ދުނިޔެ / ތާލިބާން

އެހީތެރިވުމަށް އެމެރިކާ އިން ތާލިބާނުންނާ މުއާމަލާތް ކުރަނީ

23 ޑިސެމްބަރ 2021 - 14:03

އަފްގާނިސްތާނު ރައްޔިތުން މިހާރު ތަހައްމަލް ކުރަމުންދާ ހައިހޫނުކަމާއި، އެ ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ތާލިބާނުންނާ އެކުގައި މުއާމަލާތުކުރުމަށް، އެމެރިކާ ސަރުކާރުން ހުއްދަ ދީފި އެވެ.

އެމެރިކާގެ މާލީ ވުޒާރާގައި އޮންނަ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލްގެ ފަރާތުން އިއްޔެ އާންމުކުރި ތިން ލައިސެންސެއްގެ ދަށުން، މީގެ ކުރިން މަނާކޮށްފައިވާ އަފްގާންގެ ބައެއް ފަރާތްތަކާ އެކުގައި މުއާމަލާތުތައް ހިންގާނެ އެވެ. އެ ހުއްދައިގެ ދަށުން، ތާލިބާން ޖަމާއަތާއި ހައްގާނީ ވިއުގައާ އެކުގައި ރަސްމީ ކަންކަމުގައި މުއާމަލާތުތައް ކުރުން، އެމެރިކާ ސަރުކާރުގެ އޮފިޝަލުންނަށާއި ބައިނަލްއަގުވާމީ އިދާރާތަކަށް ހުއްދަވާނެ އެވެ.

މީގެ އިތުރުން، އެމެރިކާ އިން ބްލެކް ލިސްޓުގައި ހިމަނާފައިވާ އަފްގާނުގެ އަމިއްލަ ދެ ޖަމާއަތަކާ އެކުގައި ވެސް، އަފްގާނު ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަމުގައި މުއާމަލާތުކުރުން، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކަށް ވެސް ހުއްދަވާނެ އެވެ.

އެމެރިކާ ސަރުކާރުން މި ފިޔަވަޅު އެޅީ، މިދިޔަ އޮގަސްޓު 15 ގައި ތާލިބާނުން އަފްގާނިސްތާނު ހިފުމާ ގުޅިގެން، އެމެރިކާގައި ހުރި އަފްގާނުގެ މަރުކަޒީ ބޭންކުގެ ފައިސާތައް އެމެރިކާ އިން ހިފަހައްޓައި، އަފްގާނަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމުން، އަފްގާނުގެ ރައްޔިތުން ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވަނިކޮށެވެ. އަފްގާނިސްތާނުގެ އެ ފައިސާތައް ދޫކޮށްދިނުމަށް އެދި، އަފްގާނުގައި މިހާރު އޮތް ތާލިބާން ޖަމާއަތުގެ ސަރުކާރުން އާދޭސްކުރަމުން އަންނަތާ އެތައް މަހެއް ވެއްޖެ އެވެ.

ދުނިޔޭގެ ކާނާއާ ބެހޭ އިދާރާ އިން ބުނި ގޮތުގައި އަފްގާނަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުގެ ސަބަބުން، އެ ގައުމުގެ ގާތްގަނޑަކަށް 23 މިލިއަން މީހުންނަށް އެކަށީގެންވާ މިންވަރަށް ކާބޯތަކެއްޗެއް ނުލިބެ އެވެ.

އިގްތިސާދީ ކަންކަމުގަ އާއި ކާބޯތަކެތި ހޯދުމުގައި މައިގަނޑު ގޮތެއްގައި ބޭރުގެ އެހީއަށް ބަރޯސާވާ އަފްގާނުގެ ފައިސާތައް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ހިފެހެއްޓުމުގެ ސަބަބުން، ކާބޯތަކެތި އިމްޕޯޓް ކުރުމާއި ޒަރޫރީ ސާމާނު ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. އޭގެ އިތުރުން، ސަރުކާރު މުވައްޒަފުންނަށް މުސާރަ ނުދޭތާވެސް މިހާރު އެތައް މަހެއްވެއްޖެ އެވެ.

އަނެއްކޮޅުން އދ.ގެ ސަލާމަތީ މަޖިލީހުން އިއްޔެ ވަނީ، އަފްގާނިސްތާނަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނު ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދިނުމުގެ ގަރާރެއް ފާސްކޮށްފަ އެވެ. އެމެރިކާ އިން ބުނި ގޮތުގައި ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަކީ އެ ގައުމުން އެކުލަވައިލި ގަރާރެކެވެ.

މި ގަރާރުގައި ބުނެފައިވާ ގޮތުން، ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ޖަމާއަތްތަކުން އަފްގާނަށް ފޮނުވާ އިންސާނީ އެހީތެރިކަމުގެ ސާމާނު ލިބެނީ، އެތަކެއްޗަށް ބޭނުންވެފައިވާ މީހުންނަށް ކަށަވަރުކުރުމަކީ އދ.ގެ އިމަޖެންސީ ރިލީފް ކޯޑިނޭޓަރުގެ ޒިންމާއެކެވެ. އަދި އެކަން ހިނގަމުންދާ ގޮތުގެ މައުލޫމާތު ސަލާމަތީ މަޖިލީހަށް އޭނާ ފޮނުވަންޖެހޭނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454