ޕެރޯލްގެ ދަށުން މި އަހަރުގެ މިހާތަނަށް 80 އަށް ވުރެ ގިނަ ކުށްވެރިން ދޫކޮށްލާފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

ކަރެކްޝަންގެ އިންފޮމޭޝަން އޮފިޝަލް އަހުމަދު ލުގުމާން ވިދާޅުވީ ޖަލުގައި ހުކުމް ތަންފީޒު ކުރާ ގައިދީންގެ ތެރެއިން އަނބުރާ މުޖުތަމައަށް ނިކުތުމަށް 190 މީހުން ހުށަހަޅާފައިވާ ކަމަށެވެ. އަދި ޕެރޯލް ބޯޑުން އިންޓަވިއުކޮށް، ގިނަ ކަންތައްތަކެއް ބެލުމަށް ފަހު އޭގެ ތެރެއިން ދޫކޮށްލީ 87 މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރިން ވިދާޅުވެފައި ވަނީ މި އަހަރުގެ ތެރޭގައި 300 އެއްހާ ކުށްވެރިން ޕެރޯލްގެ ދަށުން މިނިވަން ކުރާނެ ކަމަށެވެ.

އެކަމަކު ކަރެކްޝަން ސާވިސް އިން ބުނީ އޭގެ ފަހުން ގިނަ ސިޔާސަތުތަކެއް ބަދަލު ވެފައިވާ ކަމަށެވެ.

ޕެރޯލްގެ ދަށުން މުޖުތަމައަށް ދޫކޮށްލަނީ ހުކުމުން ބައެއް ތަންފީޒު ކުރުމަށް ފަހު، އޭނާގެ ސަބަބުން މުޖުތަމައަށް ގެއްލުމެއް ނުވާނެ މީހުން ބަލައިގެންނެވެ. ވަކި ޝަރުތުތަކަކާ އެކު ޕެރޯލް ބޯޑުން އެ މީހުން މިނިވަން ކުރާއިރު ވަކި މުއްދަތެއް ވާންދެން، އެ މީހުން އުޅޭނޫޅޭ ގޮތް ބަލަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކުށެއް ކޮށްފި ނަމަ އަލުން ޖަލަށް ގެންގޮސް، ކުރީގެ ހުކުމުގެ ބާކީ ބައި ވެސް ފުރިހަމަ ކުރަން ޖެހެ އެވެ.

ޕެރޯލްގެ ފުރުސަތު ދިނުމުގައި ޖަލުގައި އުޅުނު އިރު އެ މީހާގެ އަހުލާގަށާއި ކަނޑައަޅާފައިވާ ޕްރޮގްރާމްތައް ރަނގަޅަށް ފުރިހަމަ ކުރިތޯ ބަލަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި މަރުގެ މައްސަލަތަކުގައި ހިމެނޭ މީހުން ފަދަ ބޮޑެތި ކުށްތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށް ޕެރޯލްގެ ފުރުސަތެއް ނުލިބެ އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ ޕެރޯލްގެ ދަށުން މިދިޔަ އަހަރު ވެސް، ގާތްގަނޑަކަށް މިހާ އަދަދަށް މީހުން ދޫކުރި ކަމަށެވެ.