ރޭޕްގެ ތުހުމަތުވާ މީހާ ހައްޔަރުކުރީ އަނިޔާ ލިބުނު ކަމަށް ބުނާ މީހާގެ ގޭގައި ބަރަހަނާ ހާލުގައި ނިދާފައި އޮއްވައި
ރޭޕާއި ޖިންސީ އަނިޔާތަކާ ދެކޮޅަށް މާލޭގައި މުޒާހަރާކުރަނީ. -- ފައިލް ފޮޓޯ: މިހާރު
13 ޖެނުއަރީ 2022 - 19:21
ލޯބިވެރިޔާގެ ގެއަށް ދަންވަރު ގަދަކަމުން ވަދެ، އޭނާ ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދެކުނުގެ އަތޮޅުގެ ރަށެއްގައި މީހަކު އޭނާގެ ލޯބިވެރިޔާގެ ގެއަށް މަސްތުގެ ހާލުގައި ހުރެ ދަންވަރު ގަދަކަމުން ވަދެ، އޭނާ ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެ މީހާ ހައްޔަރުކުރީ އަނިޔާލިބުނު އަންހެން މީހާގެ ކޮޓަރި ތެރޭގައި ބަރަހަނާކޮށް ނިިދާފައި އޮއްވަ އެވެ. އެ މައްސަލާގައި އޭނާ ބަންދުގައި ބެހެއްޓުމަށްފަހު އެރަށު ކޯޓުން މިމަހު ކުރީކޮޅު އޭނާ ދޫކޮށްލީ އަންހެން މީހާ އުޅޭ ސަރަހައްދަށް ނުދިއުމާއި އޭނާއާ މުއާމަލާތް ނުކުރަން ޝަރުތުކޮށްފަ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ ގެއަށް ވަނީ ގަދަކަމުން ނޫން ކަމަށާއި އަދި އެ ގެއަށް ދިޔައީ އަނިޔާ ލިބުނު ކަމަށް ބުނާ މީހާއާ ވާހަކަ ދައްކަން ކަމަށް ތުހުމަތު ކުރެވޭ މީހާ ބުންޏަސް، އޭނާ ހައްޔަރުކުރީ އަނިޔާލިބުނު މީހާގެ ކޮޓަރި ތެރޭގައި ބަރަހަނާކޮށް ނިދާފައި އޮއްވައި ކަމަށެވެ. އެހެންވެ، ލިބިފައިވާ ހެކިތަކަށް ބަލާއިރު ތުހުމަތެއް ކުރެވޭ މިންވަރު ހެކި އެ މީހާއާ ދެކޮޅަށް އެބަހުރި ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ބުނެފައިވާ ގޮތުގައި ގަދަކަމުން ގެޔަކަށް ވަދެ ރޭޕްކުރި ކަމަށް ބުނާއިރު އެކަމުގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި، ގަދަކަމުން ގެޔަކަށް ވަން ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ފުލުހުން ބުނާ ބުނުން ފާހަގަކޮށްފައިވެ އެވެ. ޒައިން ބުނެފައިވަނީ އޭނާ ގެޔަށް ވަނީ ގަދަކަމުން ނޫން ކަމަށާއި އޭނާ އަކީ އެ ގެޔަށް ގޮސް އުޅޭ މީހެއް ކަމަށެވެ. ނަމަވެސް އަނިޔާ ލިބުނު ކަމަށް ބުނާ މީހާ އެކަމަށް އިންކާރު ކުރެ އެވެ.
ޒައިން ބުނެފައިވަނީ އަނިޔާ ލިބުނު ކަމަށް ބުނާ މީހާ އާއި އޭނާއާ ދެމެދު ނުރަނގަޅު ގުޅުމެއް އުފެދިފައިވާ ކަމަށާއި އެއީ އަނިޔާ ލިބުނު ކަމަށް ބުނާ މީހާ އަކީ ކައިވެނިކޮށް ހުރެ ފިރިމީހާ އަށް ސިއްރުން ޒައިންއާ ގުޅުން ބާއްވާ މީހެއް ކަމަށެވެ. ރޭޕްކުރި ކަމަށް ބުނާއިރު އެފަދަ ކަމެއް ކޮށްފައި އެ ގޭގައި ނިދާފައި އޮވެދާނެ ކަމާއި އަންހެން މީހާ ހުރީ މައްސަރުކަންތައް ޖެހިފައި ކަމަށް ވާތީ އެ ބުނާ ފަދަ ގުޅުމެއް ހިންގާނެ ކަމަށް ބުުއްދިއަށް ގަބޫލު ނުކުރެވޭ ކަމަށް ބުނެފައިވެ އެވެ.
ހުކުމުގައިވަނީ އޭނާ އެންމެ ފުރަތަމަ ބަންދުކުރީ މުޖްތަމައުގެ ސަލާމަތަށްޓަކައި ކަމަށް ވާއިރު، ތަހުގީގު ހިނގަމުން ދަނިކޮށް ޝަރުތުތަކާ އެކު އޭނާ ދޫކޮށްލިއިރު އެ ހާލަތު ނެތި ދިޔައީ ކިހިނެއްކަން ދަށު ކޯޓުގެ އަމުރުން އެނގެން ނެތް ކަމަށެވެ. އަދި އަނިިޔާ ލިބުނު ކަމަށް ބުނާ މީހާގެ ހަށިގަނޑުގެ ބޭރު ފުށުން އަނިޔާއެއް ފެންނަން ނެތް ކަމަށް ޑޮކްޓަރުގެ މެޑިކަލް ރިޕޯޓުގައި އޮތް ކަމަށް ދަށު ކޯޓުގެ ނިންމުމުގައި އޮތަސް، އޭނާ ސައިކޮލޮޖިކަލް އެސެސްމަންޓް ނުނިމޭ ކަމަށް ފުލުހުން ބުނާ ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން އެފަދަ މައްސަލަތަކަކީ ޖިނާއީ ބޮޑު ކުށްތަކަކަށް ވުމުގެ އިތުރުން އެ މައްސަލައަކީ ހުއްދަ ނެތި އަދި އަނިޔާވެރިކަމާ އެކު ގެއަކަށް ވަދެފައިވާ މައްސަލައަކަށް ވާތީ އާއި އެ މައްސަލާގެ ޝަރީއަތުގެ މަރުހަލާ ފެށިފައި ނުވާތީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ މީހާ ބަންދުން ދޫކޮށްލަން ދަށު ކޯޓުން ކުރި އަމުރު ބާތިލްކުރާ ކަމަށެވެ. އަދި އޭނާ އަލުން ބަންދުކުރަން ދައުލަތުން އެދިއްޖެ ނަމަ، އެކަމާ މެދު ދަށު ކޯޓުން އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން އިސް ފަނޑިޔާރު ހާތިފް ހިިލްމީ އެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފައިސަލް އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
14 January 2022
ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ޤައުމުތަކުގެ ވެރިން، އަދި ފަނޑިޔާރުންވެސް އެންމެ ކުރިން ޙާޒިރުކުރާ މީހުން ތެރޭ ހިމެނޭ! ޢަދުލަށް ޙުކުމް ކުރުން އާދައަކަށް ހަދަމާ!
ހަސަނާބެ
13 January 2022
ކޮންހެއްކެއްތަ. އޭނައޮތީ ހިލޭއަންހެނެއް ގެ ގެޣެއަށްވަދެ އެއަންހެން މީހާކޮޓަރިތެރޭގަ އޮރިޔާމުން ނިދާފަ. ވަނީޙިގާފަތޯ ހިގީ އެކޮޅުކޮޅުންހުރެތޯ މިއީބަލަންޖެހޭ ކަމެއްނުން. އަންހެންމީހާ ބުނެގެން ނުވަތަ ނުބުނެ ދިޔަކަމަށްވިޔަސް އިސްލާމީޝަރީއަތް ހިގަންޏާ އެއޮތީ ކުއްވެރިވެފަ. އަންހެންމީހާޢަށް އަނިޔާވިކަމަށްވާނީ ކިހާވަރެއްވީމަބާ.