18 ޖެނުއަރީ 2022 - 10:09
ޔަމަންގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް ހަނގުރާމަ ކުރަމުން ދާ ހޫތީ ޖަމާއަތުން، އެމިރޭޓްސްގެ އަބޫ ދާބީއަށާއި ދުބާއީ އަށް ޑްރޯން އުޅަނދުތަކެއް ބޭނުންކޮށްގެން އިއްޔެ ހަމަލާތަކެއް ދީފި އެވެ.
އެމިރޭޓްސް ފުލުހުން ބުނިގޮތުގައި، ހޫތީންގެ ޑްރޯންތަކުން ހަމަލާ ދިނީ އަބޫ ދާބީގައި ހުންނަ ތެލުގެ މަސައްކަތް ކުރާ އެކުވެންޏަކަށާއި އަބޫ ދާބީގެ ވައިގެ ބަނދަރަށެވެ. ތެލުގެ މަސައްކަތް ކުރާ އެކުވެންޏަށް ދިން ހަމަލާގައި ތެޔޮ އުފުލާ ތިން ލޮރީއެއްގައި ހުޅުރޯވެ، ގޮވުމުގެ ސަބަބުން ތިން މީހަކު މަރުވި އެވެ. އެ ހާދިސާގައި މަރުވީ އިންޑިއާގެ ދެ މީހަކާއި ޕާކިސްތާނު މީހެކެވެ.
އަބޫ ދާބީގެ ވައިގެ ބަނދަރަށް ވެސް ޑްރޯން ހަމަލާއެއް އަމާޒުވެ، ވައިގެ ބަނދަރުގައި ހުރި އިމާރާތެއްގައި ރޯވި އެވެ. ނަމަވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ހޫތީން ބުނިގޮތުގައި، އެމިރޭޓްސްގެ އެންމެ އެތެރެއަށް ހަމަލާ ދިނުމުގައި އެ ޖަމާއަތުގެ ހަނގުރާމަވެރިން ވަނީ ވަރަށް ބޮޑު ކާމިޔާބެއް ހޯދައިފަ އެވެ. އިއްޔެގެ ހަމަލާތަކުގައި ބޭނުންކޮށްފައި ވާނީ ބެލެސްޓިކް މިސައިލާއި ޑްރޯން ހެލިކޮޕްޓަރުތަކެއް ކަމަށް ވެސް ހޫތީން ބުންޏެވެ.
ދުބާއީ އާއި އަބޫ ދާބީގެ ވައިގެ ބަނދަރަށް ހަމަލާ ދިނީ ފަސް ބެލެސްޓިކް މިސައިލުން ކަމަށާއި ތެލުގެ މަސައްކަތް ކުރާ އެކުވެންޏަށް ހަމަލާ ދިނުމުގައި ގިނަ އަދަދެއްގެ ޑްރޯން ހެލިކޮޕްޓަރު ބޭނުންކުރި ކަމަށް އެ ޖަމާއަތުން ބުންޏެވެ.
އެމިރޭޓްސްއަކީ "އަދާވާތްތެރި" ދައުލަތެއް ކަމަށް ސިފަކުރަމުން ހޫތީ ޖަމާއަތުން ބުނީ، ކުރިމަގުގައި ވެސް އިތުރު ހަމަލާތައް އެމިރޭޓްސް އަށް ދޭނެ ކަމަށެވެ. އެމިރޭޓްސްއަކީ މިހާރު އެއްވެސް ރައްކާތެރިކަމެއް ނެތް ގައުމެއް ކަމަށް ވާތީ، އެ ގައުމުގައި ހުރި ހައްސާސީ އެއްވެސް ސަރަހައްދަކަށް ބޭރު މީހުން ކައިރިނުވުމަށް ވެސް އެ ޖަމާއަތުން އިންޒާރު ކުރި އެވެ.
އެމިރޭޓްސްގެ ފުލުހުން ބުނީ، ތެލުގެ މަސައްކަތް ކުރާ އެކުވެނީގައި ތެޔޮ ބަރުކޮށްފައި އޮތް ތިން ލޮރީ ގޮވި ވަގުތު އެ ދިމާލު މަތިން، އުދުހެމުން ދިޔަ ކުދި އުޅަނދުތަކެއް ފެނުނު ކަމަށެވެ. މި ހާދިސާ ހިނގާފައިވާ އިރު، އަބޫ ދާބީގެ ތެރެއަށް ހަމަލާތަކެއް ދީފައިވާނެ ކަން، ހޫތީގެ ހަނގުރާމަވެރިން ވަނީ އިއުލާން ކޮށްފަ އެވެ.
އެމިރޭޓްސްއަކީ ޔަމަންގެ ހަނގުރާމައިގައި ޔަމަން ސަރުކާރަށް މަދަދު ދިނުމަށް، ސައޫދީ އަރަބިއްޔާ އިސްވެ އުފައްދާފައިވާ ގުޅިފައިވާ ލަޝްކަރުގައި ބައިވެރިވާ ގައުމެކެވެ. ޔަމަންގެ ހަނގުރާމައިގައި ގުޅިފައިވާ ލަޝްކަރުން، ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ދޭ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން، ސައޫދީގެ އެކި ތަންތަނަށް ޑްރޯން އުޅަނދުތަކުން ހަމަލާ ދިނުމަކީ ހޫތީން މިހާރު އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ.
ހޫތީންގެ މި ހަމަލާއަށް ބަދަލު ހިފުމުގެ ގޮތުން، ގުޅިފައިވާ އަރަބި ލަޝްކަރުގެ ސިފައިން ވައިގެ މަގުން ރޭގައި ވަނީ ހޫތީންގެ މަގާމުތަކަށް ހަމަލާ ދީފަ އެވެ. ޔަމަންގެ ވެރިރަށް ސަންއާގައި ހުރި ހޫތީންގެ އިސް ލީޑަރުން ދިރިއުޅޭ ތަންތަނަށާއި ކޮމާންޑް ސެންޓަރުތަކަށް ހަމަލާ ދީފައިވާނެ ކަމަށް ވެސް ގުޅިފައިވާ ލަޝްކަރުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަލީލީ
19 January 2022
ފަލަސްތީނު މިނިވަންކުރަން ނޫޅެ މި އަރަބި ވެރިން މީ އަމިއްލަ މަސްލަހަތަށް އުޅޭ ބައެއް. އެމެރިކާއިން މާދަމާވެސް ހަތިޔާރު ކޮޅު އަތުލައިފި ނަމަ އެއްވެސް ރައްކާތެރި ކަމެއް ނޯންނާނެ ތިޔަ ކޯލިޝަން އަކަށް. ތެލާއި ޑޮލަރާއި އޮތަކަސް އުފެއްދުންތެރިކަމެއް ހުރި ބައެއް ނޫން
ބީރުބޮލު ވަޒީރު
18 January 2022
މިހުރިހާ މުސީބާތްތައް މިޖެހެނީ ސައުދީ އަރަބިއްޔާ ކިޔާ ގައުމެއް އުފައްދާ އެތާގައި އޮތް އާލު ސޫދުންގެ ނުބައި ވެރިކަން. މިއީ އިނގިރޭސި ސަރުކާރާ ނަޖިދުގެ ވައްހާބީން އިސްލާމްދީން ސުންނާފަތި ކުރުމަށް ހިންގާ ޖަރީމާއެއް. ހޫތީންގެ މަގާމުތަކާ ޔަމަނުގެ ނިކަމެތި މުސްލިމުންގެ ބޮލަށް ސައުދީއާ ޔޫ އޭ އީ ގުޅިގެން ކޮންމެ ދުވަހަކު އެދޭ ހަމަލާތައް އެއްވެސް ބަޔަކަށް ނުފެނޭ. މި އަލިފާންގަނޑު ރޯކުރީ ސައުދީން.
އަފްރާސިޔާބު
18 January 2022
އެމެރިކާއާއި ގުޅިފައިވާ އަރަބި ލަޝްކަރުން ކޮންމެ ދުވަހަކު ޔަމަނަށް އެތައް ޙަމަލާއެއްދީ އެތައްބަޔަކު މަރާލާ. ޔަމަނުގެ ސްކޮޓްރާ އައިލެންޑް ޔަހޫދީން ވައިގެ ސިފައިންގެ މަރުކަޒަކަށް ހަދައި އެއްގަމާއި ވައި އަދި ކަނޑުގެ މަގުން ޔަމަނު ހިސާރުކޮށް މުޅި ޔަމަނު އެއޮތީ ތަޅައި ސުންނާފަތި ކޮށްލާފައި. ޔަމަނަކުން ސައޫދީ އަކަށް އަދި ޔޫއޭއީ އަށް އިސްވެ ހަމަލާއެއް ދީފައިނުވޭ.ސީރިއާގައި ޔޫރަޕުން ގަބޫލުކުރާ ވެރިކަމެއް ގާއިމްކުރަން އުޅުނުގޮތަށް ޔަމަނުގައިވެސް ތިއުޅެނީ
އަބޫބަކުރުބެ
18 January 2022
ހޫތީންވެސް ކުރިއަށްޖައްސާލައިފިއޭ.
ރަދީފްއޮފިޝިއަލް
18 January 2022
ހޫތީންނަށް ތިޔަ ފުރުސަތު ހުޅުވުނީ ހުރިހާ މުސްލިމުންގެ ބައްޕަކަމަށް ދައުވާކުރާ ސައުދީގެ ވެރިންގެ އަމަލު ތަކުގެ ސަބަބުން.މުސްލިމުން އެއްބަޔަކު އަނެއްބަަޔަކު ކަރުގަ ހިފާތަން ފެނުނީމަ އަހަރުމެނެ ދެރަވޭ.ވ.ވެދުން