ޖޯން.
07 ނޮވެމްބަރ 2020 - 08:10
ޝާހްރުކް ޚާނާ އެކު ކުޅޭ ފިލްމު "ޕަތާން" އަށް ޖޯން އަބްރަހަމް އެއްބަސްވީ 20 ކްރޯޑް ރުޕީސް އަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މި މަހުގެ ތެރޭގައި މުމްބާއީގައި ޝޫޓިން ފަށާ ފިލްމުގައި ޖޯން ފެންނާނީ ނެގެޓިވް ރޯލަކުންނެވެ. އަދި އޭނާ އެ ރޯލަށް އެއްބަސްވީ 20 ކްރޯޑް (2.7 މިލިއަން ޑޮލަރު) އަށް ކަމަށާއި ފިލްމަށް ޖޯން 60 ދުވަސްދޭނެ ކަމަށް ބުންޏެވެ. ޝާހްރުކާ އެކު ދީޕިކާ ޕަދްކޯން ވެސް މުހިއްމު ރޯލަކުން ފެންނާނެ ކަމަށް ބެލެވޭ "ޕަތާން" އަކީ ޖޯންގެ ވަރަށް ތަފާތު އަދި ވަރުގަދަ ކެރެކްޓާއެއް ފެންނާނެ ފިލްމެއް ކަމަށް ބޮލީވުޑް ހަންގާމާ އިން ބުންޏެވެ.
ފާހަގަކުރެވޭ ކަމަކީ މީގެ ކުރިން ވެސް ޖޯން ނެގަޓިވް ރޯލްތަކެއް ކުޅެފައިވާ ކަމެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ "ޕަތާން" ވެސް ވެސް ޕްރޮޑިއުސްކުރާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ދޫމް" ސީރީޒްގެ ފުރަތަމަ ފިލްމު ދޫމް (2004) އެވެ. އެ ފިލްމުގެ ފަހުން ވެސް ޖޯން ވަނީ އެ ސްޓޫޑިއޯގެ ފިލްމުތަކެއް ކުޅެފަ އެވެ. އެއީ 2006 ގެ "ކާބުލް އެކްސްޕްރެސް" އާއި 2009 ގެ "ނިއު ޔޯކް" އެވެ.
"ޕަތާން" އަށް ޖޯން، 47، އެއްބަސްވި އިރު، އޭނާގެ ކެރިއަރު މި ވަގުތު ވަރަށް ކާމިޔާބެވެ. ކެރިއަރުގެ ކުރީކޮޅު ބޮޑެތި ކާސްޓްތަކެއް ހިމެނޭ ފިލްމުތަކެއް ކުޅުނު ޖޯން މި ފަހުން ވެސް މުޅިން ވެސް ފެންނަނީ ސޯލޯ ލީޑް ފިލްމުތަކުންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "މުމްބާއީ ސާގާ" އާއި "ސަތިޔަމޭވް ޖަޔަތޭ 2" އާއި "އެޓޭކް" އަދި އަލަށް ޑައިރެކްޝަނަށް ނުކުތް ކާޝްވީ ނައިރްގެ ނަން އަދި އިއުލާންނުކުރާ ފިލްމެއް ހިމެނެ އެވެ.
ވަރަށް ވަރުގަދަ އެކްޝަން ފިލްމެއްގެ ގޮތުގައި ވައިއާރްއެފުން ގެނެސްދޭން ނިންމާފައިވާ "ޕަތާން" އަކީ މިދިޔަ އަހަރު ރިލީޒްކުރި އެ ސްޓޫޑިއޯގެ "ވޯ" ގެ ޑައިރެކްޓަރު ސިދާތު އާނަންދު ހަދާ ފިލްމެކެވެ. އިންޑިއާގެ އިތުރުން މި ފިލްމުގެ ގިނަ މަންޒަރުތަކެއް އިނގިރޭސިވިލާތުގައި ވެސް ޝޫޓްކުރާނެ އެވެ.
"ޕަތާން" ސިނަމާތަމަށް ގެންނާނީ އަންނަ އަހަރުގެ ދިވާލީގައި ކަމަށް މީޑިއާތަކުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy