މުނިފޫހިފިލުވުން / ބޮލީވުޑް

ސަލްމާން "އިންޝާﷲ" ދޫކޮށްލި ސަބަބުތައް

29 ޑިސެމްބަރ 2021 - 07:54

ޝޫޓިން ފަށަން އެންމެ ފަހުގެ ތައްޔާރީތައް ވެފައި ވަނިކޮށް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "އިންޝާﷲ" ސަލްމާން ޚާން ދޫކޮށްލި ސަބަބެއް މިހާތަނަށް ސާފެއް ނުވެ އެވެ. އެކަމާ ބެހޭގޮތުން އެކި ވާހަކަތައް ދެކެވުނެވެ. އެގޮތުން އޭނާ ފިލްމު ދޫކޮށްލީ ޒުވާން ބަތަލާ އާލިއާ ބަޓާ އެކު ގައިގޯޅި މަންޒަރުތަކެއް ކުޅެން ޖެހޭތީ އުފެދުނު ހިޔާލު ތަފާތުވުންތަކާ ހެދި ކަމަށް ބުނެފައިވެ އެވެ. އެހެންވެ ސްކްރިޕްޓަށް ބަދަލު ގެންނަން ސަލްމާން އެދުނަސް، އެކަން ބަންސާލީ ގަބޫލު ނުކުރުމުން އެކަމާ ވެސް ހިތްހަމަނުޖެހުނީ އެވެ.

މި ފިލްމަކީ އެމެރިކާގައި އުޅޭ ނުފޫޒު ގަދަ ދުވަސްވީ ވިޔަފާވެރިއަކާއި އިންޑިއާގެ ޒުވާން ބަތަލާއެެއްގެ މެދުގައި އުފެދޭ ގުޅުމެއްގެ ވާހަކަ ކިޔައިދޭން ހަދަން އުޅުނު އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. ނަމަވެސް "އިންޝާﷲ" އިން ސަލްމާން ވަކިވި ސަބަބެއް އޭނަ އަދި ބަންސާލީގެ ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ފިލްމީ ޚަބަރުތައް ދިރާސާކުރާ އަދި ބޮލީވުޑް ހަންގާމާ އަށް ލިޔާ އިންޑިއާގެ މަޝްހޫރު ނޫސްވެރިޔާ ސުބާޝް ކޭ ޖާ ލިޔުނު ކޮލަމެއްގައި ބުނެފައިވާ ގޮތުގައި ސަލްމާން "އިންޝާﷲ" ނުކުޅެން ނިންމީ އޭނަގެ މުހިއްމު ޑިމާންޑްތަކެއް ބަންސާލީ ބޮލާލައި ޖެހުމުންނެވެ. އޭގެ ތެރެއިން އެއް ކަމަކީ ފިލްމުގެ ހާއްސަ ލަވައެއްގައި ސުޝްމިތާ ސެން ހިމަނައި ދިނުމެވެ. ސަލްމާނާ އެކު "ބީވީ ނަމްވަތު 1" އާއި "މޭނޭ ބީ ޕިޔާރު ކިޔާ" ގައި މަސައްކަތްކުރި ސުޝްމިތާ އަކީ ސަލްމާންގެ ވަރަށް ގާތް އެކުވެރިއެކެވެ.

ބަންސާލީ އަށް ސަލްމާން ހުށަހެޅި އަނެއް ކަމަކީ "އިންޝާﷲ" ގައި ބަތަލާ ޑެއިޒީ ޝާހްގެ ފެނިލުމެއް ހިމެނުމެވެ. އޭނާ އަކީ ސަލްމާންގެ 2014 ގެ "ޖޭ ހޯ" އިން ތައާރަފްކުރި ބަތަލާއެކެވެ. އަދި ދެ މީހުން އެކީގައި 2018 ގައި "ރޭސް" ގައި ވެސް މަސައްކަތްކުރި އެވެ. ސަލްމާނަކީ އަބަދުވެސް އޭނަގެ ގާތް މީސްމީހުންނަށް ފުރުސަތުތައް ހޯދައިދީ ކުރިއަރުވަން މަސައްކަތްކުރާ އެކްޓަރަކަށް ވިޔަސް، ސުޝްމިތާ އާއި ޑެއިޒީ "އިންޝާﷲ" ގައި ހިމެނުމަކީ ބަންސާލީ ރުހޭ ކަމަކަށް ނުވީ އެވެ.

އޭނާ އަކީ އަބަދުވެސް ފިލްމެއް ހަދާ އިރު އަމިއްލަ ތަސައްވުރެއް ގެންގުޅޭ އަދި މަސައްކަތުގެ ތެރެއަށް އެހެން މީހުން ނުފޫޒު ފޯރުވަން ވަރަށް ދެކޮޅު ޑައިރެކްޓަރެކެވެ. އަނެއްކޮޅުން ފިލްމަކަށް ބަންސާލީ ކާސްޓުން ނަގާނީ ވަރަށް ބޮޑަށް ބަލައިފަ އެވެ.

އޭނަ މިހާތަނަށް ހެދި ކޮންމެ ފިލްމަކުން ވެސް އެކަން ފާހަގަ ކުރެވޭނެ އެވެ. މީހަކު ބުނިބުނުމަކަށް އެ މީހަކު ރުއްސަން މަސައްކަތް ކުރުމަކީ ބަންސާލީ ގަބޫލުކުރާ އުސޫލެއް ނޫނެވެ. އެހެންވެ، ފިލްމުގެ ކާސްޓްގެ ތެރެއަށް އަތްބާނައި، ސްކްރިޕްޓާ ކުޅެން ހުށަހެޅި ހުށަހެޅުން ގަބޫލު ނުކުރެވުނީ އެވެ. މި ސަބަބާ ހުރެ "އިންޝާﷲ" ޖެހުނީ ހުއްޓައިލާށެވެ. ސަލްމާން އެ ފިލްމު ދޫކޮށްލި ފަހުން ހަމަ އާލިއާ ހިމަނައިގެން އަދި ބަތަލުގެ ރޯލަށް ޝާހްރުކް ޚާން ނުވަތަ ރިތިކް ރޯޝަން ހިމަނައިގެން އެ ފިލްމު ހަދާނެކަމުގެ އަޑުތަކެއް ވެސް އެރި އެވެ.

ނަމަވެސް "އިންޝާﷲ" ބާއްވާފައި ބަންސާލީ އިއުލާންކުރި ފިލްމަކީ އަންނަ ފެބްރުއަރީ މަހުގެ 18 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ގަންގޫބާއީ ކަތިއަވާޅީ" އެވެ. މީގެ ބަތަލާ އަކީ ވެސް އާލިއާ އެވެ. "ގަންގޫބާއީ" އަށް ފަހު ބަންސާލީ ހަދަން އޮތް ފިލްމަކީ "ބައިޖޫ ބަވްރާ" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމު ކުޅޭނީ ރަންވީރު ސިންގް އާއި އާލިއާ އެވެ. ސަލްމާނާ އެކު ބަންސާލީ ކުރިން ގެނެސްދިން ފިލްމުތަކަކީ 1996 ގެ "ހާމޯޝީ: ދަ މިއުޒިކަލް" އާއި 1999 ގެ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އަދި 2007 ގެ "ސާވަރިޔާ" އެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 25%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454