މާލެ ސަރަހައްދުން 2020 ވަނަ އަހަރު 206 ނަރުހުން ވަޒީފާ އިން ވަކިވި. އޭގެ ތެރެއިން އެންމެ ގިނައީ ސަރުކާރުގެ މައި ހޮސްޕިޓަލުން ކެނޑުނު ނަރުހުން.
ނާސިން ދާއިރާ ހަރުދަނާކުރުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވުމަށްފަހު ނާސިން ޖަމިއްޔާގެ އިސް އޮފިޝަލުން ފޮޓޯއަކަށް ހުއްޓިލައިގެން.-
09 ޖެނުއަރީ 2022 - 21:30
ކުރިއަށް އޮތް 4-3 މަސް ދުވަހުގެ ތެރޭގައި ނަރުހުންގެ މުސާރަ އަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވި ކަމަށް ނަރުހުންގެ ޖަމިއްޔާ އިން ބުނެފި އެވެ.
ނަރުހުންގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް އެ މަނިކުފާނާއެކު ބޭއްވެވި ބައިގަޑިއިރުގެ ބައްދަލުވުމަކަށް ފަހު، ނާސިން އެސޯސިއޭޝަންގެ ރައީސް އައިމިނަތު ނަޝްފާ "މިހާރު" އަށް ވިދާޅުވީ ނާސިން ކެއާ ވަރުގަދަ ކުރުމަށް މުހިއްމު ކަންތައްތަކަކާ ގުޅޭގޮތުން ރައީސްއާ މަޝްވަރާކުރި ކަމަށެވެ. އެ ކަންކަމަށް އެދެވޭ ޖަވާބެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރިކޮމެންޑޭޝަންގެ ތެރޭގައި ހިމެނޭ ޗީފް ނާސިން އޮފިސަރުގެ މަގާމު އުފެއްދުމާއި ނަރުހުންގެ އޮނިގަނޑުގައި ބަޔާންކުރާ އަތޮޅުތެރެއަށް ހާއްސަ ސީނިއާ ޕޯސްޓްތަކަށް ނަރުހުން އައްޔަންކުރުމަށް އަދި ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ ނަރުހުން ވެސް ވަޒީފާގެ އޮނިގަނޑަށް ފެއްތުމާ ގުޅޭގޮތުން އެ ބޭފުޅުން ރައީސާއެކު މަޝްވަރާ ކުރެއްވި އެވެ.
ނަޝްފާ ވިދާޅުވިގޮތުގައި، ނާސިން ޑިރެކްޓަރާއި އެސިސްޓެންޓް ޑިރެކްޓަރު ފަދަ ސީނިއާ މަގާމުތައް ރަށްރަށުގެ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގައި ތައާރަފު ކުރުމާ ގުޅޭގޮތުން ވެސް ރައީސްގެ ބައްދަލުވުމުގައި ވާހަކަ ދެއްކި އެވެ.
ނަރުހުންގެ ޖަމިއްޔާގެ އިސްބޭފުޅުންނާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުތަކާ ހަވާލާ ދެއްވަމުން ނަޝްފާ ވިދާާޅުވީ، ކުރިއަށް އޮތް 4-3 މަހުގެ ތެރޭގައި ނަރުހުންގެ މުސާރަ އަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. ސްކޮލަޝިޕް ހުޅުވާލާއިރު، ނަރުހުންނަށް އިސްކަންދޭނެ ކަމަށް ވެސް ރައީސް ވިދާޅުވިކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިނިސްޓްރީގެ އޮނިގަނޑަށް ބަދަލު ގެނެސް ޗީފް ނާސިން އޮފިސަރެއް ހަމަޖެއްސުމަށް ވިސްނަވާނެ ކަމަށް [ރައީސް] ވިދާޅުވި. އެންމެ އުފާވަނީ އޮނިގަނޑަށް ބަދަލުތަކެއް އައިސް 4-3 މަހުގެ ތެރޭގައި މުސާރަ އަށް ހެޔޮ ބަދަލުތަކެއް ގެނެސް ދެއްވާނެ ކަމަށް [ރައީސް] ވިދާޅުވީމާ،" ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމާ ގުޅޭގޮތުން ނަޝްފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލެ ސަރަހައްދުން 2020 ވަނަ އަހަރު 206 ނަރުހުން ވަޒީފާ އިން ވަކިވެފައިވާ ކަމަށެވެ. އެއީ އައިޖީއެމްއެޗުން 101، އޭޑީކޭއިން 92 އަދި ހުޅުމާލެ ހޮސްޕިޓަލުން 19 ނަރުހުންނެވެ.
އެ ކަންބޮޑުވުންތައް ރައީސްގެ ސަމާލުކަމަށް ގެނައުމަށް ފަހު، މުވައްޒަފުންގެ ދަތިކަން ހައްލުކުރަން ނާސިން ކެޝުއަލް ޕޫލެއް ހެދުމާ ގުޅޭގޮތުން ވާހަކަ ދެއްކެވި ކަމަށް ނަޝްފާ ވިދާޅުވި އެވެ.
"މިސާލަކަށް ދަރިފުޅު ސްކޫލަށް ލާފައި އެ ލިބޭ ހުސް ވަގުތު މަސައްކަތް ކުރަން ބޭނުންވާ ނަރުހުން އެބަތިބި. އެގޮތަށް މަސައްކަތް ކުރެވޭނެ ގޮތަށް ބަދަލުތައް ގެނައުމާ ގުޅޭގޮތުން ވެސް ރައީސްއާ މަޝްވަރާ ކޮށްފައި ވާނީ،" އޭނާ ވިދާޅުވި އެވެ.
ނަރުހުންގެ ޖަމިއްޔާ އިން މިހާރު އަންނަނީ އީބީޕީސީއާއެކު އަންނަ ޖުލައި ހަތް ވަނަ ދުވަހު ބަނޑޮސް ރިސޯޓުގައި ނާސިން އިންޓަނޭޝަނަލް ކޮންފަރެންސެއް ބާއްވަން ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާރު
11 January 2022
ނަރުހުން އެކަނިތޯ ހޮސްޕިޓަލުތަށް ހިންގަނީ ، ކޮބާ ދެންތިބި މިވައްޒަފުންގެ ހައްގު
ތައުފީގު
10 January 2022
ނަރުހުން އެކަނިތަ މިގައުމުގަތިބީ؟މިހާރުވެސް ކޮވިޑް އެލަވަންސޭ ކިޔައިގެން ބޮޑު މުސާރަދީފަ އޭގެ އިތުރުން ކޮންމެ ދުވަހަކަށް ކޮވިޑޭ ކިޔައިގެން 500 ރުފިޔާގެ އެލަވަންސެއްވެސް އެބަދޭ .ނުވިތާކަށް ރިސްކް އެލަވަންސޭ ކިޔައިގެން ސިއްޚީ ޚިދުމަތްދޭ ތަންތާގަހުންނަ މޭޒު ތަކުގެ ފަޔަށްވެސް އެލަވަންސް އެބަދޭ.ބަލަގަ ޑިއުޓީ ގަޑީގަ ކުރާމަސައްކަތަށް ކޮވިޑޭ ކިޔައިގެން އެލަވަންސް ދޭކަށްނުޖެހޭ.އެހެންވިއްޔާ އެއިޑުސް އެލަވަންސް ވެސް ދޭންވީނުން.
ޝަރޫ
10 January 2022
ސިއްހީ ދާއިރާގަ ނަރުންގެ ފެންވަރު ވަނީ ވަރަށް ދައްވެފަ، ކޮންމެސަރުކާރެއް އަޔަސް އެމީހުންގެ ކަމަކީ މުސާރަބޮޑުކުރުމަ ހަޅޭއްލެވުން، އަދި ގިނަރުހުން މާސްޓާޒް ހަދައިގެން ނަރުސްކަންކުރަންބޭނުމެއްވެސްނުވޭ!
ނަސްފާ މެލޮޑީ
10 January 2022
ނަރުހުންނޫން ބަޔަކު ވަޒީފާ އަދާކޮށް ކައިބޮއިގެން މި ގައުމުގައި އުޅޭނެ ކަމެއްނެތް. އެމީހުންނަށް އެކަނި ވަޒީފާގެ ކުރިއެރުންވެސް ލިބެންވީ... އެމީހުންއެކަނި ކިޔަވަންވީވެސް... މިގައުމުގެ އަދި ޞިއްޙީދާއިރާގެ އެހެން މަޤާމްތަކުގައި ތިބޭ މީހުންނަށް ރިސްކެއްވެސް އަދި މަސައްކަތެއްވެސް ނޯންނާނެ....
އައިމާ
10 January 2022
ނަރުހުން އެކަނިތަ މަސައްކަތް ކުރަނީ.. އެމީހުން ނަށް ފްލެޓް ވެސް ލިބިއްޖެ. ކޮބަތަ 7000 ރުފިޔާ ލީބޭ ސިވިލްސަރވިސް މުވައްޒަފުން
ބުރުގާ
10 January 2022
ރާއްޖޭގެ އާދައިގެ 3 ތަރީގެ ރިސޯޓެއްގެ ބީޗު ކުނިކަހަން ތިބޭ ބަންގްލާދޭޝް މީހުންވެސް މަހަކު 15 ހާހައްވުރެ ގިނައިން މުސާރަ އާއި ސާވިސް ޗާޖު ހޯދާ. އެންމެ މައްޗައް ކިޔަވައިގެން ޕީއެޗުޑީ، ޑިގުރީ ކިޔަވައިގެންތިބޭ ނަރުހުންނައް ކިރިޔަ ކިރިޔާ 15 ހާސް ލިބެނީ. އެވެސް ދުވާލަކު އެތަކެއް ގަޑިއިރު ބުރަކޮއް މަސައްކަތް ކޮއްގެން..
ދުނިޔެ.
10 January 2022
ކަލޯ ދޮގެއް ތިއަހެދީ. މިހާރުވެސް އެންމެ މަތީ މުސާރަ ލިބެނީ ސިއްހީ ދާއިރާ އަށް. ޑިޕްލޮމާ އޮތް ނަރުހަކަށް އެވްރެޖްގޮތެއްގައި މަހަކު 20،000 ރ އަށްވުރެ މަތިން ލިބޭ. މުސާރައިގެ މައްސަލައެއް ނޫން އިގޭތޯ މައްސަލައަކީ ނަރުހުން ވަޒީފާގަ ނޫޅެވެނީ ޅަދަރިމައި ވީމާ. ފިރިމީހާވެސް ބޭނުންވޭ އަނބި މީހާ ކުދިން ގާތު ބަހައްޓައިގެން ދިރިއުޅެން.
ހުސެން އ
10 January 2022
ވަކި ބަޔަކަށް ވަކިގޮތެއް ނަހަދައި އެންމެނަށް އެއް ހަމައަކުން އަމަލުކުރުން ކިއްތޯ؟ ޕޭކޮމިޝަނަކުން މުސާރައިގެ ހަމަހަމަކަން ގެންނަނީއޭ ކިޔާތާ ވީދުވަހެއްވެސް ނޭގޭ، ވަކި ގުރޫޕަކުން ޕްރެޝަރ ކޮށްލާއިރަށް އެބަޔަކު މައިތިރިކުރެވޭތޯ އުޅެނީ
ޝަފީރު
10 January 2022
ޓީޗަރުންނާ ނަރުހުން އެމީހުންގެ މުސާރަ ކުޑަވެގެން އަބަދު ޝަކުވާ ކުރާކަމަށް މިނޫސްތަކުގައި އެބަލިއުއްވައި. އަހަރެން މިނޫސް އަބަދުވެސް އެބަކިޔަން. އެއްފަހަރުވެސް މި މަޤާމްތަކަށް ލިބޭ އެންމެ ކުޑަ މުސާރައާއި ގެއަށްގެންދަން ލިބިފައި ހުންނަވަރެއް ލިޔެލަދީބަލަ. ޒާތްޒާތުގެ އެލަވްނަސްތައް ހަދައިގެން ދޭމީހުންނެއް މަދެއްނޫން. ވަކިބަޔަކު އެލަވަންސަށް އިސްކޮށްގެން ތަންހިންގާ ވެރިން މިކަން ހައްލުކުރަންވެސް ވިސްނަންވާނެ. މިނޫހުން ހާމަކޮށްލަދީބަލަ.
ވިލްދާން
10 January 2022
ނަރުހުން އެކަނިތޯ ސިއްހީ ދާއިރާގަ މަސައްކަތް ކުރަނީ؟ ސިއްހީ ދާއިރާގަ މަސައްކަތްކުރާ އެހެން ފަންނީ މުއައްޒަފުންގެ މުސާރަވެސް ބޮޑުވާންޖެހޭ، ބޭރުމީހުން ފުރާ މަގާމުތަކަށް ކިޔަވައިގެން އަންނަ ދިވެހިންނަކީ ހަރުލައްވަން ޖެހޭ ބައެއް، ހައެއްކަ މަސް ކޮއްލާފަ އަމިއްލަ މީހެއްގެ ވަޒީފާއަށް ދާންޖެހެނީ ސަރުކާރުން އެމީހުންގެ މަސައްކަތް ބަލައިގަނެ މުހިންމުކަން ދެނެނުގަނެވޭތީ… މީ ހުރިހާ ސަރުކާރެއްގައިވެސް މިކަން އޮންނަގޮތް!!!
އެޑްމުންޑޯ
10 January 2022
ހާދަހިތާމަ ހުރިކަމަކޭ ، ނަރުހުންނަށް މުސާރަ ބޮޑުކުރާތީ ހިތްހަމަނުޖެހެނީއަކީ ނޫން ، ނަމަވެސް ވަކިބަޔަކަށް މުސާރަތިގޮތަށް ބޮޑުކުރުމުގެ ބަދަލުގައި ހަމަހަމަ އުސޫލަކުން މުސާރަ ހަމަޖެއްސުން ކިހާރަގަޅުތޯ // ސިއްޙީދާއިރާގެ ހަމައެކަނި ބުރަކޮށް މަސައްކަތްކުރަނީ ނަރުހުން އެކަނި ނޫން ، އެތެއްބާވަރަު ތަފާތު ދާއިރާތަކަށް ބެހިފައިވާ ތަނެއް މިދާއިރާ އަކީ ،،،