ެކެބިނެޓުގެ ބައްދަލުވުމެއް ކުރިއަށް ދަނީ: މި ވެރިކަމުގެ ތިން އަހަރުގައި ސިޔާސީ މަގާމްތައް ގިނަ ކަމުން ޔާމީން ރޭ ވަނީ ފާޑުވިދާޅުވެފައި. -- ފޮޓޯ/ ރައީސް އޮފީސް
16 ޖެނުއަރީ 2022 - 12:37
ޕީޕީއެމްގެ ފަސް އަހަރުގެ ދައުރުގައި ސިޔާސީ މަގާމުތައް ގިނަ ކަމުން ފާޑުކިއުން އަމާޒުކުރިއިރު، މި ވެރިކަމުގައި މިވީ ތިން އަހަރުގެ ތެރޭގައި 1،000 އަށް ވުރެން ގިނަ ސިޔާސީ މަގާމު އުފައްދައިފި ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ ސިޔާސީ މަގާމުތައް އިތުރުވެ، ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވި މައްސަލައިގައި މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީތަކުން ވަރަށް ބޮޑަށް އޭރު ފާޑުކިޔެވެ. މި ސަރުކާރުގެ ވައުދަކަށް ވީ ސިޔާސީ މަގާމުތަކުގެ އަދަދު ޔާމީންގެ ސަރުކާރަށް ވުރެ އިތުރު ނުކުރުމެވެ.
ވެރިކަމުގެ ހުވާކުރެއްވުމުގެ ކުރިން އިންތިގާލީ މަރުހަލާގައި، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން، މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވާ ގޮތުގައި، މި ސަރުކާރުގެ އަމާޒަކަށް ވާނީ، ޔާމީންގެ ސަރުކާރަށް ވުރެ ސިޔާސީ މަގާމުތައް މަދުކުރުމެވެ. ފެންނަން ހުރި އަދަދުތަކަށް ބަލާއިރު، ޕީޕީއެމްގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ ގިނަވާނެ ކަމަށް ބެލެވޭ ކަމަށް މާރިޔާ އޭރު ވިދާޅުވި އެވެ.
އެ އަދަދު މަދުކޮށް، މި ސަރުކާރުގެ ނިންމުމަކަށް ވީ ސިޔާސީ މަގާމުތަކަށް ކުރާ ހޭދަ ވެސް 16 ޕަސެންޓަށް ދަށްކުރުމެވެ. އެކަމަކު އެކަން ކާމިޔާބެއް ނުވިކަން މި އަހަރަަށް ފާސްކުރި ދައުލަތުގެ ބަޖެޓުން ވެސް ފެންނަން އެބައޮތެވެ.
މި ފަހަރުގެ ބަޖެޓުގައި ސިޔާސީ 1،045 މަގާމަކަށް މި އަހަރަށް 407،685،241 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.
ސިޔާސީ މަގާމުތައް މަދުކުރުމަށް މި ސަރުކާރުން ދެއްކި ވާހަކަތަކަށް ފާޑުވިދާޅުވަމުން ޔާމީން ށ. ފޯކައިދޫގައި ރޭ ވިދާޅުވީ މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ސިޔާސީ މަގާމުތައް އެ މަނިކުފާނުގެ ވެރިކަމަށް ވުރެ އެތައް ގުނައެއް އިތުރުވާނެ ކަމަށެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި މި ވެރިކަމުގައި 1،029 ސިޔާސީ މަގާމު އުފައްދާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ބުނާނެ ރައީސް ޔާމީން ސިޔާސީ މަގާމުތަކެއް އުފެއްދީއޭ. އަޅުގަނޑު ޖަވާބު ދޭނަން ތަފާސްހިސާބުން. އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ތެދުފުޅެއްމެ އަޅުގަނޑު އުފެއްދިން 689 ސިޔާސީ މަގާމު،" ޔާމީން ވިދާޅުވި އެވެ.
"މި ސަރުކާރު ތިން އަހަރު އަދި މިވީ. ފަސް އަހަރާ ހަމައަށްދާއިރު މިކަން އޮންނާނެ ގޮތް އަދި މި އިންތިހާބުގެ ތެރޭގައި ވަޒީފާތައް އުފެދިގެންދާ ގޮތް ވެސް ތިޔަބޭފުޅުންނަށް އެނގިގެންދާނެ."
ފޯކައިދޫގެ ޖަލްސާގައި ޔާމީން ރޭ ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ/ ޕީޕީއެމް
ކޮންމެ ސިޔާސީ މަގާމަކީ ގާތްގަނޑަކަށް 28،000ރ. ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ސިޔާސީ މަގްސަދުތަކެއް ހާސިލްކުރަން މިހާ ގިނަ މަގާމުތައް އުފެއްދިއިރު ޒުވާނުންނަށް މި ސަރުކާރުން އުފެއްދި ވަޒީފާ ކޮބައިތޯ އެ މަނިކުފާނު ސުވާލު އުފެއްދެވި އެވެ.
"ސިޔާސީ މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންނަށް މަގާމު ލިބެން ނުޖެހޭނެއޭ ނުބުނަން. އެކަމަކު ދެން އޮންނަ ސަރުކާރަށް ކުންފުނިތަކުން ލިބެން އޮތް ފުރުސަތު ބަންދުކުރުމަކީ އަޅުގަނޑު ކުށްވެރިކުރާ ކަމެއް. ކުންފުނިތައް ވިއްކާލުން އަޅުގަނޑު ކުށްވެރި ކުރަނީ އެހެންވެ،" ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި، ތިން އަހަރުގެ ތެރޭގައި މި ވެރިކަމުގައި އުފެއްދުނީ 6،000 ވަޒީފާ އެވެ. މިއީ ފަހުރުވެރިވާން ޖެހޭ އަދަދެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.
މި ވެރިކަމުގައި 2019އާ ހަމަައަށް ސަރުކާރުން ވަނީ 785 މަގާމެއް އުފައްދައިފަ އެވެ. ދައުލަތުގެ ބަޖެޓުގައި މި 785 ސިޔާސީ މަގާމަށް އެ އަހަރު 331 މިލިއަން ރުފިޔާ ކަނޑައެޅި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން ބަޖެޓް ދިރާސާކުރިއިރު ހާމަވި މައުލޫމާތުގައިވާ ގޮތުން ނަމަ ސިޔާސީ މަގާމުތައް އެންމެ ގިނައީ ރައީސް އޮފީހުގަ އެވެ. އޭގެ އިތުރުން ހެލްތު މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީގައި ވެސް ގިނަ އަދަދެއްގެ ސިޔާސީ މަގާމް އުފައްދާފައިވެ އެވެ.
ސިޔާސީ މަގާމުތައް އިތުރުނުކުރާނެ ވައުދާ އެކު މި ސަރުކާރު ކޯލިޝަންގައި، ކޮންމެ ޕާޓީއެއް ހިއްސާވާނެ ނިސްބަތް ވެސް ކަނޑައެޅި އެވެ. އެމްޑީޕީ އަށް 40 ޕަސެންޓް، ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީ އަށް ކަނޑައެޅީ 15 ޕަސެންޓެވެ.
މި ސަރުކާރުގައި މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ކަނޑައެޅުމުގައި ބަލާފައި ވަނީ މި ނިސްބަތަށެވެ. މި ފޯމިއުލާ އިން ބަލާ އިރު ޕާޓީތކަށް ކަނޑައެޅި ބައެއް ސްލޮޓްތަކަށް އަދިވެސް މީހުން ހަމަނުޖައްސާ ކަމަށް ޖުމްހޫރީ ޕާޓީ އާއި އަދާލަތާއި އެމްއާރުއެމުން ވެސް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖާނަލިޒަމް
18 January 2022
ވަރަށް އުފާވެއްޖެ ރަނގަޅު ލިޔުމެއް މި ވެބްސައިޓުން ފެނުނީމަ. ފަޒީނާ ތިޔައީ މިހާރަށް ލިބިފަ އިން ރަންގަނޑެއް. ތަފާސް ހިސާބަށް ފަރުވާތެރި، ފަހާ އިހުގެ އަޅާ ކިޔުން ރަނގަޅު، އަދި ބަސްމަގު ސާފު. މި ކަހަލަ ލިޔުން ގިނަ ކޮށްފަ، . ރަނގަޅު ޖާނަލިސްޓުންނަށް އިސްކަންދީބަލަ.
ބޮޑުމީހާ
16 January 2022
މިސަރުކާރުން ވައުދެއް ވިއްޔާ އެކަމާ އިދިކޮޅަށް ނިމޭނީ. ދެން ރައްޔިތުންވެސް ބޭނުންވަނީ މިކަހަލަ ވެރިން. އެކަން ފެންނާނެ ކުރިއަށް އޮތް މަޖްލިސް ވޯޓުގަވެސް. ދިވެހިން މުޒާހަރާ ކުރީ ޑިމޮކްރަސީ ހޯދާށާއި ސިޔާސީ ލީޑަރުން މިނިވަންކުރަން، ޑްރަގާއި، ބޯހިޔާވެހިކަމާއި ކޮރަޕްޝަނާއި ދެކޮޅަށްވެސް މުޒާހަރާކުރާނަމަ މި ނޫން މަންޒަރެއް ފެންނާނެ
ބޭރުވެލާ
16 January 2022
ޔާމީނުގެ 5 އަހަރަކީ މިރާއްޖެ ދުށް އެންމެ ފާސިގު އަދި ފަސާދަ ފަސް އަހަރު. ވެރިކަމުން ފޭބި އިރުވެސް މިކަލޭގެ އެކައުންޓްގަ ސަތޭކަ މިލިއަން.....ލަދެއް ހަޔާތެއް ހުރި މީހެއްނަމަ ރައްޔިތުން ކާރިއަށް ވޯޓަށް ސަލާން ޖަހާކަށް ނުދާނެ....ޔާﷲ މިކަލޭގެ ކިބައިން މިގައުމު ސަލާމަތް ކޮށް ދެއްވާ ދޭވެ. އާމީން.
އަތަހިތަ
16 January 2022
މިހާރު މިއޮތް "ބަލާ" ވެރިކަން ވަކި ކުޑަތަ؟
ކުރުބެ
17 January 2022
އާމީން
ބޮކިފުރާޅު ޢީސާ
16 January 2022
ސިޔާސީ މަގާމުތައް ގިނަކުރުމުގެ މޮޑެލް ކުރެއްސެވީ މަނިކުފާނު. ބޮޑުސޯބު އެނބުރޭގޮތަށްނޫންތޯ ކުޑަސޯބު އެނބުރޭނީ. ނަސީބެކޭ މިސަރުކާރުން ދަންވަރު ހުޅުވަންނުޖެހޭތަންތަން ހުޅުވާ އެތަންތަނުން ޓިނުނުނަގާކަން. އެހެންނޫންނާކަ އަދިވެސް މަނިކުފާނުން އޮންނާނީ ތޭރިތަކުގެ ފުރަގަހުގާނޫންތޯ.
ރެޑިސް
16 January 2022
ކެހިވެރިފަތިސް ތަފާތުވާނެ.....މަކަރާ ހީލަތުގެ ބިންގަލެއް.
އެމްސް
16 January 2022
ޔާމީން އަކީވެސް ދިވެހިން އިސްކުރާ މީހެއް ނޫން! ޤައުމުގެ 3 ބައި ކޮށްފަ 1 ބަޔަށްވުރެ ބިދޭސީންގެ އާބާދީ ބޮޑުވެ، އެ އެންމެނަށް ވަޒީފާއާއި ބޯހިޔާވަހިކަން ކަށަވަރުވެ، ދިވެހިން މަގުމަތިވި އިރު، މިކަންކަން ޙައްލު ކުރަން ޔާމީން ދެއްކި އަދި ދައްކާ އެއްވެސް ޕޮލިސީއެއް އަދިވެސް ނެތް!
ތުއްރަވާ
17 January 2022
ބޮންދުން ގިނަ ކުރީ ޔަގް. އިންޑިއާ މިލިޓަރީ އައުޓް އެގޮވަނީ ބޮންދުން ގޮވައިގެން ބަޣާވާތް ނުކުރެވޭނެތީ
ސަސި
16 January 2022
ޔާމީނު އެކަމާ ނުވިސްނާ، ޔާމީނުގެ ރޭވުންތެރި ކަމުގެ ދަށުން ވަގަށް ނެގި ފައިސާތަކާ، މަހުޖަނުންނަށް ވީ މީހުން ގުނާ އަދަދު ނުކުރެވޭ
އަސްރަފް
16 January 2022
މިހާރު ވެރިންނަށް ތިބި މީހުން ވަކި ފައިސާ ނުނަގާތަ
ގުއިއްޒު
16 January 2022
ގިނައިން ތިބީ ޔަގު މަގާމުތަކަށް ލީ މީހުން. އިބުއަކަށް އެއިން މީހަކު ކަނޑާލާކަށް ނުކެރުނު ވިއްޔާ.