އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު.
29 ޑިސެމްބަރ 2021 - 07:58
މީގެ ހަ އަހަރު ކުރިން އޮސްޓްރޭލި އަށް ގެންދިޔަ ދެ ޕެޓް ކުއްތާއެއް ކަރަންޓީނު ކުރަން އުޅުނު މައްސަލައެއްގައި އޭރު އޮސްޓްރޭލިއާގެ މިނިސްޓަރަކާ އަރާރުންތަކެއް އުފެދުނު ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެމްބާ ހާޑްގެ އާ ކުއްތާ އަށް އެ މިނިސްޓަރުގެ ނަން ދީފި އެވެ.
މަޝްހޫރު އެކްޓަރު ޖޮނީ ޑެޕްގެ ކުރީގެ އަންހެނުންގެ އާ ކުއްތާ އަށް ދީފައިވާ ނަމަކީ އޮސްޓްރޭލިއާގެ މިހާރުގެ ބޮޑުވަޒީރުގެ ނައިބު ބާނަބީ ޖޯއިސްގެ ނަމެވެ. ޕެޓް ކުއްތާތަކުގެ މައްސަލާގައި 2015 ގައި އެމްބާގެ ދެމަފިރިންނާ އަރާރުން އުފެދުނު އިރު، ބާނަބީ ހުންނެވީ އެގްރިކަލްޗަ މިނިސްޓަރުގެ މަގާމުގަ އެވެ. އޭރު ދެ ކުއްތާ ގޮވައިގެން އެމްބާ އޮސްޓްރޭލިއާ އަށް ދިޔައީ އެ ދުވަސްވަރު ޑެޕް "ޕައިރޭޓްސް އިފް ދަ ކެރީބިއަން" ގެ ފިލްމެއްގެ މަސައްކަތް އެ ގައުމުގައި ކުރަމުން ދިއުމާ ގުޅިގެންނެވެ.
އެމްބާގެ ކުއްތާ އަށް ޑެޕިއުޓީ މިނިސްޓަރުގެ ނަން ދިން ވާހަކަ ބުނީ އެއާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު ސޯޝަލް މީޑިއާގަ އެވެ. އޭގައި އޭނާ ބުނީ "އާއިލާ އަށް އިތުރުވި އާ މެމްބަރު ބާނަބީ ޖޯއިސް ތައާރަފުކޮށްދޭ" ކަމަށެވެ.
އެމްބާގެ ކުއްތާ އަށް ބޮޑުވަޒީރުގެ ނައިބުގެ ނަން ދިނުމާ ގުޅިގެން ބާނަބީ "ދި އޮސްޓްރޭލިއަން" އަށް ވިދާޅުވީ އެކަމާ ކަންބޮޑުނުވާ ކަމަށެވެ.
"އަހަރެންގެ ނަން ފާހަގަ ކުރާނެ އާ ގޮތެއް ވެސް ހޯދުނީ. އެހެން ނޫނަސް އަހަންނަކީ ޖަނަވާރުން ދެކެ ވަރަށް ލޯބިވާ މީހެއް. އެހެންވެ ކުއްތާއަކަށް އަހަރެންގެ ނަން ކިއުމަކީ އެއްވެސް މައްސަލައެއް ނޫން، މިކަމުން ދައްކުވައި ދެނީ ޑެޕަށް ވުރެ ބޮޑަށް އަހަރެންގެ މަތިން އެމްބާ ހަނދާން ކުރާކަން." ބާނަބީ ބުންޏެވެ.
ބާނަބީ، 54، ވިދާޅުވި ގޮތުގައި ޕެޓް ކުއްތާ އަށް އޭނަގެ ނަމުން ދިން ދިނުމުން ދައްކުވައި ދެނި އަދިވެސް އެމްބާގެ ބޮލުގެ ތެރޭގައި ކުރީގެ ހަނދާންތައް ހުރި ކަމެވެ.
"އަހަރެން [އެމްބާ އާއި ޑެޕް] ގެ މަތިން [މާ ކުރިން] ހަނދާން ނައްތާލައިފިން." އޭނާ ވިދާޅުވި އެވެ.
އެމްބާ އާއި ޑެޕްގެ ކައިވެނި ރޫޅުނީ 2016 ގަ އެވެ. ޑެޕް ގާތުން ވަރިވާން އެމްބާ ނިންމީ ގެވެށި އަނިޔާކުރާ ކަމުގެ ތުހުމަތުތަކާ އެކީގަ އެވެ. އަދި މި މައްސަލަ ކޯޓްގައި ވެސް ވަރަށް ހޫނުކޮށް ހިނގި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy