ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް އެތަނުގެ ބޯޑް މެންބަރަށް ހުންނެވި އަބްދުލް މަޖީދު އަލީ ހަމަޖައްސައިފި އެވެ.
ޗެއާޕާސަންގެ މަގާމް ހުސްވީ އެ މަގާމުގައި ހުންނެވި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް މިދިޔަ ފެބްރުއަރީ މަހު އިސްތިއުފާދެއްވުމުންނެވެ.
ޕްރައިވެޓް ސެކްޓަރު ތަމްސީލު ކުރާ މެމްބަރެއްގެ ހައިސިއްޔަތުން މަޖީދު ޕެންޝަން އޮފީހުގެ ބޯޑަށް އައްޔަނުކުރައްފައިވަނީ ފެބްރުއަރީ 10، 2022 ގަ އެވެ.
މަޖީދަކީ އޮޑިޓް އަދި ފައިނޭންޝަލް ކޮންސަލްޓަންސީ ފޯރުކޮށްދޭ ރެޖިސްޓާޑް އޮޑިޓް ކުންފުންޏެއް ކަމަށްވާ އޮޕްޓިމޯ އެލްއެލްޕީގެ މެނޭޖިން ޑައިރެކްޓަރެވެ. މީގެ ކުރިން އޭނާ ވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ބޯޑު މެމްބަރުކަން ވެސް ކުރައްވައިފަ އެވެ. އަދި ބީއެމްއެލް އާއި ބޭންކް އޮފް ސިލޯންގައި މަސައްކަތްކުރެއްވި އެވެ.
ޕެންޝަން އޮފީހުން މިއަދު ވަނީ ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ބޯޑުގެ މެންބަރަކަށް އައްޔަނުކޮށްފަ އެވެ.
ޕެންޝަނުގެ ޗެއާޕާސަންގެ މަގާމުން އިނާޒް އިސްތިއުފާ ދެއްވި އިރު ޕެންޝަން އޮފީހުން ދިޔައީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް ޕެންޝަން ފަންޑުން އެ ފައިސާ ސަރުކާރުގެ ބޮންޑަކަށް އިންވެސްޓް ކުރުމުގެ މުއާމަލާތާ މެދު ގިނަގުނަ މަޝްވަރާތަކެއް ކުރަމުންނެވެ. އެ ދުވަސްވަރު އިނާޒްގެ އިތުރުން ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމާއި ބޯޑް މެންބަރު މުހައްމަދު މާދިން ލަތީފު އިސްތިއުފާ ދެއްވި އެވެ. ބޮންޑު ވިއްކުމަށް ނިންމުމާ ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެ ބޯޑުގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަހުމަދު ސަރުވަޝް އާދަމް އިސްތިއުފާ ދެއްވާފައިވެ އެވެ.
ޕެންޝަން ބޯޑުގައި 8 މެންބަރުން ތިއްބަވަ އެވެ. އެއީ ޗެއާޕާސަންގެ އިތުރުން ސީއެމްޑީއޭ މެންބަރަކާއި ފިނޭންސް މިނިސްޓްރީގެ މެންބަރެއްގެ އިތުރުން ސޯޝަލް ސެކިއުރިޓީ ދާއިރާއިން ސަރުކާރު ތަމްސީލް ކުރާ އެންސްޕާގެ މެންބަރެއްގެ އިތުރުން ޕްރައިވެޓް ސެކްޓަރުގެ ހަތަރު މެންބަރުންނެވެ.
މިވަގުތު އެ ބޯޑުގައި ތިއްބެވީ ޗެއާޕާސަންގެ އިތުރުން ހަތަރު މެންބަރުންނެވެ.