17 ޖެނުއަރީ 2022 - 12:45
މިސައިލުން ދިފާއުވުމަށް ރަޝިޔާގައި އުފައްދާފައިވާ އެސް-400 މަރުކާގެ މިސައިލް ނިޒާމުތަކެއް އިންޑިއާ އަށް ގަނެ، އެ ގައުމުގެ ދިފާއު އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ހިންދުސްތާން ޓައިމްސް އިން ބުނި ގޮތުގައި، ރަޝިޔާގައި އުފައްދާފައިވާ ބިމުން ޖައްވަށް ފޮނުވައިލާ ޒާތުގެ އެސް-400 މަރުކާގެ މިސައިލް ނިޒާމުގައި ހިމެނޭ ފުރަތަމަ ޔުނިޓް، މިއަންނަ އެޕްރީލް މަހުގެ ތެރޭގައި، ބޭނުންކުރެވޭ ވަރަށް ތައްޔާރުކޮށް ނިމޭނެ އެވެ. އިންޑިއާ އިން މި މިސައިލް ނިޒާމުތައް ބޭނުންކުރާނީ، ޗައިނާ އިން ކުރިމަތިވެދާނެ މިސައިލް ހަމަލާއަކުން ދިފާއުވުމުގެ ގޮތުންނެވެ.
ރަޝިޔާގެ އެސް-400 މަރުކާގެ މިސައިލުން ދިފާއުވާ ނިޒާމު އިންޑިއާ އަށް ގަތީ، އޮކްޓޫބަރު 2018 ގައި އިންޑިއާ އާއި ރަޝިޔާއާ ދެމެދު ސޮއިކުރި ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިމަރުކާގެ ފަސް ޔުނިޓް އިންޑިއާގައި ގާއިމުކުރާނެ އެވެ. މިއީ 40 ކިލޯމީޓަރާއި 400 ކިލޯމީޓަރާ ދެމެދުގެ ރާސްތާގައި މަތިންދާބޯޓާއި މިސައިލަށް ހަމަލާދީ ވައްޓައިލުމަށް ބޭނުންކުރާ މިސައިލް ނިޒާމުތަކަކެވެ.
އިންޑިއާ އާއި ޗައިނާ ގުޅޭ ސަރަހައްދީ ރޮނގުގައި އޮންނަ ލަޑަކް ސަރަހައްދުގައި 2020 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި، ދެ ގައުމުގެ ސިފައިންގެ މެދުގައި ވަނީ ކުރިމަތިލުންތަކެއް ހިނގައިފަ އެވެ. އޭގެ ފަހުން، ދެ ގައުމުގެ ސިފައިން އެ ސަރަހައްދުގައި އަބަދުވެސް ތިބެނީ ހަނގުރާމައިގެ ތައްޔާރީ ހާލަތުގަ އެވެ.
ވައިގެ މަގުން ޗައިނާގެ އުދުވާނީ ހަމަލާއެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ދެ ސަރަހައްދެއްގައި އިންޑިއާ އިން މިހާރު ވެސް ވަނީ، ރަޝިޔާގެ ދިފާއީ މިސައިލް ނިޒާމުގެ ދެ ޔުނިޓެއް ގާއިމުކޮށްފަ އެވެ.
ލަޑަކް ސަރަހައްދުގެ މިލްކުވެރިކަމާ މެދު އިންޑިއާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ އަރައިރުން ހައްލުކުރުމުގެ ގޮތުން، ދެ ގައުމުގެ މެދުގައި ވާހަކަތައް ދައްކަމުން އަންނަތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް އެ ވާހަކަތައް ކޮންމެ ފަހަރަކު ނިމިގެން ދަނީ ވަކި ކޮޅެއްގައި ނުޖެހި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިޔާޓޮށި
17 January 2022
މިއީ ޕީޕީ އިން ފޮނުވާލަފާނެ މިސައިލަކުން ރައްކާތެރިކަން ހޯދުމަށް އެޅި ފިޔަވަޅެއް ކަމަށް ފެނޭ.
އިދުރީސްބެ
17 January 2022
ރަޝިޔާއިން ޑިންޑިޔާއަށް މިސައިލުދިނުމަކީ ދިވެހިން އެހާއެދޭކަމެއްނޫން. ރަޝިޔާ އިން! އިންޑިޔާ އައުޓް!