09 ނޮވެމްބަރ 2021 - 06:21
ކެނެޑާގެ އޮންޓާރިއޯގެ ޔޯކް ޔުނިވަސިޓީން ޕޮލިޓިކަލް ސައިންސްގެ ދާއިރާ އިން ކިޔަވައި ސްރީ ލަންކާގެ 87 އަހަރުގެ މާމައަކު އެ ޔުނިބަސިޓީން މިހާތަނަށް ގްރެޖްއޭޓްވި އެންމެ ދުވަސްވީ މީހާގެ ޝަރަފު ހޯދައިފި އެވެ.
އިތުރު 4،000 ދަރިވަރުންނާ އެކު މި މަހުގެ 2 ގައި ގްރެޖްއޭޓްވި ވަރަންތާ ޝައްމުގަނަތަން އަކީ ކެނެޑާގައި ދިރިއުޅޭ އޭނާގެ އަންހެން ދަރިއެއްގެ ގާތަށް 2004 ގައި ދިރިއުޅުން ބަދަލުކުރި މީހެކެވެ. ކިޔަވައިގެން މަތީ ފާސް ހޯދުމަކީ ވަރަންތާ ވަރަށް ބޭނުންވާ ކަމެކެވެ.
އޭނާ ކިޔައިދިން ގޮތުގައި މި މަހުގެ 2 ވަނަ ދުވަހަކީ އޭނާގެ ދިރިއުޅުން އާދައިގެ އަންހެނަކުން ހާއްސަ މީހަކަށް ބަދަލުކޮށްލި ދުވަހެކެވެ.
"މި އުމުރުގައި މިއަށް ވުރެ ވަކި ބޮޑު އުފަލެއް މީހަކަށް ލިބޭނެތަ؟" ސީއެންއެން އަށް ދިން އިންޓަވިއެއްގައި ވަރަންތާ ބުންޏެވެ.
އޭނާ ބުނީ ޕޮލިޓިކަލް ސައިންސް ދާއިރާ އިން ކިޔަވަން ނިންމީ އެއީ އަބަދު ވެސް ވަރަށް ޝައުގުވެރިވާ ދާއިރާއަކަށް ވެފައި އަމިއްލަ ގައުމުގައި ދިގުދެމިގެން ދިޔަ ދާހިލީ ހަނގުރާމަ އަކީ ލަންކާގެ ރައްޔިތުން އެތައް އަހަރެއް ވަންދެން ތަޖުރިބާކުރަން ޖެހުނު ހިތްދަތި ކަމަކަށްވާތީ ކަމަށެވެ. އެހެންވެ ޕޮލިޓިކަލް ސައިންސްގެ ދާއިރާ އިން ކިޔެވުމަކީ ގައުމަކަށް އަމަންކަމާއި ސުލްހަވެރިކަމާއި ހަމަޖެހުން ކިހާ މުހިއްމު ކަމެއްކަން އިތުރަށް ދަސްވާން ލިބުނުގެ ރަނުގެ ފުރުސަތެއް ކަމަށް އޭނާ ބުނެފައިވެ އެވެ.
Varatha Shanmuganathan, the oldest person to graduate with a master's degree from @yorkuniversity, advises future generations of students to be global thinkers https://t.co/B4IeCrg3fU #YorkUConvo @YorkUAlumni pic.twitter.com/I2beP5R6Hh
— York University News (@YorkUnews) November 2, 2021
"އަހަންނަކީ އަބަދުވެސް އެކަހަލަ ކަންކަމާ ދޭތެރޭ ވަރަށް ވިސްނައި ފިކުރުކުރާ މީހެއް. ގައުމަކަށް ހަމަޖެހުން ކިހާ މުހިއްމު ކަމާއި ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއި އެއްބައިވަންތަކަން ބޭއްވުން ފަދަ ވާހަކަތަކަކީ އަބަދު ވެސް އަހަރެން ދައްކާ ހިތްވާ ވާހަކަތައް،" ވަރަންތާ ބުންޏެވެ.
"ޑިމޮކްރަސީ އަށް ކުރެވޭ މަސައްކަތުގައި ގައުމިއްޔަތަކީ ވަރަށް ވެސް މުހިއްމު ބައެއް. އަހަރެން ބޭނުންވޭ އަންނަން އޮތް ޖީލުތަކަށް އަހަރެމެންގެ ގައުމުގެ ހާލަތު އޮތް ގޮތް އެނގިފައި އޮންނަން. އެ މަގަށް އަހަރެން މަސައްކަތް ކުރަނީ."
އޭނާ އަށް މާސްޓަ ޑިގްރީއެއް ހާސިލުކުރުމުގެ ފުރުސަތު ލިބުނީ ކެނެޑާގައި އިސްރަށްވެހިންނަށް ހިލޭ ކިޔެވުމުގެ ފުރުސަތު ޔޯކް ޔުނިވަސިޓީން ހުޅުވައިލުމުންނެވެ. އެއީ 2019 ގަ އެވެ.
"ދަރިފުޅުގެ ފަރާތުން އެކަން އެނގުމާ އެކު ނިންމައިފިން އެތަނާ ގުޅެން." ކިޔެވުމުގައި ނޫޅޭ ވަގުތުތަކުގައި އާންމުކޮށް ސްކްރެބަލް ކުޅުމާއި ނެށުމަށް ލޯބިކުރަމުން އައި ހަތް ކުދިން ލިބުނު ވަރަންތާ ބުންޏެވެ.
"This is an incredible journey," says 87-year-old Varatha Shanmuganathan, who becomes the oldest person to earn a graduate degree @yorkuniversity, sharing her campus experience with @metromorning. https://t.co/uU4Glabnli pic.twitter.com/GwOl5kEQOm
— York University News (@YorkUnews) November 3, 2021
އެކަމަކު މިއީ ވަރަންތާ ކިޔަވައިގެން ޑީގްރީ ހާސިލުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ ކުރިން އިންޑިއާގެ މެޑްރާސް ޔުނިވަސިޓީން ބެޗްލާސް ޑިގްރީ ހާސިލު ކޮށްފައިވެ އެވެ. އޭގެ ފަހުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ލަންކާގައި އިނގިރޭސި އާއި އިންޑިއާގެ ތާރީހު ކިޔަވައި ދީފައިވެ އެވެ. އަދި 1990 ގެ ތެރޭގައި އިނގިރޭސިވިލާތުގެ ލަންޑަނަށް ކިޔަވަން ގޮސް އެތަނުގެ ލަންޑަން ޔުނިވަސިޓީން އިނގިރޭސި ބަހުން މާސްޓަ ޑިގްރީ ހާސިލުކުރި އެވެ.
ޔޯކް ޔުނިވަސިޓީން ގްރެޖްއޭޓްވި އެންމެ ދުވަސްވީ މީހާގެ ޝަރަފު ވަރަންތާ އަށް ލިބުމާ ގުޅިގެން އެ ޔުނިވަސިޓީގެ ރައީސް ރޮންޑާ ލެންޓަން ވިދާޅުވި ގޮތުގައި ވަރަންތާގެ ފަރާތުން ފެނުނީ ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފި ނަމަ އެކަމުގައި ވަކި އުމުރެއް ނެތްކަމުގެ ނަމޫނާއެއް ކަމަށެވެެ.
"އަހަރެމެން ވަރަށް އުފާކުރަން އޭނަ ހޯދި ކާމިޔާބީއާ ދޭތެރޭ. ވަރަންތާ ކަހަލަ ތައުލީމަށް ލޯބިކުރާ މީހުން އަހަރެމެންގެ ޔުނިވަސިޓީގެ ބަޔަކަށްވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ވެސް މެ،" އޭނާ ވިދާޅުވި އެވެ. "އަހަރެމެން އެއްވެސް ޝައްކެއް ވެސް ނުކުރުން ހުރިހާ އުމުރުފުރައެއްގެ އަންހެނުން ވަރަންތާ ރޯލް މޮޑެލްއެއްގެ ގޮތުގައި ދެކޭނެ ކަމާ ދޭތެރޭގައި."
ވަރަންތާ ބުނި ގޮތުގައި އަދި މި ވަރަކުން ނުފުދެ އެވެ. ތައުލީމަށް އޮތް ލޯތްބާއި އެ ދާއިރާ އަށް ހިދުމަތް ކުރުމުގެ ޝައުގާއި ޖޯޝް ދުވަހަކު ވެސް ފަނޑެއް ނުވާނެ އެވެ. މިހާރު އޭނާގެ އެންމެ ބޮޑު އަމާޒަކީ ލަންކާގައި 26 އަހަރަށް ދެމިގެން ދިޔަ ދާހިލީ ހަނގުރާމަ 2009 ގައި ނިމުމަކަށް ގެނެވުނު ފަހުން ގައުމަށް އައި ހެޔޮ ބަދަލުތަކާ ބެހޭ ގޮތުން ފޮތެއް ލިޔުމެވެ.
"ކަމެއް ހާސިލުކުރަން މަސައްކަތް ކުރެވޭނީ ގޯލެއް އޮވެގެން. އަހަރެން ބޭނުމެއް ނޫން ދުނިޔެއިން ވަކިވެގެންދާ އިރު ކުރަން ބޭނުންވި އެއްވެސް ކަމެއް ނުކުރެވި ދާކަށް،" ވަރަންތާ ބުންޏެވެ. "އެހެންވެ އެންމެންނަށް ވެސް ދޭން އޮތް މެސެޖަކީ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ހިތްވަރު އެލުވާނުލައި އެ މީހެއްގެ ހުވަފެން ހަގީގަތަކަށް ހެދޭތޯ މަސައްކަތް ކުރާށޭ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަލާ123
09 November 2021
އިލްމު ހޯދުމަށް ވަކި އުމުރެއް ނޯންނާނެ. ވަރަންތާ މިއީ އޭގެ ވަރަށް ރީތި މިސާލެއް. ދޮށީއުމުރުގެ ދިވެހިންނަށް ވެސް ހަމަ ފައްކާ ނަމޫނާއެއް!
ށަވިޔަނި
09 November 2021
އަދި ތިހުރިގޮތުން ދުނިޔެއިން ލިބުނު ޝަރަފެއް ލިބޭނީ. ހޯދެން އޮތްހާ ޝަރަފެއް ހޯދާ.