ރިޕޯޓް / އެމްޑީޕީ

ފައްޔާޒަށް މިއީ ދެ ރައީސުންގެ ފައިޓެއް ނޫން

މި ނުކުތީ ރައީސްގެ ތާއީދާ އެކު. މި މަސައްކަތުގައި އަޅުގަނޑު ގަބޫލުކުރަނީ ރައީސް ނަޝީދުގެ އެއްބާރުލުން ވެސް ލިބޭނެ ކަމަށް،"

ސިޔާސީ ހަގީގަތްތަކުގައި ވެސް ފޮރުވުމެއް ނެތެވެ; އެ ކަމެއް އޮންނަ ގޮތަކަށް ފެނިވަޑައިގަންނަވާ ހިޔާލެއް, ސީދަލަށް, ތެދަށް, ސާފުކޮށް ވިދާޅުވެ އެވެ. އަންނަ އޭޕްރީލް 16 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ މި ބަސްމަގު ބައެއް މީހުންނަށް ވަރަށް ކަމުދެ އެވެ. އަނެއް ބަޔަކަށް ބަލައިގަންނަން ދަތިވެ އެވެ.

"އަޅުގަނޑަކީ އެއްވެސް އިރެއްގައި ލައިން މެދުގައި ހުރެވޭ މީހެއް ނޫން. އެހެން ނަމަވެސް ހިޔާލުތަފާތުވާ, އަޅުގަނޑާ މެދު ހިތްހަމަނުޖެހޭ މީހުންނާ ވެސް އަބަދުވެސް ވަރަށް ވާހަކަ ދެކެވޭނެ," ފައްޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑަކީ ހިންގުންތެރިއެއް. މި އިންތިހާބު ކާމިޔާބުކުރެވިއްޖިއްޔާ ޕާޓީގެ ހަރަކާތްތައް މިހާރަށް ވުރެން ވަރުގަދަކޮށް ކުރިއަށް ގެންދެވޭނެ. ރަށްރަށާއި ޕާޓީ އާއި ސަރުކާރުގެ ގުޅުން އެތައް ގުނައަކަށް ވަރުގަދަކޮށް ގެންދެވޭތަން އަޅުގަނޑަށް ފެނޭ.

ފައްޔާޒް "މިހާރު"އާ ވާހަކަ ދައްކަވަނީ: މި އިންތިހާބުގައި ނުކުންނެވީ ޕާޓީގެ ކުރިމަގަށް ތަސައްވުރަކާ އެކުގައި ކަމަށް ވިދާޅުވި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ރައީސްގެ ތާއީދު އެބައޮތް"

އެމްޑީޕީގައި ހިޔާލު ތަފާތުވުން ބޮޑުވެ ދެ ފެކްޝަނަކަށް ހިންގުމަކީ ސިއްރެއް ނޫނެވެ. ޗެއާޕާސަން ކަމަށް ނުކުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅިންތޯ ކުރި ސުވާލަށް އެއްބަސްވެވަޑައިގަތެވެ.

"އަޅުގަނޑު ނުކުމެ މި ހުރީ ރައީސް ސޯލިހްގެ ތާއީދާ އެކު. ރައީސް ސޯލިހްގެ ކެބިނެޓުގައި އިނދެފައި މި ކަހަލަ މަގާމަކަށް ކުރިމަތިލާ އިރު ރައީސްގެ އިޒްނައާ އެއްކޮށް މިކަން މިކުރަނީ," ފައްޔާޒް ވިދާޅުވި އެވެ.

އޭނާއާ ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ނުކުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅިން އެ މަނިކުފާނު ބޭނުންފުޅުވެގެން ކަން ކެމްޕޭން ތަރުތީބު ވަމުންދާ ގޮތުން ސާފެވެ.

ސިޔާސީ މަސައްކަތަކުން އަޅުގަނޑުގެ ހިތުގައި ކޫރުމެއް ނޭޅޭނެ. އެކަންކަން އަޅުގަނޑު ނަގަނީ އޭގެ ހަގީގީ, ފުން މާނައިގައި.

އެމްޑީޕީގެ ކޮންޓްރޯލް ހޯދަން ދެ ފަޅިން ކުރާ މަސައްކަތުގައި މި ފަހުން ބޭއްވި އިންތިހާބުތަކުގެ ކުރިމަތިލުންތައް ވަރުގަދަ އެވެ. އޭގެތެރެއިން ވެސް އިދާރީ ގޮތުން ޕާޓީ ހިންގާ އިސް ފަރާތް، ޗެއާޕާސަނަކު ހޮވުމުގެ މި ވޯޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދަށް އެންމެ މުހިއްމު އިންތިހާބަށް ވާނެ އެވެ.

މިއީ 2023 ކުރިމަތީގައި އޮތް ދެ ރައީސުންގެ ވަރަށް ވަރުގަދަ ފައިޓަކަށް ވާނެ ކަމަށް ބައެއް މީހުން ސިފަކުރެއްވިޔަސް ފައްޔާޒް އެކަން ގަބޫލެއް ނުކުރައްވަ އެވެ.

"އަޅުގަނޑެއް ގަބޫލެއް ނުކުރަން ކޮންމެހެން މިއީ ރައީސް ނަޝީދާއި ރައީސް ސޯލިހާ ދޭތެރޭގެ ފައިޓެއްގައޭ އަޅުގަނޑުމެން ނުކުމެ މި އުޅެނީ," ފައްޔާޒް ވިދާޅުވި އެވެ.

އެކަމަކު ވިދާޅުވީ އޭނާ އަށް ދަތި އުނދަގޫ އިންތިހާބަކަށް ވާނެ ކަމަށެވެ.

ރައީސް ސޯލިހްއާ އެކު ފައްޔާޒް: ވިދާޅުވީ ރައީސްގެ ތާއީދު އޭނާ އަށް އެބައޮތް ކަމަށް. --ފޮޓޯ:ހުސައިން ވަހީދު/މިހާރު

އިންތިހާބުގައި ވާދަކުރައްވާ ކަން ނަޝީދު އަރިހުގައި ދެންނެވި އެވެ.

"ކުރިއަށް ދިއުމުގެ ކޮންމެވެސް ވަރެއްގެ ސިގްނަލެއް އަޅުގަނޑަށް ގަބޫލުކުރެވުނު ގޮތުގައި ލިބިގެން ދިޔަ," ފައްޔާޒް ވިދާޅުވި އެވެ.

ނަޝީދުގެ ފާޑުވިދާޅުވުން ވަރަށް ބޮޑަށް އަމާޒުވި، ފައްޔާޒް ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަން ނަޝީދު ރުހިވަޑައިގަންނަވާ ކަމަށް ސިފަވީ ރިޔާސީ ޕްރައިމަރީ އާއި ކޮންގްރެސް ހިމެނޭ ގޮތުން އެމްޑީޕީގެ އިންތިހާބުގެ ތާރީހުތައް ކަނޑައަޅަން ނަޝީދުގެ ހުށަހެޅުއްވުން ހިމެނޭ ގަރާރަށް މަޝްވަރާ ކުރެވިގެން، ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ހުށަހެޅުމެވެ. މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ހުށަހެޅުއްވި ގަރާރަށް ތާއީދު ކުރެއްވީ ފައްޔާޒެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

"އެއީ ވާހަކަ ދެއްކެވިގެން ދިޔަ ކަމެއް. އަޅުގަނޑަށް ގަބޫލުކުރެވިފައި އޮތީ އެ ކަހަލަ [އަޅުގަނޑު ވާދަކޮށްގެން ހިތްހަމަނުޖެހުން ކަހަލަ] އެއްވެސް ކަމެއް ނެތް ކަމަށް. އަދިވެސް ގަބޫލުކުރަނީ އެހެން."

ޕާޓީ ކުރިއެރުވުމުގެ ވިސްނުންތައް

އެމްޑީޕީގެ ވެރިކަމެއްގައި އޮވެ، ޕާޓީ އާއި ސަރުކާރާ ދެމެދު ގުޅުން އޮތީ ހީނަރުވެފަ އެވެ. ހިޔާލުތަފާތުވުންތައް ބޮޑެވެ.

ފައްޔާޒް ގަބޫލުކުރައްވާ ގޮތުގައި ސިޔާސީ ޕާޓީތަކުގައި ހިޔާލު ތަފާތުވުން އޮންނަން ޖެހެ އެވެ. ޕާޓީއަކަށް ވަނީ އެކި ވިސްނުމުގެ ގިނަ ބަޔަކު މައިގަނޑު އުސޫލުތަކަކަށް އެކުވެ، ކުރަން ޖެހިފައިވާ މަސައްކަތްތަކަކަށް ކަމަށްވާ އިރު އެމްޑީޕީ ވެސް އެ ހަގީގަތާ ދުރެއް ނޫނެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އެބައޮތް ތަފާތު ހިޔާލުތައް. އެއީ ޕާޓީގެ ފަލްސަފާއާ ބެހޭ ހިޔާލެއް ނޫން މައިގަނޑު ގޮތަކަށް," އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެއް ވިސްނުމެއްގައި ޗެއާޕާސަން ކަމަށް މި ކުރިމަތިލުމުގެ ބޭނުމަކީ ސަރުކާރާއި ޕާޓީ ބްރިޖެއްގެ ގޮތުގައި ގުޅާލަދީ ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަން ފިލުވޭނެ ގޮތެއް ހޯދައިގެން އެމްޑީޕީގެ މައިގަނޑު ފަލްސަފާތައް ދަމަހައްޓައ ކުރިއަށް އޮތް އިންތިހާބުތަކާ އެކު ކުރިއަށް ގޮސް ކާމިޔާބު ކުރުން," ފައްޔާޒް ވިދާޅުވި އެވެ.

މިނިސްޓަރު ފައްޔާޒް: އޭނާ ވިދާޅުވީ ޕާޓީގެ އެކި ގުޅުންތައް މިހާރަށް ވުރެން ހަރުދަނާކޮށް އަމާޒު 2023 އަށް ސީދާ ކުރަން ޖެހޭ ކަމަށް. -- ފޮޓޯ: ނިޝާން އަލީ / މިހާރު

ރަށްތަކުގައި އެމްޑީޕީގެ ސަފުތައް ބަދަހިކޮށް، ރުކުރުވާލައި ހުރި ގޮންޖެހުންތައް ހައްލު ކުރެވޭނެ މަގެއް ހޯދުން ވެސް އެޖެންޑާގެ ކުރީގައި އެބައޮތެވެ.

އިންތިއަކީ ވަރަށް ގާބިލް އިހްލާސްތެރި ބޭފުޅެއް. އެކަމަކު ޕާޓީ މިއަދު މިއޮތް ގޮތުގައި ހިންގުން ހަރުދަނާކޮށް, ޕާޓީ ރުކުރުވާލުމުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑޭ މޮޅުވާނީ. -- ފައްޔާޒް

އެމްޑީޕީން 2023 ގައި ދެ ވަނަ ދައުރެއް ހޯދަން ކުރަން ޖެހިފައި ހުރި މަސައްކަތަކީ ވެސް އިސް އަމާޒެއް ކަމަށް ވިދާޅުވި އެވެ.

"ސަރުކާރާއި މުޅި ޕާޓީގެ މެޝިނަރީއާ ގުޅެން އެބަޖެހޭ. އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރާއި ޕާޓީގެ ލީޑަޝިޕް އަދި އާއްމު މެމްބަރުންގެ ގެޕްތަކެއް އެބަހުރި. އެ ފިލްކޮށް ބަންދުވެފައި ހުރި އެއްޗެހި ހުޅުވާލަން ޖެހޭ," ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީގައި އެކި ކަންކަމުގައި ހިޔާލާއި މަޝްވަރާ ކުރުން އަދިވެސް އިތުރުކުރަން ޖެހެ އެވެ. މިސާލެއް ދައްކަވަމުން ވިދާޅުވީ ގާނޫނުއަސާސީ އަށް އެންމެ ފަހުން ގެންނެވުމަށް ނަޝީދު އިއުލާންކުރެއްވި އިސްލާހަކީ ވެސް ގިނަ ބަޔަކު އެއްތަންވެ ރަނގަޅު ހައްލެއް ނެރެން ޖެހޭ ކަމެކެވެ.

"އަޅުގަނޑަށް ފުރުސަތު ލިބިއްޖެ ނަމަ މަޝްވަރާ އަށް ޖާގަ އޮންނާނެ, ފުރުސަތު ހޯދައިދޭނަން," ފައްޔާޒް ވިދާޅުވި އެވެ.

ޕާޓީގެ މާލީ ކަންކަން ހަރުދަނާ ކުރުމަކީ ވެސް ގެންގުޅުއްވާ ވިސްނުމެކެވެ. ދައުލަތުގެ ބަޖެޓުން ދޭ ފައިސާ އިން އެކަނި ނުހިންގޭނެ ކަން ފާހަގަކުރައްވައި ވިދާޅުވީ އެ ނޫން ވެސް މާލީ މިނިވަންކަން ހޯދަން ޖެހެ އެވެ. އެއާއެކު ޕާޓީގެ ބަޖެޓުން ދާއިރާތަކަށް އެހީވުމަކީ ވެސް ކުރަން ޖެހިފައި އޮތް ކަމެކެވެ.

"ފަސޭހައެއް ނޫން, އެކަމަކު ހިތުގައި ކޫރެއް ނޭޅޭނެ"

މި އިންތިހާބުގައި ޕާޓީގެ މެޝިނަރީ އެއްކޮށް އިންތިގެ ކޮޅުގައި ތިބުމަކީ ފައްޔާޒް ވިދާޅުވާ ގޮތުގައި އޭނާ އަށް ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ އެވެ. އޭގެ އިތުރުން ވާދަވެރި ކެމްޕޭނުގައި ނުރުހުންތައް ސޯޝަލް މީޑިއާ ވެސް އޮއްސާލާނެ އެވެ. އެކަން މިހާރު ވެސް ފެންނަން ފަށާފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު އެކަނި މި އުޅެނީ. އެހެންވީމާ ދަތި، އެކަމަކު ރަނގަޅު ފައިޓަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

މާލެ: ފެބްރުއަރީ 11، 2020: އެމްޑީޕީގެ ގައުމީ މަޖިލީހުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ފައްޔާޒް ވާހަކަ ދައްކަވަން ތައްޔާރުވާ އިރު އަރިހުގައި އެމްޑީޕީގެ ރައީސް ނަޝީދު. -- ފޮޓޯ/ މިހާރު

އިންތިހާބުން ނެރެވޭނެ އެއް ނަތީޖާއަކީ ފައްޔާޒް ވިދާޅުވި ގޮތުގައި ޕާޓީ އިތުރަށް ވަރުގަދަ ވުމެވެ. ޕާޓީގެ ނުފޫޒުގަދަ މަގާމުތައް ހޮވާއިރު، ވޯޓު ކަރުދާހުގައި އެންމެ ނަމެއް އޮތުމަށް ވުރެ އެމްޑީޕީގެ ގޮތުގައި ވާދަވެރި ކަމާއެކު ކުރިއަށް ދިއުން މާ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ޕާޓީގެ ހުރިހާ ވަސީލަތެއް އޭނާއާ ދެކޮޅަށް ބޭނުންކުރުން ފައްޔާޒަށް މައްސަލައެއް ނޫނެވެ. ސިޔާސީ ކަންކަމުގައި އޭނާ އުޅުއްވަނީ އެ މަގުން ހިންގަވާ އިރު ކަންކަމާ ކެރިގެން ކުރިމަތިލައްވަން އެނގިވަޑައިގަންނަވާތީ ކަމަށް ވިދާޅުވި އެވެ.

"ސިޔާސީ މަސައްކަތަކުން އަޅުގަނޑުގެ ހިތުގައި ކޫރުމެއް ނޭޅޭނެ. އެ ކަންކަން އަޅުގަނޑު ނަގަނީ އޭގެ ހަގީގީ, ފުން މާނައިގައި," ފައްޔާޒް ވިދާޅުވި އެވެ.

"ޕާޓީގައި ހުރި ލިސްޓްތައް ނަގައިގެން [އިންތިހާބުގެ] އެ ކަންކަން ކުރިއަށް ގެންދެވިޔަސް އެންމެ ރަނގަޅު."

ކެމްޕޭންގައި ސޯޝަލް މީޑިއާގައި އެޓޭކްތައް އޭނާ އަށް އަމާޒުކުރަމުން ދިޔައަސް ފައްޔާޒް އެދިވަޑައިގަތީ އޭނާގެ އެއްވެސް ސަޕޯޓަރަކު އިންތިއާ މެދު އެގޮތަށް އަމަލުނުކުރުމަށެވެ.

"އިންތިއަކީ އަޅުގަނޑު ވަރަށް ލޯބިވާ، އިހުތިރާމް ކުރާ މީހެއް. އަޅުގަނޑުގެ ސަޕޯޓަރެއްގެ ފަރާތުން އެ ކަހަލަ އެއްވެސް ކަމެއް ނުކުރަން އެދެން،" ފައްޔާޒް ވިދާޅުވި އެވެ.

"މި ނުކުތީ ނަޝީދާ ދެކޮޅަކަށް ނޫން"

މި އިންތިހާބުގެ ކުރިން ފައްޔާޒާ މެދު ނަޝީދުގެ ހިތްހަމަނުޖެހުންތަކެއް ހުއްޓެވެ. އެމްޑީޕީގެ އެތެރޭގައި "ބްރޯ ހެދިގެން" ނޫޅުއްވޭނެ ކަމުގެ އިންޒާރާއެކު މަގާމުން ވަކި ކުރެއްވުމުގެ މަސައްކަތްޕުޅުތަކެއް ކުރެއްވި އެވެ. އެކަމަކު، އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅުއްވައިގެން ތާއީދު ހޯއްދަވައި އެކަން ކުރެއްވަން ގެންގުޅުއްވި ވިސްނުން ވަކި ހިސާބަކުން ނަޝީދު ދޫކޮށްލެއްވީ އެވެ. ފަހުން އެކަން ސިފަކުރެއްވީ ވެސް ޕާޓީ ތެރޭގައި ހިނގި ސިޔާސީ މަސައްކަތެއްގެ ގޮތަށެވެ.

އެކަމަކު ފައްޔާޒާ ދޭތެރޭގައި އޮތް މި ނުރުހުން އިންތިހާބުގެ ކެމްޕޭނުން ފެންނާނެ ކަމަށް އެއް ބަޔަކު ގަބޫލުކުރައްވަ އެވެ.

ފައްޔާޒް ވެސް ވިދާޅުވަނީ ސިޔާސީ މަސައްކަތްތަކަކުން އޭނާގެ ހިތުގައި ކޫރުމެއް ނޭޅޭނެ އެވެ. ސިޔާސީ މަގްސަދެއްގައި ކުރާ ކަންކަން އޭނާއަށް މައްސަލައަކަށް ނުވެ އެވެ.

މި އިންތިހާބަށް ނުކުންނެވީ ފައްޔާޒް ވިދާޅުވި ގޮތުގައި ނަޝީދާ ދެކޮޅަކަށް ނޫނެވެ. އިންތިހާބުގައި އިންތި ވާދަކުރެއްވުމުން ނަޝީދުގެ ތާއީދު އޮންނާނީ އޭނާއަށް ކަން ވެސް ގަބޫލުކުރައްވަ އެވެ.

"އިލްޒާމްތަކަށް ދެއްކޭނެ ހެއްކެއް ނޯންނާނެ"

މަގާމުން ވަކިކުރުމުގެ ސަބަބަކަށް ދެއްކި ވައްކަމާއި ނުފޫޒު ފޯރުވަން އުޅޭ "ބްރޯ"އެއް ކަމުގެ ތުހުމަތު މި ކެމްޕޭންގައި އެމްޑީޕީގެ މެމްބަރުންގެ ފަރާތުން އަނެއްކާ ވެސް ފައްޔާޒަށް އަމާޒު އެބަކުރެ އެވެ.

އެ ތުހުމަތުކުރާ ނުފޫޒަކީ, ފައްޔާޒް ވިދާޅުވި ގޮތުގައި, ވަޒީރެއްގެ ހައިސިއްޔަތުން އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރައްވަން އޭނާ ކުރައްވާ މަސައްކަތަށް ދީގެން އުޅޭ ނަމަކަށް ވެދާނެ އެވެ. ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އިގްތިސާދީ ވަޒީރުގެ ހައިސިއްޔަތުން އެހެން މިނިސްޓްރީތަކާ އެކު ނުވަތަ ސަރުކާރުގެ ކުންފުނިތަކާ ކުރައްވާ މަސައްކަތަކީ ނުފޫޒު ކަމަށް ވަންޏާ އެ ނަން ދިނަސް އޭނާއަކަށް މައްސަލައެއް ނެތެވެ.

ފައްޔާޒް "މިހާރު"އާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާގެ ތެރޭގައި, ރައްޔިތަކު ކަމެއް ކޮށްދޭން އެދިއްޖެ ނަމަ އެއީ ވަޒީފާއަކަށް ވިޔަސް ލޯނެއް ހޯދުން ނަމަވެސް ކުރިއަށް އޮތް ތަނުގައި ވެސް އެ ކަމެއް ކުރެވެން އޮތް މަގެއް ދައްކަވާނެ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރު ހިންގާ ޕާޓީގެ މެނިފެސްޓޯ ތަންފީޒު ކުރުމުގެ ނުފޫޒު އަޅުގަނޑުގެ އޮންނާނެ އިގްތިސާދީ މިނިސްޓަރުގެ ހައިސިއްޔަތުން. އެގޮތުން ކިޔާ ބްރޯއެއް ވިއްޔާ ކިޔަންވީ," އޭނާ ވިދާޅުވި އެވެ.

"މާތް الله ގަންދީ ހުވާކޮށްފައި ދަންނަވަން ކެރިދާނެ އަޅުގަނޑާ ދިމާލަށް ކިޔާ ބޭފުޅުންގެ ތި ވިދާޅުވާ ކަހަލަ ނުފޫޒާއި ކަންކަން މާ ބޮޑުތަނުން ބޮޑުވާނެކަން."

އޭނާ ވިދާޅުވި ގޮތުގައި ހިޔާނާތެއްގެ ތުހުމަތު އަޅުވާ ނަމަ ހެކި ދައްކަންވީ އެވެ. އެކަމަކު އޮތް ޔަގީންކަމަކީ, ފައްޔާޒް ވިދާޅުވި ގޮތުގައި, ބޮލުގައި އަޅުވާފައިވާ ނަމުގައި ހަގީގަތެއް ނެތް ކަމެވެ.

"އެ ކަހަލަ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ. ސަތޭކަ ޕަސެންޓް ޔަގީންކަމާ އެކުގައި މި ދަންނަވަނީ [ހެއްކެއް] ނުދެއްކޭނެއޭ," ފަޔާޒް ވިދާޅުވި އެވެ.

"ޕާޓީ ވަރުގަދަކުރަން މޮޅުވާނީ އަޅުގަނޑު"

ޕާޓީގެ ތެރޭގައި ހުރި ހިޔާލުތަފާތުވުން މުޅިން ނައްތާލެވުނަސް "ފިނި ކުރެވޭނެ" މަގެއް ހޯދޭނީ އޭނާ އަށް ކަމަށް ފައްޔާޒް ގަބޫލުކުރައްވަ އެވެ.

"އިންތިއަކީ ވަރަށް ގާބިލް އިހްލާސްތެރި ބޭފުޅެއް. އެކަމަކު ޕާޓީ މިއަދު މިއޮތް ގޮތުގައި ހިންގުން ހަރުދަނާކޮށް, ޕާޓީ ރުކުރުވާލުމުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑޭ މޮޅުވާނީ."

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް ފަހު ފައްޔާޒް ޕާޓީގެ އޭރުގެ ޗެއާޕާސަން ހަސަން އާ އެކު. -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އޭނާ ވިދާޅުވީ މަގާމަށް ހޮވިވަޑައިގެންފި ނަމަ ޕާޓީގެ ރައީސް ނަޝީދާއި އެހެން ބޭފުޅުންނާއެކު ވެސް ރަނގަޅު ގުޅުމެއްގައި ސިޔާސީ މަސައްކަތް ކުރެއްވޭނެ ކަމަށެވެ.

އޭނާ ހޮވިވަޑައިގެންފި ނަމަ އެ މަސައްކަތުގައި ނަޝީދުގެ އެއްބާރުލުން ވެސް ލިބޭނެ ކަމަށް ވިދާޅުވި އެވެ. އެ މަނިކުފާނު ސިފަކުރެއްވީ ސިޔާސީ ގޮތުން ހުޝިޔާރު އެމްޑީޕީގެ ކުރިމަގަށްޓަކައި ބަރާބަރަށް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި އޭނާގެ އަމާޒަކީ 2023 ގެ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކޮށްދިނުމެވެ.

"އަޅުގަނޑުގެ މަސައްކަތް މިހާރު ވެސް ފެށުނީއްސުރެ ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް ދިރި ސަލާމަތުން ހުރެއްޖިއްޔާ ކުރާނީ 2023 ގައި އެމްޑީޕީ ވިންކުރަން," ފައްޔާޒް ވިދާޅުވި އެވެ.

އެ ކާމިޔާބީއާ ހަމައަށް ދާން ކުރިމަތިލައްވަން ޖެހުނު ކޮންމެ ކަމަކަށް އޭނާ ތައްޔާރެވެ.

20 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 55%
icon sad icon sad 0%
icon angry icon angry 9%
icon wow icon wow 27%
icon inlove icon inlove 9%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސިކުނޑި

01 December 2022

ތައުލީމީ ގާބިލު މީހެއް އމޑޕ އިން ނެރެންޖެހޭ އެބަ..

The name is already taken The name is available. Register?

ބ‫ަންގާޅު ސޮރު

28 February 2022

ކ‫ޮބާތަ ތިޔަބުނާ އެމްޱީޕީން ވަކިވެފަ ދެބޭން ހެދި ޕާޓީ އެޕާޓީ އަށް ވީ ގޮތް އެނގޭތަ؟ވޯޓު ލުމުގެ ކުރިން އެމްޱީޕީ މެންބަރުން ވިސްނަން ޖެހެ މިކަމާ މާ މޮޅު އެކޮނެމިސްޓެއް ބަންގާޅުން މީހުންއެތެރެ ކުރުން ހުއްޓާލީ އެއް އަހަރަށް އަހަރު މީނަ ގުނާަ ގޮތް ވެސް ބހލަން ޖެހޭ އެބަ. މިކަންކަމާ ހުރެ ކުދި ވިޔަފާރިތައް ބަނގުރޫޓް ވެއްޖެ.މަވާ ސަލަާމް

The name is already taken The name is available. Register?

ދިއްދޫމީހާ

15 February 2022

ސުވާލަކީ އިބްރާއަ ވީގޮތް ފައްޔާޒްއަ ނުވާނެތޯ؟؟

The name is already taken The name is available. Register?

ފުނައި

15 February 2022

ސޯސަލްމީޑިޔާގައި މޮޅުވާނީ އިންތި ވޯޓްފޮށިން މޮޅުވާނީ ފައްޔާޒް.

The name is already taken The name is available. Register?

އެމްސް

15 February 2022

ވަޒީފާ މަދު ޒަމާނެއްގަ، ހުރިހާ ކަމެއް 1 ބަޔަކަށް ވީމަ ކަމުނުދޭ!

The name is already taken The name is available. Register?

ބޮޑުމީހާ

15 February 2022

އިންތިހާބު ބޭއްވީމަ ރައްޔިތަކަށް ލިބެނީ ކޯއްޗެއް؟ ފްލެޓެއް އެޅުނީކީ ނޫން، މުސާރަ ބޮޑުވީކީ ނޫން، ބިޔަ ޕްރޮޖެކްޓެއް ފެއްޓުނީކީ ނޫން، ބްރިޖް އެޅުނީކީ ނޫން....ސްލޯ 5 އަހަރު

The name is already taken The name is available. Register?

މަސައްކަތަށް ހުރސްއޅާތީ

15 February 2022

ރައްޔިތުންނަށް މަސައްކަތްކުރެވޭނެ މާހައުލެއްނެތް. ދާއިރާގައި އަހަރުތަކެއް ހޭދަކޮށްފައިވާ ޓީޗަރުންނަށް ލައިސަންސް ނަގާށޭ ކިޔައި މަސައްކަތް ހުއްޓުވުމަކީ ދެރަ ކަމެއް.ލައިސަންސް ދިނަސް ދިވެހިބަހުން ފިޒިކްސްކިތޔަވައިދިނުމުގެ ފެންވަރުގެ ޓީޗަރުން ތިޔަ ލައިސަންސަށް ޝަރުތު ހަމަވާނީ. ތަޖްރިބާކާރު އިލްމީ މީހުން ތިޔަ ނެރޯ ގައިޑަކަށް ނުފެތޭނެ.

The name is already taken The name is available. Register?

މަބުނީ

15 February 2022

ފައްޔަ ހުރިހާކަމެއް ރަނގަޅަށް ކުރަމޭ ބުންޏަސް މަތިތަޅާލާފަ ހުންނަނީ އަޑި ނުބައިކޮށެެވެ.ގަވައިދާ ޚިލާފަށް ވަދެތިބި ބޭރު މީހުން އެތިބިގޮތަށް ތިއްބާ ގަވައިދަށް އެޅުވުމުގެނަމުގަ ހިންގަނީ ޖަރީމާ އެވެ. ފިހާރަ ފިހާރައިުގެ ކޭޝިޔަރުންނަށް ބޭރު މީހުން ނުތިބެވޭނެ ވާހަކަ ބުނެފަ އޮތް ގަވައިދަށް ފައިން އަރާ ހުރެ ބަލައިވެސް ނުލާ އަޅައިވެސް ނުލާ ހަމަ ތި ހުންނަނީ ޖީބުމަތިން ހަނދާންކޮށްލަދީދީ އެވެ.ޚިދުމަތް ކުރަން ޖެހނީ ޕާރތީ ގައި އެކަންޏެއް ނޫނެވެ. ޤައުމާ ވަޠަނަށް

The name is already taken The name is available. Register?

އިބްރ

15 February 2022

އިންޑިއާ އައުޓްގައި ބައިވެރިވާ އެމްޑީޕީ އެންމެން ރ ސާލިހުގެ ފަޅިއަށް އަރައިވަޑައިގަންނަވާ. ރާއްޖެއަށް ގެއްލުންވާގޮތަށް ހަދާފައިވާ ހުރިހައި އެގްރިމެންޓެއް އުވައިލަމާ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

15 February 2022

ރައީސް؟/ އެއީ މާ ގިނަ ބައެއްގެ ތާއީދު އޮތް މީހެއް ނޫން. #ހޯލޯމޭން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454