17 ޖެނުއަރީ 2022 - 10:21
އިނގިރޭސިވިލާތުގެ ނުވަ އަހަރުގެ ފިރިހެން ކުއްޖަކު އޯ ލެވެލް އިމްތިހާނުގައި ހިސާބު މާއްދާ އިން "ސީ" ފާހެއް ހޯދައިފި އެވެ.
ފްލިންޓްޝަޔާ އަށް ނިސްބަތްވާ ގްރޭޑް ތިނެއްގައި ކިޔަވާ ލިއޮނާޑޯ މިދިޔަ ނޮވެމްބަރުގައި އިމްތިހާނުގައި އަމިއްލަ ގޮތުން ބައިވެރިވެ ހޯދި ނަތީޖާ އިން އާއިލާ އަށް ވެސް ބޮޑު އުފަލެއް ލިބިފައިވެ އެވެ. އާއިލާ އިން ބުނި ގޮތުގައި އެވްރެޖްކޮށް އުމުރުން 15-16 އަހަރުގެ ދަރިވަރުން ހަދާ އިމްތިހާނެއްގައި ބައިވެރިވެގެން 9 އަހަރުގައި "ސީ" ގްރޭޑެއް ހޯދުމަކީ ވަރަށް ބޮޑު ކާމިޔާބީއެކެވެ.
އެހެންވެ އާއިލާ އިން މިހާރު މަސައްކަތް ފަށާފައި ވަނީ ހިސާބު މާއްދާ އިން ކުރިއަށް ދާން ދަރިފުޅަށް އިތުރަށް ފުރުސަތުތައް ފަހިކޮށް ދިނުމަށެވެ.
ލިއޮނާޑޯ ހޯދި ކާމިޔާބީއާ ބެހޭ ގޮތުން އޭނާ އަށް ހަފުތާއަކު އެއް ދުވަހު ޓިއުޝަން ނަގައި ދިން ޓީޗަރު ޖޭޑް އެޝްބްރޫކް ބުނި ގޮތުގައި ދަރިވަރު ހޯދި ނަތީޖާ އަކީ އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ވެސް ބޭނުންވާ ކަހަލަ ވިސްނުން ތޫނު މީހަކަށް ލިއޮނާޑޯ ވެދާނެކަމުގެ ހެއްކެއް ކަމަށެވެ.
"އަހަންނަށް ވަރަށް ޔަގީން އެ އުމުރުގައި މި ފެންވަރުގައި ދަންޏާ ނާސާ އިން ފުރުސަތެއް ލިބުމަކީ ލިއޮނާޑޯ އަށް މާ ބޮޑު ކަމަކަށް ނުވާނެ،" ޖޭޑް ބުންޏެވެ.
ލިއޮނާޑޯގެ މައިންބަފައިން ކަމަށްވާ އެމާ އާއި މައިކަލް ބުނި ގޮތުގައި ދަރިފުޅަށް މިހާރު އެންމެ ބޮޑަށް ހިތްވަރު ދެނީ ކުރިއަށް އޮތް އޭ ލެވެލް އިމްތިހާނުގައި ވެސް ބައިވެރިވެ ހިސާބުން ފާސްވުމަށެވެ. އެހެންވެ އެކަމުގެ ތައްޔާރީތައް މިހާރު ވެސް ވަނީ ފަށައިފަ އެވެ.
"ކުރިއަކުން އުންމީދެއް ނުކުރަން އޯ ލެވެލްގައި ދަރިފުޅު ސީ ފާހެއް ލިބޭނެ ކަމަކަށް. އެ ނަތީޖާ އަކީ ހަމަ ސަޕްރައިޒެއް. މިކަމުން އެނގުނީ ދަރިފުޅަށް ހިތްވަރު ދީގެން ކިޔަވަން އިތުރަށް މަސައްކަތްކުރުވައިފި ނަމަ ވަރަށް ބޮޑަށް ކުރިއަށް ދާނެކަން،" ދަރިފުޅު ސައިންސް މާއްދާ އަށް ވެސް ވަރަށް ލޯބިކުރާކަން ފާހަގަކޮށް އެމާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ދަރިފުޅު ހޯދި ނަތީޖާ އަކީ ހަމަ ޝައުގުވެރިކަމާ އެކު ކުރި މަސައްކަތުގެ ނަތީޖާ އެވެ.
"ޓިއުޝަން ނަގަމުން ވެސް ދިޔައީ ހަފުޔާ އަކު އެއް ދުވަހު. ދެން މުޅިން ވެސް އިމްތިހާނަށް ތައްޔާރުވީ ދަރިފުޅު އަމިއްލަ ކުރި މަސައްކަތުން. އެގޮތުން ހިސާބު މާއްދާގެ ޓެސްކްޓް ފޮތްކާއި ޕާސްޓް ޕޭޕަރުތައް ދަރިފުޅަށް ވަރަށް ބޮޑަށް ކިޔެވި،" އެމާ ބުންޏެވެ.
ލިއޮނާޑޯ އަށް ސްކޫލްގައި ކިޔަވައިދޭ ޓީޗަރެއް ކަމަށްވާ ރިއަން ރޮބަޓްސް ބުނި ގޮތުގައި އޯ ލެވެލްގައި ހިސާބުން އޭނާ ހޯދި ނަތީޖާ އަކީ ޕްރައިމަރީގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް ވެސް އިންސްޕިރޭޝަނަކަށް ވާނެ އެވެ.
"އުންމީދު ވެސް ކުރަން އެފަދަ ނަތީޖާއެއް ހޯދަން ވަރަށް ގިނަ ދަރިވަރުންނަށް މިކަން ހިތްވަރަކަށް ވާނެ ކަމަކަށް،" އޭނާ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިއޯނޯޑާ
19 January 2022
ވ. ހޫނު މަރުހަބާއެއް
ފިިފި
18 January 2022
އަލުގަނޑަށް ތިއުށަން ދޭންއާދޭ