30 ޖެނުއަރީ 2022 - 14:31
ކުރިން ވިސާ ނެގުމަކާނުލައި ދިވެހިންނަށް ތުރުކީ އަށް ދެވޭ އެއްބަސްވުމެއް ހަދަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝާހިދުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރެއްގައި، ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޗަވްޝޯލް މިވަގުތު ހުންނެވީ ރާއްޖޭގަ އެވެ.
މި ދަތުރުގެ ތެރެއިން ތުރުކީ ސަރުކާރާ އެކު، އެކި ދާއިރާތަކުން ފަސް އެއްބަސްވުމެއްގައި ސޮއިކުރުމަށް ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ މިހާރު ވެސް ދިވެހިން ތުރުކީ އަށް ދަތުރުކުރުމަށް އީ-ވިސާ ނެގޭނެ ކަމަށާއި އެކަމަކު އޭގެ ބަދަލުގައި ވިސާ ފްރީ އެއްބަސްވުމެއް އެކުލަވާލުމަށް ހުށަހަޅާފައިވާ ކަމަށެވެ.
"އެކަމަށް ތުރުކީގެ ސަރުކާރުން އެއްބަސްވެ، ވިސާ ނެތި ދިވެހިންނަށް ތުރުކީ އަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ،" ޝާހިދު ވިދާޅުވި އެވެ.
ވިޔަފާރި އާއި ދަނޑުވެރިކަމާއި ތިމާވެއްޓާއި ފޮރިން ސާވިސް އަދި ތަރިކައިގެ ދާއިރާއިން ތުރުކީއާ އެކު އެއްބަސްވުންތަކުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.
ތުރުކީ އާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިވަމުން އަންނައިރު ތުރުކީ އަކީ މިހާރު ވަރަށް ގިނަ ދިވެހިން ޗުއްޓީއަށް ވެސް ދާ ގައުމެކެވެ.
ޝާހިދުގެ ދައުވަތަކަށް ތުރުކީގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަތީ މިދިޔަ ހުކުރު ދުވަހު އެވެ. މިއީ ތުރުކީއާ އެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމްކުރި ފަހުން، އެ ގައުމުގެ ފޮރިން މިނިސްޓަރަކު ރާއްޖެ އަށް ކުރެއްވި ފުރަތަމަ ދަތުރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
31 January 2022
ތިކަމަށް މަރުހަބާ ކިޔަން. ތުރުކީއާއެކު ގުޅުން ބަދަހިކުރުންވެސް ރަނގަޅު.
ނޫނު
31 January 2022
ތިއީ ލޮލޮގަ އަޅުވާއަނދުނެއް. ތުރުކީ އީ.ޔޫ ގަ އޮއްވާ ތިކަމެއް ނުވާނެ.
ތުރުކީ
30 January 2022
ޝާހިދު މީ މޭން އެކޭ!
ކޮރަލް
30 January 2022
މިހާރު ކަންކަން ކުރާ އިރު އިންޑިޔާގެ ރުހުން ބޭނުން ވެއެވެ. އެއީ ދައްކަން ޖެހޭ ދަރަނި ތައް ބޮޑު ވަމުން ދާތީ އެވެ. ތިޔަ ކަމަށް އިންޑިޔާ ރުހުން ދީފިހެން ހީވެ އެވެ.
ސަދަން
30 January 2022
ދޮގު ވާހަކަ ދެއްކުމާއި ފެތުރުމަކީ އުފަލެއް ލިބޭ ކަމެއް ކަމަށް ވެފަ ދޯ ޕީޕީއެމް މީހުންނަށް އޮންނަނީ ވެފަ. ބޮެޑެތި ބޮޑެތި ދޮގު ހަދާލަނީ ރޭގަނޑެއް ދުވާލެއް ބެލުމެއްނެތި ހިތު ޖެހުނު ގޮތަކަށް އޭރަކަށް އެންމެ އެކަށޭނެ ގޮތަށް. ކޮންފަދަ ބޮޑު މުސީބަތެއް މިއީ
ކޮސްގޮވަލް
30 January 2022
އިންޑިއާ މި، އިންޑީއާ އެ. އިންޑިއާ މަންމަ، އިންޑިއާ ބައްޕަ
މުކޮޅު
30 January 2022
ކޮރަލް މުރަކަ ހޮވަން ދޭބަލަ!