އީސީގެ ރައީސް ފުއާދު ތައުފީގް--
06 ފެބުރުއަރީ 2022 - 12:17
އިންތިހާބުތަކާ ދިމާކޮށް ސަރުކާރުން އަބަދުވެސް މަޝްރޫއުތައް ހިންގާ ކަމަށާއި އެކަން ހުއްޓުވޭނެ ގޮތެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވިއިރު، އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެންމެ ގިނަ ބަޔަކު ދެއްކި އެއް ވާހަކައަކީ އެ އިންތިހާބާ ދިމާކޮށް، ސަރުކާރުން އެ ދާއިރާގައި އާ މަޝްރޫއުތައް ފެށުމާއި އެހެން ގޮތްގޮތުން ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ. އެ އިންތިހާބުގައި ނާކާމިޔާބުވި އިދިކޮޅު ޕީޕީއެމްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް އެއީ އެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން އީސީގެ ރައީސް ވިދާޅުވީ، ކޮމަންޑޫ ދާއިރާގައި ގިނަ މަޝްރޫއުތަކެއް ހިންގިޔަސް އެއީ އިންތިހާބާ ދިމާކޮށް ކުރާ ކަމެއް ކަމަށް ސަރުކާރުން ގަބޫލުނުކުރާ ކަމަށެވެ. އެ ދާއިރާ ނޫން އެހެން ގިނަ ރަށްތަކެއްގައި ވެސް މަޝްރޫއުތައް ކުރިޔަށް ގެންދާ ކަމަށާއި އިންތިހާބެއް އައުމުން މަޝްރޫއުތައް ހުއްޓައި ނުލެވޭ ކަމަށް ސަރުކާރުން ބުނި ކަމަށް ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އެއީ ހުރިހާ ސަރުކާރުތަކުން ވެސް އިންތިހާބުތަކާ ދިމާކޮށް މިހާތަނަށް ދީފައިވާ ޖަވާބެވެ.
"ދެހާސް އަށެއްގައި ރައީސް މައުމޫން ހުންނެވި އިރު ވެސް ނަޝީދު ހުންނެވި އިރު ވެސް އަދި ޑރ. ވަހީދުގެ ވެރިކަމާއި ޔާމީންގެ ވެރިކަމުގައި ވެސް މި ނުފޫޒުގެ ޝަކުވާ އަށް ސަރުކާރުން ދިނީ އެ ޖަވާބު. މަޝްރޫއުތައް ވެސް ހިންގާ. އެކަމަކު އީސީ އަށް ހުއްޓުވޭނެ ގޮތެއް ނެތް،" ފުއާދު ވިދާޅުވި އެވެ.
އީސީން ބޮޑަށް މަސައްކަތް ކުރީ ވޯޓުލާން ދާ ހިސާބުން ފެށިގެން ނަތީޖާ ނެރުމާ ހަމަޔަށް މިނިވަންކަމާއި އިންސާފުވެރިކަމާއެކީ ހުރިހާ ކަމެއް ގެންދިޔުން ކަމަށް ފުއާދު ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އިއްޔެ ކުރިއަށް ގެންދިޔައިރު، ބައެއް ޝަކުވާތައް ފެންމަތިވި ނަމަވެސް ފުލުހުން ފޮނުވައިގެން އެ ކަންކަން ހުއްޓުވައި، އިންސާފުވެރިކަމާއެކީ އިންތިހާބުގެ ކަންކަން ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ފުއާދު ވިދާޅުވި އެވެ.
ޕީޕީއެމުން ތުހުމަތުކުރާ ގޮތުގައި ކޮމަންޑޫ ދާއިރާ އަށް އެއްފަހަރާ 50 އެއްހާ ވަޒީފާ އުފެއްދުމާާއި ގިނަ މަޝްރޫއުތަކެއް ހިންގުމާއި ފައިސާ ބެހުމުގެ ނުފޫޒުތައް ވެސް އެމްޑީޕީން ހިންގި އެވެ. އަދި ދައުލަތުގެ ވަސީލަތްތަކާއި ކުންފުނިތައް ބޭނުންކޮށްގެން އެތައް ގޮތަކުން ނުފޫޒު ފޯރުވި ކަމަށް ޕީޕީއެމުން ބުނެ އެވެ. ހާއްސަކޮށް، އިންތިހާބާ ދިމާކޮށް ސަރުކާރުގެ އެންމެ އިސްވެރިންނާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި ސަރުކާރު ހިންގާ ކޯލިޝަންގެ ބައެއް އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ގާތްގަނޑަކަށް ހުރިހާ މެމްބަރުން އެ ދާއިރާ އަށް ވަޑައިގެން ކެމްޕެއިން ކުރެއްވި އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކޮށް، 323 ވޯޓާއެކު އެންމެ ފުލަށް ދިޔަ އެމްއެންޕީ ބުނިގޮތުގައި، އެ ޕާޓީ އަށް ފާހަގަވި ކަމަކީ އިންތިހާބާ ދިމާކޮށް ފޯރުވާ ނުފޫޒު ހުއްޓުވުމަށްޓަކައި އިންތިހާބުތަކާ ބެހޭ ގާނޫނުތަކަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމެވެ. އަދި އެ ޕާޓީން އެ ކަން ކުރާނެ ކަމަށް ވެސް ރޭ ނެރުނު ބަޔާނެއްގައި ބުންޏެވެ.
ވަރަށް ވާދަވެރިކޮށް ހިންގި ކެމްޕެއިނަކަށް ފަހު ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދެވެ. އޭނާ އަށް 1،401 ވޯޓު ލިބިވަޑައިގެންނެވިއިރު، ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އަށް ލިބިވަޑައިގަތީ 1،161 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާނަށް ހޯއްދެވުނީ 232 ވޯޓެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނެއް ބޭއްވީ އެ ގޮނޑި މިހާތަނަށް ފުރުއްވަމުން ގެންދެވި އެމްޑީޕީގެ ހުސައިން ވަހީދު މިދިޔަ ޑިސެމްބަރު މަހު އަވަހާރަވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޯޑިނޭޓަރ
07 February 2022
އިލެކްޝަން ކޮމިޝަނުން ބިލެއް ފަރުމާކޮށްފައި އޭޖީ އަށް ފޮނުވާ.. ޤާނޫނުގެ ތެރެއިން އިންތިޚާބުތައް މިނިވަން ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް އީސީ އިން ކުރަން ޖެހޭނެ. ތިހެން އަދި ބޯދަމައި ގަނެގެން ތިބުން ރަނގަޅެއް ނޫން.
ކިޔާން
06 February 2022
ސަރުކާރުން ފެއްޓެވި ޕްރޮޖެކްޓްތަށް ނިންމާލަ ދެއްވަށޭ... އިންތިހާބް ކާމިޔާބު ވީމަ މިދިޔަ ފަހަރުހެން ކޮމަންޑޫ ދާއިރާމަތިން ހަދާންނައްތާލައްވާނިއްޔެ ނޫން... ކުރިން ވެސް ހުރީ އެމްޑީޕީ މެމްބަރެއް، 3 އަހަރު ވިއިރު ޕްރޮޖެކްޓެއް ނުފައްޓާ... މިފަހަރު ރައްޔިތުންނަށް ދޯކާ ދީގެން ނުވާނެ
އުދުހޭ
06 February 2022
ނާޒިމު ޕާޓީން ބުނި މަތީތައުލީމުގެ ޚިދުމަތް ފަށަނީ ކޮންއިރަކުންބާ؟ ގޮނޑި ނުލިބުނަސް އެކަން ކުރާކަށް ހުރަހެއް އޮތްހެނެއް ހިއެއްނުވޭ. ސަރުކާރުންވެސް އަދި އިންޑިޔާ ހައިކޮމިޝަންވެސް ނާޒިމުގެ މިކަމަށް ސަޕޯޓްދޭނެކަމަށް ވިސްނޭ.
ބައި
06 February 2022
އެހެންވިއްޔާ އިސްތިއުފާ ދެވޭނެ ގޮތެއްވެސް ނެތީތަ؟ އިސްތިއުފާ ދީފައި ބުނެބަލަ އިސްތިއުފާ ދިނީ ކޮރޮޕްޝަންގެ އަމަލު ހިންގިނަމަވެސް ހުއްޓުވޭކަށް ނެތީމާ އޭގެ ސަބަބުން ތެދުވެރިިކަމާއެކު މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅޭތީ ތިމަން މަނިކުފާނުގެ ޒަމީރު މަގާމުގައި ދެމިހުރުމަށް އެއްބަސްނުވެގެން ކަމަށް.
އެލެކް ސް
06 February 2022
ދެން ކީވެ ތޯ އިންތިހަބު ބޭއް ވީ. ގައިމުވެސް އިންތިހަބު ހުއްޓުވެނެ . ހެހެ . އަމިއް ލަޔައް މަލީގަ ޖެހުނީ. ގަމާރުން ނައް ވާނީ ތިވަރު. އިލެކްސަން ގަވާދު ގިރާގެބް ބުޔަސް ނޭގޭގެ.
ރެޓޭ
06 February 2022
މަގޭ މައްސަލައެއް ނޫން ކޮންމެ ޕާ.ޓީއެއް މޮޅުވިޔަސް! މައްސަލަ އަކީ އަހަރެމެންނަކީ ތަހުޒީބު ގައުމުތަކުގަ ކަންހިންގާ ބީދައިން އިންތިހާބު ބާއްވާ ހިންގާ ބަޔަށްކަމަށް ދައުވާކުރުން! މިސްރުގަވެސް އިންތިހާބު ބާއްވާ! ޒިންބާބޭގަވެސް އިންތިހާބު ބާއްވާ! ޔޫގެންޑާގަވެސް އިންތިހާބު ބާއްވާ! މައުމޫނުވެސް އިންތިހާބު ބޭއްވި! އިބޫ ސާލިހުވެސް އިންތިހާބެއް ބާއްވައިފި! ޑިމޮކްރަސީގެ އުސޫލުތަކެއް ކުރިއެއް ނާރާ! ކުރިއެރީ ޖާހިލިއްޔެ ޒަމާނުގެ އުސޫލުތައް!
ބައި
06 February 2022
ދެން ކަލޭމެން ތިކިޔަނީ އިންސާފުވެރި އިންތިޚާބެކޭތަ؟
ޝަފީރު
06 February 2022
ފުއާދު ތިޔައީ ތިޔަމަޤާމަށް ކުފޫ ހަމަވާ ބޭފުޅެއްކަމަށް ޤަބޫލެއް ނުކުރެވުނު. އިންތިޚާބުތަކާބެހޭ ޤާނޫނުގައި އޮތީތޯ ބައިއިލެކްޝަނެއް ބާއްވާނަމަ ދައުލަތުގެ އެންމެހާ ވަސީލަތްތައް އުޞޫލުންބޭރުން އެހެން ދާއިރާތަކުގެ މަސައްކަތް ހުއްޓާލާފައި ދައުލަތުގެ ބަޖެޓުން ހުއްދަނުކުރާ ފައިސާ ޚަރަދުކޮށްގެން ނުވިތާކަށް ހެދުނުހާމަކަރުވެރި ޑީލުތައް ހަދައިގެން ދައުލަތުގެ ފައިސާ ބަހައިގެން ވެރިކަންކުރާ ޕާޓިން އެގޮނޑި ނަގަންވާނެކަމަށް. ނޫނީ މަޝްރޫޢު ފަށަން ޤާނޫނުބުނާގޮތަ.
ފޯޑްރާޖާ
06 February 2022
ބަލަ ފުއާދޫ ތިކަހަލަ މަގާްމްތަކަށް އައްޔަންކޮށްފައި ތިބެނީ ސަރުކާރުން ބުނާހާ އެއްޗެއް އަޑުއަހާކަށްނުން. އަމިއްކަ ސިކުޑިން ވިސްނައި އެއީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކުރާ ކަމެއްތޯ ނުވަތަ ސަރުކާރުގެ އެކްޝަން ޕްލޭނާއި އެއްގޮތަށް ހިނގާކަމެއްތޯ ބަލައި ފިޔަވަޅު އަޅަންޖެހޭ ނަމަ އެކަންކުރަން. ތިހާވަރު ވީމާ ޤާނޫނުގައި ބުނާ މިނިވަންކަން މެމްބަރުންގެ ހުރިތޯ ރައްޔިތުން ސުވާލުކުރާނެ..
ސަރުކާނު
06 February 2022
މެމްބަރުން މިހާރު ވެއްޖެ ރައްޔިތުންގެ ހައްޤުގަ އިސްތިއުފާދެއްވަން. ދާއިރާއަށް ލިބޭ ކުރިއެރުން އެބަ ފެނޭނޫންތޯ؟ އެއީނޫންތޯ ރައްޔިތުންގެހައްޤުގަ ކޮށްދޭންވީ ކަމަކީ މިހާރު. ދާއިރާގެ ރައްޔިތުން ގޮސް މެމްބަރުންނަށް އާދޭސް ދަންނަވައިގެންވެސް އިސްތިއުފާދެއްވާތޯ ދަންނަވާ. އެ ދާއިރާގެ ބޭފުޅުން ބޭނުމިއްޔާ ހަމަ އެބޭފުޅާ ހޮވޭނެ ނޫންތޯ؟ ދެން އެހެންގޮތެއް ނެތިއްޔާ ދުޢާކުރައްވާ ދައުރުގެ މެދު ތެރެއިން އިސްތިއުފާ ދެއްވާތޯ ނުވަތަ........!