މާލެއިން މިދިޔަ ޑިސެމްބަރު މަހު 1،208 ކޭސް ރިޕޯޓްކޮށްފައިވާއިރު، މި މަހުގެ މިހާތަނަށް 2،935 ކޭސް ރިޕޯޓްކޮށްފައިވޭ.
އައިޖީއެމްއެޗްގެ މައި ކައުންޓަރު: ހޮޑުލުމާއި ބޭރަށް ހިންގުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުން ވަނީ އިތުރުވެފައި.-- ފައިލް ފޮޓޯ: މިހާރު
11 ޖެނުއަރީ 2022 - 13:08
މިދިޔަ ޑިސެމްބަރުމަހުގެ މެދުތެރެއިން ފެށިގެން މި މަހުގެ މިހާތަނަށް ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާ ޖެހިގެން 3،000 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު އަނެއްކާވެސް ގޯސްވަމުން ދާތީ، ސަރުކާރުން ބޭއްވި މީޑިއާ ބްރީފިންގައި ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ހޮޑުލުމާއި ބޭރަށް ހިންގުމުގެ ކޭސްތައް މި މަހުގެ ފުރަތަމަ ހަފުތާގައި ވަނީ ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މިދިޔަ މަހުން ފެށިގެން މި މަހުގެ މިހާތަނަށް މި ބަލީގައި 3،491 މީހަކު ޑޮކްޓަރަށް ދައްކާފައިވެ އެވެ. އެއީ މިދިޔަ ތިން އަހަރާ އަޅާބަލާއިރު ވެސް އިތުރު އަދަދެކެވެ. އެންމެ ފަހުން މި ރޯގާ ޖެހިގެން ގިނަ ބަޔަކު ޑޮކްޓަރަށް ދައްކާފައި ވަނީ 2019 ގަ އެވެ. އެ އަހަރު 3،000 އަށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވެ އެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާގެ ތަފާސްހިސާބުތައް ފެންނަ ޗާޓެއް.--
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާގެ ކޭސްތައް އެންމެ ގިނައީ މާލެ ސަރަހައްދުގަ އެވެ. މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އިން މިދިޔަ ޑިސެމްބަރު މަހު 1،208 މީހަކަށް ހޮޑުލުާއި ބޭރަށް ހިންގުން ޖެހުނުއިރު، މި މަހުގެ މިހާތަނަށް އެކަނިވެސް 2،935 ކޭހެއް ރިޕޯޓްކޮށްފައިވެ އެވެ.
މާލެ އަށް ފަހު ދެން ކޭސްތައް އެންމެ ގިނައީ ކ. އަތޮޅުގެ އެހެން ރަށްތަކުގަ އެވެ. އެއީ 198 ކޭހެވެ.
އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ބައެއް ކަހަލަ ބޭރަށް ހިންގުމުގެ ޖަރާސީމުތަކަކީ އޭގެ އިންކިއުބޭޝަން ޕީރިއަޑް ނުވަތަ ޖަރާސީމު ހަށިގަނޑަށް ވަންނަ ވަގުތު ވަރަށް އަވަސްވެ، އަލަމާތްތައް އަވަހަށް ފެންނަ އެއްޗެއް ކަމަށެވެ.
އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ޕްރެސްގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
އެހެންވެ، މިވަގުތު ރާއްޖޭގައި މި އުޅެނީ ބޭރަށް ހިންގުމުގެ ރޯގާ ޖައްސާ "ނޯރޯވައިރަސް"އެއް ނުވަތަ ވަރަށް ބާރަށް ގައިންގަޔަށް ފެތުރޭ ޖަރާސީމެއް ކަމަށް ބެލޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނޯރޯ ވައިރަސްގެ ސަބަބުން ޖެހޭ ބޭރަށް ހިންގުމުގައި، ޖަރާސީމު ހަށިގަނޑަށް ވަންނަތާ ގާތްގަނޑަކަށް 12-14 ގަޑިއިރުގެ ތެރޭގައި އަލާމަތްތައް ފެންނަން ފަށާނެ. އަދި މި ބަލީގެ އަލާމަތް ވަރަށް އަވަހަށް ފިލައިގެން ވެސް ދޭ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.
މި ބަލިން ރައްކާތެރިވުމަށް ގިނައިން އަތްދޮވުމަށާއި ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއި އަދި ހޮޑުލައި ބޭރަށް ހިންގާ ނަމަ، ލޮނު ޕެކެޓު ބުއިމަށް އޭނާ އިރުޝާދު ދެއްވި އެވެ.
މި ދުވަސްވަރު ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ވެސް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ. މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އަށް އެކަނި ވެސް 400 އަށް ގިނަ ކޭސްތައް ފެނިފައިވެ އެވެ. އެޗްޕީއޭއިން މިއަދު ބުނީ ދުނިޔޭގައި މިހާރު ވަރަށް ބާރަށް ފެތުރެމުންދާ ކޮވިޑް ބަލީގެ އާ ވޭރިއަންޓް، އޮމިކްރޯންގެ ނުރައްކާ މުޅި ރާއްޖެ އަށް ފެތުރިދާނެ ކަމަށާއި ދެން އަންނަން އޮތް ރާޅަކީ އެއީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިދަ ދަނޑި
12 January 2022
ކޮންޓްރޯލް ނުވާވަރަށް ބަލިތައް ގިނަވިޔަސް ސްކޫލްތައް ބަންދު ނުކުރާނެ. ކުދިންގެ ކިޔެވުން ހަލާކުކޮށްފި، އިތުރަށްވާނެ ގެއްލުމެއް ނެތް. ހާހަކަށް ވުރެ ގިނަ ކުދިން 02 ދަންފަޅިއަށް ބަހައިގެން ބޭނުން ކުރާނީ އެއް ފާހާނާ ތަކެއް ..ގޮނޑި އާއި މޭޒު ވެސް .. މިއިން އެއްވެސް އެއްޗެއް ސެނެޓައިޒް ކޮށްލުމެއް ނޫނީ ޑިޓޯލް އަޅައިގެން ސާފުކޮށްލުމެއް ނޯވޭ... ބަލިތައް އިތުރުވިޔަ ނުދިނުމަށް، އަދި ބަލިތައް ކޮންޓްރޯލް ކުރެވެންދެން ސްކޫލްތައް ބަންދުކުރުން ބުއްދިވެރި....
ެެއެނަލިސިސް
11 January 2022
ކޮވިޑާހުރެ މުޅި ދުނިޔޭގަ ތި ޖަހަނީ މަރުފައްޔެއް. ދުނިޔޭގެ 170 އެއްހާ ގައުމުގެ ރިސަލްޓްއިން 24 ގަޑިއިރު ތެރޭ 2.19 މިލިޔަން މީހުން ޕޮޒިޓިވް ވީމާ ވިސްނަންވީ ހާޑް އެމިޔުނިޓީ ލަސްކުރުމަކީ އާ ވޭރިއެންޓްތައް އުފެދޭށާ ހުރިހާ ނެގެޓިވް ކަމަކަށް މަގުފަހިކުރުން ކަމަށް. ފައިދާއީ ބަލިން ޕޮލިޓިކަލް ވިޔަފާރިކުރާ މީހުނަށް.
އާނޯލްޑް
11 January 2022
ތިޔަށް ޓާމިނޭޓަރ ވައިރަހޭ ކިޔާފަ މީޑިޔާގަ ހިލުވާލީމަ ދެން ފެންނާނެ މީހުންގަނޑު ބިރުން ތެޅިގަންނަ ތަން
48353
11 January 2022
ބޭރަށްހިނގިޔަސް ހެޔޮތާ. މިއަދީ އެއްޗަކީ ކޮވިޑުވިއްޔަ.
މުރީދު
11 January 2022
މި ބަލިއުޅޭތާ މިހާ ގިނަދުވަސް ވީއިރުވެސް މިއީ ކޮންބައްޔެއްކަން ކަނޑައެޅިގެން ނުބުނެވެއެވެ. ނޯރޯވައިރަސް ނުވަތަ ވަރަށްބާރަށް ގައިންގަޔަށް ފެތުރޭ ޖަރާސީމެއްކަމަށް ބެލެވޭ ވާހަކަ މިބުނަނީ. ރާއްޖޭގައި މިއީ ކޮންބައްޔެންކަން ޓެސްޓް ނުކުރެވެންޏާ ބޭރަށް ފޮނުވައިގެންވެސް ބަލަން ވެއްޖެއެއްނު އުތަ؟
އަހްމަދުހު
11 January 2022
ދަތްކޮށްޓުމުގެ 20 ކޭސް. އަރިދަފުސް ރޯގާ 5000 ކޭސް
މާޓިން ބަޝީރު
11 January 2022
މާލޭގެ ވާހަކަ ނުދެއްކިއްޔާ ރަގަޅީ، މީހުން އެހާގިނަ، އަބަދުވެސް ކޮންމެވެސް ބަލިއެއް. މަގުމަތީ ހިގާފަދާން ނުކެރޭ، ފާޑުފާޑަށް އުޅޭ ޕާޓެން ހެހާގިނަ، މީހުންނަށް ބިރުދައްކަމުން ފައިސާ ހޯދަނީ. ލޯއެންޑް އޯޑާރ އެއްނެތް، ހަމަޖެހިގެން ތަނަކަށް ހިންގާލާފައި ނުދެވޭ، އަމާންކަމެއްނެތް. ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ފާޑަކަށް ބަލަން ހުންނަ މީހެއް. މިކަހަލަ ނުތަނަވަސް ކަމެއްގައި އަހަރުމެން މިތިބީ. އެހެންނަމަވެސް ސަރުކާރަކުން އަވަދިނެތި އުޅެނީ އެހެންކަމެއްގަ!
ޔާގޫތު
11 January 2022
ތިބޭރަށް ހިނގުމުގެ އިތުރަށް މާލޭގަ ތިހިރަ ކޭއެފްސީން ކާ ވަރަށް ގިނަބަޔަކަށް ހޮޑުލުމާ ބޭރަން ހިނގުން އެބަދިމާވޭ. ރަގަޅަށް ކުކުޅު ނުކެއްކި ހުންނަނީ ކަންނޭގޭ، އެކަހަލުގެ މަސްގަޑެއްގައި ސަލަމޮނެއްލާ ބެކްޓީރިއާ އެޅުމަކީ ދުރުކަމެއްނުން. މޯލްޑިވްސް ފުޑް އެންޑް ޑްރަގުއޮތޯރިޓީގަވެސް މިވާހަކަ ހިއްސާކުރިން، އެމީހުން އެކަން ބެލިކަމެއްނޭގޭ.
އޮންމީ ކުރޯންޏަ
11 January 2022
ތިޔައީ އަނެއްކާ ވެކުސިންޖެހި މީހުނަށް ޖެހޭ އެއްޗެއްތަ؟
ވެން
11 January 2022
ނޯރޯ ވައިރަހާ ކޮވިޑް ވައިރަހާ އެކުނުވާނެތަ އަނެއްކާ؟