ބަތްޕެން ތައްޓެއް.-- ފޮޓޯ: ލޮނުމެދު.ކޮމް
09 ޖެނުއަރީ 2022 - 14:38
ބޭރަށް ހިންގާ ނަމަ ކާން އެންމެ ރަނގަޅު އެއްޗެއްސަކީ ކޮބައިތޯ ގޫގުލް ކޮށްލައިފި ނަމަވެސް، ލިސްޓުގެ ކުރިއަށް ޔޯގަޓު އާދެ އެވެ. އެހެންވެ، އަވަސްއަވަހަށް ރަނގަޅަށް ބެލުމެއް ނެތި ފިހާރަތަކުގައި އާންމުކޮށް ވިއްކަން ހުންނަ ޔޯގަޓު ތަށި ގަނެގެން ކައެ އެވެ. އެކަމަކު އައިޖީއެމްއެޗުގެ ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް ވިދާޅުވި ގޮތުގައި ފިނިކޮށްފައި ފިހާރަތަކުގައި ވިއްކަން އާންމުކޮށް އެ ހުންނަނީ ޔޯގަޓެއް ނޫނެވެ.
"އެ އެއްޗެހީގެ ލޭބަލްގައި ވެސް ނުހުންނާނެ ޔޯގަޓް ޖަހައިފައެއް. އަސްލު ޔޯގަޓްގެ ލޭބަލްގައި ހުންނާނެ ޔޯގަޓް ޖަހައިފައި،" އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ބޭރަށް ހިންގާއިރު ދޭން ފޮތްފޮތުގައި ލިޔެފައި އޮންނަ ޔޯގަޓަކީ މާލެއިން ވަރަށް ނުލިބޭ އެއްޗެކެވެ. ފިހާރަތަކުގައި އާންމުކޮށް ވިއްކަން ހުންނަނީ އެކި ފްލޭވާތައް އަޅައިގެން ހަދައިފައި ހުންނަ އެއްޗެހި ކަމަށް އޭނާ ވިދާޅުވި އެވެ. އެ ޔޯގަޓާ އެންމެ ގާތް ނަމަކަށް ކިޔަސް ކިޔޭނީ "ޔޯގަޓް ޑްރިންކް" ކަމަށާއި އެ ދީގެން ބޭރަށް ހިންގުން އިތުރަށް ގޯސްވާނެ ކަމަށް ފައިސަލް ވިދާޅުވި އވެެ.
ކުޑަކުދިންނަށް ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް.--
މިވާ ގޮތް ފައިސަލް ކިޔައިދެއްވި އެވެ؛
"ކިރުގައި ހުންނާނެ ލެކްޓޯސް ކިޔާ މާއްދާއެއް. ގޮހޮރުގެ އެތެރޭގައި ހުންނަ ފަށަލަ ނުވަތަ ސެލްތަކުގައި އުފައްދާނެ ލެކްޓޭސް ކިޔާ ކިރު ހަޖަމުކުރާ އެންޒައިމެއް. ޑައިރިއާ ޖެހުނީމަ ވާގޮތަކީ އެ ޑެމޭޖު ވަނީ. ދެން މިވާގޮތަކީ އެތެރެ ފަށަލަ ޑެމޭޖުވީމަ، ވައިރަސް އެޓޭޗް ވާނީ އެ ސެލްތަކުގައި،" އޭނާ ވިދާޅުވި އެވެ.
"އެ ސެލްތަކުގައި އުފައްދާ ލެކްޓޭސް އޭރަށް މަދުވަނީ. މަދުވީމަ، ހަށިގަނޑަށް ލިބިފައި ހުންނަ ލެކްޓޯސް އޭތި ހަޖަމުނުވެ، ބޭރަށް ފައިބައިގެން މި ދާނީ. ބޭސިކަލީ އެއަށް މި ކިޔަނީ ލެކްޓޯސް އިންޓޮލޮރެންސް."
ފިހާރަތަކުގައި ވިއްކަން މި ހުންނަ ޔޯގަޓް ޑްރިންކުތަކުގައި ހުންނަނީ ކިރާއި ޔޯގަޓު ތަފާތު ފްލޭވާތަކާ އެއްކޮށްގެން ހަދައިފަ އެވެ. ކިރަކީ ބޭރަށް ހިންގާ ނަމަ، ބުއިން ރަނގަޅު އެއްޗެއް ނޫނެވެ. މި ޔޯގަޓް ޑްރިންކުތައް ބުއިމުން "ލެޖްޓޯސް އިންޓޮލޮރެންސް" ވެ، އޭގެ ނަތީޖާއަކަށް ވަނީ ބޭރަށް ހިންގުން އިތުރުވެ، މިހާ މާ ބޮޑަށް ޑީހައިޓްރޭޓުވުމެވެ.
އޭނާ ވިދާޅުވި ގޮތުގައި، ބޭރަށް ހިންގާ ނަމަ ޔޯގަޓަށް ވުރެ ވެސް ބަތްޕެން ބުއިން މާ ރަނގަޅުވާނެ އެވެ. އަދި ލޮނު ޕެކޭޓާއި ދޮންކޭލަކީ ވެސް ރަނގަޅު އެއްޗެކެވެ.
މިއުޅޭ ހޮޑުލުމާ ބަނޑުދިޔައިވުން؛
— Ahmed Faisal (@Faisalnaifaru) January 5, 2022
ހޮޑަށް ބޭސްފޮދެއްދީފައި ހޮޮޑުމަނާކޮށްލާ
ދިޔާ އެއްޗެހި ރަނގަޅަށްދީ ފެންމަދުވިޔަނުދީވޭތޯބަލާ
ބަނޑުދިޔަނަމަ ކިރާ ޑައިރީ ހުއްޓާލާ
ލޮނުޕެކެޓްބޯނަމަ އެދީ، ނޫންނަމަ އެހެންދިޔާއެއްޗެހިދީ، ބަތްޕެން ރަނގަޅުވާނެ
މާބަނޑުމީހުންނަށްވެސް ހޮޑުބޭސް ދެވޭނެ
މި ދުވަސްވަރު ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ މި މަހު ބުނެފަ އެވެ.
ޑައިރިއާ ކަހަލަ ވައިރަލް ބަލިތައް އެކި ދުވަސްވަރު މަތިން ކުރިން ވެސް ރާއްޖޭގައި އިތުރުވާ ކަމަށާއި މި ދުވަސްވަރު މި ބަލި އިތުރުވެފައިވާ ކަމަށް ބެލެވެނީ ޗުއްޓީ ދުވަސްވަރާ ދިމާކޮށް، ގިނަ ބަޔަކު އެއްތަނުން އަނެއް ތަނަށް ދަތުރުކުރާތީ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ދަތުރު ގޮސް އުޅޭއިރު، ގެއިން ބޭރުން ކެއުން އިތުރުވުމުން ވެސް ސަބަބަކަށް ވެދާނެ ކަމަށެވެ.
"ބައެއް ރެސްޓޯރެންޓުތަކަށް ދާއިރު މިހާރު ވަރަށް އާންމުކޮށް އެބަ ފެނޭ ކާ އެއްޗެހީ މަތީގައި މެހިތައް އެނބުރޭތަން ވެސް. އަދި ކެއުމުގެ ކުރިން އަތް ވެސް ނުދޮންނަނީ. މި ކަހަލަ ކަންކަން ވެސް އިތުރުވެގެން ކޭސްތައް މައްޗަށް މި ދަނީ،" އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަމަދު
10 January 2022
ބޭރަށް ހިންގާއިރު މޭވާ ކެއީމާ ގޯސްވާނެ އިތުރަށް. އެކަމަކު ދޮންކެޔޮ ގެ ސަބަބުން ވަރަށް ލުއިވާނެ. ޔޯގަޓް ލިބެން ނެތްނަމަ، ދޮންކެޔޮ ކާލާށެވެ. މެލޭޝިއާގެ ހުރޭ ވަރަށް ރަނގަޅު ބޭހެއް ޗަރކޯލް ބޭނުންކޮށްގެން ހަދާފަ ހުންނަ. ރާއްޖެއަކު ނުހުރޭ.
އަޝްރަފް
10 January 2022
ރާއްޖޭގައި ކޮންމެ ކަމަކާގުޅޭ ޑިޕާޓްމެންޓެއް އުފައްދާފަ ހުންނާނެ. އަދި މިލިޔަނުން ރައްޔިތުންގެ ފައިސާއިން އެމީހުނަށް މުސާރަވެސް ދޭނެ. އެކަމަކު ހަރާން މިއިން އެއްވެސް ތަނަކުން ބަލަންޖެހޭ ކުރަންޖެހޭ އެއްވެސް ކަމެއް ކުރަނީކީނޫން. އެމް އެފް ޑީ އޭ ގަ ވާހަކަ އަދި ރަނގަޅުވާނީ ނުދެއްކިއްޔާ. އެއްވެސް ކަމެއް މި ގައުމުގަ ރެގިއުލޭޓެއް ނުކުރެވޭ.
އަލީ ޔަހުޔާ
09 January 2022
ދެން އޭދަފުށީ މީހުނަށް ޖޯކު ޖެއްސަސް ބަތްޕެނަކީ މޮޅު އެއްޗެކޭ
ފޮނިފޮނިޓައްޕު ކުމާރު
09 January 2022
ރައްޔިތުން އަތްދޮއްވުމުގެ ޕުރޮގުރާމުތައް ރޯޑިޔޯތަކާ ޓީވީތަކުން އަނެއްކާ ދުރަށް ފޮނުވާންފަށާންވީ. މިހާރު ރައްޔިތުން ބިރުކެނޑިއްޖެ.
އެމްސް
09 January 2022
ފިހާރަތައް އެއްވެސް ހަމައެއް ނެތި ބޭނުން އެއްޗެއް ބޭނުން ގޮތަކަށް ވިއްކާ! ކުނި ބިސްވެސް ވިއްކާ! ތަރުކާރި މޭވާ ވިއްކާ ފިހާރަތަކުގަ އެތަކެތިވެސް ބިދޭސީން ގެންގުޅެނީ ގެންގުޅޭނެ ގޮތަކަށް، ބަލާނެ އެއްވެސް ފަރާތެއް ނެތް!
ޙަ ބީބ ބު
09 January 2022
ހުނިރޮއްޓާ ތެލުލިރިހާކުރާ ކަޅުސަޔާ ބުއިމުން ތިޔަހުރިހާ ކަމަކައް ހައްލު ލި ބޭ
ޒިމްބެ
09 January 2022
އަޅެފަހެ އެފްޑީއޭ މީ ކީއްކުރާ ތަނެއްތަ؟ ޔޯގަޓުގެ ލޭބަލް ޖަހާފަ މި ހުންނަނީ އެހެން އެއްޗެއް. އިހައްދުވަހު އޮތް އާޓިކަލްއެއްގަ އޮތް މާމުއި ޖަހާފަވެސް ހުންނަނީ މުޅިން ފޭކު އެއްޗިއްސޭ. އެކަމު އަހެރެމެން ޖިމަށް ދާން ގެންނަ ވޭ ޕްރޮޓީން ފުޅި ގަނޑު ފެނިއްޖެޔާ ވަގުތުން އެ ކަޓުވާލާފަ އެތައް ބައިވަރު ތަހުލީލެއް ކުރަންޖެހޭ
ޟަތޭ
09 January 2022
ނަމުން ވޭޕްރޮޓީން, އަސްލު ސްޓެެރޮއިޑްސް އާ އެހެން އެއްޗެހި
ތަޝޭ
09 January 2022
ޝަތޭ... ހަމަ އެނގިގެންތަ ތިބުނީ ... ނޫނީ ކޮންމެސް ރޯނުއެދުރެއް ބުނި އަޑުއަހައިންތަ؟
ޟަޒް
09 January 2022
ލަންކާއިން ގެންނަ ޔޯގަޓް ރަަގަޅު ވާނެ. ގިނަ ކަންމަތީ ފިހާރަ ތަކުގައި އެ ބުރޭންޑް ހުރޭ
ހުތްޕެކެޓު
10 January 2022
ޒަނޫ.. ބޮޑުންނަށް ރަނގަޅު އެއްޗެހި ލިބުނީމާ އެވީ. އަހަރެމެން މީ އެކްސްޕެރިމަންޓުތަކުގެ ސާންޕަލްސްތައް. މީދާކާ އެއްޗެހި ކޭމާ ރަނގަޅުވާނެ
ރިސާރޗް
09 January 2022
ރާއްޖޭގައި ކެންސަރު ޖެހޭ އެއް ސަބަބަކީ ކެމިކަލް ޖަހައިގެން ދޮންކޮށްފައި ހުންނަ ތަރުކާރީއާއި މޭވާ.
ޒަނޫ
09 January 2022
އެކަމަކު ކީއްތޯކުރާނީ؟ ކަހާލާނެ ބަލާލާނެމީހަކުނެތް.