ދެ ބައިވުމުގެ ކުރިން ސަލާންކުރައްވަނީ: ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫނާ ދެމެދު ވަނީ ބޮޑެތި ޚިލާފުތަކެއް އުފެދިފައި
28 ޑިސެމްބަރ 2016 - 06:38
އަހަރު ނިމިގެން މި ދިޔައީ ވަރަށް ބޮޑެތި ކަންތައްތަކެއް ހިނގުމަށް ފަހު އެވެ. ސިޔާސީ މަސްރަހާއި، ދިވެހި ރައްޔިތުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ބައެއް ހައްގުތައް އުނިވުމުގެ އިތުރުން އިޖުތިމާއީ ދާއިރާގެ ބައެއް ކަންކަމުގައި ވެސް ބޮޑެތި ސުރުޚީތަކެއް ވަނީ ފެނިފަ އެވެ.
ސަރުކާރަށް ދެއްވަމުން އައި ތާއީދު އަނބުރާ ގެންދެވިކަން މައުމޫން، ޝީ ބިލްޑިންގުގައި، އޮކްޓޫބަރު 27ގައި އިއުލާންކުރައްވަނީ -- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ސަރުކާރު ހިންގާ ޕީޕީއެމްގެ އެތެރޭގައި މައްސަލަ އުފެދިފައިވާކަން ފަޅާއަރައި، އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސް އަބްދުﷲ ޔާމީނަށް އޮތް ތާއީދު އަނބުރާ ގެންދެވިކަން ރަސްމީކޮށް އިއުލާންކުރުމަކީ ސިޔާސީ ދާއިރާގެ އެންމެ ބޮޑު ހައިރާންކަމެވެ. އޭގެ ކުރިން، ޕީޕީއެމްގައި ރައީސް މައުމޫނާއި ރައީސް ޔާމީނަށް ތާއީދުކުރާ ދެ ބަޔަކު އުފެދި ބަހުގެ ހަމަލާތައް ބަދަލުކުރަމުން ދިޔަ އެވެ. ޕީޕީއެމްގެ މައްސަލަ ކޯޓަށް ގޮސް، އޮކްޓޫބަރު 22 ގައި ސިވިލް ކޯޓުން ވަނީ ޕީޕީއެމް ހިންގުމުގެ ހުރިހާ ބާރެއް ޕާޓީގެ މުސްތަޝާރު އަދި ރައީސް ޔާމީނަށް ލިބޭ ގޮތަށް ހުކުމް ކޮށްފަ އެވެ. މި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ތާއީދު ވެސް ކުރި އެވެ.
It is with much regret that I announced tonight withdrawal of my support to President Yameen's govt with immediate effect.
— Maumoon Abdul Gayoom (@maumoonagayoom) October 27, 2016
ރައީސް ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވިކަން އިއުލާން ކުރެއްވުމަށް ފަހު މައުމޫން ކުރެއްވި ޓްވީޓް
ޕީޕީއެމްގެ މައްސަލަ ހައްލު ނުވެ، އެންމެ ފަހުން އެ ޕާޓީގެ އޮފީހުން ވެސް މައުމޫން ފެކްޝަން ނުކުންނަން ޖެހި، އެކަން ބޮޑު މައްސަލަގަނޑަކަށްވެ، އެ އޮފީސް ގަދަކަމުން ހުސްކޮށް ޕާޓީގެ ހުރިހާ މުދަލެއް ޔާމީން ފެކްޝަނުން ގެންދިޔަ އެވެ. މައްސަލަ މިހާރު ވެސް އޮތީ ހަމަ "ހޫނުކަން މަތީގަ" އެވެ. މައުމޫން ހުންނެވީ އިންސާފަށް އެދިއެދި އެވެ. އެކަމަކު ޕާޓީ ހިންގުމުގައި މައުމޫންގެ ތިލަފަތް ބަރެއް ނުވެ އެވެ.
ހަވީރު އިދާރާގެ ބޭރު: "ހަވީރު" ހުއްޓާލުމަކީ ސަރުކާރަށާއި ޖުޑީޝަރީ އަށް ބޮޑެތި ފާޑުކިޔުންތަކެއް ރައްދުވި ކަމެއް
ދުވަހު ނޫހެއްގެ ގޮތުގައި ހިންގަމުން އަންނަތާ 37 އަހަރަށް ފަހު، ވަރަށް ދެރަ ގޮތަކަށް "ހަވީރު" ނޫހާއި ހަވީރު އޮންލައިން ހުއްޓާލީ ސިވިލް ކޯޓުން ކުރި ކުއްލި އަމުރަކާ ގުޅިގެންނެވެ. ހަތަރު ހިއްސާދާރަކު ހިއްސާވާ ތަނެއް ކަމަށް ބުނެ، ސިވިލް ކޯޓުގެ، މާޗް 31ގެ އަމުރާ އެކު "ހަވީރު"، ދިވެހި ރައްޔިތުންނަށް މުޅިން އަލްވަދާއު ކީ އެވެ. ރާއްޖޭގެ އެންމެ މަގުބޫލު ނޫސް އެންމެ ވަރުގަދަ އޮންލައިން ހުއްޓާލުމާ އެކު އާންމުންގެ ވަރަށް ގިނަ ބަޔަކު ޝަކުވާ ކުރި އެވެ. ދިވެހި ނޫސްވެރިން އެކަމާ އިހުތިޖާޖު ވެސް ކުރި އެވެ. މި ހުކުމަށް ފަހު، އެހެން ހުކުމްތަކެއް ވެސް "ހަވީރާ"އި އެ ނޫހުގައި މަސައްކަތް ކުރި މުވައްޒަފުންގެ މައްޗަށް ފަހުން ވަނީ އައިސްފަ އެވެ. އޭގެ ބައެއް މައްސަލަތައް ޝަރުއީ މަރުހަލާގައި އަދިވެސް އެބަ އޮތެވެ.
"ހަވީރު" އަކީ އެ ނޫހުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ އެކަނި އެއްޗެއް ނޫން ކަމާއި އެއީ އޭނާ އާއި އިތުރު ތިން ހިއްސާދާރަކު ހަވީރު ނިއުސް އެޖެންސީގެ ނަމުގައި އުފެއްދި އެޖެންސީއަކުން ހިންގާ ނޫހެއް ކަމަށް، އަމުރުގައިވެ އެވެ. އެކަމަކު އެ އެޖެންސީ 1985 ގައި އުފެއްދުމުގެ ކުރިން ވެސް އަދި އޭގެ ފަހުން 2013 އާ ހަމައަށް "ހަވީރު" ހިންގަމުން ގެންދެވީ ޒާހިރު އެވެ. ހުއްޓާލި އިރު "ހަވީރު" ހިންގަމުން ގެންދިޔައީ ހަވީރު މީޑިއާ ގްރޫޕުންނެވެ.
ކޯޓުގައި "ހަވީރު"ގެ ފަރާތުން ބުނެފައި ވަނީ އަނެއް ތިން ހިއްސާދާރުން "ހަވީރު"ގެ އެއްވެސް ކަމަކަށް އެންމެ ލާރިއެއް ވެސް ހޭދަކޮށްފައި ނުވާ ކަމަށާއި "ހަވީރު"އަކީ ހަވީރު ނިއުސް އެޖެންސީގެ މިލްކެއް ނޫން ކަމަށެވެ.
#haveeru vrh miss vey. pic.twitter.com/6muhbvabRr
— Ali Shamin (@ali_shamin) April 3, 2016
"ހަވީރު" ހުއްޓާލުމުން އެ ދުވަސްވަރު ޓްވިޓާގައި ޓްރެންޑްވި "ވަރަށް މިސްވޭ"
"މިހާރު" އަކީ "ހަވީރު" ނެތުމުގެ ފަޅުކަން ރާއްޖޭގެ ނޫސްވެރިކަމަށް އަޔަ ނުދިނުމަށް ޓަކައި "ހަވީރު"ގެ ކުރީގެ މުވައްޒަފުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ އެވެ. "ހަވީރު"ގެ ހުރިހާ މުވައްޒަފުން ބަދަލުވީ "މިހާރު" އަށެވެ.
ރައީސާއި ކޮމަންވެލްތުގެ މަންދޫބު އޮގްސްޓް 4ގައި ބައްދަލުކުރައްވަނީ.-- ފައިލް ފޮޓޯ: ރައީސް އޮފީސް
މި ވާހަކައިން ބައެއް މީހުން ހައިރާންވެ އަންތަރީސް ވެދާނެ އެވެ. އެކަމަކު ރައީސް ޔާމީންގެ ސަރުކާރުން ކޮންމެ ފަދަ ފިޔަވަޅެއް ވެސް އަޅައިފާނެ ކަމަށް ގަބޫލުކުރާ މީހުންނަށް މިއީ ފަހަރެއްގައި ހަބަރަކަށް ވެސް ނުވެދާނެ އެވެ. ކޮމަންވެލްތުން ރާއްޖެ ވަކިވީ ރައީސް ޔާމީނަށް އެތެރެ އާއި ބޭރުން ވެސް ފިއްތުންތައް ކުރިމަތިވަމުން ދަނިކޮށެވެ. ރާއްޖެ، 34 އަހަރަށް ފަހު ކޮމަންވެލްތުން ވަކިވާން ކެބިނެޓުން ނިންމި ނިންމުމަކަށް ފަހު އެވެ. އޭރު ރާއްޖެ އޮތީ ކޮމަންވެލްތުގެ ނުފޫޒު ގަދަ ގުނަވަނެއް ކަމަށްވާ ސީމެގް އެޖެންޑާގަ އެވެ. އޮކްޓޫބަރު 13 ގައި ރައީސް ޔާމީން ނިންމެވި ނިންމުގެ މައިގަނޑު ސަބަބެއް ކަމަށް ބުނަނީ ރާއްޖޭގެ ދާހިލީ ކަންކަމަށް ބޭރު މީހުން ބެހުން ކަމަށެވެ. ރާއްޖޭގެ ސިޔާސީ ބައެއް ލީޑަރުންނަށް ބޮޑެތި ހުކުމްތައް އިއްވައި، ޖަލަށް ލުމާއި ޑިމޮކްރަސީއާ ޚިލާފު އެތައް ކަމެއް ސަރުކާރާއި ސަރުކާރު ކޮންޓްރޯލްކުރާ ރައްޔިތުންގެ މަޖިލިހުން ކުރާތީ، އެކަމާ ކޮމަންވެލްތުން އަންނަނީ ފާޑުކިޔަމުންނެވެ. ރާއްޖެ އިން އިސްލާހު ކުރަން ޖެހޭ ބައެއް ކަންކަން ސީމެގުން ކުރިން އޮތީ އަންގާފަ އެވެ. އަދި އެ އިސްލާހުތައް ނުގެނެސްފި ނަމަ ކޮމަންވެލްތުން ސަސްޕެންޑްކުރުމުގެ ފުރުސަތު ވެސް އޮތެވެ. އެކަމަކު ކޮމަންވެލްތުން ވަކިވުމުން އެ ޕްރެޝަރެއް ރައީސް ޔާމީންގެ ސަރުކާރަކަށް މިހާރަކު ނެތެވެ. އަނެއްކޮޅުން، ރާއްޖެ އަށް ލިބެމުން ދިޔަ މުހިންމު ބައެއް އެހީތަކުން މިހާރު ވަނީ މަހުރޫމްވެފަވެ.
ކޯސްޓްލައިންގައި އަލިފާން ރޯވެ އަނދަމުން ދަނީ: މިވަރުގެ އަލިފާންގަނޑެއް ފަހުގެ ތާރީޚުގައި ނުފެނޭ --މިހާރު ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން
އެޕްރީލް 18 އަކީ މާލެ އަށް ނުރައްކާތެރި ދުވަހެކެވެ. މަޖީދީމަގުގައި ހިންގަމުން އައި ކޯސްޓްލައިން ފިހާރައިގައި ރޯވެ މުޅި ތަން އަނދައި ހުލިވެގެން ދިޔައީ ވަރުގަދަ އަލިފާނުގެ ހާދިސާއެއްގަ އެވެ. އެ ފިހާރައިގެ އިތުރުން ކައިރީގައި ހުރި ބައެއް ގެތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ ކަމަށް، އެމްއެންޑީއެފުން ބުނެ އެވެ. އަލިފާން ނިންވީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ބޭނުންކުރާ ބޮޑު ފަޔާ ލޮރީއެއް މާލެ ގެެނެސްގެންނެވެ. ހާލުގައި ޖެހުނު މީހުންގެ އަދަދު 136 އަށް އެރި އެވެ. ޖުމްލަ ނުވަ ގެއަކަށް އަލިފާނުގެ ގެއްލުން ލިބުނެވެ. އޭގެ ފަހުން އަށް މަސް ވީ އިރު، އޭގެ ތެރެއިން ބައެއް ގެތައް އަދިވެސް ހުރީ އަލުން އިމާރާތް ކުރަން ނުފެށި އެވެ.
ކާޑާއި ކަރަންޓުގެ އަގު ބޮޑުކުރުމުން ފުވައްމުލަކުގައި އޮކްޓޫބަރު 10 ގައި ރައީސް ޔާމީނާ ދެކޮޅަށް މުޒާހަރާ ކުރަނީ
ރާއްޖޭގައި މުދަލުގެ އަގު ބޮޑުވަމުން ދިޔަ ދަނޑިވަޅެއްގައި، ކާޑުގެ އަގު ދެ ގުނަ ބޮޑުކޮށްފާނެ ކަމަކަށް އެކަކު ވެސް ހިއެއް ނުކުރެ އެވެ. އެހެން ހީނުކުރި މައިގަނޑު ސަބަބަކީ، ކާޑަކީ ރައްޔިތުންގެ އެންމެ އަސާސީ ބޭނުން ކަމަށް ވާތީ އެވެ. ނަމަވެސް ކަން ވީ ހީކުރި ގޮތާ ޚިލާފަށެވެ. ސެޕްޓެމްބަރު 29 ގައި ކާޑުގެ އަގު ގާތްގަނޑަކަށް ދެ ގުނަ ބޮޑުވެ، ރައްޔިތުން ރަތަށް އެރި އެވެ. ސަރުކާރުގެ ހުއްޖަތަކީ، ކާޑުގެ ސަބްސިޑީ އެންމެންނަށް ދިނުން ލާޒިމް ނޫން ކަމަށާއި އެއީ ހަމައެކަނި އެ ހައްގު ބަޔަކަށް ލިބެން ޖެހޭ އެއްޗެއް ކަމަށެވެ. ސަބްސިޑީ ކަނޑާލުމާ އެކު ބައެއް ކާބޯތަކެތީގެ އަގު ވެސް މައްޗަށް އެރި އެވެ. ފާޑުކިޔުންތައް އަމާޒުވި އެވެ. ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ ބައެއް މެމްބަރުން ވެސް ފާޅުގައި ފާޑުކިޔަސް ސަބްސިޑީގެ މައްސަލާގައި ރައީސް ޔާމީންގެ ސިޔާސަތު އެގޮތަށް ދެމެހެއްޓެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޫސާ އަބުދުﷲ
28 December 2016
އޭ އޭ މުޅީން ގޯސް އަދިއޮތީ އެންމެ ބޮޑުކަންތައް ކޮބާ މިގައުމުގެ ރެކޯޑުމުގުރާލި ޙިޔާނާތް އެންމެބޮޑުވައްކަން އެންމެބޮޑުޖަރީމާ ތިޔަހެންނުހަދާ މިވާހަކަ ލިޔަންވާނެ...
ހުރިގޮތް
28 December 2016
ރައްޔިތަކަށް އުފާވެރިކަން ގެނެސްދޭނެ އެއްވެސް ކަމެއް ބޮޑުފަހެއްގައިވެސް ނެތެވެ. ހައްތާވެސް ހިތްދަތި ކަންކަމެވެ.
ވެލާނާ
28 December 2016
ކޮބާ އެއަރޕޯޓު ނަން ބަދަލުކުރުން
ދޫނި ރާއްޖެ
28 December 2016
ޕީ.ޕީ.އެމް ކިޔާފައި ޖެހި ސަކަރާތަކީ މަގޭ ހިތަށް އަބަދުވެސް އަރަނީ އެއީ ޑްރާމާއެކޭ. ބޭނުމަކީ އެމް.އެމް.ޕީ.އާރްސީ ގެ ޚިޔާނާތުގެ ވާހަކަ އޮއްބާލުމޭ!. ހަމަ އިޚްލާސްތެރި މީހުން މަދީ!
ކަރަންޓްބޭ
28 December 2016
ކަރަންޓް އަގުހެޔޮވުމާއި، ސިޔާސީ ކުށްވެރިން އުފެދުންވެސް އެއީ ކިހާ ވަރުގަދަ ހެޑްލައިންތައްތޯ؟ އަދި ހަމަ އެހެންމެ އަދީބު ބުރޯ ގެ ވެރިކަން ނިންމާ ދޫނިދޫއަށް ހިޖުރަ ކުރުންވެސް، ނޫސްވެރިން ގެ ދައުވާތައްވެސް.
ރަދީފް
28 December 2016
ރަދީފް ރޭންކް ކުރާނަމަ 01 ވަނަ ލިބެނީ ''ހަވީރު'' ހުއްޓާލުމަށް.އެއީ 2016 ގެ އެންމެ ބޮޑު އެއްކަން. 2 ވަނަ ލިބެނީ އަލިފާނުގެ ހާދިސާއަށް. ދަ ރެސްޓް ވީ ޑޯންޓް ކެއާ.ވ.ވެދުން
ކަދުރު ދައިތަ
28 December 2016
އަދިވެސް ވަކިފަޅިއެއް ފެންނަ މީހުން ބުނާނެ ކޮމަންވެލްތުން ވަކިވުމުން ދިވެހިންނަށްވީ ގެއްލުމަކީ ކޮބާހޭ. އެކަންކުރީ ހަމަރަނގަޅަށޭ. އެކަންކުރަން މާލަސްވެސްވެއްޖެއޭ. އެކަމަކު މަށައް ހީވަނީ މިހާރު މިއޮތީ ނުފޯރާ ފޮތިން ފޫގަޅަންޖެހިފަހެން. އަގުބޮޑުނުވާ އެއްޗެއްނެތް އަގުބޮޑުނުވާ ހިދުމަތެއްނެތް، ނުވިއްކާ ފަޅެއް ފަޅުރަށެއްނެތް. އެއްޗެއް ލިޔެލަން ކެރޭ ނޫސްވެރިޔަކުނެތް، އަނގަހުޅުވާލަން ކެރޭ ސިޔާސީ މީހަކުނެތް، މިވާހަކަތައް ދައްކާލަން ތަނަކައް އެއްވެވޭކައްްނެތް، ޖަލައްނުލާ ސިޔާސީ މީހަކުނެތް، އެކަމަކު މިހާރުވެސް މިބުނާ އެއްފަޅި ފެންނަ މީހުން ބުނާނެ އަދިވެސް މިއޮއް އުޅެވެނީނޫންހޭ، ރަނގަޅު ވާހަކައެއް ﷲ ސުބުޚާނަހޫ ވަތަޢާލާ ފުރާނަ ގެންދަވަންދެން އުޅޭނެ. އިތިއޯޕިއާ މީހުންވެސް އުޅެނީވިއްޔަ. ދޯ ކުދިންނޭ.