16 ފެބުރުއަރީ 2022 - 12:18
އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދިޔަ ނުދިނުމަށް އެމެރިކާ ކުރާ މަސައްކަތަށް ފުރިހަމަ އަށް ތާއީދުކުރާ ކަމަށް ސައޫދީ އަރަބިއްޔާގެ ސަރުކާރުން އިއްޔެ ބުނެފި އެވެ.
ރަސްގެފާނު ސަލްމާންގެ ރިއާސަތުގެ ދަށުން އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަކަށް ފަހު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މެދުއިރުމަތީގައި ހަމަނުޖެހުމެއް އުފެދުނަ ނުދިނުމަކީ ސައޫދީ އަބަދުވެސް ބޭނުންވާ ގޮތެވެ. ނިއުކްލިއާ ހަތިޔާރު ގާބިލްކަން ހޯދުމަށް އީރާނުން ކުރާ މަސައްކަތް ހުއްޓުވުމަށް އެމެރިކާ އިން އަޅަމުންދާ ފިޔަވަޅުތަކަށް ސައޫދީން ތާއީދުކުރަނީ އެ ސިޔާސަތުގެ ދަށުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، ޔަމަންގައި އަމިއްލަ ވެރިކަމެއް ގާއިމުކުރުމަށް ހަނގުރާމަކުރާ ހޫތީ ޖަމާއަތުގެ ހަމަލާތަކުން ދިފާއުވުމަށް ސައޫދީ ސަރުކާރުން ކުރާ މަސައްކަތަށް އެމެރިކާ އިން ތާއީދުކުރުމަށާއި އަސްކަރީ އެހީތެރިކަން ދިނުމަށް ނިންމާފައިވާތީ، އެމެރިކާގެ ރައީސް ޖޯ ބައިޑަން އަށް، ސައޫދީން ޝުކުރު އަދާކޮށްފައިވެ އެވެ.
އީރާނުން ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން ހޯދައި ސަރަހައްދުގެ ސުލްހަޔާއި ހަމަޖެހުން ނަގައިލުމަށް ކުރާ މަސައްކަތް ހުއްޓުވުމަށްޓަކައި، އެމެރިކާ އާއި ސައޫދީ އަރަބިއްޔާ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ވެސް، ސައޫދީ ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ޔަމަންގެ ހޫތީ ހަނގުރާމަވެރިން މިދިޔަ ހޮނިހިރު ދުވަހު ސައޫދީ އަރަބިއްޔާ އަށް ދިން ޑްރޯން ހަމަލާތަކެއްގައި މަދުވެގެން 12 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ސައޫދީ އަރަބިއްޔާގެ ދެ މީހަކު ވެސް ހިމެނެ އެވެ.
ނިއުކްލިއާ ހަތިޔާރުގެ ގާބިލްކަން ހޯދުމަށް އީރާނުން ކުރާ މަސައްކަތް ހުއްޓުވުމަށް، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އީރާނާ އެކު 2015 ވަނަ އަހަރު ގާއިމުކޮށްފައިވާ ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ބެހޭ ގޮތުން، ވިލާތުގެ ގައުމުތަކުން މިހާރުވެސް އަންނަނީ އީރާނާ އެކުގައި، އޮސްޓްރިއާގެ ވިއެނާގައި މަޝްވަރާތަކެއް ބާއްވަމުންނެވެ.
މި މުއާހަދާގެ މައިގަނޑު މަގްސަދަކީ، ނިއުކްލިއާ ހަތިޔާރު އުފެއްދޭ މިންވަރަށް ޔޫރޭނިއަމް ފައްކާކުރިޔަ ނުދިނުމެވެ. މި މުއާހަދާ އަށް އަމަލުކުރުން މެދުކެނޑުނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި 2018 ވަނަ އަހަރު އެ މުއާހަދާ އިން އެމެރިކާ ވަކިވުމުންނެވެ.
އެމެރިކާ އެ މުއާހަދާ އިން ވަކިވުމަށް ފަހު، އިގްތިސާދީ ގޮތުން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެމެރިކާ އިން ވަނީ އަޅަން ފަށައިފަ އެވެ. އެމެރިކާގެ އެ ނިންމުމާ ގުޅިގެން، އީރާނުން ވަނީ ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އިދާރާގެ އޮފިޝަލުން އެ ގައުމުގެ ނިއުކްލިއާ ކާރުހާނާތައް ބަލައި ފާސްކުރުމަށް ހުއްދަ ދިނުން މެދުކަނޑާލައި، ޔޫރޭނިއަމް ފައްކާކުރާ ނިސްބަތް މަތިކޮށްފަ އެވެ.
ވިއެނާގައި މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުން ބުރަވަނީ، ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމުގެ ކުރިން، އީރާނާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށެވެ. އަދި އެ މުއާހަދާ އަށް އަމަލުކުރަން ފެށުމަށް ފަހު، އެމެރިކާ އެ މުއާހަދާ އިން ވަކިނުވާނެ ކަމުގެ ޔަގީންކަން ދިނުމަށް ވެސް އީރާނުން ބޭނުންވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިޔާދު ކާމިނީ
17 February 2022
ދިވެހިން ވަރައް މޮޅު. މެދުއިރުމަތީގަ އެ ހިނގަނީ ފައިސާގެ ދަހިވެތި ކަމުގެ ގޭމް. މި ގައުމުގަ ވެސް ރިސޯޓް ތައް ބައްކުރުމަގަ އެހިނގަނީ ހަމަ އެގޭމް. އެހެން ބަޔަކާ މެދު އަނގަ ގަދަ ކުރަންވާނީ، ފުރަތަމަ އަހަރުމެންގެ ގައުމު ރަގަޅު ކޮއްފަ. ބުނޭނު އެމީހެއްގެ ފަހަތުގައި އޮތް ނަގިހެއް ނުފެނެޔޭ. ތެދެއް އެއީ!
ޒިޔާދު
17 February 2022
ރަނގަޅު ނިންމުމެއް އީރާނަކީ މެދުއިރުމައްޗަށް އަދި ކިއެއްތަ ޝީޢީން ފިޔަވައި ހުރިހާ ސުންނަތުގެ މުސްލިމުންނަށް ހުރި ބޮޑު ނުރައްކަލެއް
ކޮންސޮޅި
16 February 2022
ސައުދީއަކީ އެމެރިކާއާއި ހުޅަގުގެ ގައުމުތަކުން މެދުއިރުމަތީ ރޯކުރަން ގެންގުޅޭ ފަސްތަރިޖެހި ލައިޓަރެއް. މިހާރު ދެފައިމައްޗަށް ކޮޅަށް ހުރެވޭ ހަމަ އެކަނި ގައުމަކަށް މިހިސާބުގައި އޮތީ އިރާން. އެކަމާއި ލޮލުފިޔަ ބަޔަކަށް ނުޖެހިގެން އުޅޭއުޅުމެއް މިފެންނަނީ.
އަބޫ މޫސާ
16 February 2022
މެދުއިރުމަތީގައި ސުލްހަ ގާއިމުވެފަ އޮތުމަށް ސައުދީގެ ރަސްކަމުގައި ތިބި ނަޖުދުގެ މީހުން ބުނާނަމަ އެއީ ހުސް ހޮޅިވާހަކަ. ސައުދީގެ ރަސްކަމަށް ނަޖުދުގެ މީހުން އައީ ޔަހޫދީންނާ (އިޒްރާއީލް) ނަސާރާއިން (އެމެރިކާ އިނގިރޭސި) ނާ ބައިއަތު ހިފައިގެންކަން އެއީ ތާރީޚުން ފެންނަންއޮތް ހަގީގަތް. ފާއިތުވި 90 އަހަރުތެރޭ މެދުއިރުމަތީގަ އިޒްރޭލުގެ ނަމުގަ މުސްލިމުންގެ ބިމުގަ ޔަހޫދީ ދައުލަތެއް އުފެދުނީ ނަޖުދުގެ މީހުންގެ ވާގިވެރިކަމާއެކު ކަން އެއީ ހަގީގަތް.
ބާޒު
17 February 2022
ތާރީޚާ އިސްލާމް ދީން މާ ބޮޑަށް އެނގިފަ ތިހުރީ. ރޯފިލާ ރަނގަޅަށް އުނގެނިބަލަ
އަފްރާސިޔާބު
16 February 2022
ރަސްގެފާނޫ! މަނިކުފާނު ހަމަހޭގަ ތިހުންނެވީ. ފަލަސްޠީނުގެ ރައްޔިތުން ކޮންމެ ދުވަހަކު މަރަމުން އިސްރާއީލުން އެދުވަނީވެސް އީރާނުގެ ސަބަބުންތަ؟ ގައްޒާފީގެ ވެރިކަން ވައްޓާލައި އެގައުމު ހަލާކުކޮށްލީވެސް އީރާނުގެ ސަބަބުންތަ؟ އަފްގާނިސްތާނަށް އަރައި އެތަން ބިމާހަމަކޮށް ނުވިތާކަށް އެތަނުގެ ޚަޒާނާގައި އޮތް 8 ބިލިއަން ޑޮލަރު ނަގައި އެމެރިކާ މީހުންނަށް ދިނީވެސް އީރާނުގެ ސަބަބުންތަ؟ ރަޝިޔާގެ ސަރަހައްދީ ރޮގަށް އެމެރިކާގެ ސިފައިން ފޮނުވީވެސް އީރާނުގެ ސަބަބުންތަ
ހަބަރޭ
16 February 2022
މި ކޮމެންޓުގެ އަރަބި ތަރުޖަމާއެއް ރަސްގެފާނަށް ފޮނުވަންވީނު. ދިވެހިބަހުން ލިޔެފަ ހުންނަ ކޮމެންޓު ރަސްގެފާނަށް ކިޔާކަށް ނޭނގޭނެ.
ރަދީފްއޮފިޝިއަލް
16 February 2022
ރަސްގެފާނު ކަލެއަށް ސާބަސް.ކަލޭވެސް މަރުވާނެ ދޯ.
ށަވިޔަނި
16 February 2022
މުސްލިމުން މެރުން. މުސްލިމުން ބައިބައިކުރުން. މުސްލިމުން ނިކަމެތިކުން. މުސްލިމުން ބަލިކަށިކުރުން. މިކަންކަން މުސްލިމުން ނުކުރާނެ.
މަހުމޫދު
16 February 2022
ސައުދީގައި އޮތް ވިރާސީ ރަސްކަން ބަދަލްކުރަުމުގެ ޚިޔާލަށް ރަސްގެ ތާއީދުކުރެވޭނެބާ
ވާހަކަ ކިހާ ރީތި
16 February 2022
ސައުދީން އެގޮތް ބޭނުންވަނީ އެމެރިކާގެ ދަށުވެފަ އޮތީމަ..އެމެރިކާ ނުލާހިކު ބިރުގަންނާނެ އީރާނީންނަށް ބާރެއް ލިބިދާނެތީ..މިހާރުވެސް އިރާންގެ އަތުގަ ނިއުކުލިޔަ ހަތިޔާރު ހުރީމަ ސަރަހައްދަށް ގެއްލުން ކުރާނެއޭ ބުނާއިރު އެމެރިކާއާއި ޔޫރަޕްގެ ޤައުމުތަކުގަ ނިއުކުލިޔަ ހަތިޔާރު ހުރީމަ މެދުއިރުމަށްޗަށް ކޮށްފަ އޮތް ގެއްލުން ކުޑަތަ؟؟ ކިތައް ޤައުމު އެއޮތީ ބިމާ ހަމަކޮށްފަ!! ހުރިހާ ނުބައެއް ހަދާފަ އަދިވެސް މިއުޅެނީ އެހެން މީހުންގެ ބޮލުގަ އެކަން އަޅުވަން..