"ފިނޭންސް އިން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން ބޭރުން ބޭސްފަރުވާ ކުރެއްވުމާއި ނަޝީދު ޖެންގައި ހުންނެވުމަށް މިހާތަނަށް ވަނީ 2.3 މިލިއަން ރުފިޔާ ހޭދަވެފައި."
ރައްޔިތުންގެ މަޖިލީހުގެ ރައީސް ސެކިއުރިޓީންނާ އެކު އެއާޕޯޓުގައި: އެމަނިކުފާނު ޖެންގައި ހުންނެވުމުގެ ހަރަދުތައް މިއަދު ވަނީ އާއްމުކޮށްފައި.
10 ނޮވެމްބަރ 2021 - 14:28
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހޮޓެލް ޖެންގައި ހުންނެވުމަށް ދުވާލަކަށް 33،246ރ. ހޭދަވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފިނޭންސުން "މިހާރު"އަށް ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން ޖެންގައި 21 ދުވަހު (ތިން ހަފުތާ) ގައި ނަޝީދު ހުންނެވުމަށް މިހާތަނަށް 698،168ރ. ވަނީ ހޭދަވެފަ އެވެ. މިއީ ބޭސްފަރުވާއަށް ފަހު އެމަނިކުފާނު ރާއްޖެ އިން ބޭރުން ވަޑައިގެންނެވި ފަހުން މިހާތަނަށް ހިނގާފައިވާ ހަރަދެވެ.
ޖެންގައި އެމަނިކުފާނު ހުންނަވާ ގޮތަށް ހަމަޖައްސާފައި ވަނީ އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސަލާމަތީ ސަބަބުތަކަކަށްޓަކަ އެވެ. މި ހޭދައިގެ ތެރޭގައި އެމަނިކުފާނުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން ޖެންގައި ތިބުމުގެ ހޭދަ ހިމެނޭ ކަމެއް އަދި ޔަގީނެއް ނުވެ އެވެ.
ސިފައިންގެ ބެލުމުގެ ދަށުން ޖެންގައި ނަޝީދު ހުންނަވާ ގޮތަށް ސަރުކާރުން ހަމަޖެއްސީ މިދިޔަ މެއި މަހުގެ ތެރޭގައި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ އަށް ފަހު ބޭރުގައި އުޅުއްވައި ރާއްޖެ ވަޑައިގަތުމުންނެވެ. މިދިޔަ މަހުގެ ތެރޭގައި ނަޝީދު މާލެ ވަޑައިގަތީ ފަރުވާ އަށް ފަސް މަސް ވަންދެން ބޭރުގައި ހުންނެވުމަށް ފަހު އެވެ.
ފިނޭންސް މިނިސްޓްރީން ދިން މައުލޫމާތުތަކުގައިވާ ގޮތުން ހަމަލާގައި ލިބުނު ޒަހަމްތަކަށް ރާއްޖެ އިން ބޭރުން ފަރުވާ ހޯއްދެވުމަށް 1.6 މިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ.
- އިނގިރޭސިވިލާތުގެ ފަރުވާ އަށް 1.5 މިލިއަން ރުފިޔާ.
- ޖަރުމަން ވިލާތުން ފަރުވާ އަށް 164،601 ރުފިޔާ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވާތީ ޖެންގައި ހުންނެވުމުގެ ހަރަދު ހަމަޖައްސަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެކަމަކު ބޭސްފަރުވާ އާއި މާލޭގައި ހުންނެވުމުގެ ހަރަދު މިހާރު ކުރަނީ ފިނޭންސް މިނިސްޓްރީގެ ބަޖެޓުންނެވެ.
އެމަނިކުފާނު ޖެންގައި ހުންނަވަނީ ގާނޫނަށް ބަދަލު ގެނެސް މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ރަސްމީ ގެކޮޅެއް ހަމަޖައްސައިދޭން ޖެހޭ ކަަމަށް ނިންމައި ވަގުތީ ގެކޮޅު މަރާމާތު ކުރެވެންދެންނެވެ.
ނަޝީދު: އެމަނިކުފާނުގެ ބޭސްފަރުވާ އާއި ޖެން ހޮޓެލްގައި ހުންނެވުމުގެ ހަރަދު ފިނޭންސް އިން މިއަދު ވަނީ އާއްމުކޮށްފައި. -- ފޮޓޯ/މިހާރު
މަޖިލީހުގެ ރައީސަށް ހާއްސަކުރާ މުރައިދޫގޭގެ މަރާމާތުތައް މި މަހުގެ 14 އަށް ނިމޭނެ ކަމަށް، ސިފްކޯއާ ހަވާލާދީ ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ނަޝީދު މި ވަގުތު ހުންނެވީ ކޮޕް26 އަށް ވަޑައިގެންނެވި ގޮތަށް ރާއްޖެ އިން ބޭރުގަ އެވެ.
ޖެންގައި ނަޝީދު ހުންނަވާ ގޮތަށް ދައުލަތުން ހަމަޖެއްސެވީ މަޖިލިސް އިދާރާއާ ކައިރިވެފައި ސެކިއުރިޓީ ބެލެހެއްޓުމުގެ ފަސޭހަތަކަކާ ވެސް އެކުގަ އެވެ.
ސައިކަލެއްގައި ބޮމެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން އިރު ދިރިއުޅުއްވަނީ އަމިއްލަ ގެކޮޅު، ކެނެރީގޭގަ އެވެ. އޭރު ވެސް ތްރެޓް އެސެސްމެންޓްތަކަށް ފަހު އެމަނިކުފާނަށް ދެމުން އައީ އެންމެ ހައި ސެކިއުރިޓީ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އެކަމަކު އެ ގެކޮޅުގައި ހުންނަވައިގެން އެންމެ އެކަށީގެންވާ ގޮތުގައި ސެކިއުރިޓީ ފޯރުކޮށްދޭން ހުރަސްތަކެއް ހުރި ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.
އެމަނިކުފާނަށް ހަމަލާ އަމާޒުކުރީ، ފުލުހުން ބުނެފައިވާ ގޮތުގައި، އިންޒާރުތަކާ އެކު އެކި ފަހަރު މަތިން ބޮން ގޮއްވާލައިގެން ވެސް އަވަހާރަކޮށްލަން މަސައްކަތް ކުރުމަށް ފަހު އެވެ. މިދިޔަ މެއި މަހުގެ ތެރޭގައި ބޮމެއް ގޮއްވާލީ ހަމަލާ ރާވައި، ފާރަލަމުން ދިއުމަށް ފަހު އެވެ. އެކަމަކު މި މައުލޫމާތު ފުލުހުންނާއި އެމްއެންޑީއެފްގެ ވެސް އިންޓެލިޖެންސަށް ލިބިފައި ނުވާ ކަމަށް ދެ އިދާރާ އިން ބުނެފައިވެ އެވެ.
މި މައްސަލައިގައި ތުހުމަތުވާ މީހުންނަށް ދައުވާ އުފުލައި މިހާރު ވަނީ ޝަރީއަތް ވެސް ފަށައިފަ އެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ވަނީ އިންކުއަރީއެއް ހަދައިފަ އެވެ. ސަލާމަތީ ހިދުމަތް ފޯރުކޮށްދިނުމުގައި މުއައްސަސާތަކުގައި ބޮޑެތި ބާގަނޑުތަކެއް ހުރި ކަމުގެ ތުހުމަތާ އެކު ގިނަ ކަންކަން އިސްލާހުކުރަން ލަފާދީފައިވެ އެވެ. އެކަންކަން ތަންފީޒުކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ ރަސްމީ ގެކޮޅު ހަރަދުގެ ގޮތުގައި 12 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އޭގެ ތެރެއިން މަޖިލީހުގެ ރައީސްގެ ގެކޮޅުގެ ހަރަދަށް ހިމަނާފައިވަނީ 6.8 މިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިކަމެތިމީހާ
13 November 2021
މުޅި ދިވެހިރާއްޖޭގައި ވެސް ހުރި އެންމެ ނިކަމެތި މީހާ.. ވަޓް އަ ޖޯކް
8787
12 November 2021
ރައްޔިތުމީހާއަށްހައްގު މިންވަަކީ މަހަކު 7500 ދުވާލަކަށް 250 ރުފިޔާ. މިހިރަ މީހައަށް ދުވާލަކަށް 33000 ރުފިޔާ. ހެޔޮވެރިކަން. ތާހިރު ދިރިއުޅުން.
ލަތީފާ
11 November 2021
އަދި ކޮބާތޯ ، މީނައަށް ބޮޑުވަޒީރުކަން ލިބިއްޖެނަމަ ޚަރަދުކޮށްލާނެ އަދަދުތައް.
ލަރޭ
11 November 2021
ރައްޔިތުމީހާ އަށް ދުވާލަކަށް ދޮންކެޔޮވަކަކާއި 3.5ރ. ލިބޭ ކިރުޕެކެޓެއް. މިމީހާ އަށް ދުވާލަކަށް 33،000ރ. ހެޔޮ ވެރިކަން.
މަދުކުރޭ
11 November 2021
މާޒީގައި ބޮޑެތި މަގާމުތައް ފުރީތީ ދޭ އިނާޔަތްތައް ލިބޭ މީހުންނަށް ހުރިހާ ކަމަކަށް ފުލް އިނާޔަތް ލިބިގެންނުވާނެ. މިއީކީ އެންމެ މުއްސަނދި ގައުމުތަކުން ގައުމެއް ނޫން ބަޖެޓް ހުސްވާވަރަށް ވަކި ބަޔަކަށް އިނާޔަތްތައް ދޭން. ހައްދެއް އޮންނަންވާނެ ކިތަންމެ މަތީ މަގާމެއް ފުރާފަ ހުއްޓަސް. އެއް އިނާޔަތުން އަނެއް ކަމަކަށް ބައެއް ކެނޑޭ ގޮތަށް ވަކި ޕަސެންޓަކަށްވުރެ މަތިނުވާ ގޮތަށް އިނާޔަތްތައް ލިބެންވާނީ. ބޭސްފަރުވާގެވެސް ވަކި ޕަސެންޓެއް ސަރުކާރުން ދެވެންވާނީ.
ހަޒާނާ
11 November 2021
ރައްޔިތުންނަށް ހައްގުވާ މިންވަރު ލިބޭތަން މިފެންނަނީ. ރައްޔިތުންނަކީ ކޮބާކަން މިފެންނަނީ. ރައްޔިތުންގެ ރައީސްގެ އިޚްލާސްތެރިކަން މިފެންނަނީ.
މުޙުއްމާ
11 November 2021
ނަޝީދަކީ ވަރަށް މަދު ވޯޓަކުން މަޖްލިސް އަށް ހޮވިފަހުރި މީހެއް. ރައްޔިތުންގެ ލާރިން ތިހާބޮޑު ޚަރަދެއް ކުރާކަށް އަޅުގަނޑުމެން ޤަބޫލެއްނުން. އޭނަ ހޮވި ބަޔަކު އެޚަރަދުކުރޭ.
ށަލި
11 November 2021
މަގޭ ދެމަހުގެ ކުލި ދުވާލަކަށް. ވޯޓުން ދައްކާނަށް ތިކަން
ވޯޓް
11 November 2021
ޥޯޓް ނުދޭނަން މޑޕ އަކަށް މަކަރުވެރި ނާއިންސާފު ބައިގަޑެށް އުޅޭ ޕާޓީއެށް.
އިބުރާ
11 November 2021
އެލިކްސް ކަލޭތީ ހިތްތިރި ކަމާ ރައްޔިތުންނާއެކު އެއް ތަށިން ކައިގެން ވޯޓު ހޯދި މީހެއް. ލިބުނު ސިޔާސީ ކާމިޔާބީގެ އަސްލަކީވެސް އެއީ. މިހާރު އެ އެއް ނުވިކޭނެ. ސިޔާސީ ކުރިމަގު ފެންނަނީ ވަރަށް ބަނަކޮށް.
ދެންނޭނގެދޯ
11 November 2021
އެންމެ ކަމުދާ ކެއުމަކީ ގަރުދިޔަޔާ ބަތާ ކަމަށް ބުނެ މާލޭގެ ހޮޓާތަކަށް ވަދެ ކައިގެން ކެފޭތަކުން ކަޅު ސަޔާ ފާރޮއްޓާ ޖަހާލައިގެން އުޅުނު މާ ކޫލް މީހެއް ކަމަށް އަޑު ފަތުރާފަ އޮތީ.
އައްޓަމަސް
11 November 2021
ދުވާލަކު 33،000.00 ކީއް 1 ލައްކަވެސް ޚަރަދުކުރަންވީތާ އަމިއްލަ ފައިސާވިއްޔަ، އަދި ބަރުލަމާނީ ނަމަ ކިހާވަރަކުން ދާނެބާ؟ ކެނެރީގެއިންވެސް ސިކިއުރިޓީދެވޭނެ! ރައްޔިތުންގެ ޓެކުސް ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ޗެމްޕިއަންކަން ލިބޭނެ އަންނިއަށް