ޚަބަރު / އެންމެ ކުޑަ އުޖޫރަ

ރިސޯޓްތަކަށް ފުލުހުން އަރައި މިނިމަމް ވޭޖް ތަންފީޒުކުރާ ހާލަތަށް ނުދާނެ: ފައްޔާޒް

"މިނިމަމް ވޭޖަކީ ސަރުކާރުގެ ވައުދެއްކަން ފާހަަގަކުރައްވައި ވިދާޅުވީ އެ އަދަދާ މެދު ހިތްހަމަނުޖެހޭ ނަމަ ދައްކަން ޖެހެނީ ވޯޓުން ކަމަށް."

އެންމެ ދަށް މުސާރަ އިއުލާން ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ނޫސްވެރިންނަށް މައުލޫމަތު ދެއްވަނީ..---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކަނޑައެޅި މިނިމަމް ވޭޖް ތަންފީޒުކުރުމާ މެދު ސުވާލު އުފެދުނަސް ރިސޯޓްތަކަށް ފުލުހުން އަރުވައި މިނިމަމް ވޭޖް ތަންފީޒުކުރަން ޖެހިދާނެ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

މިނިމަމް ވޭޖް އިއުލާންކުރެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ފައްޔާޒް ވިދާޅުވީ މި ވާހަކަ ދައްކާތާ އެތައް އަހަރެއް ފަހުން ވޭޖް ކަނޑައެޅުމުން ވެސް ހިތްހަމަނުޖެހުންތަކެއް ހުރެދާނެ ކަމަށެވެ. އެކަމަކު ޖުމްލަކޮށް މިނިމަމް ވޭޖުން އެންމެންނަށް އޮތީ ފައިދާ ކަމަށާއި މިކަމާ މެދު ހިތްހަމަނުޖެހުމެއް އުޅޭ ނަމަ ދައްކަން ޖެހޭނީ އަންނަ ރިޔާސީ އިންތިހާބުގެ ވޯޓުން ކަަމަށް ވިދާޅުވި އެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ.

ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖް ރާއްޖޭގައި ތަންފީޒު ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މިހާރު އޮތް އުސޫލުގައިވާ ގޮތުން މިނިމަމް ވޭޖް ނުދޭ ފަރާތްތަކުގެ މައްސަލަ ހުށަހަޅަން ޖެހޭނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށެވެ.

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރު ފައްޔާޒަށް ލަފާ ދެއްވީ މިދިޔަ މަހު އެވެ. އެ ބޯޑުގެ ލަފަޔާ ގުޅިގެން މަޓީން ވަނީ ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ.

ފައްޔާޒު ވިދާޅުވީ މަޓީގެ ކަންބޮޑުވުން ބަލައިގަތް އިރު މިނިމަމް ވޭޖް ފައިނަލް ކުރީ ވެސް އެކަންކަމަށް ބަލައިގެން ކަމަށެވެ.

"ހުރިހާ ރިސޯޓުތަކަކީ ފައިދާވާ ރިސޯޓުތަކެއް ވެސް ނޫން. 50 އަކަށް ރިސޯޓު އެބައޮތް ރަނގަޅަށް ފައިދާވާ. އަދި 50 އަކަށް ރިސޯޓު އެބައޮތް ކޮވިޑުން ލިބުނު ގެއްލުމުން އަރައިނުގަނެވި. އެ މީހުންނަށް އިތުރު ކޮސްޓް ބާޑަންއެއް މިއަންނަނީ. އަޅުގަނޑުމެންގެ ސަރުކާރަށް އެމީހުންނަށް ލުއިތަކެއް ދޭނެ ގޮތްތަކެއް ވެސް އޮތީކީ ނޫން،" އޭނާ ވިދާޅުވި އެވެ.

މިނިމަމް ވޭޖް އިއުލާނުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. މިއީ ވިޔަފާރިތަކަށް އިތުރުވާ ހަރަދެއް ކަމަށް ސަރުކާރަށް އެނގޭ ކަމަށް މިނިސްޓާ ފައްޔާޒު ވިދާޅުވި--ފޮޓޯ: ފަޔާޒް މޫސާ/މިހާރު

އިކޮނޮމިކް މިނިސްޓަރު މިއަދު އިއުލާނުކުރި މިނިމަމް ވޭޖް ބެހިފައިވަނީ ހަތަރު ބަޔަށެވެ. ކުދި ވިޔަފާރިތަކަށް މިނިމަމް ވޭޖެއްގެ ގޮތުގައި 4،500ރ. ކަނޑައަޅާފައިވާ އިރު އެންމެ ބޮޑެތި ވިޔަފާރިތަކަށް ކަނޑައަޅާފައިވަނީ 8،000ރ. އެވެ. ސިވިލް ސާވިސް މުވައްޒަފުންނާއި މެދު ފަންތީގެ ވިޔަފާރިތަކުގެ މިނިމަމް ވޭޖެއްގެ ގޮތުގައި 7،000ރ. ކަނޑައަޅާފައިވެ އެވެ.

އޭނާ ވިދާޅުވީ، ވިޔަފާރި މިނިމަމް ވޭޖާ އެކު ވިޔަފާރިތަކަށް ވެސް ބޮޑު ހަރަދެއް ހޭދަވާނެ ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ބައެއް ރިސޯޓުތަކުގެ ހަރަދު 26 މިލިއަން ރުފިޔާއަށް މިނިމަމް ވޭޖާ އެކު ބޮޑުވާނެ ކަމަށް އަންދާޒާ ކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ. މިކަން ލުއި ކޮށްދިނުމަށް ސަރުކަރުގެ ތެރެއިން ވިޔަފާރިތަކަށް އިތުރު ލުއި ގޮތްތައް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ސަރުކާރުން ދޭން ޖެހޭ ހިދުމަތްތައް އަވަސް ކުރުން ހިމެނެ އެވެ.

"އެބޭފުޅުން [ރިސޯޓް ހިންގާ ފަރާތްތަކުން] ވެސް އާންމު ރައްޔިތުން ވެސް، ވަޒީފާ އަދާކުރައްވާ ފަރާތްތަކުން ވެސް އަޅުގަނޑުމެން މި ނިންމި ނިންމުމާ މެދު ހިތްހަމަ ނުޖެހޭ ނަމަ ވޯޓުން އެކަން ނިންމީމަ އޮންނާނީ ރަނގަޅަށް،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަޓީގެ ކަންބޮޑުވުންތަކެއް ހުއްޓަސް ސަރުކާރުގެ ނިންމުމަށް އެ ބޭފުޅުން ވެސް ތަބާވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއިލް ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ. އޭނާ އެދިވަޑައިގަތީ މިނިމަމް ވޭޖާ މެދު ހިތްހަމަނުޖެހުންތައް ހުރި ނަމަ ވޯޓުން އެކަން ދެއްކުމަށް. --ފޮޓޯ:ފަޔާޒް މޫސާ/މިހާރު

"އޮޓަމޭޓް ކޮށްގެން ހިދުމަތްތައް ދިނުން އަވަސް ކުރަން އެބަ ވިސްނަން. ހަމައެއާއެކު ބޭނުން ނޫން ގަވައިދުތަކާއި ރިކުއާމަންޓްތައް އުވާލަން. މިސާލަކަށް ޓޫރިޒަމް މިނިސްޓްރީން އެބަ މަސައްކަތް ކުރަން ރިސޯޓު ލައިސަންސް ފަސް އަހަރަށް ދިނުމުގެ ބަދަލުގައި ލީޒް ޕީރަޑްއަށް ދޭން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރިސޯޓު ކުލި ކުޑަ ނުކޮށްދީ ހުރި ފަރާތްތަކަށް އިތުރަށް ކުލި ކުޑަކޮށްދޭން ވަނީ ހަމަޖެހިފަ އެވެ.

ފައްޔާޒު ވިދާޅުވީ، މިނިމަމް ވޭޖާ އެކު ވިޔަފާރިތަކަށް ކުރިމަތިވާ އުނދަގޫތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެހެން ނަމަވެސް އަދި އެކަންކަން ކުރާނީ ކޮން ގޮތަކަށް ކަމެއް ކަނޑަނާޅާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލޯނުތަކަށް މިއާ ގުޅިގެން ވަކި ލުއި ދިނުމުގެ ވިސްނުމެއް ނެތް. އެހެން ނަމަވެސް އަބަދުވެސް ލުއި ދެވެން އޮތް ހާލަތެއްގައި ކޮންމެހެން މިނިމަމް ވޭޖް ނޫނަސް އެހީވާނަން. އަޅުގަނޑުމެންގެ ދައުލަތުގެ ފެންވަރު ހުރި ގޮތުންތާ އެ ކަމެއް ކުރެވޭނީ. އަޅުގަނޑުމެންގެ ދައުލަތް މުއްސަދި ނަމަ ހިލޭ އެފައިސާ ދިނީސް،" އޭނާ ވިދާޅުވި އެވެ.

10 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 63%
icon wow icon wow 13%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

08 November 2021

މުޅިން ތަފާތު "އާގޮތަކަށް" އިންވެސްޓަރުން ޝައުގުވެރިކޮށް އިންވެސްޓްމަންޓްގެންނާން މަސައްކަތްކުރާ ސަރުކާރެއް. # އިއްޔެ ސްކޮޓްލަންޑްގައި ގްލަސްގޯވް ގައިބޭއްވި "ކޮޕް ސައްބީހުގައި" ވާހަކަދައްކަވަމުން ދިވެހިރާއްޖޭގެވެރިން ވިދާޅުވީ "ދެން މާގިނަދުވަހަކު ރާއްޖެ ފެންމަތީގައިނޯންނާނެ" ކަމަށް. # މިއަދު އިޤްތިސޯދީ ވަޒީރުވިދާޅުވަނީ 200 ވަރަކަށް ރިސޯޓްގެ ތެރެއިން 150 ރިސޯޓަކީ "ގެއްލުމުގައި" ހިންގާތަންތަން ކަމަށް!! މިއީ އިންވެސްޓަރުންގެ ޝައުޤުކުރުވާ ވާކަތޯ!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

08 November 2021

ދިވެހިރާއްޖޭގައި އޮތް 200 ވަރަކަށް ރިސޯޓްގ ގެރެން "ފަތުރުވެރިކަމަށް އިންވެސްޓްކޮށްފައިވާ 50 ރިސޯޓްފިޔަވާ ދެންހުރިރިސޯޓްތަކުން ވަނީގެއްލުންކަމަށް" ސޯލިޙްގެ އިކޮނޯމިކް މިނިސްޓަރ ވިދާޅުވީ އޭނާ ކޮންތަނަކުންހޯދި ކޮންފަދަ ހިސާބުކިތާބު ތަކެއްގެމައްޗަށްތޯ ބަލާން ފައްޔާޒާއި، ޓެކްސް އޮފީހުގެ ވެރިޔާ އާއި MMA ޤަވަރުނަރު މަޖިލީހަށް ޙާޒިރުކޮށް ސުވާލު ކުރާންޖެހޭ. މިއީ ރާއްޖޭގައި އިންވެސްޓްކުރާން ތިބިމީހުނަށްދިން ނުރައްކާތެރި ސިގްނަލެއް. މައްސަލަ ތަޙްޤީގުކުރޭ.

The name is already taken The name is available. Register?

ކައްތިރި.

08 November 2021

އެއަރޕޯޓްސް އާއި އިމިގްރޭޝަންގެ ވެރިންވެސް ގެނޭ.

The name is already taken The name is available. Register?

ހަންދަރު ޙަސަނު

08 November 2021

އެހިސާބަށް ގޮއްސާނެ ކަމުގެ ބިރުވެސް ހީވަނީތޭ؟

The name is already taken The name is available. Register?

ބޮޑުމީހާ

08 November 2021

މިނިމަމްވޭޖާއެކީ ދިވެހިންގެ ވަޒީފާތައް ގެެއްލޭނީ. އިކޮނޮމިސްޓު މިނިސްޓްރ އިނޓަރނެޓް އެކްސްޕޯޓްކުރިހެން މިނިމަމްވޭޖް އެކްސްޕޯޓް ނުކޮށްފިއްޔާ ރަގަޅު

The name is already taken The name is available. Register?

ތެންކިއު

08 November 2021

ރަނގަޅު ވާހަކައެއް. މި ރާއްޖޭގަ ފުލުހުންގެ ފަރާތުން އާދައިގެ އާއްމު ރައްޔިތެއްގެ ހައްގެއް ކަށަވަރު ވެފައި ވަނީި ނާދިރު ހާލަތެއްގައި

The name is already taken The name is available. Register?

ކުޗީ

08 November 2021

ދެންވާނެ ގޮތަކީ ދިވެހިންނަށް ވަޒީފާ ނުލިބޭނީ ހާއްސަކޮށް ދަށުފަންތީގެ ވެއިޓަރުން ރޫމް ބޯއި ކަހަލަ ވަޒީފާތައް. މިވަޒީފާ ތަކަކީ ޓިޕްސް ގޮތުގައި ވެސް ބޮޑު އެއްޗެއް ލިބޭ ވަޒީފާތަކެއް. ބަޔެއް ރިސޯޓު ތަކުގައި 90% ބިދޭސީން އެބައުޅޭ.

The name is already taken The name is available. Register?

ސީޒަން ޖެކުހަން

08 November 2021

ހަނދާނަށް އަންނަނީ ރިޒް. ފުލުހުންއަރަންޖެހުނީ މުސާރަނުދީގެން ބަންގާޅީންތައް މުޒާހަރާކޮށްގެން. މިކަހަލަ ކިތަންމެ މަންޒަރެއް ކުރިއަށްއޮތްތަނުގާ ފެނިގެންދާނެ.

The name is already taken The name is available. Register?

ހިތަދޫ 2

08 November 2021

ކުރި މަލާމާތެއް!

The name is already taken The name is available. Register?

ހޯރަބޭ

08 November 2021

4500ރ އަކީ މިހާރުގެ ދިރިއުޅުމަށް އެކަށީގެންވާނެ އަދަދެއް ނޫން. ފަށްޔާޒަށް 4500ރ ލިބޭނަމަ އޭގެންވާނެތޯ? މަނިކުފާނު އަށް ތިބޭ 75000ރ ނުނަގައި 4500ރ ނަގާގެން ދިރިއުޅުން އާރާސްތު ކުރެވޭނެތޯ?

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454