ސަލްމާންގެ "ކަބީ އީދު ކަބީ ދިވާލީ" އިން ލިބުނު ފުރުސަތުގެ ބޭނުމެއް ވެސް އަޔޫޝް ނުހިފާނެ
އާޔޫޝް.
17 ޖެނުއަރީ 2022 - 05:47
ނޮވެމްބަރު މަހުގެ ފަހުކޮޅު ރިލީޒްކުރި "އަންތިމް: ދަ ފައިނަލް ޓްރުތު" ގައި ސަލްމާން ޚާނާ އެކު މަސައްކަތްކުރި ނަމަވެސް ކުރިއަށް އޮތް ތަނުގައި ދެ އެކްޓަރަކު ނުވަތަ އެއަށް ވުރެ ގިނަ އެކްޓަރުން ލީޑް ކުރާ ފިލްމުތަކެއް ނުކުޅެން އާޔޫޝް ނިންމައިފި އެވެ.
ސަލްމާންގެ ކޮއްކޮ އަރުޕިތާ ޚާންގެ ފިރިމީހާ ބުނި ގޮތުގައި އޭނާ ދެން ބޮޑަށް އިސްކަންދޭނީ ސޯލޯ ލީޑް ފިލްމުތަކަށެވެ. އެހެންވެ، މިހާރު ކުރިން ސަޕޯޓިން ރޯލެއް ކުޅޭ ގޮތަށް އޮތް ސަލްމާންގެ "ކަބީ އީދު ކަބީ ދިވާލީ" (ބައިޖާން) އިން ލިބުނު ފުރުސަތު ވެސް އާޔޫޝް ދޫކޮށްލާފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ. އެކަމަކު އޭނާ އެކަން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.
ފިލްމުފެއާ އަށް ދިން އިންޓަވިއުއެއްގައި އާޔޫޝް ބުނީ ކެރިއަރާ މެދު އުންމީދުތަކެއް އެބަހުރި ކަމަށާއި އެކްޓަރެއްގެ ގޮތުގައި އޭނާ ކުރިއަށް ދާން ވިސްނާ އިރު، ސޯލޯ ފިލްމުތައް ވަރަށް މުހިއްމު ކަމަށެވެ. ފަރުހާދު ސަމްޖީ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ "ކަބީ އީދު ކަބީ ދިވާލީ" ގައި އާޔޫޝް އާއި ޒަހީރު އިގްބާލް ކުޅެން އޮތީ ސަލްމާންގެ ކޮއްކޮއިންގެ ރޯލެވެ. ޒަހީރަކީ ސަލްމާން ޕްރޮޑިއުސްކޮށް 2019 ގައި ގެނެސްދިން "ނޯޓްބުކް" އިން ތައާރަފުކުރި ބަތަލެވެ.
ޅިޔަނު އާޔޫޝް ވެސް ބޮލީވުޑަށް ނެރުނީ ސަލްމާން ޕްރޮޑިއުސްކުރި ފިލްމަކުންނެވެ. އެއީ 2018 ގެ "ލަވްޔާތުރީ" އެވެ. އެ ފިލްމަށް ފަހު އޭނާ "ކުވާތާ" ކިޔާ ފިލްމަކަށް ވެސް ސޮއިކުރި އެވެ. އެކަމަކު ކެޓްރީނާ ކައިފްގެ ކޮއްކޮ އީޒަބެލް ކައިފް ބަތަލާގެ ރޯލު ކުޅޭ ގޮތަށް އޮތް ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ފަހަކުން ނުދެކެވެ އެވެ. "ކުވާތާ" ގެ ޑައިރެކްޓަރަކީ ކަރަން ބުޓާނީ އެވެ.
އާޔޫޝް، 37، ބުނީ މިހާރު ވެސް ސްކްރިޕްޓްތަކެއް ކިޔަމުން އަންނަ ކަމަށާއި އިތުރު ޕްރޮޖެކްޓްތަކަކަށް ވަރަށް އަވަހަށް އެއްބަސްވާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy