21 އޯގަސްޓް 2020 - 08:35
ޝާހްރުކް ޚާނާއި ދީޕިކާ ޕަދްކޯންއާ އެކު، ޑައިރެކްޓަރު ސިދާތު އާނަންދު ހަދަން ނިންމާފައިވާ ކަމަށް ބުނާ އެކްޝަން ފިލްމު "ޕަތާން" ގެ ކާސްޓުން ޖޯން އަބްރަހަމް ވެސް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ އެ ފިލްމު ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ 27 ގަ އެވެ. އަދި މިދިޔަ އަހަރު "ވޯ" ގެނެސްދިން ޑައިރެކްޓަރުގެ "ޕަތާން" ގެ ޝޫޓިން ނޮވެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށާއި ފިލްމުގެ ވަރަށް ގިނަ މަންޒަރުތަކެއް އިނގިރޭސިވިލާތުގައި ނަގާނެ ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.
ޖޯން ވަނީ ކުރިން ވެސް ވައިއާރްއެފްގެ ފިލްމުތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި 2004 ގެ "ދޫމް" އާއި 2006 ގެ "ކާބުލް އެކްސްޕްރެސް" ގެ އިތުރުން 2009 ގެ "ނިއު ޔޯކް" ހިމެނެ އެވެ.
"ޕަތާން" ވެގެންދާނީ ޝާހްރުކާ އެކު ޖޯން މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ. ދީޕިކާއާ އެކު ޖޯން ވަނީ ކުރިން މަސައްކަތްކޮށްފަ އެވެ. އެއީ 2011 ގެ "ދޭސީ ބޯއިޒް" އާއި 2013 ގެ "ރޭސް 2" އެވެ.
ބޮލީވުޑްގެ މިހާރުގެ އެންމެ ވަރުގަދަ އެކްޝަން ހީރޯއިންގެ ތެރޭގައި ގުނައިލެވޭ ޖޯންގެ އަތުގައި މި ވަގުތު ވެސް ގިނަ ޕްރޮޖެކްޓްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި "މުމްބާއީ ސާގާ" އާއި "ސަތިޔަމޭވް ޖަޔަތޭ 2" އާއި "އެޓޭކް" އަދި "ދޯ ވިލަން" ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy