މި ވެރިކަމުގައި އިއްވި ފަސް އަހަރުގެ ޖަލު ހުކުމުން މިނިވަންވުމަށް ފަހު، ފުރަތަމަ ފަހަރަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މާދަމާ ރޭ ނިއުސް ކޮންފަރެންސެއް ބާއްވަވަން ނިންމަވައިފި އެވެ.

އެ މަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވަން ތާވަލު ކޮށްފައި އޮތީ މާދަމާ ރޭ 8:30 ގަ އެވެ. މިއީ، ޔާމީނަށް ޕީޕީއެމާއި ޕީއެންސީގެ 2023ގެ ރިޔާސީ ޓިކެޓް ދޭން ނިންމި ފަހުން ބާއްވަވާ ފުރަތަމަ ޕްރެސް ކޮންފަރެންސެވެ.

ހުކުމް ތަންފީޒުކުރައްވަން މާފުށީ ޖަލާއި ގޭބަންދުގައި ދެ އަހަރެއްހާ ދުވަސް ހޭދަކުރެއްވި ފަހުން، ސުޕްރީމް ކޯޓާ ހިސާބުން އެ މަނިކުފާނު މިނިވަންވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެއާއެކު ޕީޕީއެމް ވަރުގަދަކުރުމާއި ސިޔާސީ މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގަންނަވަން ފައްޓަވައި ވަކިވަކިން ބައެއް އޮންލައިން ނޫސްތަކާއި ޗެނަލް 13އަށް އިންޓަވިއު ދެއްވާފައިވެ އެވެ. އެކަމަކު، ނިއުސް ކޮންފަރެންސެއް ނުބާއްވަވަ އެވެ.

ޔާމީންގެ ކަންބޮޑުވުން، ވަކިވަކި އިންޓަވިއުތަކުގައި ފާޅުކުރެއްވީ، އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާއި އެ ގައުމުގެ ނުފޫޒު މި ގައުމުގައި ގަދަކޮށްފައިވާ މައްސަލައިގަ އެވެ. މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަނުން ވެރިކަން ކާމިޔާބުކުރަން އިންޑިއާގެ ނުފޫޒާއެކު ހިންގި ކަންކަމާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން އަމަލުކުރައްވާ ގޮތަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ.

ޔާމީންގެ ވެރިކަމުގައި ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތަށް ފަހު، މި ވެރިކަމުގައި މާބޮޑަށް "އުނދުޅި ބާނާފައިވާ" ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. މަނީ ލޯންޑްރިންގެ ހުކުމުން ސަލާމަތްވެފައި ވަނިކޮށް އެ މަނިކުފާނުގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލައި ޝަރީއަތް ކޯޓުގައި ހިނގަމުން އެބަދެ އެވެ.

މަނީ ލޯޑްރިން އާއި ރިޝްވަތުގެ ހިފުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ ޖަލު ހުކުމެއް އަންނާނެ އެވެ. އެކަމަކު މިއީ، ނުހައްގު ދައުވާއެއް ކަމަށާއި އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.

ޔާމީން ނޫސްވެރިންނާ ބައްދަލުކުރައްވާ އިރު، އެ މަނިކުފާނުގެ ފަސް އަހަރުގެ ދައުރުގައި އެހާ ގިނައިން ނިއުސް ކޮންފަރެންސްތައް ނުބާއްވަވަ އެވެ.