ޖޯން.
19 ޖެނުއަރީ 2022 - 06:25
ފާއިތުވި ތިން އަހަރު ރިލީޒްކުރި ފިލްމުތަކަށް ފުދޭ ވަރެއްގެ ބޮޑު ތަރުހީބެއް ލިބިފައިވާ ތީ ބޮލީވުޑްގެ އެކްޓަރު ޖޯން އަބްރަހަމް ފިލްމު ކުޅޭ އަގު ތިންގުނަ ބޮޑުކޮށްފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފާއިތުވި ތިން އަހަރު އޭނާ އެވްރެޖްކޮށް ފިލްމަކުން ފީއެއްގެ ގޮތުގައި ގޮތުގައި ނަގަމުން އައީ 7 ކްރޯޑް ރުޕީސް (940,714 ޑޮލަރު) އެވެ. އެކަމަކު މިހާރު އަގު 21 ކްރޯޑް ރުޕީސް (2.82 މިލިއަން ޑޮލަރު) އަށް ބޮޑުކޮށްފައިވާ ކަމަށާއި ދާދި ފަހުން ޝޫޓިން ނިންމާލި ފިލްމު "އޭކް ވިލަން ރިޓާންސް" އިން ވެސް އެ ވަރުގެ ފީއެއް ޖޯން އަށް ލިބޭ ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުންޏެވެ.
"އޭކް ވިލަން ރިޓާންސް" ގެ ޓީމާ އެކު ޖޯން.
މި އަހަރު ރިލީޒްވާން ހުރި ޖޯން، 49، ގެ ފިލްމުތަކުގެ ތެރެއިން މޯހިތު ސޫރީ ޑައިރެކްޓްކުރާ "އޭކް ވިލަން ރިޓާންސް" އަކީ އޭނާގެ 2014 ގެ ކާމިޔާބު ފިލްމު "އޭކް ވިލަން" ގެ ސީކްއެލް އެވެ. އެކަމަކު މި ފަހަރު މުޅިން ތަފާތު ކާސްޓަކާ އެކު ފިލްމު ހަދާ އިރު، އާ ފިލްމުގެ މައިގަނޑު ތަރިންނަކީ ޖޯން އާއި އަރުޖުން ކަޕޫރާއި ތާރާ ސުތާރިއާގެ އިތުރުން ޑިޝާ ޕަޓާނީ އެވެ.
ޖޯންގެ އެންމެ ފަހުގެ ފިލްމަކީ ނޮވެމްބަރުގައި ރިލީޒްކުރި "ސަތިޔަމެވަ ޖަޔަތޭ 2" އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އެޓޭކް" އަދި "ޕަތާން" ހިމެނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޝާހްރުކް ޚާންގެ "ޕަތާން" ގައި ކުޅޭ ނެގަޓިވް ރޯލުން ޖޯން އަށް 20 ކްރޯޑް ރުޕީސް (2.69 މިލިއަން ޑޮލަރު) ލިބެ އެވެ.
ފާއިތުވި ތިން އަހަރު ރިލީޒްވި ޖޯންގެ ފިލްމުތަކުގެ ތެރޭގައި 2018 ގެ "ޕަރުމަނީ: ދަ ސްޓޯރީ އޮފް ޕޮކްރާން" އާއި "ސަތިޔަމެވަ ޖަޔަތޭ" އާއި 2019 ގެ "ރޯމިއޯ އަކްބަރު ވޯލްޓާ" އާއި "ބަޓްލާ ހައުސް" އާއި "ޕާގަލްޕަންތީ" ގެ އިތުރުން މިދިޔަ އަހަރުގެ "މުމްބާއީ ސާގާ" އާއި "ސަރުދާރު ކާ ގްރޭންޑްސަން" ހިމެނެ އެވެ. ދެހާސް ވިހީގައި އޭނާގެ އެއްވެސް ފިލްމެއް ރިލީޒެއް ނުވެ އެވެ.
ޖޯން އަކީ މި ފަހުން އޭނާ ކުޅޭ ގިނަ ފިލްމުތަކުގައި ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ އެކްޓަރަކަށް ވާތީ ފިލްމުތައް ދައްކައިގެން ލިބޭ އާމްދަނީން ވެސް އޭނާ އަށް ބައި އަޅަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުލްޒާރު
19 January 2022
ޖޯންމެން ފިލްމެއްކުޅެލާއިރަށް އެވަނީ މިލިޔަނަރުންނަށް. ދާންވީ ކުޅޭން ފިލްމު.
ގާނަޔާމަގޭ
19 January 2022
ކޮންތާކަށް؟ މަކުނުދޫއަައްތަ؟؟؟