމުން އަނެއް ގައުމަށް ބަދަލުކުރެވޭނެ ފަދަ ގާނޫނެއް ގަވާއިދެއް ނެތޭ ރާއްޖެއަކު. އެކަހަލަ އެއްބަސްވުމެއް ވެސް ނެތޭ. މި ޖަވާބު ކޮންމެ ތަނަކުން ވެސް މި ލިބެނީ."
މައުލޫމާތު އެނގޭ ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވީ ޔަތީމުހާނާ އިން ނެރެ ކުދިން މަންމައާ ހަވާލުކުރުމުގައި ބައްޕަ އަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ހުރި ކަމަށެވެ. ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
އެނގިފައިވާ ގޮތުގައި މި ކުދިންގެ ރައްކާތެރިކަމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ކޮންސިއުލޭޓުން ވަނީ ފޮރިން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީއާ ހިއްސާކޮށްފަ އެވެ. އެ ތިން ކުދިންގެ ވެސް ޕާސްޕޯޓް ހަދާފައިވާ، މަންމަ ގަބޫލު ނަމަ ހުރިހާ ކުދިން ވެސް އަނބުރާ ރާއްޖެ ފޮނުވުމުގެ މަސައްކަތް ރާއްޖޭގެ ކަމާގުޅޭ އިދާރާތަކާ ގުޅިގެން ކޮންސިއުލޭޓުން ކުރަމުން އަންނަ ކަމަށް ވެ އެވެ.
ނައީމް ބުނިގޮތުގައި މަންމަ ދޭ އަނިޔާ އިން ދިވެހި ތިން ކުދިން ސަލާމަތްކޮށްދޭނެ މަގެއް ފަހިކޮށްދޭން އެދި ރާއްޖޭގެ ފެމެލީ ކޯޓާއި ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އަށް ވެސް މައްސަލަ ހުށަހެޅި އެވެ. އެކަމަކު، ޖެންޑާ މިނިސްޓްރީ ފިޔަވައި އެއްވެސް އިދާރާއަކުން އެހީތެރިކަމެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
"ޖެންޑާ އިން ވަރަށް އެހީތެރިވެދިން. އަޅުގަނޑުމެން އިންޑިއާ އަށް މިއައީ ވެސް ޖެންޑާގެ އިރުޝާދާ އެކު، މިހާރު ދޮށީ ކުއްޖާގެ ޕާސްޕޯޓާއި އެހެން އިންތިޒާމްތައް ހަމަޖެހި މި މަހު 12 ގައި ރާއްޖެ ގެންދެވޭނެ ކަމުގެ އުއްމީދުގައި މިތިބީ،" ނައީމް ބުންޏެވެ.
މަންމަ ގާތުގައި ހުންނަ ބޭނުން ނުވާ ކަމަށް ދޮށީ ދަރިފުޅު ކޮންސިއުލޭޓުގައި ބުނުމުން މަންމަ އެކަމަށް ދެކޮޅު ހަދާފައި ނުވާ ކަމަށް އާއިލާ އިން ބުންޏެވެ.
"ވަރަށް ރޮއެފައި ކިޔައިދިނީ މަންމަ އެ ކުދިންނާ ދޭތެރޭ ކަންކަން ކުރި އިހާނަތްތެރި ގޮތްތައް. އެކަމަކު ދެން ތިބި ދެ ކުދިން ފޮނުވޭނީ މަންމަ އެ ކުދިން ރާއްޖެ ފޮނުވަން ބޭނުންވާ ނަމަ ކަމަށް ކޮންސިއުލޭޓުން އަންގާފައި ވަނީ،" އޭނާ ބުންޏެވެ.
ނައީމް ބުނިގޮތުގައި ދިވެހި ޕާސްޕޯޓުގައި ތިބި ތިން ކުއްޖަކު ރާއްޖެ ގެނެވޭނެ ގޮތެއް ހޯދަން އާއިލާ އިން "ގަނަތެޅޭއިރު" ސަރުކާރުން މިކަމާ އަޅާލާނަމަ އެ ކުދިންނަށް މިހާރު އޮންނާނީ ކޮންމެވެސް މަގެއް ފެނިފަ އެވެ. ސަރުކާރުން މިކަމުގައި އިސް ނަގައިފި ނަމަ، ހޯދޭނެ ހައްލުތަކެއް އޮންނާނެ ކަމަށް އާއިލާ އިން ގަބޫލުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
sadoombaaree
04 April 2017
މިހަބަރަށް މައުލޫމާތުދިން އާއިލާގެ ފަރާތުން ސަރުކާރު ބަދުނާމުކޮށް ވާހަކަ ދައްކައިފައެއްނެތް. މުއައްސަސާތަކުން ކަންކުރިގޮތް ބުނެދިނުމުން އެއީ ސަރުކާރު ބަދުނާމުކުރުންތޯ. ހަބަރުގައި ބުނެފައެބައޮތް ޖެންޑާއިން އެހީތެރިވިކަމަށްވެސް. ކޮންސިއުލޭޓުން މިކަމުގައި އަމަލުކޮށްފައި އެވަނީ އިބްތިހާލު މައްސަލައިގައި ވ.އަތޮޅުގެ ޕޮލިހާއި ޖެންޑަރގެ ބޭފުޅުން އަމަލުކުރިގޮތަށް. އަނިޔާވެރިޔާގެ އަތަށް އަނެއްކާވެސް ކުއްޖާ ހަވާލުކުރީ. އަންހެންމީހާ ދޮގުމައުލޫމާތުދީގެން އެކުދިން ޔަތީމް ހާނާއަކަށް ދޫކޮށްލީވެސް ކުދިން ނުބަލަންވެގެންކަން އެބަ އެނގޭ.
މރ. ހަދާނެއް ނުނެތޭ.
03 April 2017
ބޭރު ގައުމެއްގެ ރައްޔިތަކާ ދިވެއްސަކު ކައިވެނިކޮށްގެން ލިބިފައިވާ ކުދިން އެއް ގައުމުން އަނެއް ގައުމަށް ބަދަލުކުރެވޭނެ ފަދަ ގާނޫނެއް ގަވާއިދެއް ނެތޭ ރާއްޖެއަކު، އެހެންވީމައޭ އެކުދިން ރާއްޖެ ގެނެވެންވީ، އެކުދިންނަކީ ދިވެހިން، ދިވެހި އައިޑީކާޑާ ދިވެހި ޕާސްޕޯޓު އޮތް ދިވިހެރި ރާއްޖޭގެ ވަކި ގެއެއްގެ ރަޖިސްޓްރީގަ އެކުދިންގެ ނަން އެބައޮތް، އެހެން ޤައުމަކަށް ބަދަލެއް ނުކުރެވޭނެ ނޫންތޯ، އެހެންވީމަ އެ އަންހެންމީހާ އެހިންގި އަމަލަކީ ކޮން ޤާނޫނަކަށް ފެތޭ ކުށެއްތޯ، ބުނަން ވާހަކައެއް އެއީ އިންޑިއާ ރައްޔިތެއް، ހީހީހީ.
ޖަހަންގީރު
03 April 2017
ޓެދުތެދައް ބުނާނަމަ މިކަމުގަ ކުދިންގެ ބައްޕަގެ އިހުމާލްވުން ވަރައް ވަރައްބޮޑު ސަބަބަކީ ކުދިން ޔަތީމަހާނާޔަކައް ފުރަތަމަ އެދިޔައީވެސް ބައްޕަގެ އިހުމާލްުން އިންޑިޔާދައްނަ ކޮއްމެމީހަކައްވެސް ރަންގަލައް އިންގޭނެ ފައިސާއިން ނުނިމޭކައް ނޯންނާނެކަން މިވަރުން ދެންއިންގޭނެ ހުރިހާކަމެއް
ހަރުމުދާ
03 April 2017
ތީގަ ފެންނަން ތިއޮތީ އެއްކޮޅު. ކޮބާ ވާހަކައިގެ އަނެއް ކޮޅު؟؟ މީގަ އެކުދިންގެ މަންމަގެ ފަރާތުން ބުނާ އެއްޗެއްވެސް މުހިންމު. އެކުދިން ގެންދިޔައީ 2013 ގަ މީ 2017. ކުދިން ބޮޑެތި ވީމަ ދޯ ހޯދަން ވެގެން މި ތެޅިގަތީ؟؟ މިކަމުގެ ނޭގޭ ވަރަށް ސިއްރުތަކެއް ހުރިކަމަށް ފެނޭ.
ސިޔާސި ގަބުޅި ކަތީބު
03 April 2017
ބަލަ ކުދިން ތިބި މަންމަ ކައިރިގައި. އެއީ ބޭރު ގައުމެއްގެމިހެއް. އާއިލީ މައްސަލަ އަކާއިހުރެ ނައިސްގެން އުޅެނީ. ކުދިން 18 އަހަރު ނުވޭ. ކުދިންނާއި މަންމަގެ ނުރުހުމުގައި ކިހިނެތް ގެނެވޭނީ. މިކަހަލަ މައސަލަ ސިޔާސީ ކުރުވީމަ ނުވާނެ ކިތައްމެ ގޯހެއް ވާނެ.
ފެންވަރު
03 April 2017
މިހެން މިވަނީ ޤާނޫނުތައް ހެދުމުގެ މަސްއޫލިއްޔަތާ ޙަވާލުވެ އޮތް ރައްިތުންގެ މަޖިލިސް މެމްބަރުން އެމީހުންގެ ޒިންމާ އަދާނުކޮށް ސިޔާސީ ހަޑިހޭވުމުގަ އުޅޭތީ! އެކްސްޓްރެޑިޝަންއެއް އެހެން އެއްޗެއް އޮތީކީ ނޫން. ޤާނޫނުތައް ހުރީ 80 ގެ އަހަރުތަކުގަ. އަބަދު މައުމުނޭ އަންނިއޭ ޔާމީނޭ ނުކިޔާ މުސާރަ ހަލާލުވާވަރަށް މަސައްކަތްކޮށްބަލަ!
އައްޔަ
03 April 2017
އެކުދިންގެ ބައްޕަ ފަރާތުންވެސް މިކަމާ ޒިންމާވާންޖެހޭ. މިހާލަތަށް އިންޑިއާއަށް މަންމައާއެކު ދެވޭނީ ބައްޕަގެ އަޅާލުމުގައިވެސް މައްސަލަތަކެއް ހުރެގެން. އަޅާނުލާ ކަންތަށް ބޮއްސުންލީމާ ސަރުކާރަކަސް ބައްޕަޔަކަސް އަދި އަމަޔަކަސް ދެންކަންތަށް ހައްލުކުރަން ފަސޭހައެއްނުވާނެ. ހިތަށް އަރާގޮތަކަށް ސަރުކާރުންގޮސް އެކުދިނެއްނުގެނޭވެ.
ޢަބްދުﷲނާފިޒު
03 April 2017
ދުނިޔޭގެ ބޮޑެތި ޤައުމުތަކުން އެމީހުންގެ ޤާނޫނު އަސާސީ ހެދީވެސް ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ ނަމޫނާއަކަށް ބަލައިގެންނޯލަ، ހީހީހީ.
ޔޫރޯ
02 April 2017
ވަރަށް އަސަރު ކޮށްފި! މިއަދުވެސް ސަރުކާރުގެ މަތީ މީހެއްގެ ދަރިން ތަކަކަށް މިހެން ހަދާބަލަ! ހިމޭނުން ތިބެވޭތޯ! އެކުދިން ހަށިގަނޑުގައި އެވާ ލަކުނުތަކާއި ޒަހަމްތަކުން އެކުދިންގެ މަންމަގެ ފެންވަރު އެބަ އިނގޭ!
ގަބުޅި
02 April 2017
ތަނަކުން ފެންނަހާ މީހަކާއިނދެ ހިތައް އެރިހާގޮތަކަށް އުޅެފައިވެސް ގޯސްމިކުރަނީ ސަރުކާރު. ކިހާރީތި.
ހަކީމު
02 April 2017
ދިވެހިން ބޭރު މީހުންނާ އިނުން މަނާކުރަންވީ. މިހާރު ތި ކަމަކާ ހެދި އަހަރުމެންގެ މި ނަސްލު ނެތިގެން ކައިރިވެއްޖެ. މައްސަލަތައް ވެސް އިންތިހާ. މިހާރު ބަންގާޅިން ވެސް ދިވެހިންނާ ވަގުތީ ފައިދާއަށް އިނދެގެން ރާއްޖޭގައި ބިމާ އެއްޗިހި މިލްކުކޮށް ދިވެހިރާއްޖެ ދަށުލަނީ.
ހަކީމްބެ
04 April 2017
ހަކީމްއެވެ، އެނގޭހެއްޔެ، ތިކުރެވުނީ ނަސްލީތަފާތުކުރުމެކެވެ. ކޮންމެ ފަދަ ލޮޖިކެއް ބޭނުންކުރިޔަސް އިންސާނީ ހަމައިން ބަލަނީނަމަ ތިކުރެވުނީ ނަސްލީ ތަފާތުކުރުން ހިމެނޭ ކޮމެންޓެއް. އަދިން އިންސާނީހައްގުތަކާވެސް ހިލާފު ވިސްނުމެކެވެ. ލައިކްދީފަ ހުރިގޮތުން ދިވެހިންގެ ވިސްނުން ވަރަށް ސާފް
ވަރަށްދެރަ
02 April 2017
މިހަބަރުކިޔާލީމަ މަށަށް ވިސްނުނުގޮތުގަ ބައްޕަގެ އާއިލާގެ މައްސަލަތަކެއް އެބައުޅޭ...މަންމައެކުދިން ގޮވާއިގެން އިންޑިޔާއަށް ފުރިއިރު ބައްޕައަށް ކީއްވެ ފިޔަވަޅުނޭޅުނީ.މަންމަގެ ވިސްނުންއިގޭނެ.މިހާރުވާނެގޮތަކީ އިންޑިޔާ ސަރުކާރުން މިކަމުގަ ލުއިގޮތެއް ހޯދަނުދެނީސް ދިވެހި ސަރުކާރަކަށް ބޭރުގައުމެއްގަ ތިބި ކުދިންތަކެއް ނުގެނެވޭނެ...މިކަމުގެ ހަގީގަތަކީ އިންޑިޔާގެ ޖަލެއްގަ ތިބި ރާއްޖޭގެ ދެއަންހެނަކު ގިނަދުވަސްތައްކެވަންދެން...އިންޑިޔާއިން ދޫކޮއްލުމުން ރާއްޖެއާދެވުނީ...ރާއްޖޭންފުރުމުގެކުރިން ބައްޕަފަރާތުން ދިވެހި ސަރުކާރުގަ މިމައްސަލަ ހުށަހެޅިބާ....
މރ. ހަދާނެއް ނުނެތޭ.
03 April 2017
މަސްދަރުތައް ބުނަނީ، ކުދިންގެ މަންމަ ކުދިން ގޮވައިގެން އިންޑިއާއަށް ދިޔައީ ސްކޫލް ބަންދުގަ ޗުއްޓީއަށް ކަމަށާ ޗުއްޓީ ނިންމާފަ އަންނަން ބުނެފަ ކަމަށް، އެހެންވީމަ ތިވިދާޅުވި ގޮތަށް ސަރުކާރަށް ހުށަހަޅަންޖެހޭ މައްސަލައެއް އޮތްކަމަކަށް ނުފެނޭ، އަދިވެސް ޗުއްޓީ ނުނިމެނީ ކަންނޭގޭނު، އިންޑިއާގަ ހުންނަ ދިވެހި ކޮންސިއުލޭޓަރުން ކުރި ސުވާލުގެ ޖަވާބުގަ އަންހެން މީހާ ބުނަނީ ރާއްޖެދާން ބޭނުން ނެތްކަމަށް، އަދި ކުދިންވެސް ފޮނުވާކަށް ބޭނުމެއް ނޫނޭ، އެއްވެސް ސަބަބެއް ނެތޭ ދެއްތޮ.........