ދުނިޔެ / ކޮވިޑް-19

އެމެރިކާ އާއި ޔޫރަޕްގައި އޮމިކްރޯންގެ ބިރު ބޮޑުވަނީ

06 ޑިސެމްބަރ 2021 - 11:35

1 comments

ކޮވިޑް-19 ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން ދެކުނު އެފްރިކާ އިން އެންމެ ފަހުން ފެނިފައިވާ، އޮމިކްރޯން ކިޔާ ބާވަތުގެ ވައިރަސް، އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން (ވިލާތު)ގެ ގައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން ދާތީ، އެ ގައުމުތަކުގެ އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދިއްޖެ އެވެ.

އެމެރިކާ އިން އިއްޔެ ބުނި ގޮތުގައި އެ ގައުމުގެ 15 ސްޓޭޓަކުން ކޮވިޑް ޖެހުނު މީހުންގެ ހަށިގަނޑުން މިހާރު ވަނީ އޮމިކްރޯން ވައިރަސް ފެނިފަ އެވެ. އޮމިކްރޯންއަކީ މީގެ ކުރިން ފެނިފައިވާ ކޮވިޑް ވައިރަހުގެ ބާވަތްތަކަށް ވުރެ ބާރުގަދަ ބާވަތެއް ކަމަށް، ސައެންސްވެރިން ބުނާތީ، ވިލާތުގެ ގައުމުތަކުން މިހާރު އަންނަނީ، ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރާ ވަރަކަށް، ވިލާތުގެ ގައުމުތަކުގައި އެކަމާ ދެކޮޅަށް އާންމު ރައްޔިތުން ކުރާ މުޒާހަރާތައް ވެސް މިހާރު އަންނަނީ އިތުރުވަމުންނެވެ. އެ ގޮތުން ރެސްޓޯރަންޓްތަކާއި ފިހާރަތައް ހުޅުވައިގެން ހިދުމަތްދޭ ވަގުތު މަދުކުރަން ބައެއް ގައުމުތަކުން ނިންމާފައިވާއިރު، ބައެއް ގައުމުތަކުން މިހާރުވަނީ ކޮވިޑް ވެކްސިން ޖެހުން މަޖުބޫރު ކޮށްފަ އެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް، ބްރުކްސެލްގެ މަގުތަކަށް އިއްޔެ ވެސް 8،000 އަށް ވުރެ ގިނަ މީހުން ނުކުމެ މުޒާހަރާ ކުރި އެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ނަމުގައި، ރައްޔިތުންގެ މިނިވަންކަން ނަގައިލަނީ ކަމަށް ބުނެ، މުޒާހަރާގައި އަޑު އުފުލި މީހުންނާއި، ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ދެ ފުލުހަކާއި އާންމުންގެ ހަތަރު މީހަކު ޒަހަމްވި އެވެ.

އިނގިރޭސި ވިލާތުން ވެސް އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް ފެނުމާ ގުޅިގެން، އެ ގައުމަށް އެތެރެވާ ކޮންމެ މީހަކު ކޮވިޑް ޓެސްޓު ހަދަންޖެހޭނެ ކަމަށް މިހާރު ވަނީ ނިންމައިފަ އެވެ. އަދި ފުރައިގެން ދެވޭނީ ކޮވިޑް ޓެސްޓު ހެދުމަށް ފަހު، ބަލި ޖެހިފައި ނެތްކަން ކަށަވަރުކޮށްގެންނެވެ.

ޑެންމާކުން ބުނި ގޮތުގައި އެ ގައުމުގެ 183 މީހެއްގެ ހަށިގަނޑުން މިހާރު ވަނީ އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް ފެނިފަ އެވެ. މިއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުން ނޫން ގޮތެއް ނެތް ކަމަށް އެ ގައުމުން ބުނެ އެވެ.

އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޑިރެކްޓަރު ރޮޝޭލް ވިލްސިންކީ ވިދާޅުވި ގޮތުގައި އެމެރިކާ އިން އޮމިކްރޯން ބާވަތުގެ ވައިރަސް ފެނިފައި ވިޔަސް، މިހާރު ވެސް އެ ގައުމުގައި ކޮވިޑް ބަލި ޖެހޭ ގިނަ މީހުންނަކީ ޑެލްޓާ ބާވަތުގެ ވައިރަހުން ބަލި ޖެހޭ މީހުންނެވެ. މިހާރުވެސް އެވްރެޖްކޮށް ދުވާލަކު އެއް ލައްކަ މީހުން އަލަށް މި ބައްޔަށް ޕޮޒިޓިވްވާ އިރު، އޭގެ ތެރެއިން 99 ޕަސެންޓް މީހުންނަކީ، ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހުން ބަލި ޖެހޭ މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އަދަދުތައް ކުރިއަށް އޮތް ދުވަސްތަކުގައި މަތިވަމުންދާނެ ކަމަށް އަންދާޒާ ކުރެވޭ އިރު، އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ، ސިއްހީ ކަންކަމާ ގުޅޭ ހާއްސަ މުޝީރު އެންތަނީ ފައުޗީ ވިދާޅުވީ، އޮމިކްރޯން ވައިރަހުގެ ނުރައްކާ ކުޑަކުރުމަށްޓަކައި، ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒެއް ޖެހުން ވަރަށް މުހިންމު ކަމަށެވެ.

އޭނާ ވިދާޅުވީ ދެކުނު އެފްރިކާގައި ހަލުވިކަމާ އެކު ފެތުރެމުންދާ އޮމިކްރޯން ބާވަތުގެ ވައިރަހުގެ ބާރު ހުރި މިންވަރާއި އޭގެ ނުރައްކާތެރިކަން ދިރާސާކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އެހެންކަމުން، ކޮވިޑާ ދެކޮޅަށް މިހާރު ބޭނުންކުރަމުން އަންނަ ވެކްސިންތައް، އޮމިކްރޯން ވައިރަހާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު އެނގޭނީ، އެ ދިރާސާތައް ނިމުމުންނެވެ.

ދެކުނު އެފްރިކާ އިން ފެނުނު އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް މިހާރު ވަނީ ދުނިޔޭގެ 40 ގައުމަކަށް ފެތުރިފަ އެވެ. އަދި އެންމެ ބޮޑަށް މި ބާވަތުގެ ވައިރަސް ފެތުރެމުންދާ ގައުމުތަކުން އަންނަ މީހުން އެތެރެވުން ބައެއް ގައުމުތަކުން ވަނީ މަނާކޮށްފަ އެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިސްލާހު

06 December 2021

މިހާރު ދުނިޔޭގައި އެހެން ބައްޔެއް އުޅޭހެނެއް ހިޔެއް ނުވެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454