އައިޖީއެމްއެޗްގައި އުފަންވި އައިބު ހުރި ކުދިންގެ 100 އަށްވުރެ ގިނަ ކުދިންގެ މައިންނަކީ ހަކުރު ބަލި ހުރި މީހުން ކަމަށް، ދިރާސާއަކުން ދައްކައިފި އެވެ.
އައިޖީއެމްއެޗްގައި 2016-2024 އަށް ވިހެއި ކުދިންގެ މައުލޫމާތަށް ބިނާކޮށް، އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ބަލިތަކުގެ ހަތަރު ޑޮކްޓަރަކު ލިޔުއްވައި، މޯލްޑިވްސް ނޭޝަނަލް ޖާނަލް އޮފް ރިސާޗުގައި އާއްމުކުރި ދިރާސާ ރިޕޯޓެއްގައި ބުނީ ނުވަ އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލުގައި 17،188 ކުދިން ވިއްސި ކަމަށެވެ. އޭގެ ތެރެއިން 729 ކުއްޖެއްގެ، ޖުމްލަ 1،215 އައިބު ހުރި ކަމަށް އެ ރިޕޯޓްގައިވެ އެވެ.
އައިބު ހުރި ކުދިންގެ ތެރެއިން 313 އަކީ އަންހެން ކުދިންނެވެ. އަދި 16 ކުދިންނަކީ އެއްމާބަނޑު ކުދިންނެވެ.
އައިބު ހުރި 312 ކުދިންނަކީ ދުވަސް ނުފުރާ ވިހެއި ކުދިން ކަމަށާއި އައިބު ހުރި ކުދިން ލިބުނު 710 މައިންގެ ތެރެއިން 107 މީހުންނަކީ މާބަނޑު އިރު ޖެހޭ ހަކުރު ބަލި ނުވަތަ ގެސްޓޭޝަނަލް ޑައެބެޓީސްގެ މީހުން ކަމަށް ވެސް، ޑރ. އަހުމަދު ފައިސަލާއި ޑރ. ހަމްސާ އާރިފް ރަޝީދާއި ޑރ. މިހުނަތު މުސްތަފާ އަދި ޑރ. ނިޔާޝާ އިބްރާހިމް ހެއްދެވި ދިރާސާގައިވެ އެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ބައެއް ކަންތައްތައް
- އުފަންވާއިރު ކުދިންގެ އެވްރެޖު ބަރުދަނަކީ 2،862 ގްރާމް (630 ގްރާމް އާއި 5،000 ގްރާމް)
- މާބަނޑުއިރު ހަކުރު ބަލި ހުރި މީހުން ދުވަސް ނުފުރާ އަދި އައިބު ހުރި ކުދިން، އެވްރެޖުކޮށް ވިހާފައިވަނީ ބަނޑަށް 37.5 ހަފުތާގައި
- ދުވަސް ނުފުރާ ވިހެއި ކުދިންގެ 24 ކުއްޖެއްގެ ލޭގައި ގްލޫކޯޒް ދަށް
- ނުރައްކާ މިންވަރަށް ހަށިގަނޑުގެ ފިނިހޫނުމިން ދަށްވުމުގެ މައްސަލަ 21 ކުއްޖަކަށް ދިމާވި
- ހޮސްޕިޓަލުން ދޫކޮށްލުމުގެ ކުރިން 27 ކުއްޖަކު ވަނީ މަރުވެފައި
- ދުވަސްނުފުރާ ވިހެއި، އައިބު ހުރި ކުދިން އެންމެ ގިނައިން މަރުވީ ފުއްޕާމޭގެ މައްސަލަތަކުގައި. އެއީ ހަ މަރު
- ދެ ކުއްޖަކު މަރުވެފައިވަނީ ހައިޕޮތާމިއާ އެންޑު ޑައިފްރެގްމެޓިކް ހާނިޔާގައި
އެ ދިރާސާއިން ދައްކާ ގޮތުގައި އުފަންވާއިރު އެންމެ ގިނައިން އައިބު ހުންނަނީ ނާރާ ގުޅޭ ކަންކަމުގަ އެވެ. އަދި ދެ ވަނައަށް އައިބު އެންމެ ގިނައީ ލޮލާއި މޫނާއި ކަންފަތް އަދި ކަރުގަ އެވެ. ލޭގެ ނިޒާމާ ގުޅޭ ކަންކަމަކީ އައިބުގެ މައްސަލަތައް ތިން ވަނައަށް އެންމެ ގިނަ ހާލަތެވެ.
ރާއްޖޭގައި އެބޯޝަން ހެދުމަށް ހުއްދަ ދެނީ ތެލެސީމިއާ އަދި ފުރާނައަށް ނުރައްކާވެދާނެ ހާލަތްތަކުގައި އެކަނި ކަމަށް ވާތީ ބޮޑެތި އައިބުތައް ހުންނަ ކުދިން ވިހެއުމަށްފަހު ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށް ވަގުތު ހޭދަކުރުމަކީ އާއިލާ އަދި ސިއްހީ ނިޒާމަށް ވެސް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ސްޓެޓިސްޓިކްސް ބިއުރޯގެ 2024 ގެ ރިޕޯޓަކާ ހަވާލާދީ އެ ދިރާސާގައި ބުނީ ކުދިން އުފަންވާ ރޭޓު، ފާއިތުވި 10 އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.
"ނަތީޖާއެއްގެ ގޮތުން ކުޑަކުދިންނާއި ކުޑަކުދިންގެ މެދުގައި، މަރުވާ އެންމެ ބޮޑު އެއް ސަބަބަކީ ކޮންޖެނިޓަލް އެނޯމަލީސް ވަނީ ވެފައި."
ރިކޮމެންޑޭޝަންތައް
- ޖެނެޓިކް އަދި އިންފެކްޝަސް ޑިޒީޒް ސްކްރީނިން ފުޅާކުރުން
- މާބަނޑުއިރުގެ ހުރިހާ ހާލަތެއް ރަނގަޅަށް ޑޮކިއުމެންޓުކުރުން
- މާބަނޑުއިރު ޕޮލިސް އެސިޑް ސަޕްލިމެންޓޭޝަން ބޭނުންކުރާވަރު މޮނިޓާކުރުން